Advertisement

ބަދަލު ހިސާބު ކުރުމާ ގުޅޭ ސާފު، އެއްގޮތް އުސޫލު މުހިންމު!

20 ޖޫން 2021 - 08:42 1

ނާޒިމް ހަސަން

ނާޒިމް ހަސަން

ސުޕްރީމް ކޯޓު: ބަދަލު ހިސާބު ކުރުމާ ގުޅޭ އެއްގޮތް އުސޫލެއް ވަނީ ވުޖޫދުކޮށްފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު


ބަދަލު ހިސާބު ކުރުމާ ގުޅޭ ސާފު، އެއްގޮތް އުސޫލު މުހިންމު!

20 ޖޫން 2021 - 08:42 1

"ގެއްލުމުގެ ބަލަދު ހިސާބު ކުރުމާ ގުޅޭ ސާފު އަދި އެއްގޮތް އުސޫލެއް ދިވެހިރާއްޖެ އަށް ނުހަނު ބޭނުންވެފައިވާކަން އަހުރެން ގަބޫލުކުރަން،" ފަނޑިޔާރު އައިޝާ ޝުޖޫން ލިޔުއްވާފައިވެ އެވެ.

ގެއްލުމުގެ ބަދަލުގެ ގޮތުގައި ވަކި ހަމައެއް، އެއްގޮތް އުސޫލެއް ނެތުމުގެ ސަބަބުން ބަދަލުގެ ގޮތުގެ ގޮތުގައި ކޯޓުތަކުން އެކި ފަހަރު ނަގައިދޭ މިންވަރާއި ގޮތުގައި ފަރަގުތައް އޮވެ އެވެ. އެއް ބައި މައްސަލަތަކުގައި ބަދަލު އިންތިހާއަށް ބޮޑުވެ، އަނެއް ބައި މައްސަލަތަކުގައި އެކަށީގެންވާ ބަދަލެއް ނުވެސް ލިބެ އެވެ.

މި މައްސަލައަށް ހައްލެއް ހޯދުމަށް، ވިލާ އެއާ ކުންފުންޏާއި ދައުލަތާ ދެމެދު ހިނގި މައްސަލައިގައި ސުޕްރީމް ކޯޓުން ވަނީ އުސޫލެއް ހަދައިފަ އެވެ. ފަނޑިޔާރު ހުސްނުއް ސުއޫދު ވަނީ އެ ހުކުމްގައި ގެއްލުމުގެ ބަދަލު ހިސާބު ކުރާނޭ ގޮތުގެ އުސޫލެއް ލިޔުއްވާފަ އެވެ.

ސުޕްރީމް ކޯޓުގެ ގަޒިއްޔާއިން ކަނޑައެޅި އެ އުސޫލުގެ މުހިންމު ކަންކަން މިވަނީ އެވެ؛

ފަނޑިޔާރު ސުއޫދު ލިޔުއްވި ގޮތުގައި، އެއްބަސްވުމުގެ ބައިވެރިއަކު އެއްބަސްވުމާ ހިލާފުވުމުގެ ސަބަބުން އަނެއް ފަރާތަށް ކޯޓުން ނަގައިދޭ ގެއްލުމުގެ ބަދަލުގެ މަގުސަދަކީ އެ އެއްބަސްވުމަށް ފުރިހަމައަށް އަމަލުކޮށް ނިމުނުނަމަ، އެއްބަސްވުމާ ހިލާފުނުވާ ފަރާތް މާލީ ގޮތުން ހުންނާނޭ މަގާމު ވީހާވެސް ގާތަށް ގެންގޮސް ދިނުން ކަމެވެ. އަދި އެއްބަސްވުމާ ހިލާފުނުވާ ފަރާތް މާލީ ގޮތުން ހުންނާނޭ މަގާމާ ވީހާވެސް ގާތަށް ގެންގޮސް ދިނުމުގެ މާނައަކީ، އެއްބަސްވުމާ ހިލާފުނުވާ ފަރާތް އެއްބަސްވުމުގެ ޒަރީއާއިން ހޯދި ވިޔަފާރީގެ މަންފާ އޭނާއަށް ލިބިދިނުން ކަމެވެ.

މިއީ، "އެކްސްޕެކްޓޭޝަން ޑެމޭޖަސް" އެވެ؛

އެކްސްޕެކްޓޭޝަން ޑެމޭޖަސްގައި ހިމެނެނީ އެއްބަސްވުމާ ހިލާފުނުވާ ފަރާތަށް ލިބުނު ގެއްލުމާއި ނުސީދާ ގެއްލުމެވެ. މި ބަދަލު، ކޮންޓްރެކްޓާ ބެހޭ ގާނޫނުގައި ކަށަވަރުކޮށްދީފައިވެ އެވެ.

އެގޮތުން، ގާނޫނުގައި ބުނަނީ ސީދާ ގެއްލުމަކީ އެއްބަސްވުމުގެ އަނެއް ބައިވެރިއާ އެއްބަސްވުމުގައިވާ ކަންތައްތައް ނުކުރުމުން ނުވަތަ ފުރިހަމަ ނުކުރުމުން ލިބުނު ގެއްލުން ކަމެވެ. ދެން ގާނޫނުގައި ބުނަނީ ނުސީދާ ގެއްލުމުގެ ވާހަކަ އެވެ. ނުސީދާ ގެއްލުމަކީ، އެއްބަސްވުމުގެ އަނެއް ބައިވެރިއާ އެއްބަސްވުމުގައިވާ ކަންތައްތައް ނުކުރުމުގެ ސަބަބުން ނުވަތަ ފުރިހަމަ ނުކުރުމުގެ ނަތީޖާއެއްގެ ގޮތުން ނުވަތަ އެކަމާ ވިދިގެން ލިބިދޭ ގެއްލުމެވެ.

ސީދާ ގެއްލުން

ފަނޑިޔާރު ސުއޫދު ލިޔުއްވާފައިވާ ގޮތުގައި ސީދާ ގެއްލުމުގެ ބަދަލު ހިސާބުކުރުމަށްޓަކައި ކުރަން ޖެހޭ ކަމަކީ އެއްބަސްވުމާ ހިލާފުވުމުގެ ގެއްލުމުގެ އަގު ހޯދުމެވެ.

އެގޮތުން، އެއްބަސްވުމާ ހިލާފުވީ ފަރާތުން އެއްބަސްވުމުގެ ބައެއް ފުރިހަމަކޮށްފައިވާނަމަ އެއްބަސްވުމާ ހިލާފުނުވާ ފަރާތަށް ލިބޭނީ، އެއްބަސްވުމުގެ ދަށުން އެ ފަރާތަށް ލިބެންޖެހޭ ހިދުމަތުގެ ނުވަތަ މުދަލުގެ ޖުމްލަ އަގުގެ ތެރެއިން އެ އެއްބަސްވުމުގެ ދަށުން ލިބިފައިވާ ހިދުމަތްތައް ނުވަތަ މުދަލުގެ އަގު ކަނޑާލުމުން އޮންނަ ތަފާތެވެ.

ނުސީދާ ގެއްލުން

ނުސީދާ ގެއްލުމަކީ ގެއްލުން ކުޑަކުރުމަށް މައުސޫމް ފަރާތުން މަސައްކަތް ކުރުމާއެކު ވެސް އަނެއް ފަރާތުން އެއްބަސްވުމާ ހިލާފުވުމުގެ ނަތީޖާއެއްގެ ގޮތުން ލިބޭ ގެއްލުންތަކެވެ. ސީދާ ގެއްލުމަށް ބަދަލު ނަގައިދިނުމުގެ އިތުރުން އެއްބަސްވުމާ ހިލާފުވުމުގެ ނަތީޖާއެއްގެ ގޮތުުން ލިބޭ ގެއްލުންތަކަށް ވެސް ފައިސާއިން ބަދަލު ނަގައިދިނުން ސުއޫދު ވިދާޅުވި ގޮތުގައި، ހުއްދަ އެވެ.

ނަމަވެސް، ސުއޫދު ވިދާޅުވި ގޮތުގައި މިގޮތުން ނަގައިދޭ ގެއްލުމަކީ އެއްބަސްވުމާ ހިލާފުވެއްޖެނަމަ އެ ގެއްލުމެއް މެދުވެރިވެދާނެ ކަމަށް އެއްބަސްވުމާ ހިލާފުވި ފަރާތަށް އެނގޭ، ނުވަތަ އެނގެން ޖެހޭ ކަމަށް ގަބޫލުކުރެވޭ ސަބަބުތައް ހުންނަ ކަންކަމެވެ.

ޖަސްޓިސް ބިލްޑިން: ބަދަލު ހިސާބު ކުރުމުގެ އެއްގޮތް އުސޫލެއް މިހާރު އެބަ އޮތް


ސަލާމަތް ކުރެވުނު ހަރަދު

ސުއޫދު ވިދާޅުވި ގޮތުގައި މައުސޫމު ފަރާތުން ކޮންޓްރެކްޓް ނިމުމަކަށް ގެނައުމާ ގުޅިގެން ކުރިއަށް އޮތް ތަނުގައި އަދާކުރަން ޖެހޭ އިލްތިޒާމުތައް އަދާކުރަން ނުޖެހުމުގެ ސަބަބުން ކުރެވުނު ހަރަދު، ގެއްލުމުގެ ބަދަލުން އުނިކުރަން ޖެހޭނެ އެވެ.

ސަލާމަތް ކުރެވޭ ހަރަދުގެ ތެރެއިން އޯވަހެޑް ހަރަދަކީ ފިކްސްޑް ހަރަދެއް ނަމަ އެ ހަރަދު އުނި ނުކުރެވޭނެ ކަމާއި ނަމަވެސް، އޯވަހެޑް ހަރަދަކީ ނިސްބަތުން ބަދަލުވާ އަދަދެއް ނަމަ އެ އަދަދު ގެއްލުމުގެ ބަދަލުން އުނި ކުރެވިދާނެ ކަމަށް ސުއޫދު ލިޔުއްވި އެވެ.

ގެއްލުން ކުޑަކުރަން މަސައްކަތް ކުރުމުގެ ވާޖިބު

ކޮންޓްރެކްޓްގެ އެއް ފަރާތުން ކޮންޓްރެކްޓާ ހިލާފުވެއްޖެކަން ހިލާފުނުވާ ފަރާތަށް އެނގޭ ހިނދު، ނުވަތަ ކޮންޓްރެކްޓާ ހިލާފުވާނެކަން ހިލާފުނުވާ ފަރާތަށް އެނގޭ ހިނދު، އެ ހިލާފުގެ ސަބަބުން ލިބޭ ނުވަތަ ލިބިދާނެ ގެއްލުން ކުޑަ ކުރުމަށް އެކަށީގެންވާ ފިޔަވަޅު އެޅުމަކީ ކޮންޓްރެެކްޓާ ހިލާފުނުވާ ފަރާތުގެ މައްޗަށް ގާނޫނުން ލާޒިމުކުރާ ކަމެއް ކަމަށް ހުކުމްގައިވެ އެވެ.

އެކަށީގެންވާ މަސައްކަތް ކޮށްގެން ނުވަތަ އެކަށީގެންވާ ފިޔަވަޅު އަޅައިގެން އެއްކިބާ ކުރެވޭނެ ގެއްލުމަށް ކޯޓުން ބަދަލު ނަގައި ނުދޭނެ.

ނަމަވެސް، ގެއްލުން ކުޑަ ކުރުމަށްޓަކައި ދައުވާ ކުރާ ފަރާތުން ބޮޑު ހަރަދެއް ކުރަން ޖެހުމަކީ ނުވަތަ ބުރައެއް އުފުލަން ޖެހެމަކީ ނުވަތަ ވިޔަފާރިކުރާ ތަނުގެ އޮނިގަނޑަށް ނުވަރަ ވިޔަފާރިއަށް ބަދަލު ގެނައުމަކީ ދައުވާ ކުރާ ފަރާތުން ކުރުން ލާޒިމް ކަންކަމެއް ނޫން ކަމަށް ވެސް ފަނޑިޔާރު ސުއޫދު ލިޔުއްވި ހުކުމްގައިވެ އެވެ.

"ދައުވާކުރާ ފަރާތުން ކުރަން ޖެހޭ ހަމައެކަނި ކަމަކީ ގެއްލުން ކުޑަ ކުރުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އެޅުން، އެކަށީގެންވާ ފިޔަވަޅު އެޅުމުން ވެސް ގެއްލުން ކުޑަ ނުކުރެވުނު ނަމަ އެއީ ދައުވާ ކުރާ ފަރާތުގެ ކުށެއް ނޫން،" ހުކުމްގައިވެ އެވެ.

