Advertisement

ފާޑުކިޔުން އަމާޒުވެގެން ވަކިކުރި ފަހުމީ އަލުން ފޮރިން މިނިސްޓްރީއަށް

30 އޭޕްރީލް 2024 - 11:55 2

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް މުއިއްޒު ފަހުމީއަށް ސްޓޭޓް މިނިސްޓަރުކަމުގެ ފަތްކޮޅު އަރުވަނީ: އޭނާއަށް އަނެއްކާވެސް ވަނީ ފޮރިން މިނިސްޓްރީގެ އިސް މަގާމެއް ދީފަ - ފޮޓޯ: ރައީސް އޮފީސް


ފާޑުކިޔުން އަމާޒުވެގެން ވަކިކުރި ފަހުމީ އަލުން ފޮރިން މިނިސްޓްރީއަށް

30 އޭޕްރީލް 2024 - 11:55 2

ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުން، ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރިތާ ހަތަރު ދުވަސް ފަހުން އެ މަގާމުން ވަކިކުރި މުހައްމަދު ފަހުމީ ހަސަން އަނެއްކާ ވެސް އެ ވުޒާރާގެ އިސް މަގާމަކަށް އައްޔަންކޮށްފި އެވެ.

އޭނާ މަގާމަށް އައްޔަންކުރީ ނޮވެމްބަރު 20، 2023 ގަ އެވެ. ވަކިކުރީ ނޮވެމްބަރު 24، 2023 ގަ އެވެ.

ފަހުމީ އަށް ސްޓޭޓް މިނިސްޓަރުކަން ދިނުމުން ފާޑުކިޔުން އަމާޒުވީ މީގެ ކުރިން އޭނާގެ ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސްކަމުން ވަކިކުރުމާ ގުޅުވައިގެންނެވެ.

ނަމަވެސް، އަނެއްކާވެސް ފަހުމީއަށް ފޮރިން މިނިސްޓްރީގެ އިސް މަގާމެއް ދީފައިވާކަން "އަދަދު" އަށް ވަނީ ކަށަވަރުވެފަ އެވެ. އެނގިފައިވާ ގޮތުގައި އޭނާއަށް ދިނީ އެމްބެސަޑާ އެޓް ލާޖްގެ މަގާމެވެ.

މިކަމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ފަހުމީ ފަދަ ފަރާތްތައް ކުރު މުއްދަތެއްގެ ތެރޭގައި މަގާމުތަކުން ވަކިކުރަން ޖެހުނު މީހުން އެ މަގާމުތަކަށް އައްޔަނުކުރެވުނީ ބައެއް ކަންކަން ބަލަން ޖެހޭ ވަރަށް ނުބަލައި ކަމަށް ވިދާޅުވެފަ އެވެ.

"އައްޔަނުކުރި ދެ ތިން ބޭފުޅަކު ވަޒީފާއިން ވަކިކުރިން، ދެން އެއީ އިދާރީ ގޮތުން އަޅުގަނޑުމެންނަށް ހެދިފައި އޮތް ގޯހެއް އެއީ، އައްޔަނުކުރި އިރުގައި ބައެއް ކަންތައްތައް ޗެކު ނުކުރެވި އައްޔަނުކުރެވުނު ކުރުން އެއީ ރަނގަޅަށް ކުރެވުނު ކަމެއް ނޫން،" ޑިސެމްބަރު ފަސްވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު ވިދާޅުވި އެވެ.

ސީއެސްސީގެ ރައީސްގެ މަގާމުން ފަހުމީ ވަކިކުކުރުން

ފަހުމީގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަން ފެށީ ޖޫން 4, 2012 ގައި އޭނާއާ ގުޅޭގޮތުން ސީއެސްސީގެ އަންހެން މުވައްޒަފަކު ހުށަހެޅި ޖިންސީ ފުރައްސާރައިގެ މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުންގެ އިދާރާއިން ވެސް ކުރި އެވެ.

އެ މައްސަލަ ހުށަހެޅި އަންހެން މުވައްޒަފާއި ފަހުމީގެ ބަސް ވެސް ޖޫން 11, 2012 ގައި އޮތް ކޮމިޓީ ބައްދަލުވުމުގައި ނަގާފައިވެ އެވެ. އޭގެ އިތުރުން, ސީއެސްސީގެ އެހެން މެމްބަރުންނާއި މައްސަލަ ހުށަހެޅި އަންހެން މުވައްޒަފުގެ ލިޔުމުގައި ފާހަގަކޮށްފައިވާ އެހެން މީހުންނާއި ވެސް ކޮމިޓީން ބައްދަލުކޮށްފައިވެ އެވެ. އެގޮތުން, އަށް މީހަކާ ބައްދަލުކުރިއިރު އޭގެ ތެރޭގައި ދެ ފިރިހެނުންނާއި ހަ އަންހެނުން ހިމެނެ އެވެ.

