Advertisement

ދޮނާއި ކަޅުގެ ތަފާތުކުރުން: ދިވެހިން ނުދައްކާ ވާހަކައެއް

އާޓްވޯކް: އަހުމަދު އިހުސާން (އަރަކަ އާޓްސް)


ދޮނާއި ކަޅުގެ ތަފާތުކުރުން: ދިވެހިން ނުދައްކާ ވާހަކައެއް

ޝާޚްރުކް ޚާން ފެއާނަސް ކްރީމެއްގެ އިޝްތިހާރެއް ކުޅުމުން، އޭނާގެ ބޮލުގައި ނަސްލީ އިމްތިޔާޒުގެ އިލްޒާމު އަޅުވައި އެ ޤައުމުގެ އެކްޓިވިސްޓުން ކުރާ ޓްވީޓްތައް ރީޓްވީޓްކުރަން އަހަރެން އިންނަނީ މުޅި މޫނުގައި "އޮކްސީ ބްލީޗް" ހާކައިގެން އެ އިންނަންޖެހޭ ތިން މިނެޓުތެރޭ ފޫހި ފިލުވާލުމުގެ ގޮތުންނެވެ. ފިހާރައަށް ގޮސް ފައުންޑޭޝަން ގަންނަ އިރު، ހަމުގެ ކުލައަށް ވުރެ "އެއް ޝޭޑް" އަލި ކުލައެއް ހޯދަން އުޅެވެނީ، ހަމަ ދޮންވެލާ ހިތުންނެވެ. ސެލްފީއެއް ނަގަން ވިޔަސް، ވީހާ އަވިގަދަ ތަނެއް ބަލައި، މޫނު އަތްވަށް ދިއްކޮށްގެން ފޮޓޯ ނަގަން ތައްޔާރުވެވެނީ ވެސް، ވަގުތީ ގޮތުން ނަމަވެސް، ކޮންމެވެސް މިންވަރަކަށް ހަމުގެ ކުލަ އަލިވޭތޯ އެވެ. ވިހައިގެން ޗުއްޓީ ނިންމާފައި އޮފީހަށް ނިކުތުމުން، "އޭ ހާދަ ފަލަވެއްޖޭ" ބުނުމުން ވީ ދެރައަށްވުރެ، "އޭ ފަލަވީމަ ހާދަ ދޮނޭ" ބުނީމާ ވީ އުފާ ބޮޑުވީ، އުމުރު ދުވަހުގެ ލަނޑުދަނޑިއެއް ހާސިލުވުމުގެ ކޮޅުމަތި ފެންނަނީއޭ ހިތަށްއަރާފަ އެވެ.

މިއީ ދިވެހިން އެކަނި ބޭނުންވާ ކަމެއް ނޫނެވެ. މިއީ، "ދޮން މީހުން" ނުވަތަ ހުޅަނގުގެ ބާރުތަކުން އިރުމަތީގެ ހަޟާރާތްތައް އަޅުވެތިކުރަމުންދިޔަ ޒަމާނުއްސުރެ، "ކަޅު" ނުވަތަ އެމީހުންނަށް ވުރެ ކުލަ އަނދިރި މީހުންނާ މެދު އުފައްދާފައިވާ ތަޞައްވަރާއި ގެންގުޅެފައިވާ ތަޢައްޞަބުގެ ނަތީޖާ އެވެ. އޭރު އެ ބާރުތަކުން އިރުމައްޗާއި އެފްރިކާގެ ޤައުމުތައް އަޅުވެތިކުރުމަށް ދެއްކި އެންމެ ބޮޑު ބަހަނާއަކީ، އަހަރެމެންނަކީ "ނާތަހުޒީބު" ބައެއްކަމުގައި އެމީހުންގެ މީހުންނަށް ދެއްކުމެވެ. އެކަން ހާޞިލުކުރުމަށްޓަކައި އިރުމައްޗާއި އެފްރިކާ ނަޞްލުތަކުގެ މީހުންގެ ހަމުގައި ހުންނަ ކުލައަކީވެސް "ދަށު ފަންތީގެ" ކުލައެއްކަމަށް ދެއްކީ އެވެ. ޚުދު އެ މީހުންގެ ގައިގައި އެ ހުންނަ ކުލަވަރު ހުންނަ އިރުމަތީގެ މީހުންނަކީ ވެސް "ރީނދޫ" މީހުން ކަމުގައި ސިފަކޮށް، އެ ތަޢައްޞަބު އުފަންކުރުވީ އެވެ.

