Advertisement

ނޫނެކޭ ބުނި މެންބަރުންނަށް އިނާޔަތް ދިނުން ހުއްޓާލަން ގޮވުމުގެ އަޑުގަދަ ވެއްޖެ

23 އޭޕްރީލް 2024 - 12:21 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ނޫނެކޭ ބުނި މެންބަރުންނަށް އިނާޔަތް ދިނުން ހުއްޓާލަން ގޮވުމުގެ އަޑުގަދަ ވެއްޖެ

23 އޭޕްރީލް 2024 - 12:21 0

ދައުލަތުގެ ކެރިފޯރުންތެރިކަން ހުންނަ ވަރަކުން، މަޖިލީހުގެ މެންބަރުންނަށް މަތީ މުސާރަ އާއި އެތައް ވަސީލަތަކާއި ހިދުމަތްތަކުގެ އިނާޔަތްތައް ދިނުމަކީ ބުއްދިއަށް ގަބޫލު ކުރެވޭ ހަމައެކެވެ. ގާނޫނު އަސާސީން އޭނާއަށް މަތިކޮށްފައިވާ ޒިންމާއަށް، ހަޔާތުގެ މުޅި ފޯކަސް ދިނުމަށް އަބުރުވެރި ހަޔާތެއް އޮންނަން ޖެހޭ ކަމަށް ދެކޭ ދެކުމުގެ މައްޗަށެވެ.

އެކަމަކު މަޖިލީހުގެ މެންބަރު ކަން ކުރުމަށް ފަހު ދައުލަތުން ޕެންޝަންގެ ގޮތުގައި ކަނޑައަޅާފައިވާ އިނާޔަތް ނުވަތަ ސޯޝަލް މީޑިއާގައި މި ވަގުތު ހިޔާލުފާޅުކުރަމުންދާ ފަދައިން "މަހު މުސާރަ"އެއް ދިނުމުގެ ބޭނުމެއް ނުވިސްނެ އެވެ. މިދިޔަ ފަސް އަހަރުގެ ޕާފޮމެންސް ބެލުމަށް ފަހު، ބައެއް މެންބަރުންނަށް ރައްޔިތުން ވަނީ ނޫނެކޭ ބުނެފަ އެވެ. ދެވަނަ ދައުރަކަށް ނުކުތުމުން ގިނަ ވޯޓު ނުހޯދި ނާކާމިޔާބުވެފަ އެވެ.

ރައްޔިތުން ނޫނެކޭ ބުނެފައިވާ މީހަކަށް، ރައްޔިތުންނަށް ހިދުމަތެއް ނުދޭ މުއްދަތެއްގައި "މަހު މުސާރައެއް" ދޭން ޖެހޭ ހެއްޔެވެ؟ މަޖިލިސް އިންތިހާބު ނިމިގެން އެ ބަޔަކު ނޫނެކޭ ބުނި މެންބަރުންނަށް އިނާޔަތް ދިނުމާ ދެކޮޅު ހަދައި، ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކުގެ އެއް ވާހަކައަކީ މިއީ އެވެ.

"މަޖިލިސް 90 ޕަސެންޓު އާ ވެގެން ދިޔުން މިއީ ހިތްހަމަޖެހޭ ކަމެއް، އެތައް ޒަމާނެއް ވަން ދެން އެ ގޮނޑީގައި ބައްދައިގެން ތިބި އެތައް ބަޔަކު ބޭރުވެއްޖެ، ނަމަވެސް ހިތާމައަކީ އެ ގޮނޑި ގެއްލުނު ބަޔަކަށް ވެސް ތާ އަބަދަށް އިނާޔަތްތައް ލިބުން، ބޭސް ފަރުވާ ވެސް އެ ބަޔަކު ތަމްސީލްކުރި ދާއިރާއަކަށް ނުލިބޭ ފެންވަރުގައި ލިބޭނެ ކަން އެނގުން،" އެކްސްގައި ހިޔާލުފާޅުކުރި ފޮޓޯގްރާފަރަކު ލިޔެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހިދުމަތަށް އިނާޔަތެއް ދިނުމަށް ލިޔެފައިވަނީ މަޖިލީހުގެ އިމްތިޔާޒުތަކުގެ ގާނޫނުގަ އެވެ. އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކުރިއަށް ސަތާރަވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެ ގާނޫނުގެ އަށްވަނަ މާއްދާއިން ފުރަތަމަ ދެ ދައުރު މެންބަރުކަން ކުރި މެންބަރުންނަށް އިނާޔަތެއް ލިޔުނެވެ. އެއަށްފަހު އަށާރަވަނަ މަޖިލީހުގައި ދައުރެއް އަދާކުރި މެންބަރުންނަށް ވެސް އިނާޔަތެއް ލިޔުނެވެ.

