ސަސްގެ އިތުބާރު ދަގަނޑޭ އަށް: އީގަލްސް އިން ސަމާލުވާނެ

Apr 19, 2023, 1:25 AM
ޕްރެޒިޑެންޓްސް ކަޕްގައި ސަސް އިން ވެލެންސިއާ ބަލިކުރި މެޗުގެ ތެރެއިން ދަގަނޑޭ.

ޕްރެޒިޑެންޓްސް ކަޕްގައި ސަސް އިން ވެލެންސިއާ ބަލިކުރި މެޗުގެ ތެރެއިން ދަގަނޑޭ.

ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ކްލަބް އީގަލްސް ކުޅޭއިރު، މި މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި ދެ ޓީމުން ވެސް ސަސްގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)އާ ބެހޭގޮތުން ވާހަކަ ދެއްކި އެވެ.

ސަސްގެ ކޯޗު، އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ އުމުރުން 37 އަހަރުގެ ދަގަނޑޭގެ ލީޑަޝިޕްގެ ބޭނުންހިފާނެ ކަމަށެެވެ. އަދި އީގަލްސްގެ އެސިސްޓަންޓް ކޯޗު މުއާވިޔަތު އިލްހާމް ބުނީ ސަސް އޮތީ ދަގަނޑޭއާ އެކު ވަރުގަދަވެފައި ކަމަށްވާތީ އެކަމަށް ސަމާލުވާނެ ކަމަށެވެ.

"ސަސް މި ވަގުތު އެ އޮތީ ވަރަށް ވަރުގަދަ ޓީމެއްގެ ގޮތުގައި މިހާރު ދަގަނޑޭ ޓީމަށް އިތުރުވުމާ އެކު އިތުރަށް ވަރުގަދަވާނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އީގަލްސްގެ ހެޑް ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބަލިވެ އުޅޭތީ، އޭނާގެ ބަދަލުގައި އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި އީގަލްސްގެ ފަރާތުން ބައިވެރިވި މުއާވިޔަތު ބުންޏެވެ.

ސަސް ޖޯޒީގައި ދަގަނޑޭ ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ޕްރެޒިޑެންޓްސް ކަޕްގެ އެންމެ ފަހުގެ ޗެމްޕިިއަން، ކްލަބް ވެލެންސިއާ އަތުން 5-0 އިން މޮޅުވެފަ އެވެ. އެ މެޗުގައި ދަގަނޑޭ ވަނީ ދެ ގޯލު ޖަހައިފަ އެވެ.

ދަގަނޑޭއާ ބެހޭގޮތުން އިންމަ ބުނީ "ދަގަނޑޭ ކޮންމެ ޓީމެއްގައި ހުރި ކަމުގައި ވިޔަސް އެއީ މި ޖެނެރޭޝަން (ޖީލު) ވަރަށް އިންސްޕަޔާވާ ކުޅުންތެރިއެއް" ކަމަށެވެ.

"މިހާރު މި ޖީލުގެ ކުޅުންތެރިން ހާއްސަކޮށް ޔަންގް ޕްލޭޔަރުން ދަގަނޑޭއާ އެކު ކުޅެލުމުގެ ފުރުސަތަކަށް އެދިއެދި ތިއްބައި އަޅުގަނޑުމެން ޓީމުގެ ކުޅުންތެރިންނަށް މި ފުރުސަތު މި ލިބުނީ. އަޅުގަނޑު ބުނާނީ ޓީމެއްގެ ހައިސިއްޔަތުން ޓީމެއްގެ މޯޓިވޭޝަން އެހެން ކުޅުންތެރިން އެ ހިތްވަރު ނެރެދިނުމުގައި ދަގަނޑޭގެ ލީޑަޝިޕްގެ ރޯލު ވަރަށް ބޮޑަށް އަދާކުރޭ،" ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއަރުގައި 491 ގޯލު ޖަހައި، ދުނިޔޭގެ ފުޓްބޯޅައިގައި ވެސް ހާއްސަ ދަރަޖައެއްގައި އޮތް ދަގަނޑޭއާ ބެހޭގޮތުން އިންމަ ބުންޏެވެ.