މީ ދެން މާކުރީ ޒަމާނެއްގެ ވާހަކައެކެވެ. އެކަމަކު މައްސަލައަކީ ޒަމާނީ މައްސަލައެކެވެ. ޚާއްޞަކޮށް ދެކުނު އޭޝިޔާގައި މިއީ މައްސަލައެއްގެ ގޮތުގައި ބަލައިގަތުމަށް ވެސް އުނދަގޫވެފައިވާ މައްސަލައެކެވެ. އަވަށްޓެރި އިންޑިޔާގައި މަޑުމަޑުން މި މައްސަލަ ޢާއްމު ސަމާލުކަމަށް އަންނަން ފަށައިފި އެވެ. އެކަމަށް މީހުން ހޭލުންތެރިވާން ފަށައިފި އެވެ. ފެއާނަސް ކްރީމްތައް އެންޑޯޒްކުރާ އެކްޓަރުންނާއި ކުޅިވަރު ތަރިންނަށް ފާޑުކިޔުންތައް އަމާޒުވާން ފަށައިފި އެވެ. ހަމުގެ ކުލަ ކަޅު އަދި އޮޅަލި މީހުންނަށް ބޮލީވުޑުން މަޑުމަޑުން ޖާގަ ލިބެން ފަށައިފި އެވެ. އަވަށްޓެރި، އާބާދީ ބޮޑު އިންޑިޔާއިން މި މިސާލު ދައްކަމުންދާ ނަމަވެސް ދިވެހިންގެ ތެރޭގައި އަދިވެސް މިއީ، ދައްކަން ހެޔޮ ނުވާވަރު ވާހަކައެކެވެ.

ދިވެހިންގެ ނަސްލަކީ އެތައް ޤައުމެއްގެ އެތައް ނަޞްލެއް މަސްހުނިވެފައިވާ ނަސްލެކެވެ. ނަތީޖާއެއްގެ ގޮތުން އެއް އާއިލާއެއްގެ ތެރެއިން ހަމުގެ ކުލަ ތަފާތު އެތައް މީހުންނެއް ފެނުމަކީ ޢާއްމުކަމެކެވެ.

ދިވެހި ޗާޓު ކުރަހަން 1834 ވަނަ އަހަރު އައި ވަފުދުގައި ހިމެނުނު ވިލްމޮޓް ކްރިސްޓޮފާ ދިވެހިން ސިފަކުރައްވާފައިވަނީ ތިރީގައިވާ ގޮތަށެވެ.

"އެބައިމީހުންގައިވަނީ އިންޑިއާގެ އިސްލާމުންގެ ކުލައެވެ. ޔޫރަޕް މީހުންނާ އަޅާބެލުމަށް ކުރުބައެކެވެ. އެބައިމީހުންގެ އިސްކޮޅަކީ ގާތްގަނޑަކަށް ފަސް ފޫޓު ދެ އިންޗިއެވެ. މާލޭން ފެންނަ ބައެއް މީހުންގެ ހަށިގަނޑު އާއްމުކޮށް އެފްރިކާގެ ޚާއްޞަކޮށް ޒެންޒިބާރުގެ ބަބުރުންނާ ވައްތަރެވެ. މަސްކަތުން ބައެއްފަހަރަށް އަންނަ ނާފަހަރުން އެރާއްޖެއަށް ބަބުރުން ގެނެ އެވެ. މިހެން ބުނި ނަމަވެސް މުޅި ރާއްޖޭގެ މީހުންނާމެދު ވިސްނާއިރު މިގޮތެއް ނުފެނެ އެވެ. އަދި ކީއްހޭ މަތީ ދަރަޖައިގެ ބައެއް މީހުންގެ ކުލަ ޢާއްމުންނާ އަޅާބަލާއިރު މާ ދޮނެވެ. ގަދަޔަށް ހީވާގޮތުގައި މިއީ ޕަރްސިޔާގެ ދަރިކޮޅެވެ،"

މާތް ރަސްކަލާނގެ ހެޔޮ ރަޙުމަތްޕުޅުން އަދި މިހާތަނަށް، ހަމުގެ ކުލައަށް ބަރޯސާވެ، ދިވެހިންގެ ތެރޭގައި "އަޕާތެއިޑް" އޭ ބުނާ ފެންވަރުގެ ނިޒާމީ ތަފާތުކުރުންތަކެއް ފެނިފައެއް ނުވެ އެވެ. އެހެން ނަމަވެސް ދިވެހި އާދަކާދައިގެ ތެރެއިން ވެސް ދިވެހިން، ޚާއްސަކޮށް ދިވެހި އަންހެނުން، ހަމުގެ ކުލަ އަލިކުރުމަށް މަސައްކަތްތަކެއް ކޮށްފައިވާކަމަށް ފެންނާން އެބަހުއްޓެވެ.

