Advertisement

ޔާމީން ހަނު ހުންނެވުމާއި މާޒީގެ ވާހަކަ އާއި ވައުދުފުޅު

6 އޮގަސްޓު 2021 - 21:01 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ރައީސް ޔާމީން: މީގެ ކުރިން އެކި ގޮތްގޮތުން ވަނީ ހަނު ހުރުމާ ދެކޮޅަށް މަސައްކަތް ކުރައްވައިފަ -- ފޮޓޯ: އާއިމް ޒަމީރު / އަދަދު


ޔާމީން ހަނު ހުންނެވުމާއި މާޒީގެ ވާހަކަ އާއި ވައުދުފުޅު

6 އޮގަސްޓު 2021 - 21:01 0

"ހަނު ހުރީމަ އަޅުގަނޑު ހުރި ގޮތެއް ބުނާކަށް ނޭނގޭ ނޫންތޯ! ކީއްކުރަންތޯ ހަނު ހުންނަންވީ؟ އަޅުގަނޑު ދެކޭ ގޮތުގައި މިކަހަލަ ބޮޑެތި މައްސަލަތަކުގައި، ހަނު ހުރުމުގެ ހައްގު އޮންނަކަން ވެސް އަޅުގަނޑަށް އިނގޭ، އެކަމު މިކަހަލަ ބޮޑެތި މައްސަލަތަކުގައި ޒިންމާދާރު މީހުންނެއް ހަނު ނުތިބޭނެ."

އެއީ ޑިސެމްބަރު 7، 2018 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އޮފީހުގައި ހުންނަވާ ނޫސްވެރިން ކުރެއްވި ސުވާލުތަކުގެ ރައްދުގައި ވެވަޑައިގެންނެވި ވައުދުފުޅެކެވެ.

އޭގެ 970 ދުވަސް ފަހެވެ. މިފަހަރު ޔާމީން ހުންނެވީ އެހެން މޭޒުކޮޅެއް ފަހަތުގަ އެވެ. ނޫސްވެރިންގެ ބަދަލުގައި ސުވާލު ކުރަން ތިބީ ގެއްލުވާލާފައިވާ މީހުންނާއި ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރާ ކޮމިޝަނުގެ ބޭފުޅުންނެވެ. ސުވާލު ކުރެވެނީ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވަގަށް ނަގައި މަރާލި މައްސަލައިގަ އެވެ.

އެކަމަކު، ކޮމިޝަނުގެ މެމްބަރުން ފުލުފުލުން ކުރި ސުވާލުތަކަށް ރައީސް ޔާމީންގެ ފަރާތްޕުޅުން މިފަހަރު ޖަވާބެއް ނުލިބުނެވެ. އެމަނިކުފާނު އިހްތިޔާރު ކުރެއްވީ މެމްބަރުންގެ ހޫނު ސުވާލުތަކަށް ހަނު ހުންނެވުމެވެ. ގާޒީ ބިލްޑިންގުގައި ދެގަޑިއިރު ހޭދަކުރެއްވިއިރު ވެސް ރިލްވާން މައްސަލަ ތަހުގީގު ކުރުމަށް ހުރަސް އެޅި ކަމުގެ ތުހުމަތަށް އިންކާރު ކުރެއްވުން ފިޔަވައި އިތުރު ކަމެއް އެމަނިކުފާނު ނުކުރައްވަ އެވެ. ޔާމީންގެ ދިފާއީ ވަކީލުންގެ ޓީމުގެ ފަރާތުން ބުނެފައި ވަނީ މަރު ކޮމިޝަނުގެ ސުވާލުތަކަށް ރައީސް ޖަވާބުނުދެއްވީ ކުރާ ތުހުމަތު ސާފުނުކޮށްދިނުމުން ކަމަށެވެ.

ރައީސް ޔާމީން ހަނު ހުންނެވުމުން ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. ފުރަތަމަ ކަމަކަށް ފާޑުކިޔުން އަމާޒު ވަނީ ހަނު ހުންނެވި މައްސަލައިގެ ގޮތުންނެވެ. އެ މައްސަލައަކީ ބައިނަލްއަގްވާމީ ޓެރަރިސްޓު ޖަމާއަތަކާ ގުޅިގެން ރާއްޖޭގެ ނޫސްވެރިއަކު ވަގަށް ނަގައި މަރާލި މައްސަލައެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައި ރިލްވާންގެ މައްސަލަ ތަހުގީގު ކުރުމަށް ހުރަސް އެޅުއްވި ކަމުގެ ތުހުމަތަކީ ކުޑަ ކަމެއް ނޫނެވެ. އެއީ ސީރިއަސް ތުހުމަތެކެވެ.

