Advertisement

ޕްރޮކްރާސްޓިނޭޝަން ނުވަތަ "މާދަމާކުރުން" ހުއްޓާލާނެ ގޮތް!


ޕްރޮކްރާސްޓިނޭޝަން ނުވަތަ "މާދަމާކުރުން" ހުއްޓާލާނެ ގޮތް!

ކޮންމެ ކަމެއް މާދަމަޔަށް ފަސްކުރުމަކީ ބައެއް މީހުންގެ ކަށީގައި ހިފާފައިވާ އާދައެކެވެ. ކިޔަވާކުއްޖާ ފިލާވަޅު ދަސްކުރުން ފަސްކުރަމުން ދިއުން ކަމަށްވެސް ވެދާނެ އެވެ. ދިރިއުޅުމަށް ކުރާ މަސައްކަތުގައި ނުނިމި ފުނި ޖެހިފައި ހުރި މަސައްކަތްތަކެއް ނިންމުން ފަސްކުރުން ކަމަށް ވެސް ވެދާނެ އެވެ. މަސައްކަތް ކޮންމެ ފަހަރަކު ވެސް މާދަމަޔަށް ނޫނީ އެހެން ގަޑިޔަކަށް ފަސްކޮށްލެވޭ ކަން ވެސް އެނގެ އެވެ. އެ ކުރެވެނީ ރަނގަޅު ކަމެއް ނޫންކަން ވެސް އެނގެ އެވެ. އެކަމަކުވެސް ހަމަ މާދަމަޔަށް ފަސް ކޮށްލެވެނީ އެވެ. ކަންކަން އަބަދު ފަސްކުރެވޭތީ އަމިއްލަ ނަފްސަށް ނަފްރަތު ކުރެވި ފެއިލްވެފައި ހުރި މީހެއްގެ ކަމުގެ އިހުސާސް ކުރެވި ނުތަނަވަސްވެ އަނެއްކާ ވެސް ކުރަން ޖެހޭ މުހިންމު ކަންކަން ފަސްކޮށްލާފައި ހިތްހަމަ ޖެހޭ ކަމަކާ ދިމާއަށް ދެވޭ ގޮތްވެ އެވެ. ފަހަރެއްގައި އެއީ ރައްޓެސަކާއެކު ބޭރަށް ދިއުން ނުވަތަ ނެޓްފްލިކްސް ބެލުން ކަމަށް ވެސް ވެދާނެ އެވެ.

މިގޮތަށް ކޮންމެ ކަމެއް ފަސްކުރަމުން ދިއުމަށް އިނގިރޭސި ބަހުގައި ކިޔަނީ "ޕްރޮކްރާސްޓިނޭޝަން" އެވެ. ޕްރޮކުރާސްޓިނޭޝަން މި ބަސް އައިސްފައި ވަނީ ލެޓިން ބަހެއް ކަމުގައިވާ "ޕްރޮކުރާސްޓިނޭއާ" އަދި ގުރީކް ބަހެއް ކަމުގައިވާ "އަކްރޭރިއާ" އިންނެވެ. ޕްރޮކުރާސްޓިނޭއާ ގެ މާނައަކީ މާދަމަޔަށް ފަސްކޮށްލުމެވެ. އަކްރޭރިއާ މާނައަކީ ކަމެއް ނުރަނގަޅު ކަމެއް ކަމަށް ގަބޫލު ކުރާ ހާލުވެސް އެ ކަމެއް ކުރުމެވެ. ޕްރޮކްރާސްޓިނޭޓުކުރެވޭ ސަބަބަކީ ކަންނެތްކަން ނުވަތަ ވަގުތު މެނޭޖް ކުރަން ނޭނގުން ކަމަށް ހީވިޔަސް ހަގީގަތަކީ އެއީއެއް ނޫނެވެ. "ޕްރޮކްރާސްޓިނޭޓް ކުރުމަކީ ވަގުތު މެނޭޖު ކުރަން ނޭނގޭތީ ވާ ކަމެއް ނޫން، ސިކުނޑީގެ ޖަޒުބާތުތައް ހަމަޔަކަށް ނޭޅުވޭތި ވާކަމެއް" ޕްރޮކުރާސްޓިނޭކުރުން ރިސާޗް ކުރާ ސައިކޮލޮޖީ ޕްރޮފެސަރެއް ކަމުގައިވާ ޑރ ޓިމް ޕަޗިލް ބުނެފައިވެ އެވެ.

