ދޮޅު މިލިއަން ޓޫރިސްޓުން އަޔަސް، ކުރީ އަހަރު އައި ވަރަށް އަދި ނާދޭ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް ސަރަހައްދުގައި ޓޫރިސްޓުންތަކެއް މަޑުކޮށްލައިގެން: ދައުލަތަށް ޑޮލަރުން ލިބޭ އާމްދަނީ ސީދާ ގުޅެނީ ޓޫރިޒަމް ސިނާއަތުގެ ހަރަކާތްތެރިކަމާ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް ސަރަހައްދުގައި ޓޫރިސްޓުންތަކެއް މަޑުކޮށްލައިގެން: ދައުލަތަށް ޑޮލަރުން ލިބޭ އާމްދަނީ ސީދާ ގުޅެނީ ޓޫރިޒަމް ސިނާއަތުގެ ހަރަކާތްތެރިކަމާ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މި މަހުގެ ތެރޭގައި ދޮޅު މިލިއަން ޓޫރިސްޓުން ހަމަކޮށް، މުހިންމު އަމާޒަކަށް ވާސިލުވީ ނަމަވެސް، މިދިޔަ އަހަރު އައި ވަރަށް އަދިވެސް ޓޫރިސްޓުން ނާންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އިއްޔެގެ ނިޔަލަށް 1،595،923 ޓޫރިސްޓުން ޒިޔާރަތްކޮށްފި އެވެ. މިއީ މިދިޔަ މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ޒިޔާރަތްކުރި އަދަދަށް ވުރެ ބައި ލައްކަ މަދު އަދަދެކެވެ. 

ދެ އަހަރުގެ ތަފާސްހިސާބުތައް އަޅައިބަލައި އިރު، ޓޫރިސްޓުން އައި އަދަދުގައި މިހާ ބޮޑު ފަރަގެއް އުޅެނީ މެދުއިރުމަތީގައި އިރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ އަސަރު އެންމެ ބޮޑަށް ކުރި ދުވަސްވަރުގެ ސަބަބުންނެވެ.

Advertisement

ހަނގުރާމައިގެ އަސަރު އެންމެ ބޮޑަށް ކުރީ މާޗު މަހާއި އޭޕްރިލް މަހާއި ޖޫން މަހުގައި އެވެ. މި ތިން މަހުގެ ތެރޭގައި ޓޫރިސްޓުން އައި އަދަދު މިދިޔަ އަހަރަށް ވުރެ އެތައް ހާހަކުން މަދެވެ. އެހެންވެ، ބައެއް އެހެން މަސްމަހުގައި ޓޫރިސްޓުން އައި އަދަދު އިތުރުވިޔަސް، ކުރީ އަހަރާ ގާތްކުރެވޭ ވަރެއް ނުވެ އެވެ.

އަހަރުގެ ތިން ވަނަ ކުއާޓަރު ނިމެންދާއިރު، މިދިޔަ އަހަރު ޒިޔާރަތްކުރި ވަރާ އެއްވަރަށް މި އަހަރު ޓޫރިސްޓުން ނާންނާތީ، މި އަހަރު ކަނޑައެޅި އަމާޒަށް ޓޫރިސްޓުން ގެނެވިދާނެތޯ ވަނީ ސުވާލުއުފެދިފަ އެވެ.

ދައުލަތުގެ މި އަހަރުގެ ބަޖެޓު ތައްޔާރުކޮށްފައި ވަނީ، 2.4 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ބަލައިގެންނެވެ. މި އަމާޒަށް ވާސިލުވާން ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި އަށް ލައްކަ ޓޫރިސްޓުން އަންނަން ޖެހެ އެވެ. އެއީ އެވަރެޖުކޮށް ކޮންމެ މަހެއްގައި ގާތްގަނޑަކަށް 268،000 ޓޫރިސްޓުންނެވެ.

