Advertisement

ރަޖިސްޓްރާގެ ނިންމުން ބާތިލްކޮށް ދީބާޖާ މައްސަލައަށް ސުޕްރީމް ކޯޓުން ހުއްދަ ދީފި

15 ޖޫން 2021 - 13:39 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ސުޕްރީމް ކޯޓު: ދީބާޖާ މައްސަލައަށް ވަނީ ހުއްދަ ދީފައި


ރަޖިސްޓްރާގެ ނިންމުން ބާތިލްކޮށް ދީބާޖާ މައްސަލައަށް ސުޕްރީމް ކޯޓުން ހުއްދަ ދީފި

15 ޖޫން 2021 - 13:39 0

ދީބާޖާ ކުންފުންޏަށް ބަދަލު ނަގައިނުދިނުމަށް ހައިކޯޓުން ކޮށްފައިވާ ހުކުމް ދެވަނަ ފަހަރަށް އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ރަޖިސްޓްރާ ބަލައިނުގަތް ނިންމުން ބާތިލްކޮށް، މައްސަލައަށް ހުއްދަ ދޭން ނިންމައިފި އެވެ.

ދެވަނަ ފަހަރަށް އިސްތިއުނާފުކުރުމަށް ސުޕްރީމް ކޯޓުން ދިން ހާއްސަ ހުއްދައެއްގެ ދަށުން ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމަށް ހުށަހެޅި ދީބާޖާ މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމެވީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ.

ރަޖިސްޓްރާގެ އެ ނިންމެވުމުގައި ބުނެފައިވާ ގޮތުގައި، އިސްތިއުނާފު ކުރުމަށް ދީބާޖާއިން ހުށަހަޅާފައިވާ ނުކުތާތަކަކީ ހައިކޯޓުން އެކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ގޮތެއް ކަނޑައަޅާފައިވާ ނުކުތާތަކެކެވެ. އެހެންވެ، ހައިކޯޓުގެ ނިންމުން ރަނގަޅު ނޫން ކަމަށް ބަލަންޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ހުށަހަޅާފައިނުވާ ކަމެވެ.

ރަޖިސްޓްރާގެ އެ ނިންމުން އަލުން ބަލައިދިނުމަށް ގިނަ ނުކުތާތަކާއެކު ތަފްސީލްކޮށް ދީބާޖާ ކުންފުނިން ހުށަހެޅި މައްސަލަ ފަނޑިޔާރުންގެ މަޖިލީހުން އިއްޔެ ވަނީ ނިންމަވާފަ އެވެ. އެ ނިންމުން ނިންމެވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ އިއްތިފާގުންނެވެ.

ދީބާޖާ ކުންފުނީގެ ވަކީލް މުހައްމަދު ހަލީމް "އަދަދު"އަށް ވިދާޅުވި ގޮތުގައި، ފަނޑިޔާރުންގެ މަޖިލީހުން ނިންމަވާފައިވަނީ ދީބާޖާއިން މައްސަލަ ހުށަހަޅާފައިވަނީ ގާނޫނީ ބަހުސް ކުރެވޭ ނުކުތާތަކެއްގެ މައްޗަށް ކަމާއި އެހެންވެ، އެ މައްސަލައަށް ހުއްދަ ދޭން ޖެހޭ ކަމަށެވެ.

ދީބާޖާ މައްސަލައިގެ ފަސް ފަހަތް

ދީބާޖާއަށް ބަދަލު ނަގައިދިނުމުގެ މައްސަލަ ބޮޑުވެގެން ދިޔައީ، އިޖުރާއީ ނުކުތާއެއްގެ މައްޗަށް ސުޕްރީމް ކޯޓުން ބޮޑު އަދަދެއްގެ ބަދަލެއް އެ ކުންފުންޏަށް ދިނުމަށް ހުކުމް ކުރުމާއެކު އެވެ. އެ ހުކުމް ނެރުއްވީ ކުރިން އޮތް ސުޕްރީމް ކޯޓުގެ ބެންޗުންނެވެ.

އެ ހުކުމްގައި ސުޕްރީމް ކޯޓުން، ދީބާޖާއަށް 348 މިލިއަން ރުފިޔާގެ ބަދަލެއް ނަގައިދިނުމަށް ނިންމާފައި އޮތީ އިސްތިއުނާފީ މުއްދަތު ހަމަވި ފަހުން ހައިކޯޓުން މައްސަލަ ބަލައިގަނެ ކުރިއަށް ގެންގޮސްފައި އޮތުމުންނެވެ.

ދައުލަތުން ހައިކޯޓަށް އެ މައްސަލަ ހުށަހެޅީ ޖުލައި 22، 2015ގަ އެވެ. ނަމަވެސް އިސްތިއުނާފު ކުރަން ލިބޭ 90 ދުވަހަށް ބަލާއިރު އެ މައްސަލަ އިސްތިއުނާފަށް ހުށަހެޅޭނެ އެންމެ ފަހު ތާރީހަކީ މާޗް، 12، 2015 އެވެ. އޭރު އަމަލު ކުރަމުން ދިޔަ އުސޫލުގައިވާ ގޮތުން ދަށު ކޯޓުތަކުގެ ހުކުމްތައް ހައިކޯޓުގައި އިސްތިއުނާފު ކުރަން 90 ދުވަހުގެ މުއްދަތެއް ލިބެ އެވެ.

