Advertisement

ތުއްތު މަހާނަ

އަދަދު އާޓްވޯކް: އަބްދުﷲ ޝަފީއު (އަބޯ)


ތުއްތު މަހާނަ

އަސްލު ލިޔުއްވީ: މުޞްޠަފާ އަލްމަންފަލޫޠީ 1924މ

ތަރުޖަމާ: ނޫރުއްސަލާމް އަބޫބަކުރު

ދަރިފުޅާ އެވެ. ދަރިފުޅުގެ މަހާނައިގެ ވެލި އަތުން ފޮޅާލާފައި ގެއަށް އައީމެވެ. ހަނގުރާމައިގެ މައިދާނުން ނާކާމިޔާބުވެ، ކަރުއެލިފައިވާ ކޮމާންޑަރެއް ފަދައިންނެވެ. ވައްޓާލަން ނުކުޅެދުނު ކަރުނަޔަކާއި ލައްވާލަން ނޭނގުނު ގިހެއް ފިޔަވައި އަހަރެންނަށް ލިބިގެންނުވެ އެވެ.

މި މޮޅިވެރިކަން ދަރިފުޅާ މެދުގައި މިންވަރުކުރެއްވި މާތްރަސްކަލާނގެ އަހަރެންނަށް ދަރިފުޅު ދެއްވީ އަހަރެންގެ އެދުމަކާ ލައިގެންނެއް ނޫނެވެ. އަދި އަހަރެންގެ އަތުން ދަރިފުޅު ގެންދެވީ އަހަރެންގެ ދޫކޮށްލުމަކާ ލައިގެންނެއްނޫނެވެ. އެކަލާނގެ އެދިވޮޑިގެންނެވީ އެކަލާނގެ މިންވަރުފުޅު އަހަރެންނާމެދުގައި ފުރިހަމަވުމަށެވެ. ކަންވާރުގެ އަޑީގެ ކިލަނބުގަނޑުގެ ހިތިކަން ވެސް އަހަރެންގެ އަރުގައި ލުމަށެވެ. ކަރުނަޔެއް އެޅުމާއި ގިހެއްލުމުން ވެސް މަހުރޫމްކުރެއްވިގެންވާ ގޮތުގަ އެވެ. ދެކަމުންކުރެ ކަމަކުން ވެސް އަހަރެން މިހުރި ހާލަށް ލުޔެއް ލިބިގެން ނުދާނެ ގޮތުގަ އެވެ. ރުހުމާއި ނުރުހުމުގައި އެންމެހާ ތާރީފެއްވަނީ އެކަލާނގެއަށެވެ. ދެއްވުމާއި އަތުލެއްވުމުގައި އެންމެހާ ސަނާއެއްވަނީ އެކަލާނގެއަށެވެ. އެކަލާނގެ މިންވަރުފުޅަށް ރުހި އަދި އެކަލާނގެ ބަލާތަކަށް ކެތްކުރުމުގައި އަހަރެންގެ ފަރާތުން އޮތީ އެކަލާނގެ އެދިވޮޑިގަތް މިންވަރެކެވެ.

ދަރިފުޅާ އެވެ. ބަލިތަންމަތީގައި ދަރިފުޅު އޮއްވައި ފެނުމުން ހާސްވި އެވެ. މަރުވެދާނެތީ ސިހުންވެ ބިރުގަތެވެ. ދިރުމާއި މަރަކީ މީސްތަކުންގެ ކަމެއްކަމުގައި ހިޔާލުކުރެވުނެވެ. އެއީ އިންސާނުންގެ ބާރުވެރިކަމުގައި އޮތްކަމެއްކަމުގައި ބެލެވުނެވެ. އެހެންވެ އަހަރެން ދަރިފުޅުގެ ހާލާމެދު ޑޮކްޓަރުގެ ލަފާއެހީމެވެ. ޑޮކްޓަރު ބޭސް ލިޔެދިނެވެ. ރަނގަޅުވާނެކަމުގައި ބުންޏެވެ. ރީނދޫ ކުލައިގެ އެދިޔަގަނޑު، ތިއްކަކުން ތިއްކަކުން ކޮއިގެ ތުނބުގައި އަހަރެން ޖެއްސީމެވެ. މިންވަރުފުޅު، ކޮއިގެ ދިރުން ފޮއްޗަކުން ފޮއްޗަކުން ކޮއިގެ ކިބައިން ގެންދެވީ އެވެ. ކުއްލިއަކަށް ބަލާލެވުނުއިރު އަހަރެންގެ އަތްމަތީގައި އޮތީ ހަރަކާތެއް ނެތް ފިނިވެފައިވާ މަސްގަނޑެކެވެ. އޭރުވެސް ބޭސްފުޅި އަހަރެންގެ އަތުގައި އޮތެވެ. ދަރިފުޅު އަހަރެންގެ އަތުން ބީވެއްޖެކަން އެނގުނެވެ. އަދި ކަމަކީ ބޭހުގެ ކަމެއް ނޫންކަން މިންވަރުފުޅުގެ ނިންމުންކަން ވެސް އެނގުނެވެ.

