އިންތިހާބު ނިމުމާއެކު މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރުން ހުއްޓާލައިފި

މުހައްމަދު މުއިއްޒު: އެއްވެސް ސަބަބެއްވެސް ނާންގަވައި ނޫސްވެރިންނާ ބައްދަލުކުރެއްވުން މުއިއްޒު ވަނީ ހުއްޓާލައްވާފައި -- ފޮޓޯ: ރައީސް އޮފީސް

މުހައްމަދު މުއިއްޒު: އެއްވެސް ސަބަބެއްވެސް ނާންގަވައި ނޫސްވެރިންނާ ބައްދަލުކުރެއްވުން މުއިއްޒު ވަނީ ހުއްޓާލައްވާފައި -- ފޮޓޯ: ރައީސް އޮފީސް

ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓު ނިމުމާއެކު ކޮންމެ ހޯމަ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް މުހައްމަދު މުއިއްޒުވީ ވައުދު ހުއްޓުމަކަށް އަތުވެއްޖެ އެވެ. 

ސަރުކާރު ބަންދު ނޫން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. މިއަދު ނޫސްވެރިންނާ ބައްދަލުނުކުރެއްވި ސަބަބެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.

މިދިޔަ ފެބްރުއަރީ މަހު އިއްވި ރިޔާސީ ބަޔާނުގައި މުއިއްޒު ވިދާޅުވީ މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު އެއް ގަޑިއިރު ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ.

"މީޑިއާއަށް ސީދާ އަޅުގަނޑު މައުލޫމާތު ދިނުމުގެ ގޮތުން މި އަހަރުގެ މާޗު މަހުން ފެށިގެން އާންމު އުސޫލެއްގެ މަތިން ކޮންމެ ހަފްތާއަކު ހޯމަ ދުވަހުގެ ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ އަޅުގަނޑު ބައްދަލުކުރާނަން،" މިދިޔަ މަހު މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު މިގޮތަށް ވިދާޅުވި ފަހުން ބޭއްވެވީ އެންމެ ތިން ނޫސްވެރިންގެ ބައްދަލުވުމެވެ. އެއީ މާޗު 2، އާއި މާޗު 23، އަދި މާޗު 30، ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެވެ. އޭގެތެރެއިން މާޗު 9، އަދި މާޗު 16، ގައި ނޫސްވެރިންގެ ބައްދަލުވުން ނުބޭއްވުނީ ސަރުކާރު ބަންދު ދުވަސްތައް އެ ދެމެދަށް ވަނުމުންނެވެ. 

މީގެއިތުރުން އެޕްރީލް 4، ގައި މުއިއްޒު ބާއްވަވަން ޖެހޭ ނޫސްވެރިންގެ ބައްދަލުވުން ނުބޭއްވުނީ އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ސައުދީއަށް ވަޑައިގެންނެވުމާ ގުޅިގެންނެވެ. 

ރިޔާސީ ބަޔާނުގައި މުއިއްޒު ވިދާޅުވީ ރަސްމީ ދަތުރެއް ނުވަތަ ސަރުކާރުގެ ބަންދު ދުވަހަކާ ދިމާނުވާ ކޮންމެ ހޯމައެއްގައި ނޫސްވެރިންނާ އެއްގަޑިއިރަށް ބައްދަލުކުރައްވައި މައުލޫމާތު ދެއްވާނެ ކަމަށެވެ. 

ކެބިނެޓުގައި ހިމެނޭ މިނިސްޓަރުން ވެސް ކޮންމެ ހަފްތާއަކު އެއް ދުވަހު އެއް ގަޑިއިރަށް ނޫސްވެރިންނާ ބައްދަލުކުރައްވަން ޖެހޭނެ ކަމަށް ރިޔާސީ ބަޔާނުގައި މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް ކޮންމެ ހަފްތާއަކު ސަރުކާރުގެ ހުރިހާ މިނިސްޓަރުން ނޫސްވެރިންނާ ބައްދަލުނުކުރައްވާކަން ފާހަގަކުރެވެ އެވެ. 

މުއިއްޒުގެ ވެރިކަމުގެ ތިންވަނަ އަހަރު ގުނަމުން އަންނައިރު، މިހާތަނަށް މުއިއްޒު ބާއްވާފައިވަނީ އެންމެ ފަސް ނޫސްވެރިންގެ ބައްދަލުވުމެވެ. ފުރަތަމަ ބައްދަލުވުން ބޭއްވީ ޑިސެމްބަރު 5، 2023، ގަ އެވެ. ރިކޯޑު ހެދި ނޫސްވެރިންގެ ބައްދަލުވުން ބޭއްވީ އޭގެ 515 ދުވަސް ފަހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox