Advertisement

ޕީއެސްޖީ އިން ވައިނަލްޑަމްގެ ޑީލް ހައިޖެކްކުރަން މަސައްކަތްކުރަނީ

5 ޖޫން 2021 - 20:39 0


ޕީއެސްޖީ އިން ވައިނަލްޑަމްގެ ޑީލް ހައިޖެކްކުރަން މަސައްކަތްކުރަނީ

5 ޖޫން 2021 - 20:39 0

ޕެރިސް (ޖޫން 5) - މި ސީޒަނަށް ފަހު ކޮންޓްރެކްޓް ހަމަވުމުން ލިވަޕޫލް ދޫކޮށްލަން ނިންމާފައިވާ ނެދަލެންޑްސްގެ މިޑްފީލްޑަރު ޖިއޮޖީނިއޯ ވައިނަލްޑަމް ސްޕެއިނުގެ ބާސެލޯނާ އަށް ބަދަލުވާން އެއްބަސްވެފައި އޮއްވާ ފްރާންސްގެ ޕީއެސްޖީން އޭނާ ހޯދަން ޝައުގުވެރިކަން ފާޅުކުރުމުން ވައިނަލްޑަމްގެ އޭޖެންޓް ބާސެލޯނާގެ ޓްރާންސްފާ މަޑުޖައްސާލައިފި އެވެ.

އުމުރުން 30 އަހަރުގެ ވައިނަލްޑަމް އަށް ލިވަޕޫލުން ހުށަހެޅި އާ ކޮންޓްރެކްޓްގެ މުއްދަތާއި މުސާރައާ މެދު އޭނާ ހިތްހަމަނުޖެހުނެވެ. އަދި އާ ކޮންޓްރެކްޓްގެ މަޝްވަރާތައް ވެސް ދިގުލައި ގޮސް އެންމެ ފަހުން ހިލޭ ޓްރާންސްފާއެއްގައި ވައިނަލްޑަމް ޓީމު ދޫކޮށްލަން ނިންމީ އެވެ.

ވައިނަލްޑަމް ހޯދަން ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކުން ވެސް ވާހަކަ ދެއްކި އެވެ. އެކަމަކު ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަންއާ އެކު މަސައްކަތް ކުރަން ބޭނުންވާތީ ވައިނަލްޑަމް ވިސްނައިގެން ހުރީ ބާސެލޯނާ އަށް ބަދަލުވާށެވެ. ކޫމަން އަންނަ ސީޒަނުގައި ވެސް ބާސެލޯނާ ކޯޗަކަށް ދެމިހުންނާނެކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.

އީއެސްޕީއެން އިން ރިޕޯޓްކުރާގޮތުގައި ބާސެލޯނާ އިން ވައިނަލްޑަމްގެ ސޮއި ހޯދުމާ ގާތުގައި އޮއްވައި މިހާރު ޕީއެސްޖީން ވަނީ ވައިނަލްޑަމްގެ ޑީލް ތެރެއަށް ވަދެފަ އެވެ. އަދި ބާސެލޯނާ އިން ހުށަހަޅާފައިވާ މުސާރަ އަށް ވުރެ ޕީއެސްޖީން މިހާރު ވަނީ ބޮޑު ކޮންޓްރެކްޓެއް ވައިނަލްޑަމް އަށް ދޭން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ވަގުތު ނެދަލެންޑްސް ސްކޮޑާ އެކު ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވަމުން އަންނަ ވައިނަލްޑަމް ދާދި ފަހުން ވަނީ އޭނަގެ މުސްތަގުބަލާ ބެހޭގޮތުން ނެދަލެންޑްސް ނޫހަކުން ކުރި ސުވާލަކަށް ޖަވާބު ދީފަ އެވެ. ވައިނަލްޑަމް ބުނީ ބާސެލޯނާއާ ވާހަކަ ދައްކަމުން އަންނަ ކަމަށާއި އެކަމަކު އަދި ވަކި ގޮތަކަށް އެއްބަހެއްނުވެވޭ ކަމަށެވެ. އަދި މިއީ އޭނާ އެއްވެސް ކްލަބެއްގެ ކޮންޓްރެކްޓެއްގައި ނެތް ވަގުތަކަށްވާތީ ޝައުގުވެރިކަން ފާޅުކުރާ ކޮންމެ ޓީމަކާ ވެސް ވާހަކަތައް ދެކެވޭ ކަމަށް ވައިނަލްޑަމް ބުންޏެވެ.

ފްރާންސްގެ ލަ ޕެރީސިއަން އާއި ލެކިއުޕޭ އިން އިއްޔެ ރިޕޯޓްކޮށްފައިވާ ގޮތުގައި ވައިނަލްޑަމްގެ އޭޖެންޓާއި ޕީއެސްޖީގެ އޮފިޝަލުން ވަނީ މިދިޔަ ދެ ދުވަހު ބައްދަލުކޮށްފަ އެވެ. ޕީއެސްޖީން ވައިނަލްޑަމް ހޯދަން މަސައްކަތް ފެށީ ކޯޗު މައުރީސިއޯ ޕޮޗެޓީނޯގެ އެދުމަށެވެ.

ނެދަލެންޑްސްގެ ފެއިނޯޑުން ކެރިއަރު ފަށައި ވައިނަލްޑަމް ފަހުން ވަނީ އެ ގައުމުގެ ޕީއެސްވީ އެއިންދޯވަން އަށް ބަދަލުވެފަ އެވެ. އޭނާ ދެން ގުޅުނީ 2015 ވަނަ އަހަރު ނިއުކާސަލް ޔުނައިޓެޑާ އެވެ.

ނިއުކާސަލްގައި އެއް އަހަރު ކުޅުމަށް ފަހު އެ ޓީމު ޕްރިމިއާ ލީގުން ރެލިގޭޓްވުމުން 2016 ވަނަ އަހަރު ވައިނަލްޑަމް ލިވަޕޫލަށް ބަދަލުވީ 23 މިިލިއަން ޕައުންޑަށެވެ. ލިވަޕޫލާ އެކު ވައިނަލްޑަމް ވަނީ ޔުއެފާ ޗެމްޕިއަންސް ލީގާއި ސުޕަ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕްގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ. އަދި އެ މުބާރާތްތަކުގައި މުހިއްމު ގޯލުތަކެއް ޖެހި އެވެ.