ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ކޯޗަކަށް ސޮބާ

Apr 28, 2026, 9:43 AM
ކޯޗު ސޮބާހު މުހައްމަދު (ސޮބާ): އެފްއޭއެމް އިން ވަނީ ގައުމީ އަންހެން ޓީމުގެ ކޯޗުކަން ސޮބާއާ ހަވާލުކޮށްފައި.-- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

ކޯޗު ސޮބާހު މުހައްމަދު (ސޮބާ): އެފްއޭއެމް އިން ވަނީ ގައުމީ އަންހެން ޓީމުގެ ކޯޗުކަން ސޮބާއާ ހަވާލުކޮށްފައި.-- ފޮޓޯ: އަދަދު ސްޕޯޓްސް ފައިލް ފޮޓޯ

އަންނަ މަހު ފަށަން ތާވަލުކޮށްފައިވާ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަންހެން ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ، ސޮބާހު މުހައްމަދު (ސޮބާ) ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ. 

މި ފަަހަަރުގެ މުބާރާތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، ގޯއާގެ ފަޓޯޑާ ސްޓޭޑިއަމްގައި އަންނަ މަހުގެ 25 އިން ޖޫން މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށެވެ.

ގައުމީ އަންހެން ފުޓްބޯޅަ ޓީމުން ކޯޗު ސޮބާގެ އިރުޝާދުގެ ދަށުން އަންނަނީ މުބާރާތަށް ތައްޔާރުވަމުންނެވެ.

އެފްއޭއެމް އިން ބުނީ، 17 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗު، ސޮބާއާ ސީނިއާ އަންހެން ޓީމުގެ ކޯޗުކަން ހަވާލުކޮށްފައިވާ ކަމަށެވެ. 

ގައުމީ އަންހެން ފުޓްބޯޅަ ޓީމުން އެންމެ ފަހުން ކުޅެފައިވަނީ، އޭޝިއަން ކަޕް ކޮލިފައިންގަ އެވެ. މުހައްމަދު އާތިފް (އާތީ)ގެ ކޯޗުކަމުގައި ގައުމީ އަންހެން ޓީމުން ކުޅުނުއިރު، ކޮލިފައިން ފުރަތަމަ މެޗުގައި، ރާއްޖެ ވަނީ ފީފާ ވޯލްޑް ކަޕްގައި ކުޅޭ އަދި އެންމެ ފަހުން އޭޝިއަން ކަޕްގެ ކުއާޓާ ފައިނަލަށް ދިޔަ، ވިއެޓްނާމް އަތުން 7-0 އިން ބަލިވެފަ އެވެ. މީގެ ދެ އަހަރު ކުރިން، އޭޝިއަން ކަޕް ކޮލިފައިންގައި ވިއެޓްނާމް އަތުން ރާއްޖެ ބަލިވީ 16-0 އިންނެވެ. އެކަމަކު، މި ފަހަރު އާތީއާ އެކު، ދޮޅު މަހު ޕްރެކްޓިސް ކޮށްފައި، ގައުމީ ޓީމު ގޮސް، ވިއެޓްނާމާ ވަނީ ރަނގަޅު ވާދައެއް ކޮށްފަ އެެވެ. ކޮލިފައިންގައި ރާއްޖެ ކުޅުނު ދެ ވަނަ މެޗުން 3-0 އިން ގުއާމް އަތުން ބަލިވިއިރު، ފަހު މެޗުގައި، ޔޫއޭއީ އަތުން ބަލިވީ 5-0 އިންނެވެ. ރާއްޖޭން ވަނީ، 2016 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގައި، 1-0 އިން ޔޫއޭއީ ބަލިކޮށްފަ އެވެ.

ސޮބާ އަކީ ރާއްޖޭގެ ފުޓްބޯޅައިގައި ގިނަ ޓީމުތަކެއްގައި މަސައްކަތްކޮށްފައިވާ ކޯޗެކެވެ. އެ ގޮތުން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބް ގްރީން ސްޓްރީޓްސް އާއި ކްލަބް ވެލެންސިއާގެ އިތުރުން 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗިން ޓީމުގައި ވެސް ސޮބާ ވަނީ މަސައްކަތްކޮށްފަ އެވެ. 