އިރުކޮޅެއްގެ ފަހުން ދަރިފުޅުގެ ތަންމަތި ފަދަ ތަންމައްޗެއްގައި ބައްޕަ ނިދާނަމެވެ. ދަރިފުޅާމެދު ކަންވީ ގޮތަށް ބައްޕައާމެދު މިންވަރުފުޅު ކަންކުރާނެ އެވެ. ހީވާގޮތުން އަހަރެންގެ ހަނދާނުގައި އެންމެ ފަހު ކަމަކަށް ދެމިހުންނާނީ، އަހަރެންގެ ދެ އަތުން ދަރިފުޅަށް ދެވުނު ހިތި ބޭސްތައް ލަވައިދެވުނު، އޭގެ ވޭންވަރު ހިތުން ފިލުވައިނުލެވުނު އެވަގުކޮޅެވެ. އެބޭހުގެ ހިތިކަމުން ދަރިފުޅުގެ މޫނުގެ ކުލަވަރަށް އައި ބަދަލެވެ. ގުނަންތަކަށް އައި ލޮޅުމެވެ. ދެލޮލުން އެޅި ކަރުނަޔެވެ. އެއިން ސަލާމަތްވުމަށް ބައްޕަގެ ދެއަތް ދުރުކޮށްލުމުގެ ބާރެއް ދަރިފުޅަށް ލިބިފައިނުވިއެވެ. އަދި އޭގެ ހިތިކަމައިގެން ޝަކުވާކުރުމުގެ ހިތްވަރެއް ވެސްމެ އެވެ.

ބައްޕައަށާއި ދަރިފުޅަށްވެސް ރަނގަޅުވީހީ އެކަން މާތް ﷲ އާ ވަކީލުކުރެވުނު ނަމައެވެ. ދަރިފުޅުގެ ކަންތަކުގައި، ދަރިފުޅުގެ ބައްޔާއި ޝިފާގަ އެވެ. ދިރިހުރުމާއި މަރުވުމުގަ އެވެ. ބައްޕައާ ވަދާއުކީ އެންމެ ފަހު ހިނދުކޮޅަކީ ބައްޕަގެ އަތުން އެހުރިހާ ވޭނެއް ދަރިފުޅަށް ތަހައްމަލުކުރަން ނުޖެހުނު ވަގުތެއްކަމުގައި ހެދުނު ނަމަ އެވެ. މިހާރު މިވީގޮތުން އަހަރެންނަށް ގަބޫލުކުރެވެނީ، އަހަރެންނަކީ ވެސް ދަރިފުޅުގެ މައްޗަށް މިންވަރުފުޅުގެ ބައިވެރިއެއްކަމެވެ. އަދި މިންވަރުފުޅު އޭގެ އަތުން ދަރިފުޅަށް ދިން ހިތި ރަހަޔަށްވުރެ ބައްޕަގެ އަތުން ދަރިފުޅުގެ ތުނބުގައި ޖެއްސި ބޭސްފޮދުގެ ހިތިކަން ވަކި ކުޑަ ނޫންކަމެވެ.

ދަރިފުޅަށް ފަހުގައި ހަޔާތުގެ މޫނުމަތީގެ ހުތުރުކަމާ އެވެ. ދަރިފުޅަށްފަހުގައި މިކާއިނާތުގެ ސޫރައިގެ ހަޑިކަމާ އެވެ. ދަރިފުޅު ވަކިވެދިއުމަށް ފަހު މިގޭގެ އަނދިރީގެ ގަދަކަމާ އެވެ. މީގެ ކުރީގައި އަހަރެންގެ ކޮންމެ އެއްޗެއް އަލިކޮށްދޭ ވޮށެއްކަމުގައި ކޮއިފުޅުވީމު އެވެ. އެކަމަކު މިއަދު އަހަރެންގެ ދެލޮލަށް އަހަރެންގެ ވަށައިގެން އަނދިރިވެއްޖެ އެވެ. ދަރިފުޅުގެ ވަށައިގެންވާ ކަށްވަޅުގެ އަނދިރިކަން ފަދައިންނެވެ.

ރޯ މީހުން ދަރިފުޅުގެ މައްޗަށް ބޭނުންވަރަކަށް ރޮއި ހިތާމަކޮށްފި އެވެ. އެމީހުންގެ ކަރުނަ ހުސްވަންދެނެވެ. ގައިން ބާރުދަންދެނެވެ. އެއަށްފަހު އެމީހުންގެ ތަންމަތިތަކަށްވަދެ ހިމޭންވެއްޖެ އެވެ. މިރޭގެ މިއަނދިރީގައި މިހާރު ހޭލައިހުރީ އިހުލާސްތެރި ދެލޮލެއް އެކަންޏެވެ. ބިކަވެ މިސްކީނުވެފައިވާ ދަރިފުޅުގެ ބައްޕާގެ ދެލޮލެވެ.

ވަރުބަލިވާވަރަށް ރޭގަނޑު އަހަންނަށް ދިގުލައިފި އެވެ. އެކަމަކު ދުވާލުގެ އަލިކަން އަރައި ރޭގަނޑުގެ ކަޅުކަން ފިލުވައިލުމަށް އަހަރެން ނޭދޭނަމެވެ. ދުވާލުގެ މޫނު ނުފެންނާނެހެން ރޭގަނޑު ދެމިއޮންނާނެ ނަމަ އެވެ. ނުވަތަ ދުވާލުގެ އަލިކަންވާނެ ނަމަ އެވެ. މިއަނދިރިކަމުން އަހަރެން ވަރުބަލިވެއްޖެ އެވެ.

އަހަރެން މިއަދު ވަޅުލީ ދަރިފުޅެވެ. އޭގެ ކުރިން ދަރިފުޅުގެ ބޭބެ އެވެ. އަދި ތިދެބޭންގެ ކުރީން ދޮށީ ދެދައްތަ އެވެ. އަހަރެން ކޮންމެ ދުވަހަކު އައު މެހުމާނަކަށް މަރުހަބާ ކިޔައި، ދަތުރުވެރިއަކަށް އަލްވަދާއު ކިޔާފަދަ އެވެ. ބުރަތަކުގެ އެންމެ މަތީން ތަހައްމަލުކުރަންޖެހިފައިވާ މިހިތަށް މެދުވެރިވި މާތް ﷲ ގެ މިންވަރުފުޅެވެ.

ތިޔައިން ކޮންމެ ދަރިޔަކު ބައްޕަގެ މޭގަނޑުން ބަޔެއް ތިދަނީ އިރާލާފަ އެވެ. އެޔަށްފަހު ބައްޕަގެ މޭގަނޑަކީ ފޮތިފޮއްޗަށް ކޮށާލެވި، ގަބުރުސްތާނުގެ އެތަން މިތަނަށް އުކާލެވިފައިވާ އެއްޗެއްކަށް ވެއްޖެ އެވެ. މާގިނަ ދުވަހަށް ދެމިނޯންނާނެ އެތިފުކެއް ނޫނީ މިހާރު ބާކީ ނެތެވެ. އަދި ޒަމާން އޭގެ އެކުވެރިން ގެންދިޔަ ފަދައިން އެއެތިފުށް ވެސް ޒަމާން ދޫކޮށްލާނެ ކަމަކަށް ނުފެނެ އެވެ.

ދަރީންނޭވެ! އައުމަށްފަހު ދަނީ ކީއްވެ ހެއްޔެވެ؟ މިތަނުގައި ނުތިބޭނެކަން އެނގޭނަމަ އައީ ކީއްވެ ހެއްޔެވެ؟ ތިޔަ ކުދިން ނައިނަމަ ކުދީން ބީވެދިޔައީތީ ހިތާމަކުރަން ނުޖެހުނީހެވެ. އަހަންނަކީ އަހަރެންގެ އަތުގައި ނެތް އެއްޗެއްސަށް ލޯ އަޅާ މީހެއް ނޫނެވެ.

ތިޔަކުދިންގެ ކަންތަކުގައި ޒަމާނާމެދު އަހަރެން ރުހުނީ އަހަރެންގެ ހިނގާ މަގާ ދުރުހެލިވެގެން ޒަމާން އޮތުމަށެވެ. އަހަރެންނަށް އޭނާގެ މޫނު ނުދެއްކުމަށެވެ. އަހަންނަށް އޭނާ ނުފެނި އޭނާއަށް އަހަރެން ނުފެނުމަށެވެ. އަހަންނަށް ހޮޔޮކޮށްވެސް ގޯސްކޮށް ވެސް ނުހިތުމަށެވެ. އަހަންނަށް ހެވެއް އަދި ނުބަޔެއް ވެސް ނުދިނުމަށެވެ. އަހަރެންގެ ކުރިމަތީގައި ހިނިތުންވެގެން ވެސް މޫނުހަދައިގެންވެސް ނުހުރުމަށެވެ. އަދި ހޭ މީހެއްގެ ގޮތުގައި ނުވަތަ ރޯ މީހެއްގެ ގޮތުގައިވެސް ނުވުމަށެވެ. އޭނާ އަހަރެންނާ މެދު އެގޮތަށް ރުހުންނަމަ ކޮންފަދަ ހެއްޔެވެ؟ އެކަމަކު އޭނާ އެއަށްވުރެ ހިތްއަލިވެފައި ތޫނުފިއްޔެވެ. އަހަންނަކީ ލިބިފައިވާ އެއްޗެއް ބީވުމުން ނޫނީ ނިއުމަތަކާ ގުޅިގެން ހިތާމަނުކުރާ މީހެއްކަން އޭނާ އަށް އެނގެ އެވެ. އެއްޗެއް ލިބުމުގެ މީރުކަމާ ނުލައި ނުލިބުމުގެ ނުމީރުކަމުގެ އިހްސާސް އަހަންނަށް ނުވާނެކަން އޭނާ ދަނެ އެވެ. އޭނާ އަސްލު ކަންކުރަންޖެހޭނެ ގޮތަކީ ﷲ ގެ ހަޒުރަތުގައި އޭނާގެ ނަފުސުގެ މައްޗަށް އަޅުތަކުންނާ މެދު ހިންގުމަށް އަހުދުކަށަވަރުހިފި ގޮތާއި އުސޫލު އަހަންނާ މެދު ވެސް ހިންގުމެވެ.

ދަހިވެތިކަމުގެ ދޮރުން އަހަރެންގެ ގާތަށް އޭނާއަށް ނުވަދެވުމުން އޭނާ އަހަރެންގެ ގާތަށް ވަނީ އުންމީދުގެ ދޮރުއަށިންނެވެ. އޭނާ އަހަންނަށް ހަދިޔާދިނުމަށްފަހު އިންތިޒާރުގައި ފާރަލާން ހުއްޓެވެ. އަހަރެންގެ ކިބައިގައި އިންދި އުންމީދުގެ އޮށް ހެދި ފޯދި އޭގެ ނިއުމަތުގެ ފޮނިކަން އަހަންނަށް އަތުވެއްޖެކަން އެނގުމުން، ކުއްލިއަކަށް އައިސް އަހަރެންގެ އަތުން ޖަހައިގަތީ އަހަރެންގެ އަތުގައި އޮތް އެންމެ ބޮޑު ނިއުމަތެވެ. ތައްޔާއެކީ އަރުހިކިފައިވާ މީހާގެ އަތުގައި އޮތް ފިނިފެންފުޅި ޖަހައިގަންނަ ފަދައިންނެވެ. މޭގަނޑުގެ ފާރު އިތުރަށް ބޮޑުކުރުމަށެވެ. އެނޫން ގޮތަކަށް އޭނާ އެކަން ކުރަން ދިމާކުރިނަމަ އެކަންކުރާކަށް ލާހިކެއް ނޫނެވެ. އަހަންނާ ހަމައަށް އޭނާއަށް އާދެވޭނެ އެއްވެސް މަގެއް ނެތުނީހެވެ.