ޔަގީން ކުރެވޭ ގެއްލުން

ފަނޑިޔާރު ވިދާޅުވި ގޮތުގައި ކޮންމެ ހިލާފަކާ ގުޅިގެން ވެސް ދައުވާ ކުރާ ފަރާތަށް ރަމްޒީ ބަދަލެއް ލިބޭނެ އެވެ. ނަމަވެސް، އެއަށްވުރެ އިތުރަށް ގެއްލުމުގެ ބަދަލު ނަގައިދެވޭނީ އެ ގެއްލުމަކީ ދައުވާ ލިބޭ ފަރާތުގެ ސަބަބުން ނުވަތަ ދައުވާ ކުރާ ފަރާތުން ކޮންޓްރެކްޓާ ހިލާފުވުމުގެ ސަބަބުން ލިބުނު ގެއްލުމެއް ކަމަށްވެފައި، އެ ގެއްލުމުގެ މިންވަރުގެ ބުއްދިއަށް ގަބޫލު ކުރެވޭ ފައިސާގެ އެސްޓިމޭޓެއް ދެވޭނަމަ އެވެ.

"އެ ހިލާފުގެ ސަބަބުން ދައުވާ ކުރާ ފަރާތުން ކުރަން ޖެހުނު ހަރަދު ދައުވާކުރާ ފަރާތުން ސާބިތުކޮށްދޭން ޖެހޭނެ، ނުވަތަ ބާޒާރުގެ އަގުތަކަށް ބަލައިގެން ސާބިތުކޮށް ދެވިދާނެ،" ހުކުމްގައި ބުންޏެވެ.

ނަމަވެސް، ކޮންޓްރެކްޓް ދެމިއޮތް ނަމަ މުސްތަގުބަލުގައި ލިބޭނެ ފައިދާ ކަނޑައެޅުމަކީ ފަސޭހަ ކަމެއް ނޫންކަން ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ. އެކަހަލަ ހާލަތްތަކުގައި ފަނޑިޔާރު ވިދާޅުވި ގޮތުގައި، ދައުވާ ކުރާ ފަރާތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ ފައިދާއަކީ މާބޮޑަށް ސްޕެކިއުލޭޓިވް ނުވަތަ ޔަގީން ނުކުރެވޭނެ އެއްޗެއް ނަމަ އެއަށް ބަދަލެއް ނުލިބޭނެ އެވެ.

ބަދަލު ނަގައިދެވޭނީ އެ ފައިދާއަކީ ލިބޭނެ ކަމަށް އެކަށީގެންވާ މިންވަރަކަށް ޔަގީން ކުރެވޭ ފައިދާއެއް ކަމަށް ވާނަމަ ކަމަށް ހުކުމްގައިވެ އެވެ.

ހިލާފުގެ މާދުރު ނަތީޖާއެއްގެ ގޮތުން ލިބޭ ގެއްލުންތައް

ފަނޑިޔާރު ސުއޫދު ލިޔުއްވާފައިވާ ހުކުމްގައިވާ ގޮތުން، މިއީ ނަގައިދެވިދާނެ ބަދަލެކެވެ. ފަނޑިޔާރު ވަނީ އެ ގެއްލުން ވަޒަން ކުރާ ގޮތްތައް ވެސް ކިޔައިދެއްވާފަ އެވެ؛

އެގޮތުން، ގެއްލުމަކީ ހިލާފުގެ މުރާދު ނަތީޖާއެއްގެ ގޮތުން ލިބުނު ގެއްލުމެއް ކަމަށް ބަލާނެ ގޮތްތަކެއްވެ އެވެ. އެއީ އެ ގެއްލުމަކީ؛

1. ތަބީއީ ގޮތުން ހިލާފުން ފެށިގެން ދެމިގެން އައި ގެއްލުމަކަށްވުން.

2. ކޮންޓްރެކްޓާ ހިލާފުވެއްޖެނަމަ އަނެއް ފަރާތަށް ލިބޭނޭ ގެއްލުމެއް ކަމަށް ދެ ފަރާތަށް ވިސްނިފައި އޮންނަ ގެއްލުމެއް ކަމަށް ސަލާމަތް ބުއްދި ހުރި މީހަކަށް ގަބޫލު ކުރެވޭ ގެއްލުން.