ސާފް ވިމެންސް ޗެމްޕިއަންޝިޕް: ރާއްޖެ އާއި އިންޑިއާ އަދި ބަންގްލަދޭޝް އެއް ގްރޫޕަކަށް

އަންނަ މަހު ފަށަން ތާވަލުކޮށްފައިވާ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖެ އާއި އިންޑިއާ އަދި ބަންގްލަދޭޝް، އެއް ގްރޫޕެއްގައި ވަނީ ލައްވާލައިފައި. މުބާރާތް ކުރިއަށްދާނީ އަންނަ މަހުގެ 25 އިން ޖޫން މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް

ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި، ރާއްޖެ ހިމެނޭ ގްރޫޕްގައި އޮތް ބަންގްލަދޭޝް އަކީ އެންމެ ފަހުން ބޭއްވި ސާފް ވިމެންސް ޗެމްޕިއަންޝިޕްގެ ޗެމްޕިއަން އެވެ. އަދި، މި ގްރޫޕްގައި ދެން އޮތް އިންޑިއާ އިން ވަނީ ފަސް ފަހަރު މި މުބާރާތުގެ ތަށި ހޯދައިފަ އެވެ. ރާއްޖޭން އެންމެ ފުރަތަމަ މެޗުގައި، މެއި 25 ވަނަ ދުވަހު، އިންޑިއާއާ ކުޅޭނެ އެވެ. އަދި، ދެ ވަނަ މެޗުގައި، މެއި 29 ވަނަ ދުވަހު، ބަންގްލަދޭޝާ ކުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. 

ރާއްޖޭން ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ހޯދި އެންމެ ރަނގަޅު ނަތީޖާ ހާސިލްކުރީ 2016 ވަނަ އަހަރު ބޭއްވި މުބާާރާތުގަ އެވެ. އެ ފަހަރު ރާއްޖޭން ސެމީ ފައިނަލަށް ދަތުރުކުރީ ފުރަތަމަ މެޗުން 5-2 އިން ސްރީ ލަންކާ ބަލިކޮށް، ދެ ވަނަ މެޗުން 9-0 އިން ނޭޕާލް އަތުން ބަލިވި ނަމަވެސް ފަހު މެޗުގައި 3-1 އިން ބޫޓާންގެ މައްޗަށް ކުރިހޯދައިގެންނެވެ. ސެމީ ފައިނަލުގައި ބަލިވީ ބަންގްލަދޭޝް އަތުން 6-0 އިންނެވެ. 

މި ފަހަރުގެ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ޕާކިސްތާނުން ވާދަނުކުރެ އެެވެ. އިންޑިއާގައި މުބާރާތް ހޯސްޓްކުރާތީވެ، ޕާކިސްތާނުން ޓީމު ނުފޮނުވަން ނިންމީ އެވެ. ގްރޫޕް އޭގައި ހިމެނެނީ ނޭޕާލް، ސްރީ ލަންކާ އަދި ބޫޓާން އެވެ. 

އެންމެ ފަހުން، 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ބޭއްވި ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖޭން ކުުޅުނު ފުރަތަމަ މެޗުން 1-0 އިން ލަންކާ އަތުން ބަލިވިއިރު، ދެ ވަނަ މެޗުގައި ނޭޕާލް އަތުން 11-0 އިން ބަލިވި އެވެ. އަދި، ތިން ވަނަ މެޗުގައި ބޫޓާން އަތުން ބަލިވީ 13-0 އިންނެވެ. 

ގައުމީ އަންހެން ފުޓްބޯޅަ ޓީމުން މިދިޔަ އަހަރުގެ ކުރީކޮޅުގައި ވަނީ އިންޑިއާއާ ދެކޮޅަށް އެ ގައުމުގައި އެކުވެރިކަމުގެ ދެ މެޗެއް ކުޅެފަ އެެވެ. ފުރަތަމަ މެޗުން ރާއްޖެ 14-0 އިން ބަލިވިއިރު، ދެ ވަނަ މެޗުން ބަލިވީ 11-1 އިންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީ އާއި އާސެނަލަށް މޮޅެއް ނުލިބުނު، ޗެލްސީ ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ސިޓީ އާއި އާސެނަލް އެއްވަރުވިއިރު، ޗެލްސީ ވަނީ ލީޑްސް ޔުނައިޓެޑް އަތުން 4-1 އިން ބަލިވެފައި. ސިޓީ އާއި ފުލަމް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، އާސެނަލް އާއި ނިއުކާސަލް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެން.

އޮޑިން ކޮންމެ މެޗެއްގައި ވެސް ޓީމު ވަރުގަދަކޮށްގެން ނަތީޖާ ނެރެން

ދިވެހި ޕްރިމިއާ ލީގުގައި އޮޑި ސްޕޯޓްސް ކްލަބުން ކޮންމެ މެޗަކަށް ވެސް ނުކުންނަނީ ޓީމު ވަރުގަދަކޮށް ރަނގަޅު ނަތީޖާއެއް ނެރުމުގެ އަމާޒުގައި ކަމަށް އެ ޓީމުގެ ކޯޗު ލޫޗޯ ބުނެފި. ލީގުގެ ބްރޭކުގެ ތެރޭގައި ޓީމުގެ ފިޓްނަސް އާއި ކުޅުން ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، މާދަމާ ޓީސީއާ ދެކޮޅަށް ނުކުންނާނީ މެޗުގެ ކޮންޓްރޯލް ހޯދައިގެން މޮޅުވާން

