Advertisement

މޮޅިން މޮޅިސާލުލެވިފައިވާ މީހާ އެވެ!

12 ޖުލައި 2021 - 12:11 2

ނޫރުއްސަލާމް އަބޫބަކުރު

ނޫރުއްސަލާމް އަބޫބަކުރު


މޮޅިން މޮޅިސާލުލެވިފައިވާ މީހާ އެވެ!

12 ޖުލައި 2021 - 12:11 2

އަސްލު ލިޔުއްވީ: މުޞްޠަފާ އަލްމަންފަލޫޠީ

ތަރުޖަމާ: ނޫރުއްސަލާމް އަބޫބަކުރު

ހުރިހާ ކަމެއްގައި ހުރިހާ ހާލަތެއްގައި ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ވުމަށް، ދިނުމާއި ދަމައިގަތުމުގައި އެދޭހާ ގޮތަކަށް ނޫނީ ނުވުމަށް، ޒަމާނާއެކު އެއްބަސްވާން އުޅެފިނަމަ، ފާއިތުވެގެންދާ ކޮންމެ ހިނދުކޮޅަކާއެކު ހިތާމައިގެ ސަރާސަރު މަގަށް މިސްރާބެއް ނެތި ލަގަންދޫކޮށްލެވުނީކަން އެނގޭނެނަމަ އެވެ. ދިނުމާއި ނުދިނުމުގައި ދުވަސްތަކުގެ އަހުލާގާމެދު ހުށިޔާރުވެ ހުރެވޭނެ ނަމަ އެވެ. ފޯރުކޮށްލުމާއި ފޭރިގަތުމުގަ އެވެ. ދީފިނަމަ ދަމައިގަންނާނެ ހިންތާއަކާ ނުލައި ދުވަސްތައް ހިންދެމިއެއް ނުލާނެ އެވެ. އެއީ ކޮންމެ އާދަމުގެ ދަރިއަކާމެދުގައިވެސް އޭގެ ގޮތެވެ. ވައްތަރެވެ. ގަނޑުވަރުތެރޭ ބޮޑެއް، ޖިފުޓީގައި އުޅޭ ފަގީރެއް މިކަމުގައި ތަފާތެއް ނުކުރެއެވެ. ރަސްކަމުގެ ދާނުގައި އަވަހާރަފުޅު ލައްޕަވާ ރަސްގެއާއި ހިރަފުގެ ތަންމަތީގައި ކިލަލާއި ތަތްތެޅިފައި އޮތް މީހާގަނޑާ ފަރަގެއް ނެތެވެ.

ހިތާމައިން މިންވަރެއް ތިރިޔަށް ބިންމައްޗަށް ދޫކޮށްލަބަލާށެވެ! ކަރުނައެޅުން އިރުކޮޅަކަށް ހުއްޓާލަބަލާށެވެ. ޒަމާނުގެ ތީރު އަމާޒުވީ ފުރަތަމަ މީހާއަކީ ތިމާއެއް ނޫނެވެ. ދިމާވި އާދަޔާ ހިލާފު މުސީބާތަކީ، އާފާތްތަކުގެ އެންމެ ސުންޕާ އެއްވަނައެއް ނޫނެވެ.

ތިހުރީ ދެރަވެފަ އެވެ. އެއީ ހަޔާތުގެ އުޑުން ކުއްލިއަކަށް އެރި ތަރިއެއް ދެލޯ ނޫރުން ފުރާފައި، ހިތް އުފަލުން ފޮޅުވާފައި، ކަޅިޖަހާލިހިނދުން ގެއްލިދިޔައީމަ އެވެ. އުންމީދުތައް ކުރުކޮށްލިނަމަ، ހިތާމައިގައި ދިގުކުކުރާކަށް ނުޖެހުނީހެވެ. ދެއްކުންތެރިވާ އެއްޗަށް ކަނުލައި ބަލާލިނަމަ، އެއީ ގުގުރިއެއްގެ ވިދުވަރުކަން އެނގުނީހެވެ. ވިދަމުންދާ ތަރިއެއްކަމަށް ހީނުވީހެވެ. އޭރުން އޭގެ އުދަވުމާމެދު ހައިރާންކަމެއް ނުލިބުނީހެވެ. އޮއްސިދިއުމުން ކުއްލި ސިހުމެއްގައި ނުޖެހުނީހެވެ.

އުފަންވުމުގައި އުފާވެރިކަން ނުވާނަމަ މަރުވެދިއުމުގައި ރުއިމެއް ނުވީހެވެ. މުއްސަނދިކަން ދާއިމްވާނެކަމަށް ޔަގީންނުކުރާނަމަ، ފަގީރުވުމުން މޮޅިވެރިއެއް ނުވީހެވެ. ބައްދަލުވުމުގެ އުޖާލާކަމެއް ނުވާނަމަ ވަދާއުގައި ކެނޑިގެންދާނެ މަޖާކަމެއް ނުއޮތީހެވެ.

******

މިއަހަރުގެ އިމްތިހާނުގައި ފެއިލްވެފައިވާ ރަހުމަތްތެރިއަކު އަހުރެންގެ އެބަހުއްޓެވެ. އެކަމާހުރެ އޭނާއަށްވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. އޭނާ ރޮއިހިތާމަކުރުން ހުއްޓައެއް ނުލި އެވެ. އޭނާ ބުއްދިގޯސްވެދާނެހެންވެސް ހީވާތީ ބިރުގަނެ އެވެ. އަހަރެމެން އޭނައަށް ހިތްވަރުދޭ ކޮންމެ ވަގުތަކު ޝަކުވާކުރަނީ އެވެ. ތިމަންނާގެ އެކުވެރިންނަށް، ދަންނަމީހުންނަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ މައިބަފައިންނާއި އާއިލާއަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟

މައްސަލައަކީ ކަލޭގެ އެކުވެރިޔާގެ މައްސަލައެއް އެކަންޏެއް ނޫނެވެ. އެކަމަކު ކަރުއެލިފައިވާ އެންމެންގެ މައްސަލައެކެވެ. ބަލާ މީހަކަށް މިހާރަކަށް އައިސް މޮޅިންމޮޅިސާލު ލައިފައިވާ ހިތާމަގަނޑެއް ނެތް މޫނެއް ނުފެންނާނެވަރުވެއްޖެ އެވެ. އާތްވާއެކު ބޮކިޖަހައި ކެކިކެކިހުރި ރަތުލޯ ލޮއިގަނޑެއްފަދައިން ކަރުނަތައް ބަންޑުންލަމުންދާ ކަޅިރަވަތަކެކެވެ. ބަލާ މީހަކަށް ހީވާނީ އެމީހުންގެ މައްޗަށް މާސިންގާ މުސީބާތެއް ފާވެ، ފައިތަކަށް ބިންހެލުމެއް އައިސްފައިވަނީހެންނެވެ. ނުވަތަ ޒަމާނުގެ ކޮޅިގަނޑަކުން ލެޑި އެމީހުންގެ ނަފުސުގެ ހަޒާނާތައް ލުހި، ބުއްދިތަކުގެ ޖަވާހިރުތައް ވިހާލިވެފައިވަނީހެންނެވެ. އެކަމަކާހުރެ އެމީހުންނާއި އެމީހުންގެ ފާގަތިކަމާއި ދެމެދުގައި ބޮޑުފާރު ލެވިފައިވަނީހެންނެވެ.

ކިޔަވާކުއްޖާއެވެ. ކޮންމެވެސް މިންވަރަކަށް ސިކުނޑިއަށް ލުއިކޮށްލަބަލާށެވެ. ހީކުރާވަރަށްވުރެ ކަންތައް ލުޔެވެ. މިންކުރާ ވަރަށްވުރެ ކުޑައެވެ. ދަންނާށެވެ. އަހަރެން ބަލަނީ ތިބާއީ ދަންނަ މީހެއް ކަމަށެވެ. އުސްފަރުބަދައެއްގެ ކުންނަކުން ވެއްޓި، ބޮޑު ހިލައެއްގައި ޖެހި ބޮލުން ތަންގަނޑެއް މަދުވީކީ ނޫންތާ އެވެ. ނުވަތަ ދެކޯތާފަތް މައްޗަށް ކޯރުދެމިގެން ހޯސްލާފައި ލޭފައިބަނީއެއް ނޫންތާ އެވެ.