ޕްރޮކުރާސްޓިނޭޓުގެ ދިވެހި ލަފުޒެއްގެ ގޮތުގައި އަހަރެން ބޭނުންކުރާނީ "މާދަމާކުރުން" މި ލަފުޒެވެ. ކަމާބެހޭ މާހިރުން ޕްރޮކުރާސްޓިނޭޓްއާ ބެހޭގޮތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، "މާދަމާކުރުން" މި ލަފުޒުން އެމާނަ ސާފުކޮށް ނުކުންނަކަމަށް ފެނެއެވެ.

ޝެފީލްޑް ޔުނިވާރސިޓީގެ ސައިކޮލޮޖީ ޕްރޮފެސަރެއް ކަމުގައިވާ ޑރ ފޫޝިއާ ސިރޮއިސް ބުނާ ގޮތުގައި މީހުން މާދަމާކުރުމުގައި ދެމި ތިބެނީ ކުރަންޖެހޭ ކަންތައް ހިތަށް އެރުމުން މޫޑު ގޯސްވެ އެ މޫޑު ހަމައަކަށް ނޭޅުވޭތީ އެވެ.

"ނުރަނގަޅު ކަމެއް ކަން އެނގޭ އިރުވެސް މާދަމާކުރުމުގެ އާދަޔަކީ އެހެން ނޫންނަމަ ހަމަޖެހޭ ކަމެއް ނޫން" ޑރ ސިރޮއިސް ބުނެފައިވެ އެވެ.

އެއްބަޔަކު މަސައްކަތް ފަސްކުރަމުން ގެންދަނީ އެންމެ ފުރިހަމަ އެންމެ ހިތްހަމަޖެހޭ މޫޑު އަންނަން ދެނެވެ. ނަމަވެސް އެއީ ދުވަހަކު ވެސް އަންނަ މޫޑަކަށް ނުވެ އެވެ. ގިނަފަހަރަށް އެކަމެއް ކުރަން ފެށެނީ ސުންގަޑި ހަމަވާން ކައިރިވެ އިތުރު އެއްވެސް ކަމެއް ކުރަން މޫޑު ނުހުންނަން ފަށާ ހިސާބުންނެވެ.

ކުރަން ޖެހޭ މުހިންމު ކަންތައްތައް މާދަމަޔަށް ފަސްކޮށްލެވޭ މައިގަނޑު ސަބަބަކީ ކުރަން ޖެހިފައި ހުރި ކަންކަން ހިތައް އެރުމުން މޫޑަށް އަންނަ ބަދަލުތަކާއި ކުރެވޭ ނުރަނގަޅު އިހުސާސްތަކެވެ. މިސާލަކަށް ކުރަން ޖެހޭ ކަންތައް ކުރެވިދާނެ ކަމާ މެދު ޝައްކު އުފެދުމެވެ. މަސައްކަތުގައި ފެއިލް ވެދާނެތީ ޖެހިލުންވުމެވެ. ކުރަން ޖެހޭ މަސައްކަތް ގިނަކަމާއި ބުރަކަމާއި އުނދަގޫކަން ހިތަށް އެރުމެވެ. ކުރާ މަސައްކަތަކީ އެއްވެސް އުނިކަމެއް ނެތް އެންމެ ފުރިހަމަ މަސައްކަތަކަށް ނުވެދާނެތީ ޖެހިލުން ވުމެވެ. މިހުރިހާ ކަމެއް ހިތަށް އެރުމާއި އެކު ސިކުނޑިއަށް ނުތަނަވަސްކަން ވެރިވެ މަސައްކަތް ފަށަންވީ ހިސާބެއްވެސް ނޭނގުމެވެ. ނަތީޖާއެއްގެ ގޮތުން ކުރާ ވަގުތު ހިތްހަމަޖެހޭ ކަމަކާ ދިމާއަށް ދެވޭ ގޮތް ވެ އެވެ.