"ޔާމީންއާ ސުވާލުކުރުމުން އޭނަ ހަނުހުރުމަކީ އެކަމަށް އެއްބާރުލުން ނުދިނުން. އެއްބާރުލުން ނުދިނުމަކީ އެކަމަކީ ޔާމީން ކަންބޮޑުވާކަމެއް ނޫންކަމާ އެފަދަ ނުބައި ކަންކަމަށް އެއްބާރުލުންދީ ތާއީދުކުރާކަމުގެ ނިޝާނެއް ޔާމީންގެ ފަރާތުން ފެނިގެން އެދިޔައީ،" ރިލްވާންގެ ދައްތަ ފާތިމަތު ޝެހެނާޒް މި ނޫހާ ވާހަކަ ދައްކަވަމުން ބުންޏެވެ.

ދެ ވަނަ ކަމަކީ ހަނު ހުންނެވީ ރައީސް ޔާމީން ކަމަށްވުމެވެ. ސަބަބަކީ ގާނޫނު އަސާސީގައި ވަރަށް ފުޅާ ދާއިރާއެއްގައި ލިޔެފައި އޮތް ހަނު ހުރުމުގެ ހައްގު ހަނި ކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ޔާމީން ކަމަށްވާތީ އެވެ.

ރާއްޖޭގައި މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީ 2008 ވަނަ އަހަރު ފާސް ކުރިއިރު އޭގެ 48 ވަނަ މާއްދާގެ ތިން ވަނަ ނުކުތާގައި ބުނެފައި ވަނީ "ތިމާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މައުލޫމާތެއް ނުދީ ހަނުހުރުމަކީ އެ މީހަކަށް ލިބިގެންވާ ހައްގެއްކަން އެ މީހަކަށް އަންގައި، އެ ހައްގު ލިބިގަތުމުގެ ފުރުސަތު އެ މީހަކަށް ދޭންވާނެ" ކަމަށެވެ.

ގާނޫނުއަސާސީގައި އެގޮތަށް ލިޔެފައި އޮތުމުން ކޮންމެ މީހަކަށް ވެސް ހަނު ހުރުމުގެ ފުރުސަތު ހުޅުވިގެން ދިޔަ އެވެ. އެއާއެކު ނިކުމެގެން ދިޔަ މައްސަލަތައް ހައްލު ކުރުމަށް ތަފާތު ދައުރުތަކުގައި އެކި ބޭފުޅުން އެކި ގޮތަށް މަސައްކަތް ކުރެއްވި އެވެ. އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ލިބޭ މީހުންނާއި ޓެރަރިޒަމްގެ ކުށްތަކުގެ ތުހުމަތު ރައްދުވާ މީހުންނަށް ހަނު ހުރުމުގެ ފުރުސަތު ހަނި ކުރަން މަސައްކަތް ފެށި އެވެ.

އެންމެ ފުރަތަމަ ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ހިމެނީ މަރުގެ މައްސަލަތަކާއި ޓެރަރިޒަމްގެ މައްސަލަތަކާއި މީހުން ވަގަށް ނެގުމުގެ މައްސަލަތުގެ ތުހުމަތު ރައްދުވާ މީހުންނަށް ހަނު ހުރުމުގެ ފުރުސަތު ހަނި ކުރުމަށެވެ. އެގޮތުން އެކަން ކުރަން ޖިނާއީ އިޖުރާއަތުގެ ބިލުގައި ޑިސެމްބަރު، 2013 ގައި ހިމެނި އެވެ. އަދި މަރުގެ މައްސަލަތަކާއި ތޫނު ހަތިޔާރު ގެންގުޅޭ މައްސަލަތަކުގެ ތުހުމަތު ރައްދުވާ މީހުންނަށް ހަނު ނުތިބެވޭ ގޮތަށް ޑިސެމްބަރު، 2014 ގައި ގާނޫނު އިސްލާހު ކުރި އެވެ.

ކުރީގެ ރައީސް ޔާމީންގެ ވަކީލު އަދި އެމަނިކުފާނުގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދަކީ ހަނު ހުރުމުގެ ހައްގު ހަނިކުރުމާ ގުޅޭ ގޮތުން އެންމެ ފުރަތަމަ ވާހަކަ ދެއްކެވި އެ ބޭފުޅެކެވެ. ޖަމީލް ހޯމް މިނިސްޓަރަކަށް ހުންނަވައި އޮކްޓޯބަރު، 2012 ގައި ވިދާޅުވެފައި ވަނީ "ތަހުގީގަށް އޮތް އެންމެ ބޮޑު ހުރަހަކީ" ހަނު ހުރުން ކަމަށެވެ.

