Advertisement

އެލްޖީގެ ފޯނު ވިޔަފާރި "ކަފުނަށް"

6 އޭޕްރީލް 2021 - 09:05 0

އިބްރާހިމް ސަމީރު

އިބްރާހިމް ސަމީރު

އެލްޖީ އިން ތަރައްޤީކުރަމުން އައި އޮޅިފޮޅިއެއް ހެން އޮޅައިލެވޭ ފޯނު: މާލީ ހާލަތު ދައްވެ ކުއްލި ގޮތަކަށް ކުންފުނިން ވަނީ މޯބައިލް ވިޔަފާރިއަށް އަލްވަދާއު ކިޔާފައި


އެލްޖީގެ ފޯނު ވިޔަފާރި "ކަފުނަށް"

6 އޭޕްރީލް 2021 - 09:05 0

މީގެ 13 އަހަރު ކުރިއެވެ. ލަގްޒަރީ "ޕްރާޑާ" މަރުކާގެ "ކޮނޑަށް އަތްވައްޓައިލައިގެން ހުރެ"، އެލްޖީ އިން މަޝްހޫރު "ޕްރާޑާ ފޯނު" ދުނިޔޭގެ ލޯތަކަށް ދައްކައިލިއެވެ. އެއީ ދުނިޔޭގެ ފުރަތަމަ ޓަޗް ސްކްރީން ފޯނެވެ. އިންގިލާބީ ފަރުމާއެކެވެ. ފޯނުގެ ސިފައާއި ބައްޓަމާއި ބޭނުންކޮށްފައިވާ ޓެކްލޮލޮޖީގެ އައި އީޖާދީ ފީޗާތަކަށް ތާރީފު އޮހުނެވެ.

ނަމަވެސް، އޭގެ ދެތިން މަސް ފަހުން ސްޓީވް ޖޮބްސް އައިފޯނާއެކު މޯބައިލް ފޯނު ސިނާއަތުގެ މައި އިސްޓޭޖުގައި ހުއްޓިލުމާއެކު، ޕްރާޑާ ފޯނު މީހުންގެ ލޯމަތިން ގެއްލުނެވެ. ހަމަ ކުއްލިއަކަށޭ ބުނާހައި އަވަހަށެވެ. އެންމެ ހިތްގައިމު ފޯނު ފަރުމާގެ ޝަރަފާއި، އެންމެ ފުރަތަމަ "ހަގީގީ" ޓަޗް ސްކްރީނެއްގެ ތަޖުރިބާ ފޯނު ބޭނުންކުރާމީހުނަށް ހޯދައިދިނަސް އެހުރިހާކަމެއް އައިފޯނާއެކު "ކަފުންވީ އެވެ".

13 އަހަރު ފަހުން މިއަދު އެލްޖީ އިން މިވަނީ އަނެއްކާ ވެސް "ކަފުނެއް ލައިފައެވެ". ކުރީ ފަަހަރުހެން އެންމެ ފޯނަކު ނޫނެވެ. މުޅި ކުންފުނީގެ މޯބައިލް ވިޔަފާރީގައެވެ. ޒަމާނީ މޯބައިލް ފޯނުގެ ވާދައިގެ ރޭހުގައި، ވާދަވެރީންނާއި ފައިހަމަކުރުމަށް، އޮޅިފޮޅިއެއްހެން އޮޅައިލެވޭ ފޯނެއް ފަރުމާކުރަމުން ދިޔަ އެލްޖީ އިން ކުއްލިއަކަށް މޯބައިލް ވިޔަފާރިއަށް އަލްވަދާއު ކީ ކަން އާދީއްތަ ދުވަހު ރަސްމީކޮށް އިއުލާނުކޮށްފައިވާއިރު، ކޮރެޔާގެ އިގްތިސާދުގެ 4 އިންސައްތަ ހިއްސާވާ މި ބޮޑު ބިޔަ ކުންފުނި މި ހާލަތަށް ވެއްޓެން މެދުވެރިވީ ކީއްވެތޯ ސުވާލުކޮށްލުމުން ކޮޑެކާއި ނޮކިޔާއިން ހަނދާނުގެ ފުއްކިބައިގައި ކޮއްޓައިލިޔަސް، އެލްޖީއައް ޖެހުނު ދަތުރު ނޮކިއާ އާއި ކޮޑެކާއި މުޅިން ތަފާތެވެ.

