Advertisement

ފޯނު ވެއްދުން މަނާކުރި މައްސަލައިގެ ހަގީގަތް ރައީސް އޮފީހުން ގަސްތުގައި އޮޅުވައިލި: އެމްޖޭއޭ

29 އޭޕްރީލް 2024 - 16:27 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން : ފޯނު ވެއްދުން މަނާކުރި ހާދިސާގެ ހަގީގަތް ރައީސް އޮފީހުން ގަސްތުގައި އޮޅުވާލި ކަމަށް އެމްޖޭއޭއިން ބުނެފި - ފޮޓޯ: ރައީސް އޮފީސް


ފޯނު ވެއްދުން މަނާކުރި މައްސަލައިގެ ހަގީގަތް ރައީސް އޮފީހުން ގަސްތުގައި އޮޅުވައިލި: އެމްޖޭއޭ

29 އޭޕްރީލް 2024 - 16:27 0

ރައީސް އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް މޮބައިލް ފޯނު ނުވެއްދޭނެ ކަމަށް ނޫސްވެރިންނަށް އެންގުމަށް ފަހު، އެ އޮފީހުން ގަސްތުގައި އެކަމުގެ ހަގީގަތް އޮޅުވައިލާފައިވާތީ ދިވެހި ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އިން ކުށްވެރިކޮށްފި އެވެ.

ފޯނު ވެއްދުން މަނާ ކަމަށް ރައީސް އޮފީހުން އެންގީ އެ އޮފީހުން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސަށް ނޫސްވެރިން ދިއުމުންނެވެ. ނަމަވެސް، ކުރިން އެންގިފައި ނެތުމުން އިއްޔެ ވަނީ ފޯނު ވެއްދުމުގެ ހުއްދަ ދީފަ އެވެ. ނަމަވެސް ދެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަކަށް ފޯނު ނުވެއްދޭނެ ކަމަށް ރައީސް އޮފީހުގެ އޮފިޝަލުން އޭރު ބުންޏެވެ.

ނަމަވެސް، ރައީސް އޮފީހުން އަދި ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު އޭގެ ފަހުން ވަނީ ނޫސްތަކުންނާއި ޖަމިއްޔާއިން އިއްޔެ ފޯނު ނުވެއްދުނު ކަމަށް ބުނި ކަމަށް ބުނެފަ އެވެ. ހީނާ ވަނީ ނޫސްވެރިން ފޯނު ހިފައިގެން ތިބި ފޮޓޯތަކެއްވެސް ސޯޝަލް މީޑިއާގައި ޕޯސްޓުކުރައްވާފަ އެވެ.

މިކަމާ ގުޅިގެން، އެމްޖޭއޭއިން ދެވަނަ ބަޔާނެއް ނެރުނީ މިއަދު އެވެ. އިއްޔެގެ ހާދިސާ ކުށްވެރިކޮށްވެސް އެ ޖަމިއްޔާއިން ބަޔާނެއް ނެރުނެވެ. މިއަދުގެ ބަޔާނުގައި ބުނެފައިވަނީ އިއްޔެ، ގިނަ ނޫސްވެރިންތަކެއް ތިބި ތަނެއްގައި ހިނގި ހާދިސާގެ ހަގީގަތް، ރައީސް އޮފީހުން ގަސްތުގައި އޮޅުވާލުމަށް ކުރި މަސައްކަތް ކުށްވެރިކުރާ ކަމަށެވެ.

"އިއްޔެ، (އެޕްރީލް، 28) ގައި ނޫސްވެރިންގެ ބައްދަލުވުމުގެ ކުރިން ހިނގާދިޔަ ކަންކަން ގަސްތުގައި އޮޅުވާލާ، އާންމުންނަށް ހަގީގަތް އޮޅޭ ގޮތަށް ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ޝާއިއުކޮށްފައިވާ ކޮމެންޓުތަކާ ހެދި އެމްޖޭއޭ އަދި ނޫސްވެރިން ވަނީ އިންތިހާއަށް ނުތަނަވަސްވެފަ،" ނޫސްވެރިންގެ ޖަމިއްޔާގެ ބަޔާނުގައި ބުންޏެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމަށް ފޯނު ނުވެއްދޭނެ ކަމަށް އެންގީ ނޫސްވެރިން ރައީސް އޮފީހަށް ދިއުމުން ކަމަށާއި އެކަމާ ނޫސްވެރިން އިހުތިޖާޖު ކުރުމުން، ކުރިން އެންގިފާ ނުވާތީ އިއްޔެ ފޯނު ވެއްދޭނެ ކަމަށް ބުނި ކަމަށް ނޫސްވެރިންނާ ހަވާލާދީ އެމްޖޭއޭއިންވެސް ބުނެފައިވެ އެވެ.

ނަމަވެސް، ދެން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމަކަށް ފޯނު ނުވެއްދޭނެ ކަމަށް ރައީސް އޮފީހުގެ އޮފިޝަލުން ބުނި ކަމަށްވެސް ބަޔާނުގައިވެ އެވެ. މިއީ އިއްޔެގެ ހާދިސާ ރިޕޯޓުކުރި ހުރިހާ ނޫހަކުންވެސް ހާދިސާ ގެނެސްދީފައިވާ ގޮތެވެ.

އެމްޖޭއޭއިން ބުނީ، އެ މައްސައާ ގުޅޭ ގޮތުން އަށް ނޫހެއްގެ ނޫސްވެރިންގެ ފަރާތުން އެ ޖަމިއްޔާއިން މައުލޫމާތު ހޯދާފައިވާ ކަމަށެވެ.

"ގިނަ އަދަދެއްގެ ނޫސްވެރިން ތިބި ތަނެއްގައި ހިނގާދިޔަ ކަމެއްގެ ހަގީގަތް ގަސްތުގައި އޮޅުވާލާ، ނޫސްތަކުން ރިޕޯޓުކުރި ވާހަކަތައް އޮޅުވާލަން ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ކުރި މަސައްކަތް އެމްޖޭއޭއިން ކުށްވެރިކުރަން" ބަޔާނުގައި ބުނެފައިވެ އެވެ.

އިއްޔެގެ ހާދިސާއާ ގުޅިގެން ރައީސް އޮފީހަށާއި ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމާއެކު ރައީސް އޮފީހުން ފަހުން ބުނީ ނޫސްވެރިންގެ ބައްދަލުވުންތަކަށް ނޫސްވެރިންނަށް ފޯނު ވެއްދޭނެ ކަމަށެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު "އަދަދު" އާ ވާހަކަދައްކަވަމުން ވިދާޅުވީ ފޯނު ނުވެއްދޭނެ ކަމަށް ރައީސް އޮފީހުގެ އޮފިޝަލުން ބުނީ އެ އޮފީހުގެ ސަލާމަތީ އާއްމު ޕްރޮޓޮކޯލްގެ ދަށުން ކަމަށެވެ. ނަމަވެސް ނޫސްވެރިންނަށް މިއަދުވެސް ހާއްސަ ހުއްދައެއް ދިން ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް އެ ގޮތަށް ފޯނު ވެއްދޭނެ ކަމަށެވެ.

އަދި ނޫސްވެރިންގެ ފޯނު ރައީސް އޮފީހުގެ ނޫސްވެރިންގެ ބައްދަލުވުންތަކަށް ނުވެއްދޭގޮތް ހެދުމަކީ ސަރުކާރުގެ ސިޔާސަތު ނޫން ކަމަށްވެސް ހަލީލު ވިދާޅުވި އެވެ.