Advertisement

ކިއާނޫގެ ކެރިއަރު އުހަށް ގެންދިޔައީ "ޖޯން ވިކް"

24 މޭ 2021 - 12:15 0

މަޝްހޫރު އެކްޓަރު ކިއާނޫ ރީވްސް.-- ފޮޓޯ: ސީބީއެސް


ކިއާނޫގެ ކެރިއަރު އުހަށް ގެންދިޔައީ "ޖޯން ވިކް"

24 މޭ 2021 - 12:15 0

ނުވަ ދިހައިގެ ފަހު ކޮޅާއި ދެ ހާހުގެ ކުރީކޮޅުގައި ކިއާނޫ ރީވްސްގެ މަގުބޫލުކަން ބޮޑީ މެޓްރިކްސްގެ ކެރެކްޓާ އިންނެވެެ. އެކަމަކު މިދިޔަ 10 ވަރަކަށް އަހަރަށް ބަލާއިރު ކެނެޑާ އަށް އުފަން ކިއާނޫގެ މަޝްހޫރުކަން އިތުރުވީ "ޖޯން ވިކް" ސީކުއެލްއާ ހެދި އެވެ.

ސީބީއެސް އަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި އުމުރުން 56 އަހަރުގެ ކިއާނޫ ބުނީ ހަގީގަތުގައި ކެރިއަރުގެ ނުބައި މިސްރާބެއްގައި ހުއްޓައި ލަޔަންސްގޭޓް އިން ޖޯން ވިކްގެ ފިލްމްތައް ކުޅެން ފުރުސަތު ދިނުން ވެގެންދިޔައީ ކެރިއަރު ކުރިއަށްގެންދަން ލިބިގެން ދިޔަ ފުރުސަތަށް ކަމަށެވެ.

"މެޓްރިކްސް ހަދާން ހުންނާނެ މީހުން ވެސް މަދެއް ނޫން. އެކަމަކު ފަހުގެ ޖީލަށް ޖޯން ވިކް މާ ކަމުދޭ. އަހަރެންގެ އަމިއްލަ ވިސްނުމަށް ބަލާއިރު ވެސް ޖޯން ވިކް ރަނގަޅީ. ޖޯން ވިކްގެ 90 ޕަސެންޓް އަކީ އާންމުންގެ ވިސްނުމަށް ބަލައިގެން ބަދަލުވާ ކަމެއް. އާންމުން ކަނޑައަޅާ ސުޕަ ހީރޯއެއްގެ ރޯލަށް މި ކުޅެވެނީ. ވާހަކަ ކުރިއަށްދަނީ އެ ގޮތަށް ބަލައިގެން،" ކިއާނޫ ބުންޏެވެ.

އެންމެ ފުރަތަމަ ޖޯން ވިކްގެ ފިލްމެއް ރިލީސްކުރީ 2014 ވަނަ އަހަރު އެވެ. އެ ފަހުން މިހާތަނަށް ޖޯން ވިކްގެ ތިން ފިލްމެއް ވަނީ ގެެނެސްދީފަ އެވެ. ކިއާނޫ ވަނީ ދާދި ފަހުން ޖޯން ވިކް ސީކުއެލްގެ އިތުރު ދެ ފިލްމަކަށް ސޮއިކޮށްފަ އެވެ. އެ ދެ ފިލްމް ރިލީސްކުރަން ހަމަޖެހިފައިވަނީ 2022 އާއި 2023 ވަނަ އަހަރު އެވެ.

"އާންމުންނަށް ވަރަށް ކަމުދޭ ޖޯން ވިކްގެ ސްޓަންޓްތައް. ވަރަށް ޒަމާނީ ސްޓައިލެއް އޭގެ އެ ހުންނަނީ. އެ ކެރެކްޓާ އަކީ އާންމުންގެ ހިތްތަކަށް ވެސް ވަރަށް ކަމުދާ ރޯލެއް. އެއީ އެ ފިލްމާ އެކު ކުރިއަށްދާ ސަބަބަކީ ވެސް،" ގިނަ ފިލްމްތަކެއް ކުޅެފައިވާ ކިއާނޫ ބުންޏެވެ.

ކިއާނޫ އަކީ ޗެރިޓީ އަށް ބޮޑު ހަރަދެއް ކުރާ އެކްޓަރެކެވެ. އެ ގޮތުން ކިއާނޫގެ ކެންސަރު ފައުންޑޭޝަން ގްރޫޕުން ކެންސަރާ ބެހޭ ރިސާޗްތައް ކުރުމުގެ އިތުރުން ކެންސަރު ޖެހޭ ކުޑަކުދިންނަށް ފަރުވާކުރަން އެހީތެރިވެ އެވެ.