Advertisement

ކޮލަމްބިއާއިން އިޒްރޭލާ ހާރިޖީ ގުޅުން ކަނޑާލައިފި

ކޮލަމްބިއާގެ ރައީސް ގުސްޓާވޯ ޕެޓްރޮވް -- ފޮޓޯ؛ އޭއެފްޕީ


ކޮލަމްބިއާއިން އިޒްރޭލާ ހާރިޖީ ގުޅުން ކަނޑާލައިފި

ކޮލަމްބިއާއިން އިޒްރޭލާ ހާރިޖީ ގުޅުން ކަނޑާލާނެކަން އިއްޔެ އިއުލާންކޮށްފި އެވެ.

މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ކޮލަމްބިއާގައި ކުރިއަށްދިޔަ އެއްވުމެއްގައި އެ ގައުމުގެ ރައީސް ގުސްޓާވޯ ޕެޓްރޮވް ވިދާޅުވީ ފަލަސްތީނުގެ ގާޒާގައި އިޒްރޭލުން ކުރިއަށްގެންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން އެ ގައުމާއެކު ގާއިމުކޮށްފައިވާ ގުޅުން ކަނޑާލަން ނިންމާފައިވާ ކަމަށެވެ.

ޕެޓްރޯވް ވިދާޅުވީ މިއަދުގެ ވަގުތެއްގައި އިޒްރޭލާއެކު ގާއިމުކޮށްފައިވާ ގުޅުން ރަސްމީކޮށް ކަނޑާލާނެ ކަމަށާއި، އެކަމަށް ވާން ޖެހޭ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ.

އިޒްރޭލުން ގާޒާއަށް ހަމަލާދޭން ފެށިފަހުން ކޮލަމްބިއާއިން އައީ އިޒްރޭލަށް ދަތިކުރުމުގެ ގޮތުން އެކި ފިޔަވަޅުތައް އަޅަމުންނެވެ. މިގޮތުން ހަތިޔާރު ވިއްކުން ވެސް މަނާކުރި އެވެ.

ގާޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 34،500 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

އިޒްރޭލާއެކު ގާއިމުކޮށްފައިވާ ހާރިޖީ ގުޅުން ގިނަ ގައުމުތަކުން އަންނަނީ ކަނޑާލަމުންނެވެ. އޭގެ ތެރޭގައި ލެޓިން އެމެރިކާ އަދި މެދުއިރުމަތީގެ ގައުމުތައް ހިމެނެ އެވެ.