ފަނޑިޔާރު ސުއޫދު: ބަދަލު ހިސާބު ކުރުމުގެ އެއްގޮތް އުސޫލެއް މިހާރު އެބަ އޮތް


ދެން ފަނޑިޔާރު އަލިއަޅުވާލައްވާފައިވަނީ މުސްތަގުބަލުގައި ލިބޭނެ ފައިދާއިން ނަގައިދެވޭނެ ބަދަލެވެ. އެގޮތުން، މުސްތަގުބަލުގައި ކޮންޓްރެކްޓް ފުރިހަމަ ކުރެވުނު ނަމަ ލިބޭނެ ކަމަށް ބެލެވޭ ފައިދާ ސާބިތުކޮށްދޭން އުނދަގޫ ކަމަކަށްވާނެ ކަމާއި އެހެންކަމުން ކޯޓަށް އެކަމުގައި ރަމްޒީ ބަދަލެއް ނަގައިދެވިދާނެ ކަމަށް ހުކުމްގައިވެ އެވެ.

ހުކުމްގައި ބުނި ގޮތުގައި، މުސްތަގުބަލުގައި ލިބޭނެ ފައިދާ ސާބިތުކޮށް ނުދެވުނު ނަމަވެސް، ކޮންޓްރެކްޓަށް ބަރޯސާވެގެން ދައުވާކުރާ ފަރާތުން އަމަލުކުރި ނަމަ އޭނާ ކުރި ހަރަދު އާންމު ގޮތެއްގައި އޭނާއަށް ސާބިތުކޮށްދެވޭނެ ކަމަށެވެ.

"މި ހާލަތުގައި އޭނާއަށް ލިބުނު މަންފާ އުނިކޮށް، އޭނާ އެ ކޮންޓްރެކްޓަށް ބަރޯސާވެގެން ކުރި ހަރަދު އޭނާއަށް ނަގައިދެވޭނެ،" ހުކުމްގައި ފާހަގަކުރި އެވެ.

ސުއޫދު ނެރުއްވި ހުކުމްގައި ދެން ބުނެފައިވާ ގޮތުގައި، ދައުވާ ލިބޭ ފަރާތުން ދައުވާ ކުރާ ފަރާތަށް ލިބޭނެ ކަމަށް ހުށަހަޅާ ފައިދާގެ އަދަދަށް އިންކާރު ކުރާނަމަ، އެ އަދަދަށް ފައިދާ ނުވާނެކަން ދެއްކުމަށް ހެކި ހުށަހަޅަންވާޏެ އެވެ. އެ ކޮންޓްރެކްޓުން ދައުވާކުރާ ފަރާތަށް ފައިދާ ނުވާނެ ކަމާއި ވާނީ ގެއްލުން ކަމަށް ދައްކައިފިނަމަ ދައުވާކުރާ ފަރާތަށް ނަގައިދެވޭނީ ހަމައެކަނި ސީދާ ގެއްލުމުގެ ބަދަލާއި ނުސީދާ ގެއްލުމުގެ ބަދަލެވެ.

"މުސްތަގުބަލުގައި ލިބޭނެ ފައިދާގެ ބައި ގެއްލުމުގެ ބަދަލުގައި ގޮތުގައި ނަގައިނުދެވޭނެ،" ހުކުމްގައިވެ އެވެ.

ކޮންޓްރެކްޓްގެ ބައެއް ފުރިހަމަ ކުރާ ހާލަތު

ފަނޑިޔާރު ސުއޫދު ވަނީ މުދާ ވިއްކުމުގެ އެއްބަސްވުމެއްގައި ވިއްކާ ފަރާތުން ގަންނަ ފަރާތަށް ފޮނުވަން ޖެހޭ މުދާ ރައްދުކޮށްދީފައިވާ ހާލަތުގައި މުދާ ގަންނަ ފަރާތުން އެއްބަސްވުމާ ހިލާފުވެއްޖެނަމަ އޮތް ހައްލު ވެސް ދައްކަވައިފަ އެވެ.

އެގޮތުން ވިދާޅުވި ގޮތުގައި، އެ ހާލަތުގައި ވިއްކި ފަރާތަށް އެ ފަރާތުން އެއްވަސްވުމުގެ ދަށުން ފުރިހަމަ ކުރި ކަންކަމަށް ގަންނަ ފަރާތުން އަގު ދައްކަންވާނެ އެވެ.

އަދި، ފައިސާ ދެއްކުން ލަސްވެފައިވާނަމަ ގެއްލުމުގެ ބަދަލު ނަގައިދެވޭނެ އެވެ.

ނަމަވެސް، ގަންނަ ފަރާތުން ކޮންޓްރެކްޓާ ހިލާފުވީ ވިއްކާ ފަރާތުން ކޮންޓްރެކްޓުގައި އެ ފަރާތުން ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމުގެ ކުރިން ކަމަށްވާނަމަ ގެއްލުމުގެ ބަދަލު ހިސާބުކުރުން އުނދަގޫވާނެ ކަމަށް ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.

ފަނޑިޔާރު ސުއޫދު ދެން ދެއްވާފައިވަނީ ކޮންސްޓްރަކްޝަން ކޮންޓްރެކްޓްތަކަށް އޮތް ހައްލެވެ؛

އެފަދަ ކޮންޓްރެކްޓްތަކުގައި މަސައްކަތް ހަވާލުކުރި ފަރާތުން ކޮންޓްރެކްޓާ ހިލާފުވީ އިމާރާތްކުރުމުގެ މަސައްކަތް ކޮންޓްރެކްޓަރު ފެށުމުގެ ކުރިން ކަމަށްވާނަމަ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ކޮންޓްރެކްޓަރަށް ލިބޭނީ އެ ކޮންޓްރެކްޓުގެ ދަށުން ފުރިހަމަ ކުރަން ޖެހޭ މަސައްކަތް ފުރިހަމަ ކުރުމަށް އޭނާގެ އަތުން ހިނގާނޭ ހަރަދުތައް އުނިކުރުމަށްފަހު އޮންނަ އެއްޗެކެވެ.

އިމާރާތް ކުރުމަށްފަހު ކޮންޓްރެކްޓާ ހިލާފުވެއްޖެނަމަ، ބަދަލުގެ އަގު ކަނޑައަޅާނީ އިމާރާތް ކުރާ ފަރާތުން އިމާރާތް ކުރުމަށް ހިނގާނޭ ހަރަދު އުނިކުރުމަށްފަހު، ކޮންޓްރެކްޓަރަށް ގެއްލުނު ފައިދާގެ އަގު ކަނޑައަޅައިގެންނެވެ.

ކޮންޓްރެކްޓާ ހިލާފަށް ކުރިކަން ރަނގަޅު ކުރަންދާނެ ހަރަދު އެކުގައި ނަގައި ނުދިނުން

ބައެއް ހާލަތްތަކުގައި ޑިފެކްޓިވް ޕާފޮމަންސްއިން ލިބުނު ގެއްލުން ރަނގަޅު ކުރުމަށް ދާނެ ހަރަދަކީ ނިސްބަތުން މާބޮޑު ހަރަދެއް ކަމުގައިވާނަމަ ގެއްލުމުގެ ބަދަލު ނަގައިދެވޭނެ ގޮތް ވެސް ފަނޑިޔާރު ސާފުކޮށްދެއްވި އެވެ.

އެގޮތުން އެ ހާލަތުގައި ގެއްލުމުގެ ބަދަލު އެކުގައި ނަގައިދިނުމުގެ ބަދަލުގައި ޑިފެކްޓިވް ޕާފޮމަންސްގެ އަގާއި ފުލް ޕާފޮމަންސްގެ އަގުގެ ތަފާތު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދިނުމަކީ އެންމެ ހަރަދު ކުޑަ އަދި އިންސާފުވެރި ގޮތް ކަމަށް ފަނޑިޔާރު ސުއޫދު ލިޔުއްވި އެވެ.

ފަނޑިޔާރު ސުއޫދު ވިދާޅުވި ގޮތުގައި، ގެއްލުމުގެ ބަދަލު އިންސާފުވެރިކަމާއެކު ކަނޑައެޅޭނީ އިންސާފުވެރި އުސޫލެއް އޮވެގެންނެވެ. އެހެންކަމުން، ގެއްލުމުގެ ބަދަލު ހޯދުމަށް ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި އެއް ހަމައަކުން އަމަލު ކުރުމަށް ބަލާނެ، މަތީ ކޯޓުގެ އުސޫލެއް މިހާރު މިވަނީ ވުޖޫދުވެފަ އެވެ.

މިއީ، އެކި އުސޫލުން ބަދަލުތައް ދިނުމާ ދުރަށް ދެވޭނެ އުސޫލެކެވެ.