އެއަށްފަހު ޖޫން 26, 2012 ގައި އޮތް ކޮމިޓީ ބައްދަލުވުމުގައި މައްސަލައާ މެދު ކޮމިޓީގެ މެމްބަރުންނަށް ފެނިވަޑައިގަންނަވާ ގޮތާ މެދު ވޯޓަށް އަހާފައި ވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް އެ ކޮމިޓީ ރިޕޯޓު ހުށަހަޅުއްވަމުން މުގައްރިރުގެ މަގާމުގައި ހުންނެވި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (ކުއްޓި ނަޝީދު) ހާމަކުރެއްވި ގޮތުގައި ފަހުމީ އެފަދަ އަމަލެއް ކުރެއްވި ކަން ކޮމިޓީގެ ހޯދުންތަކުން ސާބިތުވާކަމަށް ކޮމިޓީގައި ތިއްބެވި 10 މެމްބަރުންގެ ތެރެއިން ހަތް މެމްބަރަކު ވޯޓު ދެއްވި ކަމަށެވެ.

"[މައްސަލަ ހުށަހެޅި އަންހެން މުވައްޒަފު] ގެ ގައިގައި އެއްވެސް ގޮތަކަށް އަތްލާފައި ނުވާނެ ކަމަށް ކޮމިޓީގައި މުތުލަގަށް ފަހުމީ ވިދާޅުވިއިރު, ކަންހިނގި ދުވަހާ ވިދިގެން އައި ދުވަހު ކޮމިޝަނުގެ އެހެން ދެ އަންހެން މެމްބަރުން ކަމަށްވާ ހަދީޖާ އާދަމާއި, ޖަމީލާ އަލީ ހާލިދުގެ އަރިހުގައި [މައްސަލަ ހުށަހެޅި އަންހެން މުވައްޒަފު] އަތުގައި ހިފައިލެވުނުހެން ހީވިއޭ ކަހަލަ އިބާރާތެއް ފަހުމީ ވިދާޅުވި," އެ ރިޕޯޓު ތަޅުމަށް ހުށަހަޅުއްވަމުން ނަޝީދު ވިދާޅުވެފައިވެ އެވެ.

އެއާއެކު އޭނާ މަގާމުން ވަކިކުރުމަށް ފަސް މެމްބަރަކު ތާއީދު ކުރެއްވިއިރު ޖިނާއީ ތަހުގީގު ނިމެންދެން ފިޔަވަޅު ނާޅައި ލަސްކުރުމަށް ވެސް ފަސް މެމްބަރަކު ވޯޓު ދެއްވި އެވެ. ވޯޓު އެއްވަރުވުމުން މުގައްރިރު ނަޝީދު ވޯޓު ދެއްވީ ފަހުމީ މަގާމުން ވަކިކުރުމަށެވެ.

"އެ ވާހަކަ ހަދީޖާ އާދަމާއި, ޖަމީލާ އަލީ ހާލިދާ އިސްވެ ހިއްސާ ކުރެއްވީ ފަހުމީ ކަމަށާއި, އެ ވާހަކަ ދެއްކެވުމުގައި ފަހުމީއަށް [މައްސަލަ ހުށަހެޅި އަންހެން މުވައްޒަފު] ގެ އަތުގައި ވެސް ހިފުނު ކަންނޭނގެ ކަމަށް ވިދާޅުވި ކަމަށާއި, އެހެން ނަމަވެސް, [މައްސަލަ ހުށަހެޅި އަންހެން މުވައްޒަފު] ގެ ބަނޑުގައި އަތް ނުލާ ކަމަށް ފަހުމީ ވިދާޅުވި," ރިޕޯޓު ހުށަހަޅުއްވަމުން ނަޝީދު ތަފްސީލުކޮށްދެއްވާފައިވެ އެވެ.

މި ރިޕޯޓު މަޖިލީހަށް ހުށަހެޅީ ނޮވެމްބަރު 20, 2012 ގަ އެވެ. އެ ދުވަހު ނެގި ވޯޓުގައި މަޖިލީހަށް ހާޒިރުވެ ތިއްބެވި 74 މެމްބަރުންގެ ތެރެއިން 38 މެމްބަރުން އޭނާ މަގާމުން ވަކިކުރަން ވޯޓު ދިނެވެ. އޭނާ މަގާމުން ވަކިކުރުމާ ދެކޮޅަށް ވޯޓު ދެއްވީ 32 މެމްބަރުންނެވެ. އަދި ދެ މެމްބަރަކު ވަކި ކޮޅަކަށް ވޯޓު ދެއްވާފައި ނުވެ އެވެ.

ފަހުމީ މަގާމުން ވަކިކުރީ ދުސްތޫރީ އުސޫލުތަކުގެ ބޭރުން ކަމަށާއި, ގާނޫނު އަސާސީގެ ބޭރުން ކަމަށް ބުނެ އޭނާ ރައްޔިތުންގެ މަޖިލީހާ ދެކޮޅަށް ސުޕްރީމް ކޯޓަށް ޑިސެމްބަރު 11, 2012 ގައި މައްސަލައެއް ހުށަހެޅި އެވެ. އަދި, އެ މައްސަލަ ސުޕްރީމް ކޯޓުން އޭނާއާ އެއްކޮޅަށް މާޗު 14, 2013 ގައި ނިންމާފައި ވެ އެވެ. ހަތް ފަނޑިޔާރުގެ ބެންޗުން ތަފާތުވީ ހަމައެކަނި މިހާރު އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ފަނޑިޔާރު މުއުތަސިމް އަދުނާނުގެ ރައުޔެވެ.