ކުންފުނީގެ ހަޔާތުގައި ވޭތުވެދިޔަ 2 ގަރުރު ފާއިތުވެގެން ދިޔަީ އީޖާދުތަކާއި އުފެއްދުންތަކަށް ހަރަދުކޮށް އައު ޒާތްޒާތުގެ ފޯނުތަކާއި ޓެކްނޮލޮޖީތަކުގެ އަޖުމަ ބެލުމަށް އެލްޖީއިން މަސައްކަތްކުރުމުގައެވެ. ބޮޑު ހޭދަތައް ކޮށް ތަހުލީލުކުރުމުގައެވެ. ނަމަވެސް މިއިން އެއްވެސްކަމަކުން އެލްޖީއަށް މޯބައިލް ފޯނު ބޭނުންކުރާ މީހުންގެ ހިތްއަތުލެވޭ ގޮތްވަނީ ނުވެފައެވެ. ނަތީޖާއަކީ "ވަޅޯތާފަނާ" އުފެއްދުންތަކާއި މާކަ ބޮޑު ވިޔަފާރީގެ ނަފާއެއް ނެތް އީޖާދުތަކުގެ ސަބަބުން ކުންފުނީގެ މާލީ "މައިބަދަ" އިންތިހާއަށް ބަލިކަށިވުމެވެ. ސިނާއަތުގެ ތަޖުރިބާކާރުންގެ ބަހުންނަމަ މިހައި ކުއްލި ގޮތަކަށް ކުންފުނީގެ މޯބައިލް ވިޔަފާރި" މެދުހަށީން ބިންދައިގެން ދިއުމުގެ" ފަހަތުގައި އޮތް ހިތި ހަގީގަތަކީ އެއީ އެވެ.

މިއަދު މޯބައިލް ވިޔަފާރީގެ ނަގާކިޔާ ވާދަވެރީންގެ ތެރޭގައި ގުނައިލެވޭ ވަން ޕްލަސް އާއި ވާވޭ އާއި ޝޯމީ ފަދަ ކުންފުނިތަކަކީ އެލްޖީއާއި ސޮނީ އެރިކްސަނާއި ބްލެކްބެރީ އާއި މައިކްރޯސޮފްޓުން މޯބައިލް ސިނާއަތުގެ ކޭމައް އަރައި ކައިގެން ވައިލީ ފަހުން ކޭން ދޮށަށް ލެފިލި އިއްޔެ މެންދުރުގެ ޅަކުދީންެނެވެ. އެކަމަކު. އެވެރީންނަށް، މޯބައިލް ސިނާއަތުގެ ވަހުތާނުގެ އެނބުރުންގަނޑު ދެނެގަތުމުގައި އެވެރީން މާ ހުޝިޔާރެވެ. ނެގިމަޑުވުމެއް ނެތި ކުރިއަށް ދިޔުމުގައި ދެއްކި ކުޅަދާނަކަށް މާ ގައިމެވެ.

ހަމަ އެހައިމެ ގައިމުވާ އަނެއްކަމަކީ، މިއީ ވެސް ވިޔަފާރީގެ މައިދާނުން ލައްކަ އިބުރަތްތެރި ފިލާވަޅުތަަކަށް އަހަރެމެންގެ ލޯތަކާއި ސިކުނޑިތައް ހުޅުވައިލަދިން ހާދިސާއެއްކަމެވެ.