މި އަދަދަކީ ރާއްޖެއަށް އެއް މަހެއްގައި އެންމެ ގިނަ ޓޫރިސްޓުން އައުމުގެ ރެކޯޑު ގާއިމުކޮށްފައިވާ މި އަހަރުގެ ފެބްރުއަރީގައި ޒިޔާރަތްކުރި 254,556 އަށް ވުރެ ވެސް ބޮޑު އަދަދެކެވެ. މިހެން ކަމުން ބަޖެޓުގައި ކަނޑައެޅި އަމާޒާ އެއްވަރަށް ޓޫރިސްޓުން ޒިޔާރަތްކުރުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ.

ބަޖެޓުގައި ކަނޑައެޅި އަމާޒަށް ވާސިލުނުވާނެ ކަމަށް ބެލެވޭއިރު، މިދިޔަ އަހަރު ވެސް ސަރުކާރުން ކަނޑައެޅި އަމާޒަށް ޓޫރިސްޓުން ނުގެނެވެ އެވެ.

ހަނގުރާމައިގެ ސަބަބުން ޓޫރިޒަމް ސިނާއަތަށް އެރި ލޮޅުމުން ސަލާމަތް ނުވަނީސް، ސަރުކާރުން ވަނީ ޓޫރިޒަމް ވިޔަފާރިތަކުން ޓެކްސް ނަގާ ގޮތް ބަދަލުކޮށް ރާއްޖެ ވިއްކާ ބޭރު ކުންފުނިތަކުގެ ފައިދާއިން ވެސް ޓެކްސް ނަގަން ފަށަން ނިންމާ ސިނާއަތް އިތުރު ނުތަނަވަސްކަމެއްގެ ތެރެއަށް ވައްޓާލާފަ އެވެ. މި ހުރިހާ ގޮންޖެހުންތަކެއްގެ ތެރޭގައި ހީނުކުރާ ވަރުގެ ބޮޑު ލޮޅުމެއް އައިސް އިގުތިސޯދަށް އޭގެ ނުރަނގަޅު އަސަރު ކުރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ބައެއް މާހިރުން އަންނަނީ ބުނަމުންނެވެ.

މާހިރުން މިހެން ބުނަމުން އަންނަނީ މި ބަދަލާ ދެކޮޅަށް ބޭރުގެ އޮޕަރޭޓަރުންނާއި އެޖެންޓުން ދެކޮޅުހަދައި، ރާއްޖެ ވިއްކުން ހުއްޓާލާނެ ކަމަށް ބުނަމުން އަންނާތީ އެވެ. މިހެން ނަމަވެސް ސަރުކާރުން ބުނަނީ ޓެކްސް ބަދަލުތަކުގެ ނުރަނގަޅު އަސަރެއް ނުކުރާނެ ކަމަށާއި، މީގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރު ވުން ނޫން ނަތީޖާއެއް ނުނިކުންނާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ހެޔޮ އަގުގައި މުޑުވައް ފޯރުކޮށްދޭން ޕެސްޓެއެކްސްގެ ޕްރޮމޯޝަނެއް

ކުރިއަށް އޮތް ރޯދަމަހަށް އަމާޒުކޮށް، ޕެސްޓެއެކްސް މޯލްޑިވްސް އިން އަލަށް ތައާރަފްކުރި "ޖީއާރު" ބްރޭންޑްގެ މުޑުވައްތަކުން 15 އިންސައްތައިގެ ޑިސްކައުންޓެއް ދޭން ވަނީ ފަށާފައި. ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނަކީ ރާއްޖޭގެ މާހައުލާ ގުޅޭ ފެންވަރު ރަނގަޅު މުޑުވައް ހެޔޮ އަގުގައި ދަނޑުވެރިންނަށް ފޯރުކޮށްދިނުމަށް ފެށި ހަރަކާތެއް.

ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ތާނަ އޭއައި އިން

ތާނަ އޭއައި އިން ގާނޫނީ މައުލޫމާތާއި ކޯޓުތަކުގެ ގަޒިއްޔާތައް ފަސޭހައިން ހޯދޭނެ އައު ފީޗާއެއް ތައާރަފުކޮށް، ގާނޫނީ ދިރާސާކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ހޯދައިދިން. މި ވަސީލަތަކީ ދިރާސާކުރުމަށް އެހީތެރިވެދޭ ބިންގަލެއް ކަމަށާއި، ނަމަވެސް މައުލޫމާތުގެ ސައްހަކަން ކަށަވަރުކޮށް ގާނޫނީ ވަކީލުންގެ މަޝްވަރާ ހޯދުމަށް އެ ޕްލެޓްފޯމުން އިލްތިމާސްކުރޭ.

