Advertisement

ލުއިވެފަ އަނެއްކާ ބަރުވީތަ؟

12 މޭ 2021 - 11:49 3

ޖީލީން މުހައްމަދު

ޖީލީން މުހައްމަދު


ލުއިވެފަ އަނެއްކާ ބަރުވީތަ؟

12 މޭ 2021 - 11:49 3

އަހަރެމެންގެ ތެރޭގައި ގިނަ މީހުންނަކީ އަބަދުވެސް ޑައެޓާއި މެދު ވިސްނާ ބައެކެވެ. އަބަދު ވެސް އުޅެވެނީ ބަރުދަން އިތުރުވާތީ ޑައެޓްކުރުމުގަ އެވެ. ތަފާތު ނޫސްތަކުގެ އާޓިކަލްތަކުގައި އެކި ކަހަލަ މޮޅު ޑައެޓް ގެ ތަފްސީލް ލިޔެފައި ހުއްޓާ ނުފެންނަ ދުވަހެއް ނެތޭ ދެންނެވިޔަސް ދޮގަކަށް ނުވާނެ އެވެ. ބިސް ޑައެޓް، ސެލެޑް ޑައިޓް ނުވަތަ ތުވާއްޔަކުން ބަނޑު ހިންދާލާނެގޮތް ވަރަށް ފަށުވިކޮށް ލިޔެފައި ހުއްޓާ ކިޔާ ތަޖުރިބާ ވެސް ކުރެވިއްޖެ އެވެ.

ތަފާތު ޑައެޓްތައް ކުރުމުގެ މައިގަނޑު މަގުސަދަކަށްވެފައި އޮންނަނީ ބަރުދަން ލުއި ކުރުމެވެ. އެހެންކަމުން ޑައެޓް ގެ މާނައަށް ބަލާލަމާ ހިނގާށެވެ. ޑައެޓް މި ލަފްޒުގެ މާނައަށް ބަލާއިރު އެއީ އާންމު ގޮތެއްގައި މީހުން ކެއުން ގެންގުޅޭ ގޮތް، ބަރުދަން ލުއިކުރުމަށް ނުވަތަ ސިއްހީ މައްސަލައަކަށް ކެއުން ބައްޓަންކުރާގޮތް ނުވަތަ ނުކައި ދޫކޮށްލާ ވަކި ބާވަތްތަކެއްގެ ކާނާ އެވެ. އާއްމު ގޮތެއްގައި ޑައެޓުކުރުމުގެ މާނަ އަހަރެމެންގެ ތެރޭގައި މަޝްހޫރުވެފައިވަނީ ކުރުމުއްދަތެއްގައި ނަތީޖާ ހާސިލްކުރުމަށް ކެއުން ގެންގުޅޭ ގޮތެވެ. އެއީ ހަފްތާއަކުން ފަސް ކިލޯ ލުއިކުރުން، އެއް މަސް ދުވަހުން 20 ކިލޯ ލުއިކުރުން ފަދަ މަގުސަދަކަށް ކެއުން ގެންގުޅޭ ގޮތެކެވެ.

ޑައެޓްގެ ތެރޭގައި ހަށިގަނޑަށް ފައިދާހުރި ޑައެޓާއި ހަށިގަނޑަށް ގެއްލުންދެނިވި ޑައެޓް އެބަހުއްޓެވެ. އާއްމުގޮތެއްގައި އަހަރެމެން ދިވެހިންނަށް ޑައެޓްގެ ލަފްޒީމާނަ ދަސްވެފައިާ ގޮތާއި އަމަލުކުރެވޭ ގޮތަކީ މިބުނި ގެއްލުންދެނިވި ގޮތަށް ކުރެވޭ ޑައެޓުތަކެވެ. އެއީ ވަކި މުއްދަތަކަށް ކާބޯހައިޑްރޭޓްސް ކަނޑާލުން، ވަކި ބާވަތެއްގެ ކާނާއަށް އެކަނި ހާއްސަވުން ނުވަތަ ގިނަ ވަގުތު ބަނޑުހައިކަމުގައި ހުރުންފަދަ ޑައެޓްތަކެވެ. މީގެ ނަތީޖާއެއްގެ ގޮތުން ހަށިގަނޑަށް ބޭނުންވާ މުހިއްމު އެތައް ބާވަތްތަކެއް މަދުވުމާއި، ފެން މަދުވުމާއި، ހަކަތަ ނެތުން، ބޮލުގައި ރިއްސުން، މައިގްރޭންވުން ފަދަ ކަންކަމާ ކުރިމަތިލާންޖެހެ އެވެ. މިގޮތަށް ކުރެވޭ ޑައެޓް ދިގުލައިގެން ދާނަމަ ހަށިގަނޑަށް ނޭދެވޭ އެތައް އަސަރެއްކުރެ އެވެ. އަދި ޑައެޓްގައި ހޭދަވާ ކުރުމުއްދަތު ނިންމާލުމުން ކުރީގެ ބަރުދަނަށް މީހާ ރުޖޫއަވާކަށް ލަހެއްފަހެއް ވެސް ނޯވެ އެވެ.

ފައިދާހުރި ކާނާ ކެއުމާއި ދުޅަހެޔޮ ދިރިއުޅުމެއް އުޅުން

ސިއްހީ ކާނާ ކެއުމަށް އާދަކުރުމާއި ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަކީ ޑައެޓް ގެ ލަފްޒާ އަދި ޑައެޓްގެ އާދަތައް އަހަރެމެން މާނަކުރާގޮތާއި މުޅިން ތަފާތު ކަމެކެވެ. މި ދެ ލަފްޒުގެ މާނައާއި އާދަތައް ދަސްކުރުމާއި އަމަލުކުރުން މިއީ މިއަދު އަހަރެމެން ކުރަންވެއްޖެ ކަމެކެވެ. އެދުވަހެއްގެ އިރުއެރި ކޮންމެ ދުވަހަކީ އަހަރެމެންނަށް ތަފާތު ނޫސްތަކާއި ޕޯސްޓް ތަކުން، އެކި އެކި ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންގެ ވާހަކަތައް ފެނި ކިޔޭ ދުވަހެކެވެ. ކުއްލި ހާޓްއެޓޭކްއާއި ކިޑްނީ ބައްޔާ މިފަދަ އެހެން ވެސް ބަލިތަކެވެ. މިހުރިހާ ކަމަކުން ސަލާމަތްވެ ތިބުމަށް ދުޅަހެޔޮ ދިރިއުޅުމަކީ ކޮބައިކަން ދެނެގަނެ ދުޅަހެޔޮ ދިރިއުޅުމަކަށް ބަދަލުވާންޖެހެ އެވެ.

އަހަރެމެންގެ ދިރިއުޅުމުގެ ކޮންމެ ދުވަހަކަށްވެސް ބޭނުންވަނީ ކެއުމުގައި ހިމެނެންޖެހޭ އެއްވެސް ބާވަތެއް އުނިކުރުމަކާ ނުލާ، ހުރިހާ ބާވަތެއްގެ ކާނާ ހިމަނައިގެން ކެވޭ ބެލެންސްޑް ޑައެޓެކެވެ. ހަށިގަނޑަށް ފައިދާހުރި ރަނގަޅު ޑައެޓަކީ އެއީ އެވެ. އަދި ކޮންމެ ދުވަހެއްގައި ވެސް ހަށިގަނޑު ހަރަކާތްތެރިކޮށް ކަސްރަތުކުރުމަކީ ދުޅަހެޔޮ ދިރިއުޅުމެއްގެ އެއް އަސާސެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން އިންސާނުންނަށް ބޭނުންވާ ނިއުޓްރިޝަންގެ ތަފްސީލްގެ މުހިއްމު ފަސް އިރުޝާދެއް އާންމުކޮށްފައި އޮވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އަންނަނިވި ކަންކަމެވެ.