ހަމަޔަގީނުން މަސައްކަތްކުރީ ވަކި ލަނޑުދަނޑިއަކަށެވެ. އެކަމަށްޓަކައި ތަބާވާންޖެހޭ ސަބަބުތަކަށް ތަބާވެ ތައްޔާރުވާންޖެހޭ ތައްޔާރީތައްވެ، އެބާވަތުގެ ކަންކަމުގައި ހިތްވަރުކުރާ މީހުން ކުރާ ފަދައިން ހިތްވަރުކުރީމު އެވެ. އެހެންވީމާ ﷲ އަށާއި މީސްތަކުންނަށާއި ނަފުސަށް އުޒުރެއް އެބައޮތެވެ. އަމިއްލަ ގަސްދެއް ނެތް ނަތީޖާއަކަށް ހިތާމަނުކުރުން މާއައުލާކަން ބޮޑެވެ. އެކަމުގައި އިހުމާލެއްވާނަމަ، ފަރުވާކުޑަ ކަންނެތް މީހާގެ މަގުން ހިނގިފައިވާނަމަ، އެކަމަކީ، އޭގެ ވަގުތު ފާއިތުވުމުގެ ކުރިން ހުށިޔާރުވެ ފާރަވެރިވާންޖެހޭ ކަމެކެވެ. ހުށިޔާރުވާންވީ ވަގުތު ފާއިތުވެފައިވާނަމަ ހިތާމަކުރާންވީ ވަގުތުވެސް ފާއިތުވެއްޖެ އެވެ.

ދުވަސްތަކާމެދު އިތުބާރުކުރާ މީހާގެ އަދި މިންވަރުފުޅު ތިމާއާ އެއްބަސްވާނެކަމަށް ބަލާ މީހާގެ ރުއިމުން ރޮނީ ކީއްވެ ހެއްޔެވެ؟ ކަލޭ އެދޭ ނުވަތަ ލޯބިވާ ކަމެއް ނޫނީ ނުކުރުމަށް ޒަމާނާއެކު ހަދާފައިވާ އެއްބަސްވުމުގެ ދެލިކޮޕީއެއް އަހަރެމެންނަށް ދައްކާލެވިދާނެ ހެއްޔެވެ؟ އަދި ކަލޭ އުފާވާނޭ ފަދައިން ނޫނީ ފަލަކު ދައުރުނުކުރުމަށާއި ކަލޭގެ ނަސީބާ އެއްގޮތަށް ނޫނީ ނުހިނގުމަށް ފަލަކާއެކު ވެފައިވާ އެއްބަސްވުމުގެ ކޮޕީއެއްވެސްމެ އެވެ. އަދި ގަލަމުގެ މައްޗަށް އެގަލަމުގެ ސަފުހާގައި ކަލޭ ބުނި އެއްޗެއް، ނުވަތަ ކިޔައިދިން އެއްޗެއް ނޫނީ ނުލިޔާނެ ކަމަށް ގަލަމާއެކު ވެފައިވާ ސުލްހައިގެ އެއްބަސްވުންވެސްމެ އެވެ.

ނަފުސާ ހަމައަށް އައުމަށް މާޔޫސްކަމަށް މަގެއް ނަހަދާށެވެ! އިއްޔެ ލިބުނު ގެއްލުމުގެ ބަދަލު މާދަމާ އަނބުރާ ހޯދަދޭނީ މިއަދުގެ އުންމީދެވެ. ކަންތަކައިގެން ކުރިޔަށް ހިނގާށެވެ. ފަހަތަށް ނުބަލާށެވެ. އަންނަ އަހަރުވެސް އޮތީ އެވެ. އެދޭ ކަންތައް ވެއްޖެނަމަ ވީއެވެ. އެނޫންނަމަހީވެސް ގެއްލިދާނީ ކަރުދާސްގަނޑެކެވެ. އެކަހަލަ ކަރުދާސްގަނޑުތަކުން ވާން އޮންނަ އެންމެ ބޮޑު ފައިދާއަކީ، އެ ދީފައި ގަނެވޭނީ ފައިގާ އަޅާނެ ހިލިހިލާގަނޑެކެވެ. އެހެންޏާ ކަރުގައި ބައްދާނެ ވާގަނޑެކެވެ. އެޔަށްފަހު ތާށިވާނީ ސަރުކާރުގެ ޖަލު ގޮޅިތަކުން ގޮޅިއެއްގަ އެވެ. ނަފުސުތަކައިގެން ވެފައިތިބޭ ރައީސުންކުރެ ރައީސެއްގެ ކައިރީގަ އެވެ. ހަނގުރާމައެއްގެ އަސީރުން ޖަލެއްގައި ތަހައްމަލުނުކުރާނެހާ ނިކަމެތިކަމާއި ހިތްދަތިކަން އެމީހުން ހޯދައިދޭނެ އެވެ.

