Advertisement

ސުޕަސްޓާރަކަށް ވެވޭނީ މި ތަރިންނަށް!

3 އޭޕްރީލް 2021 - 09:43 0

ވިކީ، ރާޖް އަދި އަޔުޝްމާން: މިއީ ސުޕަސްޓާރަކަށް ވެވިދާނެ ކާމިޔާބު ތަރިން


ސުޕަސްޓާރަކަށް ވެވޭނީ މި ތަރިންނަށް!

3 އޭޕްރީލް 2021 - 09:43 0

ބޮލީވުޑަށް މިއީ ގިނަ އާ ތަރިންތަކެއް އަންނަމުންދާ ދުވަސްވަރެކެވެ. އޭގެ ތެރޭގައި ކުރީގެ ސުޕަސްޓާރުންގެ ދަރިން ވަރަށް ގިނަ އެވެ. އެހެންވީއިރު ބޮލީވުޑްގައި ދެން ރަސްކަން ކުރާނެ ތަރިންނަކީ ކޮބައިތޯ ބަލާލުން ރަނގަޅެއް ނުވާނެ ހެއްޔެވެ؟

އާ ތަރިން އުދަރެހަށް އަރަމުންދާއިރު އެމީހުންގެ ހުނަރުގެ ވާދަވެރިކަން ވެސް ނުހަނު ބޮޑެވެ. ޒުވާން ގިނަ ތަރިންތަކެއް ރީތި، މޮޅު ފިލްމްތަކެއް ވެސް ފެންނަމުން ދަނީ އެ ވާދަވެރިކަމުގެ ތެރޭގަ އެވެ. ސުޕަސްޓާރުން ވެސް އުފެދިގެން ދާނީ ހަމަ އެ ވާދަވެރިކަމުގެ ތެރެއިންނެވެ.

ތިރީގައި މިއޮތީ ސުޕަސްޓާރުންނަށް ވެވިދާނެ ތަރިންގެ ލިސްޓެވެ.

އަޔުޝްމާނު ކުރާނާ

ޒުވާނަކަސް މިއީ މިވަގުތު ބޮލީވުޑްގައި ހުރި އެންމެ ކާމިޔާބު އެކްޓަރެވެ. އޭނާގެ އެއްވެސް ފިލްމެއް މިފަހުން ފްލޮޕްވެފައެއް ނެތެވެ. "ހިޓް މެޝިން"ގެ ގޮތުގައި އަޔުޝްމާނުގެ ނަން މިހާރު ދަނީ ލިޔެވެމުންނެވެ.

މިފަހަރުގެ ފިލްމްފެއާގައި ވެސް އަޔުޝްމާނު، އެންމެ މޮޅު އެކްޓަރަށް ވާދަކުރި އެވެ. އޭގައި އޭނާ ވާދަކުރާތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ. އޭނާގެ ހުނަރުވެރިކަމުން ކުރިމަގުގައި އެންމެ ވަރުގަދަ ސުޕަސްޓާރަކަށް ވާނީ އަޔުޝްމާނު ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

ވިކީ ކޯޝަލް

އަޔުޝްމާނުގެ ފަހަތުން ވިކީގެ ނަން ވެސް އަލިގަދަ އެވެ. ވިކީގައި އެކްޓިންގައި ވަރަށް ނެޗުރަލް، ކުޅަދާނަ ތަރިއެކެވެ. މިފަހުން ބޮލީވުޑް ދުށް އެންމެ މޮޅު އެކްޓަރޭ ބުނުން ދޮގަކަށް ނުވާނެ އެވެ. އޭނާގެ ފިލްމްތައް ވެސް ކާމިޔާބެވެ.

ވިކީ އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ "ސަންޖޭ"ގައި ދެއްކި އެކްޓިންނެވެ. ރަންބީރު ކަޕޫރް ފަދަ މޮޅު އެކްޓަރަކާއެކު ވިކީ ފެނުނު ނަމަވެސް އޭނާގެ ހިޔަނި ނޭޅުނެވެ. ދެން ވިކީގެ މުހިންމު ރޯލެއް ފެނުނު "ރާޒް" އާއި "ޔޫރީ" ވެސް އެއީ މޮޅު އަދި ކާމިޔާބު ފިލްމުތަކެވެ.

ވިކީ މިހާރު ވެފައިވަނީ ބޮލީވުޑްގައި އެންމެ ޑިމާންޑް ބޮޑު އެކްޓަރަށެވެ. މަޝްހޫރު ބަތަލާއިންނާއެކު އޭނާގެ ގިނަ ފިލްމްތަކެއް ކުރިއަށް ވެސް އެބަ ހުއްޓެވެ.

ރާޖްކުމާރު ރާއޯ

ކޮންމެ ކަހަލަ ރޯލެއް ދިނަސް ރާޖް، އެއަށް ފިޓްވެ އެވެ.

ރާޖް ކުމާރަކީ މިހާރު ބޮލީވުޑްގެ ބިޒީ ތަރިންގެ ލިސްޓްގައި ހިމެނޭ މީހެކެވެ. އޭނާއާއެކު ފިލްމް ހެދުމަށް ޑައިރެކްޓަރުން ތިބެނީ ކިޔު ހަދާފަ އެވެ. އޭނާ ބައިވެރިވާ ފިލްމްތަކުގެ ކާމިޔާބީ ވެސް ބޮޑުވީމަ އެވެ.