"ދިވެހި ދިރިއުޅުމުގެ ތެރެއިން" މިފޮތުގައި އުތީމު އާދަމް ޢަބްދުއްރަޙްމާން ޗޯކުޖެހުމާ ބެހޭގޮތުން ލިޔުއްވާފައިވެ އެވެ.

"ޗޯކޭތޯ އެވެ؟ މިނަން ޢާއްމުވެގެން ދިޔައީވެސް މި އެއްޗެއް އަޅުގަނޑުމެންގެ އަތްފައިގައި ހޭކުނު ފަހުންނެވެ. ކުރިން މިއީ ބޯޑުމައްޓެވެ. ބޯޑުގައި ލިޔާ މަށި ފޯއްޔެވެ. މިހާރު އެނގިވަޑައިގެންފި އެހެންނޫންތޯ އެވެ. ޗޯކަކީ އެދުވަސްވަރު ބޯޑުގައި (ބްލެކްބޯޑުގައި) ލިޔަން ގެންގުޅުނު ޗޯކެވެ. ޗޯކުގެ ތެރޭގައި ކުލަ ޗޯކާއި ހުދު ޗޯކުހުރެ އެވެ. މީގެ ތެރެއިން މޫނުގައި ޖަހަން ބޭނުންކުރަނީ ހުދު ޗޯކެވެ. ބައެއް ފަހަރު ރުމާލެއްފަދަ އެއްޗެއްގައި ޗޯކުފޯލި ކާއްތާލުމަށްފަހު މޫނުގައި ފުށްޖަހާހެން ޖަހަނީ އެވެ. އަދި ބައެއް ފަހަރު ފުނަލުގެ ދަތްތަކުން ޗޯކުކޮޅެއް ގާނާލައިގެން މޫނުގައި ހާލާކަނީ އެވެ."

ޗޯކުގެ ޒަމާނަށްފަހު އައީ "ސުނޯ" ނުވަތަ ފެއާނަސް ކްރީމްތަކުގެ ޒަމާނެވެ. އެމީހެއްގެ ހަންގަނޑާ ގުޅޭ ފައުންޑޭޝަންތައް ތަޢާރަފުވެފައިވަނީ ނިސްބަތުން ވަރަށް ފަހުންނެވެ.

ދިވެހި އަންހެނުންގެ ތެރެއިން އެންމެ ރީތި އަންހެނުންކަމުގައި ސިފަކުރެވެނީ ފަތްމިނިންނެވެ. ހަމުގެ ކުލަ އަލިކަމުން ދުނިޔޭގެ އައްޔަށް ނުނެރެ ވަޅުގަނޑުވަރުގައި ފޮރުވައިގެން ގެންގުޅެންޖެހޭ ފަދަ ބައެކެވެ. ދިވެހިން "ހަތް ރީތި" ކަމަށް ބުނާ ހުރިހާ ސިފައެއް ހުންނަ މީހުންނެވެ. ފިމިފެންމާ ކުލަ އަރާ ތުންފަތް، ޖަންބުކުލަ އަރާ ކޯތާފަތް، ތުނިޔަ ނިޔަފަތި، މިއީ ހަމަ ގައިމުވެސް، ހަމުގެ ކުލަ އަނދިރި މީހެއްގެ ގައިގައި ހުންނާނޭ ސިފަތަކެއް ނޫނެވެ. އަހަރެމެން ދިވެހިން އެންމެ އިހު ޒަމާނުއްސުރެ ރީތި މިންކުރަން އޮންނަ މިންގަނޑަކީ ވެސް ދޮން މީހުންގެ ކޮޅަށް ބުރަވާ މިންގަނޑެކޭ މި ބުނެވެނީ މި ސަބަބާހުރެ އެވެ. ކަޅު މީހަކު ރަކިވެގެން ހަލާކުވިޔަސް އަދި ރޮއެ ރޮއެ ހަނާވިޔަސް، ކޮލަކަށް ޖަންބު ކުލައެއް ނާރާނެތާ އެވެ!

