Advertisement

އިޒްރޭލު މީހުން ރާއްޖެއަށް އައުން މަނާކުރަން ފަސްޖެހޭތީ ކަންބޮޑުވުން ފާޅުކޮށްފި

7 މޭ 2024 - 10:51 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ


އިޒްރޭލު މީހުން ރާއްޖެއަށް އައުން މަނާކުރަން ފަސްޖެހޭތީ ކަންބޮޑުވުން ފާޅުކޮށްފި

7 މޭ 2024 - 10:51 0

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ބޮޑު ގަތުލުއާއްމެއް ހިންގަމުންދާތީ އިޒްރޭލުގެ ޕާސްޕޯޓްގައި ރާއްޖެއަށް މީހުން އެތެރެވުން މަނާކުރަން ސަރުކާރުން ފަސްޖެހޭތީ ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު (ބިގޭ) މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާއްމު ވަރުގަދަކުރުމާ އެކު، އިޒްރޭލު މީހުުން ރާއްޖެއަށް އެތެރެވުން މަނާކުރަން ގޮވައިލާ އަޑު ރާއްޖޭގައި ގަދަވި އެވެ. އެކަމަށް ގޮވައިލާ ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ އެހިސާބުންނެވެ. މަޖިލީހުން އެ ގަރާރު ފާސްކުރީ އޭޕްރިލް 1، ގަ އެވެ.

އެކަމުގައި ސަރުކާރުގެ ސިޔާސަަތު އޮތީ ކިހިނެތްތޯ ނޫސްވެރިއަކު އިއްޔެ ސުވާލުކުރުމުން ސަރުކާރުން މިއަދު ވެސް ސާފު ޖަވާބެއް ނުދިނެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ސުވާލުކުރީ "އިޒްރޭލުގެ ރައްޔިތުން ރާއްޖެއަށް އެތެރެވުމާ މެދު ސަރުކާރުގެ ސްޓޭންޑަކީ ކޮބައިތޯ" އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުގެ ބަދަލުގައި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ދެއްކެވީ ފަލަސްތީނު މީހުންނާ ރާއްޖެއާ އޮތް ގާތްކަމުގެ ވާހަކަ އެވެ. ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ނުގެއްލޭ ގޮތަށް ކަންތައްތައް ބައްޓަން ކުރުމަކީ އަބަދުވެސް ސަރުކާރުގެ ސްޓޭންޑް ކަމަށެވެ.

އިޒްރޭލުގެ ޖަރީމާތަކާ މެދު ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވިދާޅުވީ އިޒްރޭލު ޕާސްޕޯޓް މަނާކުރަން ރާއްޖޭން ފަސްޖެހޭތަން އެބަ ފެންނަ ކަމަށެވެ.

އެކަން އޭނާ ސިފަކުރެއްވީ ޓޫރިޒަމް ކުރިއަރުވަން ނުވަތަ އެހެން ސަބަަބަކާ ހެދި ނަމަ ވެސް ބާރުވެރި ގައުމުތަކަށް ރާއްޖެއިން ވެފައިވާ އަޅުވެތިކަމެއް ކަމަށެވެ.

"އެކަމުގައި ވެސް [އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ ކަންތަކުގައި] ވެސް ގޮތެއް ނުނިންމަވާ ކަމަށް އިއްޔެގެ ޕްރެސްގައި ވެސް ފާހަގަކުރެއްވިތަން [މިފެނުނީ]، އެހެންވީމާ އަޅުގަނޑުމެންނަށް މިފެންނަނީ ފަސްޖެހޭތަން، އަޅުގަނޑުމެން ވެސް އަޅުވެތިވެފައި މި ތިބެން ޖެހެނީ، އެހެން ފަރާތްތަކުގެ މަދަދުވެރިކަން ހޯދަން،" އޭނާ ވިދާޅުވި އެވެ.

އިޒްރޭލުން ފަސްލަތީނުގެ ބިންތައް ފޭރިގަނެ، އެ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން، އިޒްރޭލުގެ ފަތުރުވެރިން ރާއްޖެ އައުން މަނާކޮށް އިޒްރޭލުގެ އުފެއްދުންތައް ރާއްޖެ ގެނައުން މަނާކުރަން ގޮވާލާ ގަރާރެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އޭޕްރިލް 1، ގަ އެވެ.

އިޒްރޭލްގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން މަނާ ކުރުމާއި އިޒްރޭލްގައި އުފައްދާ އަދި އެ ގައުމުން އެކްސްޕޯޓްކުރާ ހުރިހާ ބާވަތެއް އެތެރެކުރުން މަނާ ކުރުމާއި އިޒްރޭލާއި ދިވެހިރާއްޖެއާ ދެމެދު އެއްވެސް ގުޅުމެއް އުފެދިފައިވާ ނަމަ އެފަދަ އެންމެހާ ގުޅުންތަކެއް ވަގުތުން މެދުކަނޑައިލަން އެ ގަރާރުގައި ގޮވައިލި އެވެ.