ލަނޑު ޖެހުމަށް ފަހު ސްވިޑެންގެ ފޯސްބާގް އުފާފާޅުކުރަނީ.
ޕީޓާސްބާގް (ޖޫން 18) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ސްލޮވާކިއާ 1-0 އިން ބަލިކޮށް އެ ޓީމު އަތުން ބަލިނުވުމުގެ ރެކޯޑް ދަމަހައްޓައި ސްވިޑެން މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގައަކާ ގާތަށް ޖެހިލައިފި އެވެ.
ސްވިޑެން އެންމެ ފަހުން ތިން ޔޫރޯގައި ވެސް ކެޓީ ގްރޫޕް ސްޓޭޖުންނެވެ. އެކަމަކު މި ފަހަރު އެ ޓީމަށް ދެ ވަނަ ބުރުގެ ޖާގައެއް ކަށަވަރުކުރަން މި ގްރޫޕްގައި އެ ޓީމު ކުޅޭ ފަހު މެޗުން ޕޮލެންޑް އަތުން ބޭނުންވަނީ ޕޮއިންޓެކެވެ. އެ މެޗުން ސްވިޑެން ބަލިވި ނަމަވެސް އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ އަށް ދާ ޓީމުތަކުގެ ތެރޭގައި ހިމެނިގެން އަނެއް ބުރުން ފުރުސަތު ހޯދޭނެ އެވެ.
ސްވިޑެން އިން މިރޭގެ މެޗާ އެކު މިހާތަނަށް ސްލޮވާކިއާއާ ދެކޮޅަށް ކުޅުނު ހަ މެޗުން ވެސް ބަލިވެފައިނުވެ އެވެ. ތިން މެޗުން އެއްވަރުވިއިރު، ތިން މެޗުން ވަނީ މޮޅުވެފަ އެވެ. މިރޭގެ މެޗަކީ ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި މި ދެ ޓީމުގެ ފުރަތަަމަ ކުރިމަތިލުމެވެ.
މިރޭގެ ނަތީޖާއާ އެކު ގްރޫޕް އީގެ އެއް ވަނައިގައި ސްވިޑެން އޮތީ ދެ މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ދެ މެޗުން ތިން ޕޮއިންޓާ އެކު ސްލޮވާކިއާ އެވެ. އެއް މެޗުން އެއް ޕޮއިންޓާ އެކު ތިން ވަނައިގައި އޮތީ ސްޕެއިން އެވެ. އަދި އެންމެ ފުލުގައި އޮތް ޕޮލެންޑަށް މެޗެއް ކުޅުނުއިރު، ޕޮއިންޓެއް ނުލިބެ އެވެ. މާދަމާރޭ ޕޮލެންޑް އަތުން މޮޅުވެގެން ސްޕެއިން އަށް ޕޮއިންޓް ޓޭބަލްގެ ކުރިއަށް އެރޭނެ އެވެ.
ސްލޮވާކިއާ އިން މި މެޗަށް ތައްޔާރުވަމުންދަނިކޮށް އެ ޓީމުގެ އޮފިޝަލަކާއި ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެ ޓީމުން ވަނީ ޔުއެފާ ޕްރޮޓޮކޯލްގެ ތެރެއިން މެޗާ ހަަމައަށް ހުރިހާ ކަމެއް ފުރިހަމައަށް ކޮށްފަ އެެވެ.
ރަޝިއާގެ ކްރެސްޓޯވްސްކީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޖުމްލަކޮށް ދެ ޓީމަށް ވެސް ގޯލާ ސީދާކޮށް މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލެވިފައިނުވެ އެވެ. ސްލޮވާކިއާގެ ޖޫރަޖް ކުޗްކާ އާއި ކެޕްޓަން މަރެކް ހަމްޝިކް ގުޅިގެން އެޓޭކްތައް ކުރެވޭތޯ ބެލިއިރު، ހަމްޝިކަށް އޭރިއާބޭރުން ލިބުނު ފުރުސަތަކުން އޭނާ ޖެހި ޝޮޓް ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
ސްވިޑެންގެ އެމީލް ފޯސްބާގް މެދުތެރެއިން ބޯޅަ ހޯދުމަށް ފަހު އެ ޓީމުގެ ކުރިއަށް ކުޅުނު އަލެކްސަންޑާ އިސާކް އާއި މާކަސް ބެއާގް އަށް ބޯޅަތައް ދިން ނަމަވެސް ސްލޮވާކިއާގެ ގޯލުގައި ހުރި މާޓިން ޑުބްރާވްކާ ޓެސްޓްކޮށްލެވޭ ވަރުގެ ހަމަލާތަކެއް ފޮނުވާލެވޭ ގޮތެއްނުވި އެވެ.
