Advertisement

އިރާނާއި އިޒްރޭލުގެ ހިޔަނި ހަނގުރާމަ: ސިއްރުން ހަމަލާ ދެނީ ބޯޓުތަކަށް!

3 އޮގަސްޓު 2021 - 10:51 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިރާނުން ހަމަލާ ދިން ކަމަށް ބުނާ އިޒްރޭލް ބިލިއަނަރުގެ ބޯޓު މާސާ ސްޓްރީޓް.-- ފޮޓޯ: އޭޕީ


އިރާނާއި އިޒްރޭލުގެ ހިޔަނި ހަނގުރާމަ: ސިއްރުން ހަމަލާ ދެނީ ބޯޓުތަކަށް!

3 އޮގަސްޓު 2021 - 10:51 0

ތެހްރާން، އިރާން (އޯގަސްޓު 3) - މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ދެ ހަތުރުން ކަމަށްވާ އިރާނާއި އިޒްރޭލާ ދެމެދު "ހިޔަނި ހަނގުރާމައެއް" ދަނީ ކުރިއަށެވެ. އެއް ގައުމު އަނެއް ގައުމަށް ހަމަލާ ދެނީ ސިއްރުންނެވެ. ގިނަ ހަމަލާތައް އަމާޒުވެފައި ވަނި ގަލްފު ސަރަހައްދުގައި އުޅޭ ދެ ގައުމުގެ ބޯޓުތަކަށެވެ.

އެންމެ ފުރަތަމަ ހަމަލާ ފާހަގަވީ ފެބްރުއަރީ 25 ވަނަ ދުވަހު އެވެ. ގަލްފް އޮފް އޮމާން ކައިރީ އޮތް އިޒްރޭލުގެ އެއްގަމު އުޅަނދު އުފުލާ ބޮޑު ބޯޓު ހީލިއޯސް ރޭ އަށް ހަމަލާ ދިނީ ސައުދީ އަރަބިއްޔާގެ ދައްމާމުން ފުރައިގެން ސިންގަޕޫރަށް ދަތުރު ކުރަނިކޮށެވެ. ހަމަލާގައި ބޯޓުގައި ދެ ލޯވަޅު އެޅުނު ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

އެ ހަމަލާ ދިނީ އިރާނުން ކަމަށް އެ ގައުމުން އެއްބަހެއް ނުވެ އެވެ.

މާޗް 10 ވަނަ ދުވަހު އިރާނުގެ ބޯޓު ޝަހްރް އީ ކޮރްދު އަށް ހަމަލާ ދިނީ އިރާނުން ޔޫރަޕަށް ދަތުރު ކުރަނިކޮށެވެ. އިރާން ޝިޕިން ލައިންސް ގްރޫޕުގެ އެ ބޯޓަށް ހަމަލާ ދިނީ ބާރުގަދަ އެއްޗެއް ގޮއްވާލައިގެންނެވެ.

ޖެހިގެން އައި ދުވަހު، އެމެރިކާ އާއި މެދުއިރުމަތީގެ ސިއްރު އޮފިޝަލުންނާ ހަވާލަދީ ވޯލް ސްޓްރީޓް ޖާނަލް އިން ހަބަރު ފެތުރި ގޮތުގައި 2019 ވަނަ އަހަރުން ފެށިގެން އިޒްރޭލުން ދަނީ އިރާނުގެ ބޯޓުތަކަށް ހަމަލާދެމުންނެވެ. އެގޮތުން ތެޔޮ ބަރުކޮށްގެން ސީރިއާއަށް ދަތުރު ކުރި ގިނަ އަދަދެއްގެ ބޯޓަށް އިޒްރޭލުން ހަމަލާދީފައި ވެ އެވެ.

އިރާނުގެ ފޮރިން މިނިސްޓްރީން އެކަމާ ގުޅިގެން މާޗް 15 ވަނަ ދުވަހު ބުނީ "ހުރިހާ ކަމެއް ބަލަމުންދާ" ކަމަށާއި ހަމަލާތައް ދިން ލޮކޭޝަންތަކަށް ބަލާއިރު އޭގެ ފަހަތުގައި ވަނީ "ގުދުސްއަށް ވެރިވެގަނެގެން އުޅޭ އިސްތިއުމާރީ ސަރުކާރު" ކަމަށް ބެލުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އޭގެ ފަހުން އޭޕްރިލް ހަ ވަނަ ދުވަހު އިރާނުގެ ކޮމާޝަލް އުޅަނދު އެމްވީ ސަވީޒްއަށް ހަމަލާ ދިނެވެ. ޖިބޫޓީ ކައިރިން ހަމަލާ ދިނީ މެގްނެޓިކް މައިން ބޭނުންކޮށްގެން ކަމަށް އިރާނުގެ ތަސްނީމް ނިއުސް އޭޖެންސީން ބުންޏެވެ.

އެމެރިކާގެ އޮފިޝަލަކާ ހަވާލަދީ ނިއު ޔޯކް ޓައިމްސްއިން ރިޕޯޓު ކުރި ގޮތުގައި "އިޒްރޭލުގެ ބޯޓުތަކަށް ހަމަލާދޭތީ ބަދަލު ހިފުމުގެ ގޮތުން އެ ބޯޓަށް ހަމަލާދިން" ކަމަށް އިޒްރޭލުން އެމެރިކާއަށް އެންގި އެވެ.

ރައްދުގައި އިޒްރޭލު ބޯޓަކަށް ހަމަލާ އައީ އޭޕްރިލް 13 ގަ އެވެ. ޔޫއޭއީގެ ފުޖައިރާ ބަނދަރާ ދިމާލުން އޮތް ހައިޕެރިއޯން ރޭއަށް ދިން ހަމަލާގައި ކުދި ގެއްލުންތައް ބޯޓަށް ލިބުނު ކަމަށް އިޒްރޭލުގެ ޗެނެލް 12 ޓީވީން ބުންޏެވެ. ހަމަލާގެ ފަހަތުގައި ވަނީ އިރާނު ކަމަށް އިޒްރޭލުން ތުހުމަތު ކުރި އެވެ.

އެންމެ ފަހުގެ ހަމަލާ އަމާޒުވީ ޖުލައި 29 ވަނަ ދުވަހު އެވެ. އިޒްރޭލުގެ ބިލިއަނަރަކު އޮޕަރޭޓް ކުރާ އެމްޓީ މާސާ ސްޓްރީޓް ބޯޓަށް ދިން ހަމަލާގައި ދެ ކްރޫ މެމްބަރުން މަރުވި އެވެ. އޮމާން ކައިރިން ދިން ޑްރޯން ހަމަލާގައި މަރުވީ އިނގިރޭސި ވިލާތުގެ މީހަކާއި ރޮމޭނިއާގެ މީހެކެވެ. އިޒްރޭލުން ތުހުމަތު ކުރަނީ އިރާނަށެވެ.

އިރާނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ގައުމުތަކުން ދެމުންދާ މި ދަނޑިވަޅުގައި އިރާނުން ބުނީ އެ ހަމަލާގައި އެ ގައުމުގެ އެއްވެސް ބައިވެރިވުމެއް ނުވާނެ ކަމަށެވެ.