"ކޯޗަކަށް ވެސް އޮންނަ ހިތްހަމަޖެހުމެއް އެއީ (ދަގަނޑޭ ހުރުން އެއީ)، ދަގަނޑޭ އެންމެ ޕީކުގައި ނެތް ކަމުގައި ވިޔަސް އޭނަ ޓީމެެއްގައި ހުރެ، ހަމައެކަނި ފީޗާޑް ޕްލޭޔަރެއްގެ ގޮތުގައި މަސައްކަތް ނުކުރެވުނަސް އެ ޓީމަކަށް ފައިދާ ހުރި އެތައް ކަމެއް ކުރުމުގެ ގާބިލުކަމެއް އަޝްފާގުގެ ހުންނާނެ. އަޝްފާގު ހުރުމަކީ ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް،"

2021 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިން އަށް އީގަލްސް އިން ބޭއްވި ޕްރެކްޓިހެއްގެ ތެރެއިން ދަގަނޑޭ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު ފައިލް ފޮޓޯ

ދަގަނޑޭ ވަނީ މީގެ ކުރިން ރާއްޖޭގެ ޓީމުތައް ކަމަށްވާ ކްލަބް ވެލެންސިއާ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް، ވީބީ އައްޑޫ އެފްސީގެ ޖޯޒީގައި ކުޅެފަ އެވެ.

އީގަލްސް އަށް 2021 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިންގައި ކުޅެން ދަގަނޑޭ އެ ޓީމާ ގުޅުނެވެ. އެކަމަކު، އަނިޔާގެ ސަބަބުން ޕްލޭއޮފް މެޗުގައި އިންޑިއާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް ނުކުޅެވުނެވެ.

އީގަލްސް އިން ކޮންމެ މެޗަކަށް ވެސް ސީރިއަސްވާނެ

ޕްރެޒިޑެންޓްސް ކަޕްގައި އެންމެ ފުރަތަމަ ކުޅެން އޮތް މެޗުގައި ބައްދަލުކުރާ ގޮތަށް އޮތީ ވެލެންސިއާ އާއި އީގަލްސް އެވެ. އެކަމަކު، ދިމާވި ކަމެއްގެ ސަބަބުން އެ މެޗު މި މަހު 24 އަށް ވަނީ ބަދަލުކޮށްފަ އެވެ.

ޕްރެޒިޑެންޓްސް ކަޕްގައި ކުޅޭ ހަ ޓީމު ދެ ގްރޫޕަށް ބަހާލައިފައިވާއިރު، ގްރޫޕް އޭގައި ފުރަތަމަ މެޗުން ސަސް މޮޅުވެފައި އޮތުމުން، އެ ޓީމާ ދެކޮޅަށް މިރޭ އީގަލްސް އިން ނަތީޖާ ނެރެން ނުކުންނައިރު، ސަސް އަށް ޕޮއިންޓަކުން ވެސް ސެމީ ކަށަވަރުކުރެވޭނެ އެވެ.

އީގަލްސް އަށް މި މެޗުން ނަތީޖާ ނުނެރެވުނަސް ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ވެސް ސެމީ އަށް ދިއުމުގެ ފުރުސަތު އޮންނާނެ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އީގަލްސްގެ އެސިސްޓަންޓް ކޯޗު މުއާވިޔަތު ވާހަކަ ދައްކަނީ.--- ފޮޓޯ: އިސްމާއިލް އަޒްމީން/ އަދަދު

މުއާވިޔަތު ބުނީ އީގަލްސް އިން ކޮންމެ މެޗަކަށް ވެސް ކުޅޭނީ ފުރިހަމަ އަށް ތައްޔާރުވެގެން ކަމަށާއި އެކަމަކު، މި މަހު ތިން ވަނަ ދުވަހު ޗެރިޓީ ޝީލްޑް މެޗު ކުޅެފައި 16 ވަރަކަށް ދުވަހުގެ ބްރޭކެއް ފަހުން އަނެއްކާ ވެސް މެޗަކަށް ނުކުންނައިރު، އުނދަގޫތަކެއް އެބަހުރި ކަމަށެވެ.

"އީގަލްސް އިރާދަކުރެއްވިއްޔާ ނުކުންނާނީ މެޗު ކާމިޔާބު ކުރަން އީގަލްސް އެއްވެސް މެޗަކަށް ނުނިކުންނާނެ ސަކަރާތް ޖެހުމުގެ ނިޔަތުގަ. އީގަލްސް ނުކުންނާނީ ސީރިއަސްކަމާ އެކު މެޗު ކާމިޔާބު ކުރުމުގެ އަޒުމުގައި،" މުއާވިޔަތު ބުންޏެވެ.

އީގަލްސްގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރެއިން އަހުމަދު ރިޒްވާން (ރިޒޭ) އާއި ހިސާމް ސަލީމް (ކޮކީ) މި ވަގުތު ހުރީ އަނިޔާގަ އެވެ. އެހެންވެ، މި މެޗުގައި އެ ދެ ކުޅުންތެރިން ނުފެންނާނެ އެވެ.

ރޯދަ އަށް ހުރެ ޕްރެކްޓިސް ކޮށްފައި ސީޒަންގައި ފުރަތަމަ މުބާރާތް ކުޅެން ޖެހޭތީ އެއީ އުނދަގުލެއްގެ ގޮތުގައި ފާހަގަކޮށް، މުއާވިޔަތު ބުނީ އެ ހާލަތުގެ ތެރެއިން ވެސް ދިވެހި ކުޅުންތެރިން ރަނގަޅަށް މަސައްކަތް ކުރާއިރު، އީގަލްސްގެ ބިދޭސީ ކުޅުންތެރިން ޓީމުގެ ކަންކަމަށް ހޭނެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސަސްގެ ޓާގެޓަކީ މޮޅަށް ކުޅެގެން ނަތީޖާ ނެރުން

އީގަލްސްއާ އެއްވަރުކޮށްލައިގެން ވެސް ސެމީ ފައިނަލަށް ދެެވެން އޮތަސް ސަސް އިން އަމާޒުހިފާނީ މޮޅުވާން ކަމަށް ސަސްގެ ކޯޗު އިންމަ ވަނީ ބުނެފަ އެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސަސްގެ ކޯޗު އިސްމާއިލް މަހްފޫޒް (އިންމަ) ވާހަކަ ދައްކަނީ.--- ފޮޓޯ: އިސްމާއިލް އަޒްމީން/ އަދަދު

"އުންމީދަކީ އަދި ކުޅުންތެރިންގެ ވެސް ރޫހަކީ މެޗުގައި ރަނގަޅު ކާމިޔާބެއް ހޯދައިގެން، ހާއްސަކޮށް ޕާފޯމަންސް ބޭސްކޮށް މެޗަކަށް ފަހު މެޗެއް ރަނގަޅުކޮށްގެން ކުރިއަށްދިއުން، އަޅުގަނޑުމެންނަށް އެއްވެސް ޕްރެޝަރެއް ނެތް އިރާދަކުރެއްވިއްޔާ ރަނގަޅު މެޗެއް ކުޅެން ދަނޑަށް އަރާނީ،" މިދިޔަ އަހަރުގެ އެފްއޭ ކަޕްގެ ކުއާޓާގައި އީގަލްސް ކަޓުވާލައި ސަސް ސެމީ ފައިނަލަށް ގެންގޮސްދިން ކޯޗު އިންމަ ބުންޏެވެ.

"އީގަލްސް އަކީ އަކީ ވަރަށް ރަނގަޅަށް މި ސީޒަނަށް ތައްޔާރުވެފައި އޮތް ޓީމެއް. ޕްރީ ސީޒަނާ އެއްކޮށް، އެހެންވީމަ އޭގެ ތަފާތު އައިސްފާނެ. އެކަމަކު، އެވްރެޖްކޮށް ބަލާއިރު، އަޅުގަނޑުމެން ޖެހިލުންވާން ޖެހޭނެ ސަބަބެއް ނެތް ހެން ހީވަނީ،"

އިންމަ ބުނީ ތައްޔާރީ އަށް ބަލާއިރު އީގަލްސް އަށް ސަސްގެ މައްޗަށް އަދިވެސް އެޑްވާންޓޭޖެއް އެބައޮތް ކަމަށެވެ. އަދި އީގަލްސް އިން މި ސީޒަނުގައި ފުރަތަަމަ ކުޅޭ ދެ މެޗުގެ ދެމެދު އޮތް "ގެޕް"ގެ ވާހަކައެއް ދެއްކިޔަސް އެއީ ސަސް އިން ވިސްނާނެ ކަމެއް ނޫން ކަމަށް އިންމަ ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ސަސް އިން ބިދޭސީ ކުޅުންތެރިން ގެންނަން ވިސްނާނީ ސީޒަން ދާ ގޮތް ބެލުމަށް ފަހު ކަމަށާއި މި ވަގުތު އެ ޓީމުގައި ތިބި ކޮންމެ ކުޅުންތެރިއަކަށް ވެސް އިތުބާރު އެބައޮތް ކަމަށް އިންމަ ބުނެފައިވެ އެވެ.

ސަސް އާއި އީގަލްސް ކުޅޭ މެޗު ފަށާނީ މިރޭ 22:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox