Advertisement

މަޖިލީހަށް އިތުބާރެއް ނެތް، ވޯޓުލި ނަމަވެސް ރަނގަޅު ބަދަލެއްގެ އުއްމީދެއް ނެތް

21 އޭޕްރީލް 2024 - 18:45 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

މަޖިލިސް އިންތިހާބުގައި ވާދަކުރި ހުރިހާ ކެންޑިޑޭޓުންނަށް ރަސްކަނދު ޖަހާފައިވާ ފޮޓޮއެއް: މިއީ މިފަހުގެ ތާރީހެއްގައި މަޖިލިސް އިންތިހާބެއްގައި އެންމެ މަދު އަދަދެއްގެ މީހުން ވޯޓުލާން ނިކުން ފަހަރު -- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


މަޖިލީހަށް އިތުބާރެއް ނެތް، ވޯޓުލި ނަމަވެސް ރަނގަޅު ބަދަލެއްގެ އުއްމީދެއް ނެތް

21 އޭޕްރީލް 2024 - 18:45 0

ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު، އެހެން އިންތިހާބުތަކާއި ހިލާފަށް ވޯޓުލާ މީހުންގެ އަދަދު މަދުކަން ފާހަގަކުރެވެ އެވެ. އިލެކްޝަން ކޮމިޝަނުން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުން 5:30 އާ ހަމައަށް ވޯޓުލީ 73 ޕަސެންޓު މީހުންނެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު 2009 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ބަލާނަމަ ވޯޓުލުމުގެ ހައްގު ލިބުނު 212،559 މީހުންގެ ތެރެއިން ވޯޓުލާން ނުކުތީ 166،105 މީހުންނެވެ. އޭގެ ފަހުން 2014 ވަނަ އަހަރު ވޯޓުލުމުގެ ހައްގު ލިބުނީ 240،653 މީހުންނަށެވެ. އަދި ވޯޓުލީ 189،642 މީހުންނެވެ. އަދި 2019 ވަނަ އަހަރު އޮތް މަޖިލިސް އިންތިހާބަށް ބަލާނަމަ ވޯޓުލީ 81.32 ޕަސެންޓު މީހުންނެވެ. އެއީ 264،446 މީހުންގެ ތެރެއިން 215،053 މީހުންނެވެ.

މިއަދުގެ އިންތިހާބު ކުރިއަށްދިޔަ ވަގުތު "އަދަދު" ނޫހުން މާލޭގެ އެކި ސަރަހައްދުތަކުގައި ވޯޓުލާން ނުކުމެ އުޅުނު ބައެއް މީހުންނާ ބައްދަލުކޮށް އިންތިހާބާ ގުޅޭ ގޮތުން ވާހަކަ ދެއްކީމެވެ.

ވޯޓުލާން ނުކުތީ ކީއްވެ؟

ގިނަ މީހުންގެ ޖަވާބުން ފާހަގަކޮށްލެވުނީ ކޮންމެ މީހަކު ވެސް ވޯޓުލާން ނުކުންނަނީ އާއިލާގެ މީހަކު ކެންޑިޑޭޓަކަށް ހުރުން ނުވަތަ، އެކުވެރިޔަކަށް ދާއިރާގެ ގޮނޑި ކާމިޔާބުކޮށްދިނުމަށް ކަމެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުން އެންމެ ބޮޑަށް ބިނާވަނީ ގާތްކަމުގެ ގުޅުންތަކަށް ކަމެވެ.

އިންތިހާބާއި ގުޅޭ ގޮތުން މި ނޫހާ ވާހަކަ ދައްކަމުން ގއ. ވިލިނގިލި ދާއިރާއަށް ނިސްބަތްވާ އަގީދާ ސުހެއިލް، 50، ބުނީ އޭނާ ވޯޓުލާން ނުކުތީ އާއިލާ މީހަކު ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމުން ކަމަށެވެ.

"އަޅުގަނޑު ފިރިމީހާގެ ގޭ ކުއްޖެއް އެބައުޅޭ ކުރިމަތިލައިގެން. އެހެންވެ އޭނާ ހޮވަން ވޯޓުލާން މިއައީ،" އަގީދާ ބުންޏެވެ.