"މިއަދާ ހަމައަށް އައި އިރު ހަނު ހުރުމުގެ ހައްގު މާނަ ކުރެވިފައި މިއޮތީީ ތަހުގީގުގައި އެއްވެސް އެއްޗެއް ނުބުނެ ހުރީމާ މުޅިން ނިމޭ ގޮތަށް. އެއީ ޑިމޮކްރެޓިކް ނިޒާމެއްގެ ތެރޭގައި އެކަން އޮންނަން ޖެހޭ ގޮތެއް ނޫން. މިސާލަކަށް އިނގިރޭސި ވިލާތަށް ބެލި ނަމަވެސް މީހަކު ކުށެއް ކުރަނިކޮށް ފެނި، އޭނާ ހުރިތަނުން ކުށަށް އަރައިގަތް ސާމާނު ފެނި، އޭނާގެ ގައިން އެކަމުގެ އަލާމާތް ފެނި، އަދި އޭނާ އެތަނުގައި ހުންނަން ޖެހުނު ސަބަބާ ބެހޭ ގޮތުން ސުވާލުކޮށް، އެ ސުވާލުތަކާ ބެހޭ ގޮތުން ހަނު ހުރެއްޖެ ނަމަ އެއީ ޝަރުއީ މަރުހަލާގައި އޭނާއާ ދެކޮޅަށް ނެގޭ ހެކިބަހެއް،" މީގެ ނުވަ އަހަރު ކުރިން އިސްކަންދަރު ކޮށީގައި ފުލުހުންނާ މުހާތަބު ކުރަމުން ޖަމީލް ވިދާޅުވެފައިވެ އެވެ.

ސީދާ ރައީސް ޔާމީންއަށް ބަލާއިރު އެމަނިކުފާނު އެންމެ ބޮޑަށް ހަނު ހުރުމާ ދެކޮޅަށް ވާހަކަ ދައްކަވަން ފެށީ ފެބްރުއަރީ، 2018، ގައި ސުޕްރީމް ކޯޓުން ނެރުނު "ކޮންޓްރަވާޝަލް" އަމުރާއެކު ހިންގަން އުޅުނު ކަމަށް ބުނާ "ޖުޑީޝަލް ކޫ" ތަހުގީގު ކުރަން ފެށުމުންނެވެ.

އެ މައްސަލައިގައި ޔާމީން ހައްޔަރު ކުރެއްވި ބޭފުޅުންގެ ތެރޭގައި އެއިރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ޔާމީންގެ އެއްބަފާ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވަ އެވެ. އެކަމަކު އެ ހުރިހާ ބޭފުޅުން ވެސް ތިއްބެވީ ހަނެވެ. ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު އެކަމަށް އެއިރު ވަރަށް ފާޑުވިދާޅުވި އެވެ.

"މިފަދަ ބޮޑު ތުހުމަތެއްގަ ހަނު ހުންނަ ނަމަ އެއީ ނުރައްކާތެރި ކަމެއް ނުވަތަ ބޮޑު ކަމެއް ފޮރުވުމަށް ކަމަށް ބެލުމުގެ ޗާންސް ވަރަށް ބޮޑު، އެހެންވީމަ އެ ބޭފުޅުންނަށް ހަމަ ހަނު ނުހުރުމަށް އަޅުގަނޑު ރައްޔިތުންގެ ހައްގުގަ ގޮވާލަން، އެއީ ވެގެން މިއުޅޭ ކަމެއް ތަހުގީގަށް ކިޔައި ދިނާމަ އެ ބޭފުޅުން ކުރި ކަމެއް ވެސް ނުކުރާ ކަމެއް ވެސް ސާފު ވާނީ، ތަންކޮޅެއް ފިރިހެން ވެލާށޭ އަޅުގަނޑު ވެސް ދަންނަވާނީ، ވަރަށް ދެރަވަރުކޮށް މި ދަނީ،" ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާން ވިދާޅުވެފައިވެ އެވެ.

އޭގެ އަދި މާ ކުރިން، 2014 ވަނަ އަހަރު އެއިރުގެ އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދް ތައުފީގް ފުލުސް އޮފީހަށް ހާޒިރުވެވަޑައިގެން ހަނު ހުންނެވުމުން ޔާމީން ވަނީ ޝައުގުވެރި ވާހަކަފުޅެއް ވިދާޅުވެފަ އެވެ.

"އެމަނިކުފާނު [ފުއާދް ތައުފީގް] އެބަޖެހޭ އެކަން ސާފުކޮށްދެއްވަން ދިވެހި ރައްޔިތުންނަށް. އެއީ ހަނުހުރުމުގެ ހައްގު އިހްތިޔާރު ކުރެވޭނެ މަގާމެއްގައި ނޫން އެހެރީކީ. އެހެންވީމަ އެކަމުގައި އިލެކްޝަންސް ކޮމިޝަންގައި ތިއްބެވި ބޭފުޅުން ހަނު ހުންނެވި ބޭފުޅުން ފެއިލް ވެއްޖެ ކަމަށް އަޅުގަނޑު ކަނޑައަޅަން އަޅުގަނޑުގެ އަމިއްލަ ވިސްނުމުގައި،" ޔާމީން ވިދާޅުވި އެވެ.