ކައުންސިލިން ސައިކޮލޮޖީގެ ތަޖުރިބާކާރެއް ކަމަށްވާ ސައިކޮލޮޖިސްޓް ޖޫލިއާ ކުރިސްޓީނާ ދެކޭ ގޮތުގައި އެއްބައި މީހުންނަށް ކުރަން ޖެހޭ މަސައްކަތްތައް ފަސްކޮށްލެވެނީ ތިމާގެ ނަޒަރުގައި ތިމާ އަކީ ދަށް މީހެއް ކަމުގައި ދެކެން ބޭނުންނުވާތީ އެވެ. ކުރުކޮށް ބުނާނަމަ އީގޯ ރައްކާތެރި ކުރުމުގެ ބޭނުމުގަ އެވެ.

"އަހަރެން ރަނގަޅަށް ވަގުތު ނަގައިގެން މަސައްކަތް ކުރިނަމަ ކާމިޔާބުވާނެއޭ ބުނުމުގެ ފުރުސަތު އޮންނާނެތީ ކުރަން ޖެހޭ މުހިންމު މަސައްކަތްތައް ފަސްކޮށްލެވޭ ބައެއް މީހުންނަށް" ސައިކޮލޮޖިސްޓް ޖޫލިއާ ކްރިސްޓީނާ ބުނެފައިވެ އެވެ.

ޓެސްޓަށް ފިލާވަޅު ދަސްކުރުން އެންމެ ފަހު ވަގުތަށް ފަސްކޮށްލާފައި ރަނގަޅު ނަތީޖާއެއް ނުލިބުމުން އެއީ އެންމެ ފަހުވަގުތަށް ފިލާވަޅު ދަސްކުރަން ބެހެއްޓީމައި ވީ ގޮތެކޭ ބުނެ ހިތްހަމަ ޖައްސާލުމަކީ ތިމާގެ އަމިއްލަ ނަޒަރުގައި ތިމާ ނުވަތަ އިނގިރޭސި ބަހުން ބުނާނަމަ "އީގޯ" ރައްކާތެރިކުރަން މާދަމާކުރުމުގެ މިސާލެކެވެ. މިގޮތަށް މިކަން ކުރެވޭ ކަން ރަނގަޅަށް ނޭނގިވެސް މި ގޮތަށް ކަންކުރެވިފައި އޮވެދާނެ އެވެ. މިއީ ވިސްނާލުން ރަނގަޅު ކަމެކެވެ.

ކުރާ މަސައްކަތުގެ ނަތީޖާ ކިތަންމެ ފޮނި ނަމަވެސް ނަތީޖާއާ ހަމައަށް ދާން ކުރަންޖެހޭ ކަންކަމަކީ ފޫހި އަދި ކުރާ ހިތްނުވާ ކަމަކަށް ވެދާނެއެވެ. ފިލާވަޅު ދަސްކޮށްގެން މަތީ ވަނައެއް ލިބުމަކީ ބޮޑު އުފާވެރިކަމެއް ލިބޭނެ ކަމަކަށް ވީނަމަވެސް ފިލާވަޅު ދަސްކުރުމަކީ ކުރާ ހިތްވާ ކަމަކަށް ނުވެދާނެ އެވެ. އެތައް ދުވަހެއް ވާނދެން ނުނިމި ފުނިޖެހިފައި ހުރި މަސައްކަތްތަކެއް ކުރުމަކީ އެކަންކަން ކުރާ ގަޑީގައި ހިތްހަމަ ޖެހުން ލިބޭނެ ކަމަކަށް ނުވެދާނެ އެވެ. އޭގެ ބަދަލުގައި ގޭމު ކުޅުމާއި ފިލްމު ބެލުން ފަދަ ކަންކަމަކީ ކުރާ ގަޑީގައި ހިތްހަމަޖެހުން ލިބޭ ކަންކަމެވެ. ހިތްހަމަ ޖެހޭ ކަންކަން ކުރާހިތްވުމަކީ ސިކުނޑީގެ ތޮބީއަތެވެ. މާދަމާކުރުމަކީ ކޮންމެ މީހަކުވެސް ކޮންމެވެސް ވަރަކަށް ކުރާނެ ކަމެކެވެ.

މާދަމާކުރުން ހުއްޓާލުމަށް މާދަމާކުރުމަކީ ކޮބައިކަމާއި އެކަމަށް މެދުވެރިވާ ސަބަބާއި އެކަން އެބަކުރެވޭކަން އެނގުން އެއީ ފެށުމަކަށް ވާނެ އެވެ. ފަހަރެއްގައި ހުއްޓާލުމަށް ފުދިވެސް ދާނެއެވެ. މާދަމާކޮށްގެން ވާނެ ރަނގަޅެއް ނެތްކަން ހަނދާން ބެހެއްޓުންވެސް މުހިންމެވެ. ޓެސްޓަށް ފިލާވަޅު ދަސްކުރުން ކޮންމެ ފަހަރަކުވެސް ފަސްކުރަމުން ގޮސް ޓެސްޓު އޮންނަ ދުވަހުގެ ކުރީރޭ ދަންވުމުން ފެށުމަކީ މާދަމާކުރުންކަން ހަނދާން ބަހައްޓާށެވެ. އެހެން އެވާ ސަބަބުވެސް ހަނދާން ބަހައްޓާށެވެ.

މާދަމާކުރުން ހުއްޓާލުމަށް މާދަމާކުރެވޭ ގަޑީގައި އާންމުކޮށް ކުރާ ކަންތައް އެއީ ފަސޭހައިން ނުކުރެވޭނެ ކަމަކަށް ހަދާށެވެ. މިސާލަކަށް ބޭއިހްތިޔާރުގައި ފޯނު ޖީބުން ނަގާފައި ފޭސްބުކް ނުވަތަ އިންސްޓަގްރާމް އަށް ވަދެ ގަޑި ދެ ގަޑިއިރު ހޭދަވާނަމަ އެފަދަ އެޕްތައް ބޭނުން ކުރުމަށް ފަހު ލޮގްއައުޓް ކޮށްލާށެވެ. މީގެ އިތުރުން ދިގު ޕާސްވޯޑެއް ޖެހިދާނެއެވެ. ދުވަސްކޮޅަކަށް އެކައުންޓް ޑީއެކްޓިވޭޓް ކޮށްލުމަކީ ވެސް ކުރެވިދާނެކަމެކެވެ.

ފިލާވަޅު ދަސްކުރުން ނުވަތަ ކުރަން ޖެހޭ މަސައްކަތާއި މެދު ހާސްވެ މޫޑު ގޯސްވެގެން އެކަންކަން ފަސްކުރެވޭނަމަ ބައިބަޔަށް ބަހާލައިގެން ކުރާށެވެ. މުޅި ހުރިހާ ކަމަކަށް އެއްފަހަރާ ފޯކަސް ނުކޮށް ދެން ކުރަން އޮތް އެންމެ ފުރަތަމަ ކަންތަކަށް ސަމާލުކަން ދޭށެވެ. ދުވަހުގެ ގަޑިތައް ތާވަލުކޮށް ފިލާވަޅު ދަސްކުރަން ނުވަތަ މަސައްކަތް ކުރަން ހާއްސަ ކޮށްފައިވާ ގަޑީގައި އެކަމެއް ކުރާށެވެ. މުޅި ދުވަހު އެއީ ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ބޮލުގެ އެއްކަނުގައި ހަރުލާފައި ހުރުމުގެ ބަދަލުގައި ވަގުތު ޖެހުމުން ކުރާނަމަ ސިކުނޑިއަށް ލުއިވާނެ އެވެ. ދުވަސް ތާވަލުކުރާއިރު މީހާޔާ އެކަށީގެންވާ ވަރަށް ތާވަލުގައި ކަންކަން ހިމަނާށެވެ. ހިތްހަމަޖެހޭ ކަންކަމާއި އަރާމުކުރުން ވެސް ކޮންމެވެސް ވަރަކަށް ތާވަލުގައި ހިމަނާށެވެ.

ކުރާ މަސައްކަތުގައި އުނިކަމެއް ހުރެދާނެތީ މާދަމާކުރެވޭނަމަ މުސްތަހީލު ދަރަޖައަކަށް ފުރިހަމަވެގެން ވާ އެއްޗަކަށް އުންމީދުކުރުމުގެ ބަދަލުގައި އެކަށީގެންވާ ރަނގަޅު ކޮލިޓީއަކަށް އަމާޒު ހިފާށެވެ. އެކަށީގެންވާ ކޮލިޓީއެއްގެ މަސައްކަތެއް ކުރެވިއްޖެނަމަ އެކަން ގަބޫލުކުރާށެވެ. މަސައްކަތުގައި ފެއިލް ވެދާނެތީ މާދަމާކުރެވޭނަމަ އެންމެ ފުރަތަމަވެސް އަރާ ކުރިބޯށީގައި ނުހިފިދާނެކަން ގަބޫލުކުރާށެވެ. އެތަކެއް ފަހަރު ފެއިލް ވުމަށް ފަހު ކާމިޔާބީއާ ހަމައަށް ވާސިލްވި މީހުން މަދެއް ނޫނެވެ. އެނޫން މީހަކު ނުވެސް ނެތީއެވެ. ފަހަރަކު ހަރުފަތެއް ގިރާ ކުރަމުން ކާމިޔާބީ އާ ހަމައަށް ދާން އަޒުމް ކަނޑައަޅާށެވެ.