ބަދަލު ދޭން ސުޕްރީމް ކޯޓުން ނެރުނު ހުކުމާމެދު ކަންބޮޑުވުން އޮތުމުން ރައްޔިތުންގެ މަޖިލީހުން މައްސަލަ ބެލި އެވެ. އެއަށްފަހު ފާސްކުރީ ދީބާޖާގެ ހުކުމް ރިވިއުކުރުމަށް ބަންޑާރަ ނައިބަށް ދަންނަވާށެވެ. އެގޮތަށް ފާސްކުރީ، މައްސަލަ ރިވިއުކޮށްގެން ވެސް ކާމިޔާބު ނުވާނެ ކަމަށް ބަންޑާރަ ނައިބު ވިދާޅުވެފައިވަނިކޮށެވެ.

ނަމަވެސް، ބަންޑާރަ ނައިބު ސްޓޭންޑް ބަދަލުކޮށް، ދީބާޖާ މައްސަލަ ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އެވެ.

ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގެ އެ ހުކުމް، ރިވިއު ކުރަން ހުށަހެޅުމުން އެ ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ. އިސްތިއުނާފުގެ މުއްދަތަކީ ކަނޑައެޅިފައިވާ މުއްދަތެއް ނަމަވެސް، ބައެއް ހާލަތްތަކުގައި އިސްތިއުނާފުގެ މުއްދަތު ހަމަވުމުން ވެސް އެ ހުއްދަ ދިނުމަކީ ހައިކޯޓަށް ލިބިގެންވާ އިހްތިޔާރީ ބާރެއް ކަމަށް އެ ހުކުމްގައި ކަނޑައެޅި އެވެ.

މި މައްސަލާގައި ހައިކޯޓަށް ދައުލަތުން އިސްތިއުނާފު ހުށަހެޅުމަށް ލަސްވެގެން ދިޔަ ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ ސިވިލް ކޯޓުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓް ލިބުން ލަސްވުމާއި އެ މައްސަލައާ ހަވާލުވެ ހުންނެވި ވަކީލްގެ އިހުމާލުން ކަމެވެ. މައްސަލާގައި ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓް، ސިވިލް ކޯޓުން ދޫކުރީ 72 ދުވަސް ފަހުންނެވެ. އެއީ 14 ދުވަސް ތެރޭގައި ދޫކުރަން ޖެހޭ އެއްޗެކެވެ.

ހުކުމް ފާހަގަކުރި ގޮތުގައި، ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓަކީ ވަރަށް އަސާސީ ހައްގެއް ކަމަށްވާ އިސްތިއުނާފު ކުރުމުގެ ހައްގާ ގުޅިފައިވާ އެއްޗަކަށްވާއިރު އެ ދޫނުކުރުން ލަސްކުރުމަކީ އިންސާފަށް ދަތި ކުރުން ކަމުގަ އެވެ. ހަގީގަތުގައި އިސްތިއުނާފު މުއްދަތު ގުނަން ޖެހޭނީ ވެސް ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓް ދޫކުރާ ދުވަހުން ފެށިގެން ކަމަށެވެ.

އިސްތިއުނާފުގެ މުއްދަތު ހަމަވި ފަހުން ވެސް މައްސަލަ ބަލައިގަނެ، ހައިކޯޓުގައި ޝަރީއަތް ކުރިއަށް ގެންދިޔަ ސަބަބެއް އެ ކޯޓުގެ ހުކުމްގައި ބަޔާންކޮށްފައިނުވީ ނަމަވެސް، ސުޕްރީމް ކޯޓުން ގަބޫލު ކުރެއްވި ގޮތުގައި ހައިކޯޓުގައި އެ މައްސަލާގެ ޝަރީއަތް ހައިކޯޓުގައި ކުރިއަށް ގެންދިޔުން ރަނގަޅެވެ. އަދި ސުޕްރީމް ކޯޓުން އިސްތިއުނާފުގެ ނުކުތާގައި ހިފައި، މައްސަލާގެ މައުލޫއީ ގޮތެއްގައި ނުބަލައި ހުކުމް އިއްވުން ގޯހެވެ.

އެހެންވެ، ހައިކޯޓުގެ ހުކުމަށް ރުޖޫއަވުމަށް ސުޕްރީމް ކޯޓުން ނިންމި އެވެ. އެއީ، ދީބާޖާ ކުންފުންޏަށް ބަދަލު ދޭން ނުޖެހުމެވެ. ނަމަވެސް އެ ހުކުމަށް އަހަރުތަކެއްވެފައިވާތީ އެންމެ އިންސާފުވެރި ގޮތަކީ، މައްސަލަ އަލުން ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމުގެ ފުރުސަތު ދިނުން ކަމުގައި ކަމަށް ހުކުމްގައިވެ އެވެ.

އަލުން އިސްތިއުނާފުކޮށްފި ނަމަ، މައްސަލަ މައުލޫއީ ގޮތެއްގައި އެ ކޯޓުން ބަލައި ހުކުމެއް ނެރޭނެ ކަމަށް ވެސް އެ ހުކުމްގައި ބަޔާންކޮށްފައިވެ އެވެ.