މަޖިލިސް މެންބަރުންގެ ތެރެއިން އެއް ދައުރު އަދާކޮށްފައިވާ މެންބަރުންނަށް މަހަކު 18،000ރ. ގެ އިނާޔަތެއް ދެ އެވެ. ދެ ދައުރު އަދާކޮށްފައިވާ މެންބަރުންނަށް މަހަކު 27،000ރ. ގެ އިނާޔަތެއް ދައުލަތުން ދޫކުރެ އެވެ.

އިމްތިޔާޒު ގާނޫނުގެ އަށްވަނަ މާއްދާ


(ހ) ރައްޔިތުންގެ މަޖިލީހުގެ 1 (އެކެއް) ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ މަގާމުގައި ހުންނަ މީހަކަށް އޮންނަ މުސާރައެއްގެ %30 (ތިރީސް އިންސައްތަ) ދައުލަތުން ދޭންވާނެ އެވެ. (ށ) ރައްޔިތުންގެ މަޖިލީހުގެ 2 (ދޭއް) ދައުރު މެންބަރުކަން ކޮށްފައިވާ މީހަކަށް، މާލީ އިނާޔަތެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ މަގާމުގައި ހުންނަ މީހަކަށް އޮންނަ މުސާރައެއްގެ %45 (ސާޅީސްފަހެއް އިންސައްތަ) ދައުލަތުން ދޭންވާނެ އެވެ. (ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރެވިފައިވާ މާލީ އިނާޔަތް ލިބޭނީ އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުން ވަކިވުމަށްފަހު އަދި އެ މެންބަރެއްގެ އުމުރުން 55 (ފަންސާސް ފަހެއް) އަހަރު ފުރުމަށް ފަހުގައެވެ. (ރ) ދައުލަތުގެ އެއްވެސް ވަޒީފާއެއް އަދާކުރާނަމަ، އެ ވަޒީފާއެއް އަދާކުރަމުންދާ މުއްދަތުގައި މި އިނާޔަތެއް ނުލިބޭނެ އެވެ.

އެކަމަކު ގާނޫނުގެ ދަށުން މި އިނާޔަތް ދެނީ ވެސް ފެހި ގާނޫނު އަސާސީ ތަސްދީގުކޮށް އަމަލުކުރަން ފެށި ފަހުން އެކުލަވާލެވުނު މަޖިލިސްތަކުގެ މެންބަރުންނަށް އެކަންޏެވެ. ކޮންމެ ފަހަރަކު މަޖިލީސް އާ ވެގެން ދިޔުން ނަވާރަވަނަ މަޖިލީހަށް ފަހު ފެނެ އެވެ. އެ ފަހަރު މަޖިލިސް ބޮޑު ތަނުން އާ ވުމަށް ފަހު، ވިހިވަނަ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތު އޮތީ މުޅީން އާ މޫނުތަކަށެވެ.

ދެވަނަ ދައުރަށް ނުހޮވޭ މެންބަރުން ގިނައިރު އެއިން ބައެއް މެންބަރުންގެ އުމުރުން އަދި 55 އަހަރު ނުވި ނަމަވެސް އެ އުމުރު ހަމަވުމުން އިނާޔަތް ލިބެން ފަށާނެ އެވެ.

މީގެ ތަފުސީލުތަކާއި ހިސާބުތަކުގެ ދިރާސާއެއް ހެދިފައި އަދި ނެތަސް މިއީ ކޮންމެ މަހަކު ދައުލަތުން ހޭދަކުރާ ބޮޑު ހޭދައެއް ކަން ވެސް ފެނެ އެވެ. ހިޔާލުފާޅުކުރާ ބައެއް މީހުންގެ ނަޒަރުގައި މިއީ ތަފާތު ކުރުމެކެވެ. އަދި އެދެމުން ދަނީ ދައުލަތް ހިންގުމުގައި މި ހުރި ކަންކަމުގައި ރައްޔިތުންގެ ހިޔާލު ހޯދައިގެން އެ ކަންކަން ބަދަލުކުރުމަށެވެ.