އޮސްޓްރޭލިއާގައި މަގުބޫލު ބައެއް ބްރޭންޑްތަކުގެ ސަންސްކްރީންތަކެއް ބާޒާރުން ނަގަން ޖެހުނު ސަލާމަތީ މައްސަލަތަކާ ގުޅިގެން، އެ ގައުމުގައި ސަންސްކްރީން އުފައްދާ ކުންފުނިތަކުން އަމަލުކުރަންޖެހޭ އުސޫލުތައް ހަރުކަށިކުރަން ނިންމައިފި އެވެ.
އޮސްޓްރޭލިއާގެ ތެރަޕިއުޓިކް ގުޑްސް އެޑްމިނިސްޓްރޭޝަން (ޓީޖީއޭ) އިން އަންގާރަ ދުވަހު އިއުލާންކުރި މި އިސްލާހުތަކުގެ ތެރޭގައި، ސަންސްކްރީން އުފެއްދުމަށް ބޭނުންކުރާ ވަކިވަކި މާއްދާތަކުގެ ކޮލިޓީ ބެލުމާއި ޓެސްޓްކުރުމުގެ ހަރުކަށި މިންގަނޑުތަކެއް ވަނީ ހިމަނާފަ އެވެ.
މި ބަދަލުތައް ގެންނަން ނިންމާފައިވަނީ، ބާޒާރުގައި ހުރި މަގުބޫލު ބައެއް ސަންސްކްރީންތަކުން ލިބޭ ރައްކާތެރިކަން، އެ ތަކެތި އުފައްދާ ކުންފުނިތަކުން ދައުވާކުރާ މިންވަރަށް ވުރެ ދަށްކަން ކޮންސިއުމާ އެޑްވޮކަސީ ގްރޫޕެއް ކަމަށްވާ 'ޗޮއިސް' އިން މިދިޔަ އަހަރު ނެރުނު ރިޕޯޓަކުން ހާމަވުމާ ގުޅިގެންނެވެ.
ޓީޖީއޭ އިން ހުށަހަޅާފައިވާ އާ ގަވާއިދުތަކުގެ ދަށުން، ކޮސްމެޓިކް ސަންސްކްރީން ބްރޭންޑްތަކުން ހަންގަނޑަށް ލިބޭ ރައްކާތެރިކަމާ ގުޅޭ ގޮތުން މައުލޫމާތު ހާމަކުރުމުގައި ވަކި ހުދޫދުތަކެއް ކަނޑައެޅޭނެ އެވެ.
މިއީ މައިގަނޑު ގޮތެއްގައި އަވިން ރައްކާތެރިވުމަށް (ޔޫވީ ޕްރޮޓެކްޝަން) އުފައްދާ ސަންސްކްރީންތަކާއި، އިތުރު ފައިދާއެއްގެ ގޮތުގައި ޔޫވީ ޕްރޮޓެކްޝަން ހިމެނޭ ކޮސްމެޓިކް އުފެއްދުންތަކާ ދެމެދު ހުރި ތަފާތު ކަސްޓަމަރުންނަށް ސާފުކޮށްދިނުމަށް ކުރާ ކަމެކެވެ.
މި އިސްލާހުތައް ތަންފީޒުކުރާނީ އެކި މަރުހަލާތަކަށް ބަހާލައިގެން، އިތުރަށް މަޝްވަރާކުރަންޖެހޭ ކަންކަމުގައި އެ ފުރުސަތު ދީގެން ކަމަށް ޓީޖީއޭ އިން ބުނެފައިވެ އެވެ.
ޖޫން 2025 ގައި ޝާއިއުކުރި 'ޗޮއިސް' ގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ޓެސްޓްކުރި 20 ސަންސްކްރީންގެ ތެރެއިން 16 އުފެއްދުމެއްގައި، އެ ތަކެތީގެ ލޭބަލްގައި ބުނާ މިންވަރަށް ރައްކާތެރިކަން ނުލިބެ އެވެ. މީގެ ތެރޭގައި އަގުބޮޑު އަދި ޕްރީމިއަމް ބައެއް ބްރޭންޑްތައް ވެސް ހިމެނެ އެވެ.
ދުނިޔޭގައި ހަމުގެ ކެންސަރު އެންމެ ގިނައިން ޖެހޭ ގައުމު ކަމަށްވާ އޮސްޓްރޭލިއާގައި މި މައްސަލައާ ގުޅިގެން އާންމުންގެ ބޮޑު ނުރުހުމެއް ވަނީ އަމާޒުވެފަ އެވެ.
މި މައްސަލައާ ގުޅިގެން 12 އަށް ވުރެ ގިނަ އުފެއްދުން ބާޒާރުން ނަގާފައިވާއިރު، ބައެއް ތަކެތި ވިއްކުން ވަނީ ވަގުތީ ގޮތުން ހުއްޓާލާފަ އެވެ.