ނިއު ރޭޑިއަންޓް ބަލިކުރުން މުޅި ވިކްޓަރީ އަށް އިތުބާރަކަށްވާނެ

ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުމަކީ ވިކްޓަރީގެ އިތުބާރު ބޮޑުވެ، ސަޕޯޓަރުންގެ ޝައުގުވެރިކަން އިތުރުވާނެ ކަމެއް ކަމަށް އެ ޓީމުގެ ކޯޗު މޯހަން ބުނެފި ލީގުގައި މިހާތަނަށް ބަލިނުވެ އޮތް މި ދެ ޓީމުގެ ކުރިމަތިލުމަށް ވިކްޓަރީ އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށްވެސް އޭނާ ފާހަގަކުރި

މުޑްރިކް އާއި ޔޫކްރެއިން އެފްއޭގެ ކޯޅުމެއް

މަނާބޭހުގެ މައްސަލައެއްގައި 21 މަސް ދުވަހުގެ ސަސްޕެންޝަނެއް ފުރިހަމަކުރުމަށްފަހު، ޔޫކްރެއިންގެ މިހައިލޯ މުޑްރިކް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިހުމާލުވި ކަމަށް ބުނެ ކުރި ތުހުމަތުތަކާ ގުޅިގެން މައްސަލަ ހޫނުވެއްޖެއެވެ. މުޑްރިކްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ޔޫކްރެއިން އެފްއޭގެ ރައީސް އަންޑްރީ ޝެވްޗެންކޯ ވިދާޅުވީ މުޑްރިކް ހަދަނީ ދޮގު ކަމަށާއި، މިއީ އެސޯސިއޭޝަނުގެ އަގުވައްޓާލަން ކުރާ ކަމެއް ކަމަށެވެ.

ޓޮމް ބްރެޑީ ޗެލްސީގެ ހިއްސާއެއް ގަންނަނީ

އެމެރިކަން ފުޓްބޯޅަ ލެޖެންޑް ޓޮމް ބްރެޑީ، ކްލިއަލޭކް ކެޕިޓަލް މެދުވެރިކޮށް އިނގިރޭސި ކްލަބް ޗެލްސީގެ މައިނޯރިޓީ ހިއްސާއެއް ގަތުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މި އިންވެސްޓްމަންޓާއެކު އޭނާއަށް ވޯޓުލުމުގެ ހައްގު ނުލިބުނު ނަމަވެސް، ކުރިއަށް އޮތް ތަނުގައި ކްލަބުގެ ބޯޑުން ފުރުސަތު ލިބުމުގެ ފުރުސަތު އެބައޮތެވެ. ބްރެޑީ މި ފިޔަވަޅު އަޅަނީ ބާމިންހަމް ސިޓީގައި އޮތް އޭނާގެ ހިއްސާ ދޫކޮށްލުމަށްފަހުއެވެ.

ބަޔާން އެއްވަރުވި މެޗުގައި ކޭން އަށް ސީރިއަސް އަނިޔާއެއް

ޖަރުމަނު ލީގުގައި ކޮލޯންއާ ދެކޮޅަށް ކުޅުނު މެޗުގައި ބަޔާން މިއުނިކްގެ ފޯވާޑް ހެރީ ކޭންގެ ކުޑަހުޅަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން، ތިން މަސް ދުވަހަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. ބަޔާން މި މެޗުން 1-1 އިން އެއްވަރުވިއިރު، މި ނަތީޖާއާއެކު ލީގުގެ އެއްވަނަ މަގާމު ގެއްލުމުގެ ބިރު އެ ޓީމަށް ވަނީ ކުރިމަތިވެފައި

ސްޕެއިން ކައިރިން ބަދަލުހިފަން ޒިދާން ބޭނުމެއް ނޫން

ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި ސްޕެއިނާ ދެކޮޅަށް ނުކުންނައިރު، ފްރާންސްގެ އަމާޒަކީ ވޯލްޑް ކަޕްގެ ބަލިވުމުގެ ބަދަލުހިފުމުގެ ބަދަލުގައި މުބާރާތުގެ ތަށި ހޯދުން ކަމަށް ކޯޗު ޒިދާން ބުނެފި. ޒިދާން ފާހަގަކުރި ގޮތުގައި މިއީ އާ މުބާރާތެއް ކަމަށާއި، އަންނަ މާޗް މަހު އޮންނަ މި މެޗުތަކަށް ޓީމު އޮތީ ވަރުގަދަ އަމާޒެއްގައި

Newsletter

Get the latest news delivered straight to your inbox