Advertisement

ހިދުމަތްދިނުމުގައި އިހުމާލުވުމުން އޫބާއަށް ބޮޑު ޖޫރިމަނާއެއް

3 އޭޕްރީލް 2021 - 09:42 0

އިބްރާހިމް ސަމީރު

އިބްރާހިމް ސަމީރު

އޫބާއިން ހިދުމަތްދިން ލޯފަން މީހާ: ހިދުމަތް ދިން ގޮތުން އޫބާއަށް ބޮޑު ޖޫރިމަނާއެއް ކުރިމަތިވި--


ހިދުމަތްދިނުމުގައި އިހުމާލުވުމުން އޫބާއަށް ބޮޑު ޖޫރިމަނާއެއް

3 އޭޕްރީލް 2021 - 09:42 0

ޒަމާނީ އެއްގަމު ދަތުރުފަތުރުގެ ވިޔަފާރީގައި އެންމެ މަޝްހޫރު އެއް ކުންފުނި އޫބާ އިން ލޯފަން މީހަކަށް ހިދުމަތް ދިނުމުގައި ތަފާތުކުރުން ގެންގުޅެ، އިހުމާލުވީ މައްސަލައެއްގެ ބަދަލުގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ދޭން ޖެހިއްޖެ އެވެ.

މިކަމާ ގުޅިގެން ނޫސްވެރިންނާ ވާހަކަ ދައްކަމުން ލޯފަން މީހާ، (ލީސާ އާރވިން) ބުނި ގޮތުގައި އޭނާ ގާނޫނުގެ ހިމާޔަތް ހޯދަން ޖެހުނީ ހިދުމަތް ދިނުމުގައި އޮޅުވައިލައި މަކަރާއި ހީލަތް ހެދުމުގެ އިތުރުން އޭނާ މަގުދެނެގަތުމަށްޓަކައި ގެންގުޅޭ ކުއްތާ ކާރަށް އެރުވުމަށް ދެކޮޅު ހަދައި، ބޭއަދަބީކޮށް މުއާމަލާތުކުރުން ފަދަ ކަންކަމާއި ތަކުރާރުކޮށް ކުރިމަތިލާންޖެހޭތީ އެވެ.

މީގެ އިތުރުން ދަތުރުކޮށްދޭން ދެކޮޅު ހެދުމާއި، ލޯފަންކަން އެނގޭ ހިސާބުން ދަތުރުތައް ކެންސަލްކޮށްލުމުގެ ސަބަބުން ގަޑި ވަޒީފާއަށް ދިއުމަށް ހުރަސްއެޅި ވަޒީފާ ގެއްލިފައިވާކަމަށް ވެސް ލީސާ ބުނެފައިވެ އެވެ.

"ލޯފަންކަން އެނގުނީމާ އެއް ޑްރައިވަރަކު ހެދިގޮތަކީ ކާރަށް އަރުވައިފައި ތަންކޮޅަކަށް ގޮސްފައި ބުނީ މިހާރު މި އާދެވުނީއޭ ފައިބާށޭ،" އޭނާ ކިޔައިދިނެވެ.

އޫބާ: އެ ކުންފުންޏަށް ބޮޑު ޖޫރިމަނާއަކާ ވަނީ ކުރިމަތިވެފައި--


މި މައްސަލައިގައި އޫބާ އިން ބުނީ ހިދުމަތް ދެމުން އަންނަނީ ޑްރައިވަރުންގެ ގޮތުގައި މުވައްޒަފުން ލައިގެން ނޫން ކަމަށާއި ޑްރައިވަރުންނަނީ ކުންފުންޏާއެކު ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާ މިނިވަން ބައެއްކަމަށެވެ. އެހެންވެ "ކުންފުނީގެ ސީދާ އިހުމާލެއް ނެތް" މިކަމުގައި ކަމަށް ބުނެ ހުކުމުން ރެކެން މަސައްކަތްކުރި ނަމަވެސް ކޯޓުން އެ ވާހަކަތައް ބަލައިގެންފައެއްނުވެ އެވެ.

"ލޯފަން ވިޔަސް، އަހަރެމެންގެ ވެސް ހައްގުތަކެއްވޭ. ހިތާމައަކީ އެފަދަ ހައްގުތައް ހޯދަން އުޅުމަކީ މުޖްތަމައު ބަލައިގަންނަ ކަމެއް ނޫންކަމުގެ ތަޖުރިބާ ކުރެވުން،" އޫބާގެ ވާހަކަތަކަށް ސީދާ ރައްދެއް ނުދިނަސް މީޑިއާތަކަށް ދިން އިންޓަވިއުގައި ލީސާ ބުންޏެވެ.

މިފަހަރު މިކަން ހިނގާފައި މިވަނީ ހިދުމަތް ދިނުމުގައި ލޯފަން މީހުންނާއި އެނޫން މީހުން ތަފާތުކުރުމުގެ މައްސަލަތަކެއް ފެންމަތިވެ، އޫބާ އިން 2017 ވަނަ އަހަރު އެމީހުންގެ ހިދުމަތުގެ ސިޔާސަތު އިސްލާހުކޮށް ދެން އެ ތަފާތުކުރުން ނޯންނާނޭ ކަމުގެ ޔަގީންކަން ދީފައި ވަނިކޮށެވެ.

ރާއްޖޭގައި ވެސް މަދުން ނަމަވެސް، ހިދުމަތް ދިނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އެނޫން މީހުންނާ މެދު ތަފާތުކުރުން ގެންގުޅޭކަމުގެ މައްސަލަތަކުގެ ވާހަކަ ދޭތެރެދޭތެރެއިން ތިލަވެ އެވެ.