5 މޭ 2024 - 14:43 0
މަރިޔަމް އަފާ ނިޒާމް
އީސީގެ މެމްބަރުން -- ފޮޓޯ: ކޮމިޝަން
5 މޭ 2024 - 14:43 0
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މުވައްޒަފެއްގެ މަގާމުގައި ހުރުމަށްފަހު މެމްބަރުކަމަށް އައްޔަނުވެ ރިޓަޔާކުރާއިރު، ވަޒީފާގައި ދެމި ހުރި މުއްދަތުން ފަށައިގެން މެމްބަރުކަމުގެ މުއްދަތު ގުނައި، އިނާޔަތް ދޭން ނިންމި ގަވާއިދު އެ ކޮމިޝަނުން އުވާލައިފި އެވެ.
މިިދިޔަ ފެބްރުއަރީ 28، ގައި އީސީން ނެރެ، އަމަލުކުރަން ފެށި ގަވާއިދުގައި ވަނީ އެ ކޮމިޝަންގެ މުވައްޒަފުންނާއި ކޮމިޝަންގެ މެމްބަރުންނަށް މުސާރަ އާއި އިނާޔަތްތަކާއި އިތުރުގަޑީގެ ފައިސާ ދިނުމުގެ އުސޫލާ އެކު ރިޓަޔާމަންޓް ފައިސާ ލިބޭނެ ގޮތްތަކެއް ހިމަނާފަ އެވެ.
އިީސީ އިން ތައާރަފްކުރި އުސޫލުގައި ބުނާ ގޮތުން މުވައްޒަފަކު އުމުރުން 55 އަހަރުވުމުން ވަޒީފާއިން ރިޓަޔާކޮށް، އިނާޔަތް ހޯދުމަށް އެދިއްޖެނަމަ އެ މުވައްޒަފަކު ވަޒީފާ އިން ރިޓަޔާކޮށް އިނާޔަތް ދޭންޖެހެ އެވެ. އަދި އުމުރުން 55 އަހަރު ވުމުން މުވައްޒަފަކު ރިޓަޔާވުމަށް އެންގުމުގެ ބާރުވެސް ގަވައިދުގައި ކޮމިޝަނަށް ދީފައިވެ އެވެ.
ރިޓަޔާ ކުރުމުގައި ދަރަޖަ ދެވޭނީ ވަޒީފާއިން ވަކިކުރެވޭއިރު މަދުވެގެން 15 އަހަރު ދުވަހު މުވައްޒަފެއްގެ ގޮތުގައި ކޮމިޝަނަށް ހިދުމަތް ކޮށްފައިވާ މީހުންނަށް ކަމަށްވެސް ގަވައިދުގައިވެ އެވެ.
އެ ކޮމިޝަނުގެ މެމްބަރު ހަސަން ޒަކަރިއްޔާ މިއަދު "އަދަދު" އަށް ވިދާޅުވީ، އެ ގަވާއިދު އުވާލީ މުވައްޒަފެއްގެ މަގާމުގައި ހުރުމަށް ފަހު މެމްބަރު ކަމަށް އައްޔަނުވެ ރިޓަޔާކުރާއިރު، ވަޒީފާގައި ދެމި ހުރި މުއްދަތުން ފަށައިގެން މެމްބަރު ކަމުގެ މުއްދަތު ގުނައި، ދަރަޖަ ކަނޑައެޅައިގެން އިނާޔާތް ނުދެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން އެންގުމާއި ގުޅިގެން ކަމަށެވެ.
އީސީން ފެބްރުއަރީ މަހު މި ބަދަލު ގެނައި އިރު، އެ ކޮމިޝަންގައި އޭރު ތިބި ފަސް މެމްބަރުން ކަމުގަވާ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު، ނައިބު ރައީސް އިސްމާއިލް ހަބީބު، މެމްބަރު މުހައްމަދު އާސިފް އަދި މެމްބަރު އަލީ ނަޝާތު ވެސް އެ ގަވާއިދުގެ ދަށުން ރިޓަޔާކުރެވޭނެ އެވެ.
އީސީގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު، ނައިބު ރައީސް އަލީ ނަޝާތު، މެމްބަރު މުހައްމަދު އާސިފް އަދި މެމްބަރު ހަސަން ޒަކަރިއްޔާ އެވެ.
Comment