ލަކްސް ގްލޯގެ މޯބައިލް އެޕްލިކޭޝަން އިފްތިތާހު ކުރުމުގެ މުނާސަބަތުގައި ކުރިއަށް ގެންދިޔަ ހާއްސަ ޕްރޮމޯޝަންގެ ނަސީބުވެރިޔާއަށް 10,000ރ. ގެ ފައިސާގެ އިނާމު ހަވާލުކޮށްފި އެވެ.
މި ޕްރޮމޯޝަނަކީ އެ ކުންފުނީގެ އައު އެޕްލިކޭޝަން ކަސްޓަމަރުންގެ މެދުގައި މަގުބޫލުކުރުމަށާއި، ކަސްޓަމަރުންނަށް ލިބޭ ހިދުމަތްތައް އިތުރަށް ފަސޭހަކޮށްދިނުމުގެ މަގްސަދުގައި ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ.
މިހާރުވެސް ލަކްސް ގްލޯއިން ދަނީ ކޮންޓެންޓް އުފައްދާ ފަރާތްތަކަށް ހާއްސަކޮށްގެން އިތުރު ޕްރޮމޯޝަނެއް ކުރިއަށް ގެންދަމުންނެވެ. އެ ޕްރޮމޯޝަންގައި ބައިވެރިވުމަށް ލަކްސް ގްލޯގެ ވެބްސައިޓް ނުވަތަ އެޕްލިކޭޝަނާ ގުޅޭގޮތުން އަމިއްލަ އުފެއްދުންތެރި ވީޑިއޯއެއް ތައްޔާރުކޮށް ހިއްސާކުރަންޖެހެ އެވެ.
މި މުބާރާތުން ހޮވޭ އެންމެ އުފެއްދުންތެރި ތިން ވީޑިއޯގެ ވެރިފަރާތަށް، ކޮންމެ މީހަކަށް 5،000ރ. ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ ޖޫން 15، އެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ކަސްޓަމަރުންނަށް ހާއްސަކޮށްގެން އިތުރު ޕްރޮމޯޝަނެއް ފެށުމަށްވެސް އެ ކުންފުނިން ވަނީ ނިންމާފަ އެވެ. މި ޕްރޮމޯޝަންގެ ދަށުން، ލަކްސް ގްލޯގެ އެޕްލިކޭޝަން ނުވަތަ ވެބްސައިޓް މެދުވެރިކޮށް ވިޔަފާރިކުރާ ކަސްޓަމަރުންގެ ތެރެއިން ކޮންމެ މަހަކު ގުރުއަތުން ހޮވޭ ތިން ނަސީބުވެރިއަކަށް 500ރ. ގެ ފައިސާގެ އިނާމު ލިބޭނެ އެވެ.
ލަކްސް ގްލޯއަކީ ދިވެހިރާއްޖޭގެ ރީތިވުމަށް ބޭނުންކުރާ ސާމާނުގެ ބާޒާރުގައި އެންމެ ކުރިއަރާފައިވާ ބްރޭންޑަށް ވުމުގެ އަމާޒާއެކު 2024 ވަނަ އަހަރު މަސައްކަތް ފެށި ކުންފުންޏެކެވެ. މިހާރުވެސް އެ ކުންފުނިން ދަނީ ހަންގަނޑަށް ފަރުވާދޭ ތަފާތު އުފެއްދުންތަކާއި މޭކަޕްގެ ސާމާނު ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ފޯރުކޮށްދެމުންނެވެ.
ކުންފުނީގެ މުސްތަގުބަލުގެ ރޭވުންތަކުގެ ތެރޭގައި އަމިއްލަ ފިހާރައެއް ހުޅުވުމާއި، ޒަމާނީ ސެލޫނެއްގެ ހިދުމަތް ދިނުން ހިމެނެ އެވެ.
ކަސްޓަމަރުންނަށް ފަސޭހަކަމާއެކު މުދާ ބަލާލުމަށާއި ވިޔަފާރިކުރުމަށް ލަކްސް ގްލޯގެ ރަސްމީ ވެބްސައިޓް ބޭނުންކުރެވޭނެ އެވެ. އަދި ކުންފުނީގެ އިންސްޓަގްރާމް ޕޭޖް މެދުވެރިކޮށް ޕްރޮމޯޝަންތަކުގެ އިތުރު ތަފްސީލާއި ވީޑިއޯތައް ފެންނަން ހުންނާނެ އެވެ.
ލަކްސް ގްލޯގެ އަމާޒަކީ ފެންވަރު ރަނގަޅު އުފެއްދުންތައް ދިވެހި މާކެޓަށް ތައާރަފްކޮށް، ކަސްޓަމަރުންނަށް އިތުބާރުހުރި ހިދުމަތެއް ފޯރުކޮށްދިނުމެވެ.




