Advertisement

އިތުރު ކުރުނބާ ލިބުމުން، ކުރުނބައެއްގެ އަގު 80ރ. އަށް ވެއްޓިއްޖެ

6 އޭޕްރީލް 2024 - 16:41 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އިތުރު ކުރުނބާ ލިބުމުން، ކުރުނބައެއްގެ އަގު 80ރ. އަށް ވެއްޓިއްޖެ

6 އޭޕްރީލް 2024 - 16:41 0

މާލޭ ދަތުރުވެރިންގެ މާރުކޭޓުގައި ކުރުނބާގެ ސްޓޮކް އާވެ، ކުރުނބައެއްގެ އަގު 80ރ. އަށް ވެއްޓިއްޖެ އެވެ.

އިއްޔެ ބާޒާރުގައި 150ރ. އަށް ލިބެން ހުރި ބޮޑު ކުރުނބައެއް އަގު މިއަދު 80ރ. އަށް ހުރިއިރު، ކުޑަ ކުރުނބައެއް ލިބެން ހުރީ 40ރ. އާއި 50ރ. އާ ދެމެދުގެ އަގެއްގަ އެވެ.

ކުރުނބާ ފުޅިއެއްގެ އަގު އިއްޔެ 220ރ. އަށް ހުރިއިރު، މިއަދު ކުރުނބާ ފުޅިއެއްގެ އަގު ވަނީ 200ރ. އަށް ވެއްޓިފަ އެވެ.

ރޯދަ މަސް ފެށުނުއިރު ކުޑަ ކުރުނބައެއް 25ރ. އާއި 30ރ. އާ ދެމެދު ލިބެން ހުރިއިރު، ބޮޑު ކުރުނބައެއް ލިބެން ހުރީ 50ރ. އަށެވެ. އަދި ކުރުނބާ ފުޅިއެއް ރޯދަ މަސް ފެށުނުއިރު ލިބެން ހުރީ 120ރ. އަށެވެ.

ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއެއްގައި މަސައްކަތްކުރާ އިބްރާހިމް މުހައްމަދު، 70، ބުނީ ކުރުނބާގެ އަގު ބޮޑުވީ ރަށްރަށުގައި ކުރުނބާ ނެތުމުން ކަމަށާއި މިހާރު ލިބެނީ އެހާ ރަނގަޅު ކުރުނބާ ނޫން ކަމަށެވެ.

"ކުރުނބާ ލިބެނީ 45ރ. އަށް. އަހަރުމެންނަށް މިތަނަށް ގެނެސްގެން ވިއްކޭނީ އެއަށްވުރެ އަގުބޮޑުކޮށް. ވަރަށް ދަތީގައި މި މަސައްކަތް ކުރަނީ ވެސް،" އިބްރާހިމް ބުންޏެވެ.

މާލޭ ދަތުރުވެރިންގެ މާރުކޭޓުގައި ކުރުނބާ ވިއްކަން ބަހައްޓާފައި -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު


ބާޒާރުގައި މިއަދު ކަރާ ކިލޯއެއްގެ އަގު 30ރ. އާއި 35ރ. ގައި ހުރިއިރު، ލެޓިއުސް ކިލޯއެއްގެ އަގު ވަނީ 120ރ. އަށް ވެއްޓިފަ އެވެ. ބައެއް ތަންތަނުން ލެޓިއުސް ކިލޯއެއް 80ރ. އަށް ވެސް ހުއްޓެވެ.

ފެހި އާފަލުގެ އަގު 8ރ. އަށް މިއަދު ހުރިއިރު، ރަތް އާފަލާއި އޮރެންޖު ލިބެން ހުރީ 7ރ. އަށެވެ. އަދި ޖުމްހޫރީ މޭވާ ކިލޯއެއް ލިބެން ހުރީ 120ރ. އާއި 130ރ. އާ ދެމެދުގެ އަގެއްގަ އެވެ.

"ބާޒާރުގައި އަގުތައް މިދިޔަ އަހަރަށްވުރެ ރަނގަޅު ކަމަށް ފެންނަނީ. ކޮންމެ ރޯދަ މަހެއްގައި ވެސް ފަހުކޮޅަށް އެއްޗެހި މަދުވޭ. ހީއެއް ނުވޭ ދެން އީދުގެ ކުރިން ސްޓޮކް އާވާނެހެނެއް،" އަހުމަދު ހަބީބް، 56 ބުނި އެވެ.

ކައްޓަލަ ކިލޯއެއްގެ އަގު 40ރ. އަށް ހުރިއިރު، ބަރަބޯ ކިލޯއެއްގެ އަގު ހުރީ 30ރ. އަށެވެ. އަދި ތޮރާ ކިލޯއެއް 40ރ. އަށް ހުރިއިރު، ބަށި ކިލޯއެއްގެ އަގު ހުރީ 60ރ. އާއި 65ރ. އަށެވެ.

ބާޒާރުގައި ކެރެޓް ކިލޯއެއްގެ އަގު އަދިވެސް 70ރ. އަށް ހުރިއިރު، ކެބެޖް ކިލޯއެއްވެސް ލިބެން ހުރީ 25ރ. އަށެވެ.