އެހެން މީހަކު ބުނީ ވޯޓު ދޭން ނުކުތީ ގާތް ރަހުމަތްތެރިއަކު ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބަށް ވާދަ ކުރުމުން ކަމަށެވެ.

"ގާތް ރައްޓެއްސެއް ހުންނާނެ ކެންޑިޑޭޓަކަށް. ވޯޓު ލާ ކެންޑިޑޭޓު ހޮވުމުގަ ވެސް ބޮޑަށް ގާތް މީހުންނަށް ބަލަނީ،" ވިލިނގިލި ދާއިރާއަށް ވޯޓުލުމަށްފަހު ނިކުތް ޝަރުގީލް އަޝްފާން، 31، ބުންޏެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓުލާން ނުކުތް ސަބަބުތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނަ މީހުން ފާހަގަކުރީ ގައުމަށްޓަކައި އަދާކުރާ ފަރުދީ ޒިންމާ އަދާކުރުމެވެ. އަދި ކޮންމެ މީހަކު ވެސް އަމިއްލަ ފައިދާއަށް ނުވިސްނައި ވޯޓުލާން ނުކުންނަންޖެހޭ ކަން ގިނަ މީހުން ފާހަގަކުރި އެވެ.

"ފަރުދީ ޒިންމާއަކަށް ވީމަ މިއަދު ވޯޓުލާން މިއައީ. އެ ޒިންމާ އަދާކުރަން،" އެކައުންޓިން ދާއިރާގައި މަސައްކަތްކުރާ ރިޝާހް ނަސީރު، 33، އޭނާ ވޯޓުލާން ނުކުތް ސަބަބު ހިއްސާކުރަމުން ބުންޏެވެ.

މި ނޫހާ ވާހަކަ ދެއްކި ބައެއް މީހުން ބުނީ އެމީހަކު ނިސްބަތްވާ ދާއިރާއަށް ގާބިލު މީހަކު ހޮވުމަކީ އެ ދާއިރާއެއްގެ ކޮންމެ ރައްޔިތެއްގެ ވެސް ފަރުދީ ޒިންމާއެކެވެ.

"ވޯޓުލާން މިނުކުތީ ގައުމު ކުރިއަށްދާނީ ރަނގަޅު އޮއްޓަރު ހުރި ކެންޑިޑޭޓަކު ހޮވައިގެން ކަމަށް ވާތީ. އެ ޒިންމާ އަދާކޮށް ހެޔޮ ބަދަލެއް ގެންނަން،" ގއ. ވިލިނގިލި ދާއިރާއަށް ނިސްބަތްވާ ޒުވާން ޕައިލެޓު މުހައްމަދު ރިފްލާލް، 29، ބުންޏެވެ.

ވޯޓުލާން ނުކުތް ބައެއް މީހުން ދެކުނީ ވޯޓުލުމަކީ ކޮންމެ މީހެއްގެ ވެސް ވާޖިބެއް ކަމަށެވެ.

"ވޯޓުލުމަކީ ވާޖިބެއް. ކޮންމެ މީހަކު ވެސް ގައުމަށްޓަކާ ކޮންމެހެން ކުރަންޖެހޭ ކަމެއް،" މާފަންނު އުތުރު ދާއިރާއަށް ވޯޓުލުމަށްފަހު ނުކުތް މަރިޔަމް ސައީދާ، 71، އޭނާގެ ތަޖުރިބާއާއިއެކު ކިޔައިދިނެވެ.

ވޯޓުލުމަށް މީހުން ނުކުތް އިތުރު ސަބަބުތަކުގެ ގޮތުގައި ދެން ފާހަގަކުރެވެނީ ކަމުދާ ނުވަތަ ނިސްބަތްވާ ޕާޓީގެ ކެންޑިޑޭޓަކު ހުރުމާއި، އަލަށް މަޖިލިސް އިންތިހާބެއްގައި ވޯޓުލުމުގެ ހައްގު ލިބުމާއެކު އެކަން ތަޖުރިބާކޮށްލަން ވޯޓުލުމެވެ.

