Advertisement

މަޖިލިސް އިންތިހާބުން ފާހަގަކުރެވުނު މައްސަލަތައް އެޗްއާރްސީއެމްއިން ހާމަކޮށްފި


މަޖިލިސް އިންތިހާބުން ފާހަގަކުރެވުނު މައްސަލަތައް އެޗްއާރްސީއެމްއިން ހާމަކޮށްފި

ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުން ފާހަގަކުރެވުނު މައްސަލަތައް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން އިއްޔެ ހާމަކޮށްފި އެވެ.

އެ ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެޕްރިލް، 21 ގައި ބޭއްވި އިންތިހާބުގެ އޮބްޒާވަރުންގެ ގޮތުގައި 18 އަތޮޅެއްގެ 35 ރަށެއްގައި އެޗްއާރްސީއެމްގެ 88 އޮބްޒާވަރުން ހަރަކާތްތެރިވި ކަމަށެވެ.

އިންތިހާބު ދުވަހުގެ ކުރީ ދުވަހު އެޗްއާރްސީއެމްއަށް ފާހަގަކުރެވުނު ކަންތައްތައް:

  • ބައެއް ސަރަހައްދުތަކުގައި ހުރި ކެމްޕެއިން ޕޯސްޓަރުތަކަށް ހުރީ ގެއްލުންދީފައި
  • ކެމްޕެއިން ކުރުމުގެ އެންމެ ފަހު ދުވަހު ކެމްޕެއިން ނިންމާލުމަށް ބޭއްވުނު ހަރަކާތުގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވޭ
  • ކެމްޕެއިން ކުރުން މަނާ ގަޑި 18:00 ގައި ހުރިހާ ހިސާބަކުން ވެސް ކެމްޕެއިން ކުރުން ނިންމާލި. ނަމަވެސް ސޯޝަލް މީޑިއާ އަދި ހަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް ކެމްޕެއިން ކުރުމުގެ ގޮތުން މެސެޖުތަކާއި ކެމްޕެއިން ޕޯސްޓުތައް ފޮނުވަމުންދިޔަ,

އިންތިހާބު އޮތް ދުވަހު އެޗްއާރްސީއެމްއަށް ފާހަގަކުރެވުނު ކަންތައްތައް:

  • ވޯޓުލުން ފަށަން ކަނޑައެޅިފައިވާ ގަޑިއަށް ވޯޓުލާން ފެށިފައި ވަނީ 77 ޕަސަންޓު މަރުކަޒުގައި. ވޯޓުލުން ފެށުން ލަސްވީ މައިގަނޑު ގޮތެއްގައި އޮފިޝަލުންނަށް ވޯޓުލުމުގެ ކަންކަން ވަގުތަށް ތައްޔާރު ނުކުރެވުމުގެ ސަބަބުން.
  • 45 ޕަސަންޓު މަރުކަޒުތަކުގައި 7:30 ގެ ކުރިން ވޯޓު ކަރުދާސްތައް ހަމަތޯ ޗެކް ކުރެވިފައި ނުވޭ އަދި އޮބްޒާވްކުރި ފޮށިތަކުގެ ތެރެއިން އެންމެ ލަހުން ވޯޓުލާން ފެށިފައި ވަނީ 8:35 ގައި.
  • ތިން މަރުކަޒރެއްގައި "ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު" އާއްމުކޮށް ފެންނާނެހެން ހަރުކުރެވިފައި ނުވޭ. އެ މަރުކަޒުތަކުގައި ލިސްޓު ބާއްވާފައި ވަނީ މަރުކަޒުގެ ތެރޭގައި ހުރި މޭޒެއް މަތީގައިކަމުން، ވޯޓުލާން އަންނަ ކޮންމެ މީހަކަށް ލިސްޓު ނުފެނުމަކީ އެކަށީގެންވާ ކަމެއް.
  • ވޯޓުލާ މަރުކަޒުގެ ތެރެއިން 9 ޕަސަންޓު ސަރަހައްދުގައި ވޯޓުލާން އައިސް އަވީގައި ތިބެން ޖެހުނު. އަދި 12 ޕަސަންޓު ސަރަހައްދުގައި ވޯޓުލާން އައިސް ތިބޭއިރު ވާރެއިން ނިވާވެވޭނެ ގޮތް ހަމަޖެހިފައި ނުވޭ.
  • 26 ޕަސަންޓު ވޯޓުލާ ސަރަހައްދަކީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެން މީހެއްގެ އެހީތެރިކަމާ ނުލާ ވަދެ ނިކުމެވޭ ގޮތަށް ހުރި ސަރަހައްދުތަކެއް ނޫން.
  • 37 ޕަސަންޓު މަރުކަޒުތަކަކީ ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަމިއްލައަށް ވަދެ ނިކުމެ އުޅެވޭ ގޮތަށް ހުރި މަރުކަޒުތަކެއް ނޫން. އޭގެ ސަބަބުގެ ތެރޭގައި އެ މަރުކަޒުތައް ޖާގައިގެ ގޮތުން ކުޑަވުމާއި ވަދެ ނިކުންނަ ދޮރު ހަނިވުމާއި މަރުކަޒުތަކުގެ ކުރިމަތީ އޮޅިގަނޑެއް ހުރުން ހިމެނޭ.
  • 23 ސަރަހައްދެއްގައި ގޭޓު/ދޮރު ކުރިމަތީގައި ކެމްޕެއިން މެޓީރިއަލް ހުރި.
  • ވޯޓުލުމުގެ އެންމެހާ އިންތިޒާމު ފުރިހަމައަށް ހަމަޖެހޭނެފަދަ އެކަށީގެންވާ 15 ޕަސަންޓު މަރުކަޒުގައި ނެތް.
  • 34 މަރުކަޒެއްގައި ވޯޓުގެ ސިއްރުކަން ގެއްލުމުގެ ފުރުސަތު އޮތް، ވަކިން ހާއްސަކޮށް ވީލްޗެއާ ބޭނުންކުރާ މީހުން ވޯޓުލާއިރު ވޯޓުގެ ސިއްރުކަން ގެއްލުމުގެ ފުރުސަތު ބޮޑު.
  • 20 މަރުކަޒެއްގައި ވޯޓުފޮށިތައް ބެހެއްޓިފައި ހުރީ އުސް މޭޒުމަތީގައި ކަމުން، ވޯޓުފޮށި އުސްުވުމުގެ ސަބަބަުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓުލާން ދަތިވި.
  • "ޑިސެބިލިޓީ ކާޑު" ދައްކައިގެން އެއް ވޯޓުލުމުގެ ފުރުސަތު އެއް މަރުކަޒުން ދިން ނަމަވެސް އެހެން މަރުކަޒުތަކުން އެ ފުރުސަތު ނުދޭ. އެ ކާޑަކީ ވޯޓުލާން ބޭނުންކުރެވޭނެ ރަސްމީ ލިޔުމެއް ނޫން.
  • ގާނޫނާ އެއްގޮތަށް 100 މީހުންނަށްވުރެ މަދުން ރަޖިސްޓްރީ ކޮށްފައިވާ މަރުކަޒުތަކުގައި އިތުރަށް ހަތަރު ވޯޓު ކަރުދާސް އަދި 100 އަށްވުރެ ގިނަ މީހުން މީހުން ރަޖިސްޓްރީ ކޮށްފައިވާ މަރުކަޒުތަކަށް 8 ކަރުދާސް ގިނަ މަރުކަޒުތަކަށް ލިބިފައި ނުވޭ.
  • ހަ މަރުކަޒެއްގައި މޫނު ބުރުގާ އަޅައިގެން އަންނަ ފަރާތްތައް މޫނު ވެރިފައި ކުރުމުގެ އިންތިޒާމު ހަމަޖެހިފައެއް ނުވޭ. އެހެންކަމުން ވޯޓުލާން އައިސްތިބި މީހުންގެ ކުރިމަތީގައި އެމީހުން މޫނު ޗެކުކުރި.
  • ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޯޓުލުމަށް އެހީތެރިކަން ދިނުމުގައި ވޯޓުލުމުގެ ތެރެއިން އެ ފަރާތްތަކުގެ ވޯޓަށް ނުފޫޒު ފޯވުމުގެ ކަންތައްތައް ހިނގާފައިވޭ.
  • 18 ޕަސަންޓު މަޒުކަޒެއްގައި ވޯޓު ބޫތާއި 10 ފޫޓް ކައިރިން ފޮޓޯ ނަގާފައިވާއިރު، ބައެއް އޮފިޝަލުން އެކަން ހުއްޓުވާފައި ނުވޭ. އަދި މަރުކަޒުތަކުގައި އޮބްޒާވަރުންނާއި، މޮނިޓަރުން އަދި މަންދޫބުން ފޯނު ބޭނުންކުރި.
  • 38 ޕަސަންޓު މަރުކަޒުތަކުގައި އޮބްޒާވަރުންނާއި މޮނިޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުންގެ އަމަލުތައް ސުލޫކީ މިންގަނޑާއި ހިލާފު.
  • ސިޔާސީ އެކި ފަރާތްތަކުން ވޯޓުލުމަށްފަހު މީޑިއާއަށް ދިން އިންޓަވިއުތަކުގައި ވަކި ގޮތަކަށް ވޯޓު ދިނުމަށް ބާރު އަޅާފައިވޭ.
  • ވޯޓުގެ ސިއްރުކަން ގެއްލޭފަދަ އަމަލުތައް 8 މަރުކަޒެއްގައި ހިނގާފައިވޭ.
  • އެއް މަރުކަޒެއްގައި ކިއު ބަންދު ބޯޑު އެޅުވުމަށްފަު، ބައެއް ފަރާތްތަކަށް ވޯޓުލާން ފުރުސަތުތ ދީފައިވޭ.

މިފަހަރުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 75 އިންސައްތަ މީހުން ވޯޓުލާފައިވާއިރު، މިއީ 2009 ވަނަ އަަހަރު ފެށިގެން ބާއްވާ މަޖިލިސް އިންތިހާބުގައި އެންމެ މަދުން ވޯޓުލީ ފަހަރެވެ.

އިންތިހާބަށް އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ މަސައްކަތާއި އިންތިޒާމުތައް ނިސްބަތުން ރަނގަޅުކަމަށާއި، ޖުމްލަ ގޮތެއްގައި އިންތިހާބަކީ މައްސަލަތައް މަދު އޮމާންކޮށް ކުރިއަށް ގެންދެވުނު އިންތިހާބެއް ކަމަށް އެޗްއާރްސީއެމްއިން ބުނެ އެވެ.

އިންތިހާބުގައި 602 ވޯޓު ފޮށި ބެހެއްޓި އެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުގައި ބެހެއްޓި 241 ވޯޓު ފޮށްޓާއި އަދި ރިސޯޓުތަކުގައި ބެހެއްޓި 34 ވޯޓު ފޮށްޓެއް ހިމެނެ އެވެ.

އިންތިހާބުގައި 93 ދާއިރާއަކަށް މެމްބަރުން ވަނީ އިންތިހާބު ކޮށްފަ އެވެ. ނަމަވެސް 43 އަންހެން ކެންޑިޑޭޓުންގެ ތެރެއިން އިންތިހާބު ކާމިޔާބުވީ އެންމެ ތިން އަންހެން މެމްބަރުންނަށެވެ.

އަލަށް އިންތިހާބުކުރި މެމްބަރުން ހުވާ ކުރެއްވުމަށް ހަމަޖެހިފައި ވަނީ މެއި، 28 ވަނަ ދުވަހު އެވެ.