  • - ހަށިގަނޑަށް ބޭނުންވާ ކެލަރީސް އާއި އެއް މިންގަނޑަކަށް ކެއުން ގެންގުޅުން
  • - ކެއުމުގައި މޭވާއާއި ތަރުކާރީ ގެ ބާވަތްތައް ގިނަކުރުން
  • - ކެއުމުގައި ބޭނުންކުރާ ސެޗްރޭޓެޑް ފެޓްސްއަދި ޓްރާސްފެޓް މަދުކުރުން: މިފަދަ ފެޓްސް އާންމުގޮތެއްގައި ހުންނަނީ ކޭކްގެ ބާވަތްތަކާއި ފޮނިކާތަކެއްޗާއި ތެލުލި ޗިޕްސް އާއި ތެލުލި ކާނާ އަދި ރެޑް މީޓް ފަދަ ތަކެތީގައި.
  • - ކެއުމުގައި ހަކުރު ބޭނުންކުރާ މިންވަރު މަދުކުރުން.
  • - ކެއުމުގައި ލޮނު ބޭނުންކުރާ މިންވަރު މަދުކުރުން.

ބަރުދަން ލުއި ކުރުމަށް އެންމެ ރަނގަޅީ ދުޅަހެޔޮ ދިރިއުޅުމެއް

ބަރުދަން ލުއިކުރުމާއި ދުޅަހެޔޮ ދިރިއުޅުމަކަށް އެންމެ ރަނގަޅީ ދިގު މުއްދަތަށް ނުވަތަ އެކަމަށް އާދަވާ ހިސާބުންފެށިގެން މުޅި ހަޔާތުގައ ިވެސް ސިއްހަތަށް ފައިދާހުރި ކާނާ ކެއުމާއި ކަސްރަތުކުރުމެވެ. މިއީ އެއް މަސް ނުވަތަ ދެ މަހުގެ ލަނޑުދަނޑިއަކަށް ހަދާ ނިންމާލަން ޖެހޭ ކަމެއްނޫނެވެ. ކެއުމުގައި ކާނާ ހިމަނާ މިންވަރު ހަމަހަމަކޮށް ކޮންމެ ދުވަހެއްގައިވެސް ކޮންމެވެސް ކަސްރަތެއް ކޮށްލުމަކީ، ތަފާތު ނުރައްކާތެރި ބަލިތަކުން ސަލާމަތްވެވެން އޮތް މަގެވެ.

ހަފްތާއެއްގެ މުއްދަތަށް ސެލަޑް ކޮޅަކުން ފުއްދާލައިގެން ހުރެ ތިޔަ ވީ ގުރުބާނީން ދުއްވާލި ދެ ކިލޯ އަނެއް ހަފްތާ ނިމޭއިރު އިއާދަވަނީ ބެލެންސްޑް ޑައިޓަކީ ދިރިއުޅުމުގެ ވައްޓަފާޅިއަށް ނުހެދޭތީ އެވެ. ޑައިޓަކީ ހަމައެކަނި މޫސުމީ ކަމެއްގެ ގޮތުގައި ދެކޭތީ އެވެ. ދުޅަހެޔޮ ސިއްހީ ދިރިއުޅުމެއް އުޅޭން ގަސްތުކުރާ ނަމަ ބެލެންސްޑް ޑައިޓަކީ ދިރިއުޅުމުގެ ވައްޓަފާޅިއަށް ހަދަން ޖެހެ އެވެ. ބެލެންސްޑް ޑައެޓަކާ ގަވާއިދުން ކުރާ ކަސްރަތުގެ ބޭނުމަކީ ހިކުން ނޫންކަމާއި، އެއީ ދުޅަހެޔޮ ސިއްހަތެއްގައި ދެމި ހުރުމަށް ކުރާ ކަމެއްގެ ގޮތުގައި ދެކޭން ޖެހެ އެވެ. އެ ގޮތަށް އަމަލު ނުކުރެވޭނަމަ ތިޔަ ކުރާ ޑައެޓުން ކުރާނޭ އެއްވެސް ފައިދާއެއް ނެތެވެ.