Advertisement

މާވަށު އިންތިހާބުގެ މައްސަލަ ހައިކޯޓާ ހަމައަށް

14 މޭ 2021 - 21:28 0

ނާޒިމް ހަސަން

ނާޒިމް ހަސަން

ކައުންސިލް އިންތިހާބުގައި މީހަކު ވޯޓުލަނީ: މާވަށު އިންތިހާބާ ގުޅޭ ޝަކުވާއެއް ވަނީ ހައިކޯޓަށް ހުށަހަޅާފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު


މާވަށު އިންތިހާބުގެ މައްސަލަ ހައިކޯޓާ ހަމައަށް

14 މޭ 2021 - 21:28 0

ސިޔާސީ ވާދަވެރިކަން ބޮޑު، ލ. މާވަށުގެ ކައުންސިލް އިންތިހާބާ ގުޅޭ ޝަކުވާއެއް ހައިކޯޓަށް ހުށަހަޅައިފި އެވެ.

ހައިކޯޓުން މައުލޫމާތު ދިން ގޮތުގައި، މާވަށު އިންތިހާބާ ގުޅޭ ޝަކުވާ މިހާރު ވަނީ ބަލައިގެންފަ އެވެ. ނަމަވެސް، އިންތިހާބީ ޝަކުވާއާ ގުޅޭ ތަފްސީލެއް އަދި ނުލިބެ އެވެ.

މާވަށު ކައުންސިލްގެ އިންތިހާބު އެންމެ ފުރަތަމަ ބޭއްވިއިރު، ދާއިރާއަށް ނިސްބަތްނުވާ މީހަކު މާވަށު ދެ ނަމްބަރު ފޮށްޓަށް ވޯޓުލާފައިވެ އެވެ. ކައުންސިލްގެ ރައީސް އާއި ކައުންސިންގެ މެމްބަރެއްގެ މަގާމަށް ވާދަކުރި ގޮނޑިއަށް އެއްވަރަށް ވޯޓު ލިބިފައިވުމުން އިލެކްޝަން ކޮމިޝަނުން ނިންމީ އަލުން ވޯޓުލުމަށެވެ.

އެގޮތުގެ މަތިން މި މަހުގެ އެއްވަނަ ދުވަހު ބޭއްވި ދެވަނަ ބުރުގައި ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ރައީސް އާއި ކައުންސިލްގެ މެންބަރުގެ ގޮނޑީގަ އެވެ. އަދި، ވޯޓުލުން އޮތީ ގޯސް ބަޔަކު ވޯޓުލީ ފޮށީގަ އެކަންޏެވެ.

ދެވަނަ ބުރަށް ފަހު ވެސް މާވަށުގެ އިންތިހާބުގެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެގެން ދިޔަ އެވެ. ޕީޕީއެމްގެ އިސް ބޭފުޅުން ވެސް ބާޖަމާލުއްދީނަށް އެއްވެ ކަންބޮޑުވުން ފާޅުކުރެއްވިއިރު އެ ބޭފުޅުން ތުހުމަތު ކުރެއްވީ ހަމައެކަނި ދެވަނަ ބުރުގައި ވޯޓުލީ ފޮށްޓަށް ބަލައިގެން ދާއިމީ ނަތީޖާ ނެރެން އުޅޭ ކަމަށެވެ.

ނަމަވެސް، އިލެކްޝަން ކޮމިޝަނުން ނަތީޖާ ނެރުނީ އެގޮތަކަށް ނޫނެވެ. އަދި، ކާމިޔާބު ވެސް ލިބުނީ ޕީޕީއެމްއަށެވެ.

މާވަށު ކައުންސިލްގެ ރައީސްގެ ގޮނޑިއަށް ފުރަތަމަ ބުރުގެ ނަތީޖާ ބަލާއިރު އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އަބްދުއް ރަހްމަނަށާއި ޕީޕީއެމްގެ ކެންޑިޑޭޓް އަހްމަދު މޫސާއަށް ވެސް ލިބިފައިވަނީ ޖުމްލަ 525 ވޯޓެވެ.

ނަމަވެސް ދެވަނަ ބުރާއެކު ނަތީޖާ މުޅިން އެނބުރިގެން ދިޔަ އެވެ. ދެވަނަ ބުރުގެ ވޯޓާއެކު ޕީޕީއެމްގެ އަހުމަދު މޫސާއަށް ޖުމްލަ ލިބިފައިވަނީ 557 ވޯޓެވެ. އޭނާއާ ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓަށް ލިބުނީ 531 ވޯޓެވެ.

ފުރަތަމަ ބުރުގައި ނަތީޖާ އެއްވަރުވި މެންބަރުގެ ގޮނޑި ވެސް ދެވަނަ ބުރާއެކު ކާމިޔާބުކުރީ ޕީޕީއެމްގެ ކެންޑިޑޭޓެވެ. އެގޮތުން އެ ޕާޓީގެ އިބްރާހިމް އަބޫބަކުރަށް 491 ވޯޓު ލިބުނުއިރު ވާދަވެރި އެމްޑީޕީގެ ކެންޑިޑޭޓު ހަސަން ޝީފާޒަށް ލިބުނީ 379 ވޯޓެވެ.

މާވަށަކީ އަބަދުވެސް އިންތިހާބުތަކުގައި ވާދަވެރި ރަށެކެވެ. އެގޮތުން، އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ވަރަށް ވާދަވެރި ނަތީޖާއެއް ނުކުތްއިރު، ނަތީޖާ ޔަގީންކުރުމަށް ވޯޓު އަލުން ގުނާފައިވެސްވެފަ އެވެ. އެފަހަރު ވެސް ކާމިޔާބުކޮށްފައިވަނީ ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު ސައީދެވެ.

ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭ ހަ މައްސަލައެއް މިހާރު ވެސް ހައިކޯޓުގައި ކުރިއަށް އެބަ ގެންދަ އެވެ. އޭގެ ތެރެއިން ގއ. ކޮނޑޭ ކައުންސިލްގެ އިންތިހާބީ ޝަކުވާގެ މައްސަލާގައި އެ ރަށުގެ ކައުންސިލްގެ އިންތިހާބީ ރައީސް ހުވާކުރުން ފަސްކުރުމަށް ހައި ކޯޓުން ވަނީ އަންގާފަ އެވެ.

ގާނޫނުގައިވާ ގޮތުން، އިންތިހާބީ ޝަކުވާތައް ހައިކޯޓާ ހަަމައަށް ދަނީ އެ ޝަކުވާ އިލެކްޝަން ކޮމިޝަނަށް ހުށަހެޅުމަށްފަހު، އެ ކޮމިޝަންގެ ނިންމުމާމެދު ހިތްހަމަނުޖެހޭނަމަ އެވެ. ކައުންސިލް އިންތިހާބާ ގުޅިގެން އިލެކްޝަން ކޮމިޝަނަށް ހުށަހެޅި ގިނަ ޝަކުވާތައް އެ ކޮމިޝަނުން ބަލައިގެންފައެއް ނުވާއިރު، އިންތިހާބުގެ ރަސްމީ ނަތީޖާ މިހާރު ވަނީ އިއުލާންކޮށްފަ އެވެ. މި މަހުގެ 17 ވަނަ ދުވަހު އާ ކައުންސިލުން ހުވާ ކުރުމަށް ވެސް ދަނީ ތައްޔާރުވަމުންނެވެ.