ރައްޔިތުންގެ މަޖިލީހަށް އިތުބާރެއް ނެތް، ބޭނުމީ ބަދަލެއް

ކޮންމެ އިންތިހާބަކީ އެދެވޭ މިންވަރަކަށް ވޯޓުލާ މީހުން އިތުރު އިންތިހާބަކަށް ހެދުމަށް، ސިޔާސީ މީހުންނަށް އާންމުންގެ އިތުބާރު ދެމެހެއްޓިފައި އޮތުން މުހިންމެވެ. ވޯޓު ދިނުމުގެ ހައްގަކީ ކޮންމެހެން އަދާކުރަންޖެހޭ ޒިންމާއަކަށް ވާއިރު، ނިޒާމަށް އިތުބާރު ގެއްލިފައި ތިބޭ މީހުން ގިނަކަން މިއަދު އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުން ވެސް ފާހަގަކުރެވުނެވެ.

"ރައްޔިތުންގެ މަޖިލީހަކަށް އަހަރެމެން ނުކުރަން އިތުބާރެއް. އެއީ އެތާ ތިބޭ މީހުންގެ އަހުލާގެއް ނެތީމަ. އަދަބީ ގޮތުން ވަރަށް ދަށް ފެންވަރެއްގަ އެތިބީ. ވޯޓުމިލީ އެކަން ބަލަދުކުރެވޭނެ ކަމުގެ އުންމީދުގަ،" ކުރިން ވާހަކަ ދެއްކި އަގީދާ ސުހެއިލް ބުންޏެވެ.

ބައެއް މީހުން ބުނީ ރައްޔިތުންގެ މަޖިލީހުން ރައްޔިތުންގެ އަޑު އިވޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

"މަޖިލިހާށް ނުކުރެވޭ އިތުބާރެއް. ދާއިރާއަކަށް ނާދޭ މިދިޔަ ފަސް އަހަރު ވެސް މާ ބޮޑު ބަދަލެއް. ރައްޔިތުންގެ އަޑެއް ނީވޭ މަޖިލީހަކުން،" ކުރިން ވާހަކަ ދެއްކި ޝަރުގީލް އަޝްފާން ބުންޏެވެ.

ބައެއް ޒުވާނުން ބުނީ ރައްޔިތުންގެ މަޖިލީހުން އެކަށީގެންވާ މަސައްކަތް ނުކުރާ ކަމަށެވެ. އިތުބާރު ނުކުރެވެނީ އެހެންވެ ކަމަށް އެމީހުން ބުނެ އެވެ.

"މިހާރު އޮތް މަޖިލީހުން ވެސް ނުކުރޭ އެދެވޭ މަސައްކަތެއް. ކޮންމެ މީހަކު ވެސް އުޅެނީ އަމިއްލަ ފައިދާއަށް އެހެންވެ ނުކުރެވޭ އިތުބާރެއް،" ނޫސްވެރިޔެއްގެ ގޮތުގައި މަސައްކަތްކުރާ މަލާކް އަހުމަދު ފަޔާޒް، 21، ބުންޏެވެ.

ވޯޓުލާން ނުކުތް ނަމަވެސް ވޯޓުގެ ސަބަބުން ރަނގަޅު ބަދަލެއް އަންނާނެކަން ގަބޫލު ނުކުރާ ކަމަށް ބައެއް މީހުން ބުންޏެވެ.

"އަޅުގަނޑުމެންގެ ޒިންމާއަކީ ވޯޓުލުން. އެކަމަކު މި ވޯޓުން ރަނގަޅު ބަދަލެއް އަންނާނެ ކަމުގެ ގެރެންޓީއެއް އިތުބާރެއް މިހާރު ނެތް،" ކުރިން ވާހަކަ ދެއްކި މަރިޔަމް ސައީދާ ބުންޏެވެ.

މި ނޫހާ ވާހަކަދެއްކި ގިނަ މީހުން ވޯޓުލާނެ ކެންޑިޑޭޓަކު އިހުތިޔާރުކުރުމުގައި އެންމެ ބޮޑަށް ބެލީ އެމީހެއް ތައުލީމީ ފެންވަރާއި، ތެދުވެރިކަން، އަމާނާތްތެރިކަން، އެހެން މީހުނާއިއެކު ގުޅިގެން މަސައްކަތް ކުރުން ފަދަ ސިފަތަކަށެވެ. އަދި އެންމެން ވެސް ތިބީ މިއަދު ލީ ވޯޓާއިއެކު ދާއިރާއަށް ރަނގަޅު ބަދަލެއް އައުމުގެ އުންމީދުގަ އެވެ.