ސްޓާ މެޑިކަލް އިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވަނީ

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލްއިން ބާއްވާ ހާއްސަ ސެޝަނެއް މިރޭ 8:15 ގައި ގޯލްޑަން ވެލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ. މި ސެޝަންގައި ބަލި ދެނެގަތުމާއި ސްކްރީން ކުރުމުގެ މުހިންމުކަމާ ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާއިރު، މިއީ އާންމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއް.

ޖިއޯ އިން އެންމެ ބޮޑު ހިއްސާގެ ބާޒާރަށް ފުރުސަތު ހުޅުވައިފި

މުކޭޝް އަމްބާނީގެ ޖިއޯ ޕްލެޓްފޯމްސް އިން 3.2 ބިލިއަން ޑޮލަރު ހޯދުމުގެ އަމާޒާއެކު، އިންޑިއާގެ ތާރީޚުގައި ބާއްވާ އެންމެ ބޮޑު ހިއްސާގެ ބާޒާރު އާންމުންނަށް ހުޅުވާލައިފިއެވެ. މި އައިޕީއޯ މެދުވެރިކޮށް ލިބޭ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ކުންފުނީގެ ލޯނުތައް އަނބުރާ ދެއްކުމަށާއި ޓެލެކޮމް ވިޔަފާރި އިތުރަށް ފުޅާކުރުމަށެވެ. ހިއްސާ ވިއްކަން ފެށުމުގެ ކުރިންވެސް ބޮޑެތި މުއައްސަސާތަކުގެ ފަރާތުން މި މަޝްރޫއަށް ވަނީ އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ.

11 ރަށެއްގައި އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކަށް

މަސްވެރިންނަށް އައިސް ލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ރާއްޖޭގެ 11 ރަށެއްގައި 30 ޓަނުގެ އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް ކުންފުންޏާ މިއަދު ހަވާލުކޮށްފި. މިއީ އެއްގަމުގައި ހުންނަ އައިސްޕްލާންޓުތަކަށް ބަރޯސާވުން ކުޑަކުރުމަށް ސަރުކާރުން ކުރިން ގެންގުޅުނު ސިޔާސަތާ ތަފާތު ނިންމުމެއް.

ރިސޯޓު މަދު އަތޮޅުތަކުގެ ރަށްތަކުގެ އެކުއިޒިޝަން އަގު ހެޔޮކޮށްފި

މި ބަދަލާއެކު ރަށްތަކުގެ ބޭސް ރޭޓާއި ހެކްޓަރަކަށް ޖެހޭ އަގު ކުޑަކޮށްފައިވީ ނަމަވެސް، ފަޅުތައް ކުއްޔަށް ދޫކުރާ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވޭ. ސަރުކާރުން މިފަދަ ލުއިތަކެއް ދީފައިވަނީ ރިސޯޓު ތަރައްގީކުރަން އިއުލާންކުރާ ރަށްތަކަށް އިންވެސްޓަރުން ލިބުން ދަތިވެފައިވާ ދަނޑިވަޅެއްގަ.

އެމްއެސް ފައިނޭންސްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލުކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ހިލާފުވުމުގެ ސަބަބުން އެމްއެސް ފައިނޭންސްގެ ލައިސަންސް ހިފަހައްޓައި، އެ ކުންފުނި 500،000ރ. އިން އެމްއެމްއޭ އިން ޖޫރިމަނާކޮށްފި. އެފްއޭއެމްގެ ހިޔާނާތުގެ ފައިސާ ލޯންޑާކުރަން ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ މި ކުންފުންޏަކީ، ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ފެށި މަސައްކަތުގެ ތެރެއިން ފިޔަވަޅު އެޅި ދެވަނަ މަނީ އެކްސްޗޭންޖު.

Newsletter

Get the latest news delivered straight to your inbox