މިހާވަރަށް މިކަރުދާސްގަނޑައިގެން އުޅެވޭނަމަ އެއިން ދޭހަވަނީ އެކަރުދާސްގަނޑަކީ އެއީ ވާސިލުވުމަށް އެދޭ އެންމެ އުސް ކުރިބޯށިކަމަށް ނިންމައިގެން ހުރިކަމެވެ. އޭގެ ފަހުގައި އިތުރު ފުރިހަމަކަމެއް ވާކަމުގައި ނުވިސްނޭކަމެވެ. މިބުނެވުނީ ރަނގަޅަށް ނަމަ އެނގޭށެވެ. ނާއުންމީދުކަން ލިބިފައިވަނީ ފުރިހަމަކަމުގެ އަވާމެންދުރަކާ މެދުގަ އެވެ. އެއީ އެނގިގެންވާ ފެނިގެންވާ އަތުން ހިފޭނެ ފުރިހަމަކަމެއް ނަފުސަށް ލިބުމަށްޓަކައި އެވެ. ގަނޑުތަކުގެ ސަފުހާތަކުގެ ތެރޭގައި ލިޔެވޭ ކަރުދާސްގަނޑާ ފެޔަށް ގެންދެވުނީ، ހިތްތަކުގެ ސަފުހާތަކުގައި ލިޔެވޭނެ ކަރުދާސްގަނޑާ ދިމާއަށެވެ.

ހިތާމަކުރަނީ ޝަރަފުވެރިކަމާމެދުގައި ނަމަ، ޝަރަފުވެރިކަން އޮތީ ކުރިމަތީގައި ހާމަޔަށެވެ. އެކަމުގައި ސަރުކާރަކާ ގުޅުމެއް ނެތެވެ. އެކަމަކީ ދަތުމާއި ދެނެގަތުމާއި، ނަފުސުގެ ފުރިހަމަކަން ހޯދައިގަތުމުން ނޫނީ ލިބެން އޮތް ކަމެއް ނޫނެވެ. އެމަގަށް ހިނގުމުން ތިމާއަކީ ޝަރަފުވެރިއަކަށްވެދާނެ އެވެ. ސެޓްފިކެޓްތަކާއި މަގާމުތަކުގެ އަހުލުވެރިންކުރެ ގިނަ މީހުން ހަސަދަވެރިވެދާނެ ފަދަ މަގާމެއްގަ އެވެ. ކަރުދާސްގަނޑަކުން ދިރިފައި، އެހެން އެއްޗަކުން މަރުވެދާ، އިށީނުމަކުން ލިބިފައި، ތެދުވުމަކުން ގެއްލިދާ ޝަރުފުވެރިކަމެއްގައި ﷲ ދިރުމެއް ނުލައްވަ އެވެ. ހިތާމަކުރަނީ ރިޒުގާމެދުގައިނަމަ، ރިޒުގަކީ ވެރީންގެ އަތްމައްޗަށް ހުއްޓިފައި އޮންނަ އެއްޗެއްކަމުގައި، ﷲ ގެ ތަނަވަސް ހަޒާނާއިން އެއްވެސް މިންވަރެއް ލިބުންވަނީ އަމީރެއް ނުވަތަ ވަޒީރެއްގެ ސޮޔާއެކުގައިކަމަށް އޮތީ، ބާވާލެއްވި ކޮން ފޮތެއްގައި ހެއްޔެވެ؟

ކިޔަވާކުއްޖާ އެވެ! އާއިލާއާއި ރަށްޓެހިންގެ ގާތުގައި އަދި ދަންނަ މީހުންގެ ގާތުގައި ފިނޑިކަމެއް ލަދުވެތިކަމެއް ނެތި ބުނާށެވެ. ތިމަންނާއަށް ސިކުނޑި ހަދިޔާކުރެއްވި ފަރާތުން އެސިކުނޑި ނުގެންދަވަ އެވެ. ތިމަންނާގެ ގުނަންތައް ބައްޓަންކުރި ފަރާތުން އެތަކެތި ހެއްދެވުނު ސަބަބާއި އެދެމެދަށް ވެދެވޮޑިނުގަންނަވަ އެވެ. ތިމަންނާ ހެއްދެވި ފަރާތުން މަގުދައްކަވާނެ އެވެ. އެކަލާނގެއީ ރިޒުގު ދެއްވާ އެންމެ ބާރުގަދަ ފަރާތެވެ.