ދަރީންނޭވެ! ސުވަރުގޭގެ ބަގީޗާއެއްގައި ނުވަތަ އެތަނުގެ ކޯރެއްގެ އައްސޭރީގައި ނުވަތަ އެތަނުގެ ގަނޑުވަރަކުން ތަނަވަސް މާލަމެއްގައި ހުރިހާ ކުދިން ބައްދަލުވެއްޖެނަމަ، ބައްޕަ ތިޔަކުދިން މަތީން މިހަނދާން ކުރާހެން ބައްޕަގެ މަތީން ހަނދާންކޮށްދޭށެވެ! އަދި ހުރިހާ ކުދިން އެއްސަފަކަށް އެތުރި، ސަލާންޖަހާ މީހުން ފަދައިން ދެއަތް އުފުލައި މާތް ކަލާނގެއަށް ދަންނަވާށެވެ. އޭހައްދަވާ ބޮޑުކުރެއްވި ރަސްކޮލާކޯ އެވެ. މިހިރަ މިސްކީނު ފިރިހެނާއަކީ އަހަރެމެން ކުދީން ދެކެ ލޯބިވާ އަދި އަހަރެމެން އޭނާ ދެކެ ލޯބިވާ މީހެއްކަން އިބަރަސްކަލާނގެ ދެނެވޮޑިގެންވަމު އެވެ! ދުވަސްތައްވަނީ އޭނާއާއި އަހަރެމެން ވަކިކޮށްފަ އެވެ. އަހަރެމެންގެ ފަހަށް ވެސް ހަޔާތުގެ ނުތަނަވަސްކަމާއި ދެރަކަމާއި ބައްދަލުކުރުމުގައި އޭނާ ފިލާނުދެ އެވެ. އޭނާއަށް އުފުލައިގަތުމަށް ނުކުޅެދިގެންވާވަރަށެވެ. އިބަރަސްކަލާނގެ ހަޒުރަތުގައި އިބަރަސްކަލާނގެ ދެކެދެނޮވިޑގަތުމުގެ ތެރެއިން އަހަރެމެންނަށް ލިބެމުންމިދާ އުފާފާގަތިކަމާއި ނިއުމަތްތަކާއެކު ވެސް އޭނާއާމެދު އޮތް ޝައުޤު އަހަރެމެންގެ ކިބައިން ފިލައި ނުދެ އެވެ. އަހަރެމެންނާއި އޭނާއަށް އެހާބޮޑު ވޭން ޖެއްސެވުމަށް ވުރެ އިބަރަސްކަލާނގެ އޯގާވެރިކަން މާބޮޑެވެ. އަހަރެމެން އޭނާގެ ގާތަށް ގެންދާނު ހެއްޔެވެ؟ ނުވަތަ އޭނާ އަހަރެމެންގެ ގާތަށް ގެނެސްދޭނު ހެއްޔެވެ؟ ނޫނެކެވެ. އެހެންނެއް ނޫނެވެ. ބައްޕަ ތިޔަކުދިންގެ ކައިރިއަށް ގެންގޮސްދިނުމަށް ނޫނީ ނޭދޭށެވެ. ބައްޕަ އުޅުމަށް ނުރުހުންތެރިވާ ދިރިއުޅުމެއްގައި ތިޔަކުދިން އުޅޭކަށް ބައްޕަ ނުރުހެމެވެ. ފަހަރެއްގައި އަހަރެންގެ ދުއާތަކުން އިޖާބަނުވި ކަމެއް ތިޔަކުދިންގެ ދުއާއިން މާތް ﷲ އިޖާބަކުރައްވާފާނެ އެވެ. އިސާހިތަކު ބައްޕައާއި ތިޔަކުދިންގެ ދެމެދުގައިވާ ފަރުދާ ހިއްލި ކުރިޔެކޭ އެއްގޮތަށް ބައްދަލުވެދާނެ އެވެ.