Advertisement

ލޮލަށް ފެނެއެވެ... އެކަމަކު ތަސައްވުރުކުރެވޭ ބާވަ އެވެ؟

އަދަދު އާޓްވޯކް: އަހުމަދު އިހުސާން (އަރަކަ އާޓްސް)


ލޮލަށް ފެނެއެވެ... އެކަމަކު ތަސައްވުރުކުރެވޭ ބާވަ އެވެ؟

ލޮލަށް ފެނުމާއި އަޑުއިވުމުން މަހުރޫމުވެފައި ހުރެމެ އާދަޔާ ޚިލާފު ކާމިޔާބީތަކެއް ހޯދި މަޝްހޫރު ޝަޚުސިއްޔަތު ހެލެން ކެލާ ގާތު، ލޮލަށް ނުފެނުމަށްވުރެ ދެރަ ކަމެއް ވޭތޯ މީހަކު ސުވާލުކުރުމުން އޭނާ ޖަވާބުދިނެވެ.

"އެއްވެސް ތަސައްވުރެއް ނެތި ލޮލަށް ފެނުމަކީ ލޮލަށް ނުފެނުމަށް ވުރެ ދެރަ ކަމެކެވެ."

ފެނުމަކީ ތިމާގެ ލޮލަށް ފެންނަ ތަކެއްޗާއި ކަންކަން ތިމާގެ ސިކުނޑިއަށް ސިފަކުރެވުމެވެ. ތަސައްވުރަކީތޯ އެވެ؟ ޚިޔާލަށް ގެނައުމެވެ. ތިމާއަށް ފެންނަ ތަކެއްޗާއި، ކުރެވޭ ތަޖުރިބާގެ މައްޗަށް ބިނާކޮށް، ތިމާއަށް ދެން ކުރެވިދާނެ ކަންކަން ނުވަތަ ތިމާ ވާސިލުވާން ބޭނުންވާ މަންޒިލު ޚިޔާލަށް ގެނައުމެވެ. ތިމާއަށް ކުރެވޭ ކުށްހީތަކާއި ތިމާގެ ތަޢައްޞަބުތަކަށް ތިމާއަށް ފެންނަ ފެނުމަށް ނުފޫޒުފޯރުވޭނޭ ޖާގަ އޮވެ އެވެ. އެހެން ނަމަވެސް ތިމާ ކުރާ ތަސައްވުރުގައި އެއަށްވުރެ ފުންކޮށް ވިސްނާ، ތިމާގެ މުސްތަޤުބަލު އޭގެ މައްޗަށް ކިއްސަރުލާނޭ ޖާގަ ހޯދައިދެ އެވެ.

އަހަރެމެން މި ދިރިއުޅެނީ ވަގުތުގެ މުހިއްމުކަމާއި ޢުމުރުގެ ކުރުކަމާއި މާދަމާގެ ޔަޤީންކަމެއް ނެތްކަން އިހުނަށްވުރެ ބޮޑަށް އިހުސާސްކުރެވޭ ޒަމާނެއްގަ އެވެ. ކޮންމެ ދުވަހަކު އެތައް މަރެއްގެ ޚަބަރު އަހަރެމެން ޙަޖަމުކުރަނީ މިއަދަކީ ތިމާގެވެސް އެންމެ ފަހުދުވަހަށް ވެދާނޭކަން ހިތާހިތުން ހަނދާންކުރަމުންނެވެ. އެހެން ނަމަވެސް މިއީ މާޔޫސްވެ ކަންބޮޑުވާންވީ ދަނޑިވަޅެއް ނޫނެވެ. ވަގުތުގު މުހިއްމުކަމާއި މާދަމާގެ އިތުބާރުނެތްކަމީ ތިމާގެ ޙަޔާތުގެ ސަމުގާ މިސްރާބުކުރަން ލިބޭ އިތުރު ފުރުޞަތެކެވެ. އަހަރެމެންނަކީ އާޚިރަތް އަންނާނޭކަން ޤަބޫލުކުރާ މީހުންނެވެ. އަހަރެމެންގެ ޙަޔާތުގެ މިސްރާބެއް އޮންނާން ބޭނުންވާ މީހުންނެވެ. ޒާތީ ދިރިއުޅުމުގައި ތަސައްވުރެއް ގެންގުޅޭންވީ އެހެންވެގެންނެވެ. އެ ތަސައްވުރު ޙަޤީޤަތަކަށް ހެދުމަށްޓަކައި އަހަރެމެންގެ މިއަދުގެ ޢަމަލުތައް ގެންގުޅެންވީ ގޮތް ހަނދާނުގައި ބެހެއްޓުމަށެވެ.

ފަހި މުސްތަޤުބަލެއްގެ އުއްމީދަކީ އަހަރެމެންގެ ޒާތީ ދިރިއުޅުމުގައި އެކަނި ގެންގުޅޭންވީ އުއްމީދެއް ނޫނެވެ. މިއަދަކީ އަހަރެމެންގެ ވެރިންގެ ކިބައިން ވެސް އެ ތަސައްވުރު ފެންނާންވީ ދުވަހެވެ. އެ އުއްމީދު އަހަރެމެންނަށް ދައްކުވައިދޭންވީ ދުވަހެވެ. ސިޔާސަތުތައް ކަނޑައެޅުމުގައި ވިޔަސް، ކާރިސާއަކާ ކުރިމަތިލުމުގައި ވިޔަސް ނިންމުންތަން ނިންމަންވީ ދުރުވިސްނޭ ތަސައްވުރެއް އޮވެގެންނެވެ. ހައްލުތައް ހޯދައި ލަނޑުދަނޑިތަކެއް ކަނޑައަޅަންވީ އެ ތަސައްވުރު ޙަޤީޤަތަކަށް ހެދުމަށެވެ. އެހެނީ، މިއަދުގެ މައްސަލަތަކަކީ، އިއްޔެގެ ދުރުވިސްނުމެއް ނެތް ހައްލުތަކުގެ ނަތީޖާކަމުގައިވާތީ އެވެ.

މައްސަލައެއް ފެންނަ ހިނދު، މި މައްސަލައަކީ އަހަރެމެންނަށް "ކުރީ ސަރުކާރުން ވާރުތަވެފައިވާ މައްސަލައެއް" ކަމަށް ބުނެ ޝަކުވާ ބަނުމަކީ ވަރަށް ގިނަ ސިޔާސީ ލީޑަރުން ކުރާކަމެކެވެ. ޤަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ އެފަދަ ގިނަ މައްސަލަތަކަކީ އޭރު ގޮތްނިންމަން ހުރި މީހަކަށް ނުވަތަ ތިބި ބަޔަކަށް ގެންނާން ފެނުނު ވަގުތީ ހައްލުތަކަކަށް ވާކަމެވެ. މިއަދުގެ ލީޑަރުންނަށް އޮތް ގޮންޖެހުމަކީ އެ ފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމެވެ. ނުފޫޒު ގަދަ ނުވަތަ އަޑުގަދަ ބަޔަކު ލޮއްސުމަށް، ތަސައްވުރެއް ނުވަތަ ދުރުވިސްނުމެއް ނެތި ޤަވާއިދުތަކާއި ޤާނޫނުތައް ބަދަލުކޮށް، މަޝްރޫޢުތައް ފައްޓައި ހުއްޓުމަކީ އޭގެ ބުރަ، އެތައް ޒަމާންތަކަކަށް ސަރުކާރުތަކާއި މުޖުތަމަޢުތައް އުފުލަން ޖެހޭ ކަންތައްތަކެއްކަން، ހަމައެކަނި އެކި ސަރުކާރުތަކުން މާލޭ ސަރަޙައްދުގައި ފައްޓާފައިހުރި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ބަލާލިޔަސް ސާބިތުވާނެ އެވެ. ތިމާއަކީ ބަޔަކަށް ޖަވާބުދާރީވާންޖެހޭ މަޤާމެއްގައި ހުރި މީހަކު ކަމުގައިވާނަމަ، އަދި ތިމާއަކީ އެ މީހުންގެ އުދާސްތައް ތަމްސީލުކުރާ މީހާކަމުގައިވާނަމަ، ތިމާގެ ނިންމުންތައް ނިންމުމުގައި އެ ނިންމުމުގެ ސަބަބުން ނިކުމެދާނެ ނަތީޖާ ތަސައްވުރުކުރުމަކީ އެންމެ މުހިއްމު އެއް ޒިންމާކަމުގައި ބަލައިގަންނަން ޖެހެ އެވެ.

އަހަރެމެން ކޮންމެ މީހަކީވެސް ކޮންމެވެސް ސިފައެއްގައި ލީޑަރެއްގެ ދައުރު އަދާކުރާ މީހަކީމެވެ. މައިންބަފައިންނަމަ، އާއިލާގެ ލީޑަރުންނެވެ. ވަޒީފާއެއްގައި އުޅޭ މީހެއް ނަމަ، ތިމާގެ ދަށުން މަސައްކަތްކުރާ މީހުންގެ ލީޑަރެވެ. އަހަރެމެން ކޮންމެ މީހަކީވެސް މީހެއްގެ ނުވަތަ ބައެއްގެ މައްޗަށް ޖަވާބުދާރީވާންޖެހޭ މަޤާމެއްގައި ހުންނަ މީހެކެވެ. އަހަރެމެން ތަސައްވުރެއް ގެންގުޅެން ޖެހެނީ، މިއަދު ކުރާ މަސައްކަތްތަކާއި ހިންގާ ހަރަކާތްތަކުގެ މަޤްޞަދެއް އޮންނާން ޖެހޭތީ އެވެ. އެ ކަންކަމުން ހާސިލުކުރެވޭނެ ނަތީޖާއެއް އޮންނާންޖެހޭތީ އެވެ.

ތަސައްވުރެއް ނެތް ދިރިއުޅުމެއްގެ މިސްރާބެއް ނެތެވެ. އެ މީހަކު ދިރިއުޅެން ވިސްނާފައި އެވަނީ ނިމުމެއް ނެތް މިއަދެއްގަ އެވެ. އޭނާގެ ޢަމަލުތައް މިސްރާބުކުރާނޭ އާރުކާޓީއެއް ނެތެވެ. އޭނާގެ އުއްމީދެއް ނެތެވެ. އެހެންނަމަވެސް ތިމާގެ ދިރިއުޅުމުގައި މާދަމާ ތިމާ ހުންނަން ބޭނުންވާ މަޤާމު ޚިޔާލަށް ގެނުވޭނަމަ ނުވަތަ މާދަމާ ތިމާ ހޯދަން ބޭނުންވާ ކާމިޔާބީ ޚިޔާލަށް ގެނުވޭނަމަ، އެ ކަންކަން އަދި ހާސިލުނުކުރެވުނުކަމުގައި ވިޔަސް، އުއްމީދަކާއި އެ އުއްމީދަށް ވާސިލުވުމަށް މިއަދު ބޭނުންވާ ބާރާއި ހިތްވަރު ތިމާއަށް ލިބިފައިވާނެ އެވެ.