ވަރަށް ފަހުން ނެޓްފްލިކްސްއިން ގެނެސްދިން "ލޫޑޯ"ގެ ބޮޑު ކާމިޔާބީގެ ތެރެއިން ވެސް އެންމެ ވިދާލީ ރާޖް އެވެ. އެތައް ގިނަ ތަރިންތަކެއް ހިމެނުނު އެ ފިލްމުގެ އެއީ އެންމެ ހާއްސަ މޫނެވެ. ރާޖް ވަނީ އެ ފިލްމުން ފިލްމްފެއާގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑަށް ވާދަ ވެސް ކޮށްފަ އެވެ.

އޭގެ ފަހުން ރާޖުގެ "ރޫހީ" ވެސް ކާމިޔާބު ފިލްމެއްގެ ގޮތުގައި ފެނިގެން ދިޔަ އެވެ. ކުރިއަށް ވެސް ރާޖުގެ ގިނަ ފިލްމްތަކެއް ހުރިއިރު އޭނާގެ މުސްތަގުބަލު ފެންނަނީ އުޖާލާކޮށެވެ.

ޖާންވީ ކަޕޫރް

ބޮލީވުޑްގެ އެންމެ ފުރަތަމަ އަންހެން ސުޕަސްޓާރަކީ ސްރީދޭވީ އެވެ. އޭނާގެ މަޝްހޫރު ކަމާއި ކާމިޔާބީއާ ހަމައަށް އަދި ދެވުނު އެހެން ތަރިއެއް ނެތެވެ.

އެހެންނަމަވެސް އެ މަގުން ހިނގަމުން އޭނާގެ ދަރިފުޅު ޖާންވީ ކަޕޫރު ވަނީ ބޮލީވުޑަށް ނުކުމެފަ އެވެ. ސްރީދޭވީގެ ކުއްލި ވަކިވުމާއެކު ލިބުނު ފުން ހިތާމައިން ނުކުމެ، ޖާންވީ މިހާރު ދަނީ ބޮލީވުޑްގައި އޭނާގެ މަގާމު ހާސިލް ކުރަމުންނެވެ.

މިފަހުން ޖާންވީ ވަނީ "ގުންޖަން ސަކްސޭނާ" މޮޅު އެކްޓިންއެއްް ދައްކާލާފަ އެވެ. މޮޅު ފިލްމަށް ފިލްފެއާގައި އެ ފިލްމް ނޮމިނޭޓް ވެސްވި އެވެ. ޖާންވީގެ އެންމެ ފަހުގެ ފިލްމަކީ "ރޫހީ" އެވެ. އެ ވެސް ކާމިޔާބު ފިލްމެކެވެ.

މަންމަ ހާސިލް ކުރި ވަރުގެ ކާމިޔާބެއް ހާސިލް ކުރުމުގެ ގާބިލްކަން ޖާންވީގެ އެބަ ހުއްޓެވެ.

ސާރާ އަލީ ހާން

ސާރާއަކީ ހުރިހާ ގޮތަކުން ވެސް ބޮލީވުޑްގެ ދަރިއެކެވެ. އޭނާގެ ބައްޕަ ސައިފް އަލީ ހާންއަކީ މިހާރު ވެސް ބޮލީވުޑްގެ މަޝްހޫރު އަދި ބިޒީ އެކްޓަރުންގެ ލިސްޓްގައި ހިމެނޭ ތަރިއެކެވެ. މަންމަ އަމްރިތާ ސިންހަކީ އެއް އިރެއްގައި އެންމެ ވިދާލި ބަތަލާއެކެވެ.

އެމީހުންގެ ކާމިޔާބީގެ ފަހަތުން ސާރާ ވެސް ބޮލީވުޑަށް ނުކުމެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަނީ ކާމިޔާބީ ހޯދަން ފަށާފަ އެވެ. ހަމަ އެންމެ ފިލްމެއް ފިޔަވައި ސާރާގެ މުޅިން ވެސް ހުރީ ހިޓް ފިލްމްތަކެވެ.

ސާރާގެ އެކްޓިންއަށް ވެސް ތައުރީފު ލިބެ އެވެ. ކުރިއަށް ވެސް އޭނާގެ ބޮޑެތި ފިލްމްތަކެއް ހުރީ ކިޔުގަ އެވެ. ބައްޕަ ފަދަ ކާމިޔާބު އެކްޓަރަކަށް އޭނާވުން ވަރަށް ގާތެވެ.

ކިއާރާ އަދުވާނީ

އަންހެން ތަރިންގެ ތެރެއިން މިހާރު އެންމެ ބިޒީ ތަރިއަކަށް ކިއާރާ ވާނެ އެވެ.

ކިއާރާ މަޝްހޫރުވެގެން ދިޔައީ "ކަބީރް ސިންހް"ގެ ކާމިޔާބީއާއެކު އެވެ. އޭގެ ކުރިން ވެސް އޭނާ ފިލްމްތަކެއް ކުޅެފައިވީ ނަމަވެސް އޭނާގެ ނަން ވައެއްގަ ނުހިފަ އެވެ.

ޝާހިދުއާއެކު ފެނުނު "ކަބީރު ސިންހް"އަށް ފަހު ކިއާރާ އަތުގައި އެތައް ފިލްމްތަކެއް ފުނި ޖެހުނެވެ. މިހާރު ވެސް އެތައް ފިލްމެއްގެ މަސައްކަތް އޭނާ ކުރަމުންދެ އެވެ.

"ގުޑް ނިއުސް"، އާއި "ލަކްސްމީ" އަދި "އިންދޫކީ ޖަވާނީ" ފަދަ ފިލްމުތަކުން ކިއާރާ މިދިޔަ އަހަރު ފޭނުންގެ ހިތްތައް އަތުލި އެވެ. އޭނާއަކީ ކުރިމަގުގައި ތަހުތަށް އަރާނެ ތަރިއެކެވެ.