ދެން މިއޮތީ މަންމައިންނަށް އޮތް ސުވާލެކެވެ؟ ވިހައިގެން ތުއްތު ދަރިފުޅު ގޮވައިގެން އޮއްވާ ކިތައް މީހުން އައިސް ކުއްޖާގެ ކުލަވަރު ބަލައި، އެކަމާ ބަސްބުނެ ހަދާ ހެއްޔެވެ؟ "ދޮން ދޮން ބިސްކޮޅެއް"، "ލޯބި ދޮން ފުށްކޮޅެއް" މިހެން ބުނާ އަޑު އަހަމުހެއްޔެވެ؟ "ކަޅަކަސް ލޯބި ދޯ؟" މިހެން ބުނާ އަޑު އަހަމު ހެއްޔެވެ؟

އަނެއްކާވެސް ކިޔުންތެރިންނަށް ސުވާލެއް ކޮށްލާނަމެވެ. ޕްރީ ސްކޫލުން ފެށިގެން މަތީ ސާނަވީ އާ ހަމައަށް ކިޔަވައި ނިމުނުއިރު، ސްކޫލް ކޮންސެޓް ފަދަ ހަރަކާތްތަކުގައި "ދޮން، ލޯބި ކުދިން" ކުރީ ސަފަށް އަރުވާކަން ނުވަތަ އެ ގޮތަށް ސިފަކުރެވޭ ކުދިންނަށް ޑްރާމާގެ މައިގަނޑު ރޯލްތައް ދެވޭކަނަށް ފާހަގަކުރެވިފައިވޭ ހެއްޔެވެ؟ ވަޒީފާގެ މައިދާނުގައި ޚާއްޞަކޮށް ކަސްޓަމާ ސާވިސް ވަޒީފާތަކަށް ކުރިމަތިލާއިރު، ހަމުގެ ކުލައާ ގުޅުންހުރި ތަފާތުކުރުންތައް ތަޖުރިބާ ކުރެވިފައިވޭ ހެއްޔެވެ؟

ހަމުގެ ކުލަ އަލިވުމަކީ މައްސަލައެއް ނޫނެވެ. އެއީ މީހަކު ރީތި ނުވާންވީ ސަބަބެއްވެސް ނޫނެވެ. ހަމުގެ ކުލަ އަލި މީހުންގެ ތެރޭގައި ހަމުގެ ކުލަ އަނދިރި މީހުންނާ ދެކޮޅަށް ތަފާތުކުރުންތައް ނުގެންގުޅޭ މީހުންވެސް އުޅެ އެވެ. އަދި ހަމުގެ ކުލަ އަނދިރި މީހުންގެ ތެރޭ މި ބުނާ ތަފާތުކުރުންތައް ގެންގުޅޭ މީހުންވެސް އުޅެ އެވެ. ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ އެ ތަފާތުކުރުމަކީ ދިވެހިންގެ ތެރޭގައި އޮންނަ ތަފާތުކުރުމެއް ކަމެވެ. މި ކަމަށް ޙައްލެއް ގެންނަން އެދޭނެމަ ފުރަތަމަ ފިޔަވަޅަކަށް ވާންވީވެސް މި ތަފާތު އޮންނަކަން ބަލައިގަނެ، މި ވާހަކަ ދައްކަން ފެއްޓުމެވެ. މިއީ އަވަށްޓެރި ޤައުމުތަކުގައި އޮންނަ މިންވަރަށް ބޮޑުވެފައިވާ މައްސަލައެއް ނޫންކަމަށް ބުނެ، އެ ވާހަކަ އޮއްބާލުމަކީ އެންމެ ރަނގަޅުގޮތަށް ނުވުންވެސް އެކަށީގެންވެ އެވެ. މިހެން މި ބުނަނީ ސަބަބެއް ނެތިއެއް ނޫނެވެ. އަހަރެމެން ދިވެހިންނަކީ، ދިވެހި އަންހެނުންނަކީ އެންމެ ކުރީއްސުރެވެސް ސިޔާސީ މައިދާނުގައި ބަސްވިކޭ ބަޔަކު ކަމުގައި ދެކި، ބޭރުގެ އެހެން ބައެއް ޤައުމުތަކުގައި ހުރި މިންވަރަށް ތަފާތުކުރުންތައް ނެތްކަމަށް ދެކި، މިންތީގެ ހަމަހަމަކަމަށް މަސައްކަތްކުރުންވެސް ފަސްކޮށްލައިގެން ތިބި މީހުންވިއްޔާ އެވެ.

ކަލަރިޒަމްއަކީ އެއް ނަސްލެއްގެ މީހުންގެ ތެރޭގައި ކުލަ އަލި މީހުންނާއި އަނދިރި މީހުންނާ ދެމެދު ތަފާތުކުރުމެވެ. މި މައްސަލަ ދިރާސާކުރައްވާ މަޝްހޫރު ދިރާސާވެރިޔާ ޑރ. ސާރާ އެލް ވެބް ލިޔުއްވާފައިވެ އެވެ.

"ކަލަރިޒަމަކީ، ތިމާ އަކީ ދޮން ނަޞްލުގެ މީހަކަށް ނުވިޔަސް، ތިމާގެ ހަމުގެ ކުލަ އަލިވީ މިންވަރަކަށް ތިމާގެ އަގު އުފުލޭކަމަށް" ޤަބޫލުކުރެވޭ ޤަބޫލުކުރެވުމެކެވެ.

ހަންގަޑު ބްލީޗްކުރުމުގެ ނުރައްކާ ދެނެތިބެވެސް، އަހަރެމެން، "ފެމް"ކުރާ ހިތްވަނީވެސް މިހެންވެގެންނެވެ. އަހަރެމެން ދިވެހިންނަށްވެސް މި ކަން ޤަބޫލުކުރެވޭތީ އެވެ. ނޭނގުމެއްގެ ތެރޭގައިނަމަވެސް، އަމިއްލަ ނަފުސަށް އިތުބާރު ނުކުރެވޭތީ އެވެ. ދިވެހިންގެ ތެރޭގައި ހަމުގެ ކުލައިން ތަފާތުކުރެވޭ މިންވަރު ދެނެގަތުމަށް ދިރާސާތަކެއް ކޮށްފައިވާކަން އަދި އެނގިފައެއް ނެތެވެ. އެހެންނަމަވެސް މިއީވެސް މައްސަލަ ޙައްލުކުރުމަށް މުހިއްމު ފިޔަވަޅަކަށް ވެދާނެ އެވެ.

މަޑުމަޑުން ދިވެހި މުޖުތަމަޢު މި ދަނީ ކަޅު މީހުންނަށް ކުރެވޭ ތަފާތުތައް، ޚާއްޞަކޮށް، ކަޅު މީހުން ދެރަކޮށް މަލާމާތްކުރުމަށް ބޭނުންކުރާ ބައެއް ލަފުޒުތައް އެއީ އޭނާގެ އިންސާނީ ކަރާމާތް ގެއްލޭ ފަދަ ލަފުޒުތައް ކަމަށް ބަލައިގަންނަމުންނެވެ. މިހާރުވެސް ގިނަ ބަޔަކު ދެކެނީ އެއީ ސަމާސާއަކަށް ބޭނުންކުރަން އެންމެރަނގަޅު ލަފުޒުތަކެއް ކަމުގަ އެވެ. އެހެން ނަމަވެސް ތަފާތުކުރުން ހުއްޓުވެން މި އޮތީ، އެ ފަދަ ލަފުޒުތަކުން މީހަކަށް ނިކަމެތިކަން އިހުސާސްކުރެވޭނަމަ، އެއީ އޭނާއަށް ނިކަމެތިކަން ލިބޭ ލަފުޒެއްކަން ބަލައިގަނެވިގެންނެވެ.

މިއީ މިއަދު ދެއްކެން އޮތް ވާހަކައެކެވެ. ވިހާ ދަރިފުޅު ދޮން ނޫނީ ކީއްވެގެންތޯ މީހަކު އަހާލުމުން ސިއްރު ސިއްރުން ރުޅި އައިސް ދަތްކުނޑިވިކަން އޮންނާކަށް މިހާރަކު ނުޖެހޭނެ އެވެ. އެފަދަ ކަންކަމަކީ ބަލައިގަނެވޭނޭ ކަންކަން ނޫންކަމަށް އަންގަންވީ އެވެ. އަހަރެމެންގެ ސިނަމާ އާއި ވާހަކަފޮތްތަކުގައި ވެސް ރީތި އަދި ރަނގަޅު މީހުން ސިފަކުރުމުގައި ދިވެހި ނަޞްލުގެ ހުރިހާ ކުލައެއްވެސް ހިމަނަންވީ އެވެ. އާދަކާދަ އާއި ޘަޤާފަތަކީ ވެސް އޭގައި ނާއީޖާބީ ކަންކަން ހިމެނޭނަމަ ބަދަލުކުރެވިދާނެ ކަންކަމެވެ. ކޮށްކޮށް ކުރަ ލާފައިވާ ކޮންމެ އާދައަކީ ބަލައިގަންނަން ޖެހޭ އާދައެއް ނޫނެވެ. އަހަރެމެންގެ ބައެއް ޘަޤާފަތްތައް ވެސް ޚުރާފާތްތަކަށް ވެ ދިޔައީ ނޫންތޯ އެވެ. އަހަރެމެންނަށް މިކަންވެސް ވާނެ އެވެ.