ބައެއް މީހުންނަށް އުނދަގޫވަނީ މަސައްކަތް ފަށާށެވެ. ފެށުމަށް ފަހު މަސައްކަތުގެ ތެރެޔަށް ވަދެ ޝައުގުވެރިކަމާއި އެކު މަސައްކަތް ކުރުމުގައި ވަގުތު ހޭދަ ކުރެވޭ މީހުންވެސް އުޅެ އެވެ. މިގޮތަށް ކަންތައް ދިމާވާނަމަ "ކައިޒެން" އަކީ ހައްލަކަށް ވެދާނެއެވެ. ކައިޒެން އަކީ ޖަޕާނުގައި އުފެދިގެން އައި ފަލްސަފާ އެކެވެ. "ކައި" ގެ އެއް މާނައަކީ ޖަޕާނު ބަހުން ބަދަލެވެ. "ޒެން" ގެ އެއް މާނައަކީ ހިކުމަތްތެރިކަމެވެ. ކައިޒެން އޭ ކިޔުނު އުކުޅަކީ ކުރަން ބޭނުންވާ އެކަމަކު ފަސްކުރެވެމުން ދާ ކަމެއް ކޮންމެ ދުވަހަކުވެސް އެއް މިނެޓް ވާންދެން ކުރުމެވެ. އެއައް ފަހު އެއް މިނެޓަށް ވަގުތު އިތުރު ކުރަމުން ދިއުމެވެ. މަގުސަދަކީ ކޮންމެ ދުވަހަކުވެސް އެއް ވަގުތެއްގައި ކަމެއް ކުރަން އާދަކުރުމެވެ. އެއްވެސް ވަރަކަށް ނުކުރުމަށް ވުރެ ކޮންމެވެސް ވަރަކަށް ކުރުން ރަނގަޅުވާނެތާއެވެ. "ކައިޒެން" އަކީ މާދަމާކުރުމުގެ އާދަޔާ ދުރަށް ދިއުމަށް ބޭނުން ކުރެވިދާނެ އުކުޅެކެވެ.

މާދަމާކުރުން ހުއްޓާލަން ބޭނުންވާނަމަ އެކަން ކުރެވޭ ފަހަރުތަކުގައި އަމިއްލަ ނަފްސަށް މާފުކުރުމަކީ މުހިންމު ކަމެކެވެ. މާފުކުރުމަކީ ވަރިހަމަ ކޮށްލުމެއް ނޫނެވެ. ރަނގަޅުކަމެއް ކަމަށް ގަބޫލުކުރުމެއްވެސް ނޫނެވެ. މާފު ކުރުމަކީ މާދަމާކުރެވޭ ފަހަރުތަކުގައި އަމިއްލަ ނަފްސަށް ނަފްރަތު ނުކުރުމެވެ. ހިތާހިތުން އަމިއްލަ ނަފްސަށް އެތިވަރު ނުގޮވުމެވެ. ފެއިލްވެފައިވާ މީހެއް ކަމަށް ގަބޫލު ނުކުރުމެވެ. މާދަމާކުރުން އެއީ މަތީގައި ދެންނެވުނު ގޮތަށް ވަރަށް ގިނަފަހަރަށް ފެއިލް ވެދާނެތީ ޖެހިލުން ވުމާއި ކުރާ މަސައްކަތުގައި އުނި ކަމެއް ހުންނަން ބޭނުން ނުވުމާއި ގުޅިފައިވާ ކަމެކެވެ. އަމިއްލަ ނަފްސާމެދު އޯގާތެރިވުމަކީ މާދަމާކުރުމާ ދުރުވާ ކަމެއްކަން ދިރާސާތަކުން ދައްކަ އެވެ.