އެކަމަކު ދެ ވަނަ ހާފްގައި އެކަން ބަދަލުވި އެވެ. ސްވިޑެން އިން ރަނގަޅަށް ކުޅެ، ސްލޮވާކިއާ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް މި ހާފުގައި ފޮނުވާލި އެވެ.
ސްވިޑެންގެ ނުރައްކާތެރި ފުރަތަމަ ހަމަލާ ފޮނުވާލީ 58 ވަނަ މިނިޓްގައި ލުޑްވިގް އޮގަސްޓިންސަން އެވެ. ސްވިޑެންގެ ކެޕްޓަން ސެބަސްޓިއަން ލާސެން ނަގައިިދިން ބޯޅަ ކުޑައޭރިއާ ކައިރިން އޮގަސްޓިންސަން ބޮލުން ފޮނުވާލި ބޯޅަ ކީޕަރު ޑުބްރާވްކާ ވަނީ މަތަކޮށްފަ އެވެ. އޭގެ ހަތް މިނިޓް ފަހުން އިސާކް ބޮލުން ޖެހި ބޯޅައެއް ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
މެޗުގެ 70 ވަނަ މިނިޓްގައި ހާފްގެ މެދެއްހާ ހަމައިން ލިބުނު ބޯޅަ ހިފައިގެން ސްލޮވާކިއާގެ ތިން ކުޅުންތެރިން ކައިރިން ނައްޓާފައި އޭރިއާ ރޮނގުކައިރިން އިސާކް ޖެހި ޝޮޓް ހުއްޓުވީ ކީޕަރު ޑުބްރާވްކާ އެވެ. އެކަމަކު އޭގެ ފަސް މިނިޓް ފަހުން ސްވިޑެން އިން ލީޑުނެގީ ޑުބްރާވްކާ ކުރި ފައުލަކަށް ދިން ޕެނަލްޓީ އަކުންނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ރޮބިން ހުއައިސޮން އަށް ޑުބްރާވްކާ ކުރި ފައުލަށް ދިން ޕެނަލްޓީ ފޯސްބާގް ވަނީ ގޯލުގެ ކަނަށް އަމާޒުކޮށްލައިފަ އެވެ.
އޭގެ ފަހުން އިސާކަށް ވަނީ ލީޑުފުޅާކުރަން ރަނުގެ ފުރުސަތެއް ލިބިފަ އެވެ. އެކަމަކު އޭނާ އެ ޓީމުގެ އެހެން ކުޅުންތެރިއަކަށް ނުދީ އަމިއްލަ އަށް ޖަހަން އުޅުމުން އެ ފުރުސަތު ގެއްލުނީ އެވެ.
މެޗުގެ ފަހުކޮޅުގައި ސްލޮވާކިއާ އިން ވަނީ ސްވިޑެން ހާފުގެ ތެރޭގައި ބޯޅަ ހިފަހައްޓައިގެން ކުޅެ ނަތީޖާ ހަަމަހަަމަކުރަން މަސައްކަތްކޮށްފަ އެވެ. އެކަމަކު ސްވިޑެންގެ ގިނަ ކުޅުންތެރިން ފަހަތަށް ފައިބައިގެން ލީޑު ހިފަހައްޓަން ކުރި މަސައްކަތް ވަނީ ކާމިޔާބުކޮށްފަ އެވެ.
ސްލޮވާކިއާ ދެ ވަނަ ބުރުގެ ޖާގައެއް ހޯދަން އެ ޓީމުން ގްރޫޕްގައި ކުޅޭ ފަހު މެޗުން ސްޕެއިނާ ދެކޮޅަށް ނަތީޖާއެއް ނެރެން ޖެހޭނެ އެވެ. ސްލޮވާކިއާ ވަނީ އެންމެ ފަހުން އޮތް ޔޫރޯގެ ދެ ވަނަ ބުރުގައި ކުޅެފަ އެވެ.
Comment