އެއް މަސް ދުވަސް ތެރޭގައި ހިމްނާ އަށް ހުވަފެނީ ކާމިޔާބީތަކެއް!

ހިމްނާ އިއްޔެގެ ނިންމުމުގެ ރަސްމިއްޔާތަށް ފަހު އިންޓަވިއު ދެނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ހިމްނާ އިއްޔެގެ ނިންމުމުގެ ރަސްމިއްޔާތަށް ފަހު އިންޓަވިއު ދެނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މާލޭ ސިންތެޓިކް ޓްރެކުގައި އިސް ޖަހައިގެން އިނދެ އައިޝަތު ހިމްނާ ހަސަން އެ ދޫކޮށްލީ ފުން ނޭވާ އެކެވެ. މިދިޔަ މަހެއްހާ ދުވަހުގެ ހޯދި ކާމިޔާބީތަކަށް ބޮޅެއް އިތުރުކޮށްލުމަށް ކުރިއަށް އޭނާ އަށް އޮތީ ކެރިއަރުގެ އެންމެ ބޮޑު އެއް މިނެޓެވެ. ސްޓާރިން އޮފިޝަލުގެ ބަޑީގެ އަޑާ އެކު ބާރު ދުވެލީގައި ގޮސް ރޭސް 400 މީޓަރު ފައިނަލް ނީމާލީ އެވެ. ހިމްނާ އެ ހޯދީ އިތުރު ރަން މެޑައްޔެކެވެ. އެ ހެދީ އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ ރެކޯޑެކެވެ. އެ ޔަގީންކޮށްލީ މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމެވެ.

އިއްޔެ ނިމުނު އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕާއެކު އެންމެ ބޮޑު އުފާވެރިކަމަކާއި ހިތްހަމެޖެހުމެއް ލިބޭނެ އެއް އެތުލީޓަކީ ހިމްނާ އެވެ.

މިދިޔަ އެއް މަސް ދުވަހަކީ އޭނާގެ ކެރިއަރުގެ އެންމެ ބުރަ، މުހިންމު އަދި އެންމެ ކާމިޔާބު އެއް މަސް ދުވަހެވެ. ރާއްޖޭގެ ސްޕްރިންޓުގެ މެޖޯރިޓީ ހުރިހާ ރެކޯޑެއް މުގުރާލައި އޭނާ ވަނީ ރާއްޖޭގެ އެންމެ ބާރު އަންހެން ދުވުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. ގާތް ގާތުގައި ބައިނަލްއަގްވާމީ ދެ މުބާރާތެއްގައި (ކޮމަންވެލްތު ގޭމްސް އާއި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި) ދުވުމަށް ފަހު މާލޭގައި އެސޯސިއޭޝަން ކަޕްގައިވެސް ދުވެ މޮޅު އެތުލީޓުގެ މަގާމް ހޯދި އެވެ.

އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމު ހޯދި ސާއިދު (ކ) އާއި އެންމެ މޮޅު އަންހެން އެތުލީޓު ހިމްނާ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މޮޅު އެތުލީޓަށް ވުމަށް މި ފަހަރު ހިމްނާ އަށް ބޮޑު ޗެލެންޖެއް އޮތެވެ. އެންމެ ފަހު ރޭހާއި ހަމައަށް ދިޔައިރު، ހިމްނާ އަށް މީޓު ރެކޯޑަކާ އެކު ރަން މެޑަލް ހޯދައިގެން ނޫން ގޮތަކަށް އެ އެވޯޑު ލިބޭކަށް ނެތެވެ. ސަބަބަކީ އޭނާއާ އެންމެ ގާތުން ވާދަކުރި އައިމިނަތު ޖައިޝާ ޖުނީޒް ތިން ރަން މެޑަލް ހޯދައި ތިން މީޓު ރެކޯޑު ހަދާފައިވުމެވެ.

"އަސްލު 400 އަށް އަރާ ހުރިއިރު ކުޑަކޮށް ނާވަސްވެފައި ހުރީ. ކުޑަކޮށް ހާސްވިއޭ ބުނެވޭނީ. އެއީ ގޯލްޑް ނެގިޔަސް އަދި ބެސްޓް އެތުލީޓު ނުލިބޭތީ. ރަނގަޅު ޓައިމިން އެއްގައި ނިންމަންޖެހެނީ ވެސް" މުބާރާތުގެ އެންމެ ފަހު ރޭހާއި ގުޅޭގޮތުން ހިމްނާ ބުންޏެވެ.

ހިމްނާ ބުނީ މިދިޔަ އެއް މަސް ދުވަހަކީ ކެރިއަރުގައި އެންމެ މުހިންމު އަދި އެންމެ ބޮޑަށް މީހާ ވަރުބަލިވި ދުވަސްތައް ކަމަށެވެ. ގާތް ގާތުގައި ދުވަން ޖެހޭތީ ޕާފޯމަންސް ދަށް ނުވެ ހިފެހެއްޓުމަށް ވަރަށް މަސައްކަތްކުރިކަމަށް އޭނާ ބުންޏެވެ.

"އަސްލު ވަރަށް ބޮޑަށް ވިސްނައިގެން ހުރީ، އިނގޭ ވަރުބަލިވާނެކަން ފަރުވާކުޑަކޮށްފިއްޔާ. އެހެންވެ ރަނގަޅަށް ނިދައި، ރަނގަޅަށް ނިއުޓްރިޝަންސް ނަގައި ހެދިން. އެހެންވެ، އަސްލު ރަނގަޅަށް ހުރިހާ މުބާރާތެއްގައި ވެސް ޕާފޯމް ކުރެވުނީ" ހިމްނާ ބުންޏެވެ.

ވިހި އަހަރުގެ ހިމްނާ އަށް މެންޓަލީ ވެސް އެސޯސިއޭޝަން ޗެމްޕިއަންޝިޕަކީ ބޮޑު ޗެލެންޖެކެވެ. ހިމްނާ ބުނީ އަނިޔާއެއް ނުވެ މުބާރާތް ނިންމާލެވުމަކީ ވެސް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. ސަބަބަކީ ޓީމްގެ ބައެއް އެތުލީޓުން އަނިޔާގައި ތިބުމުން އެކަމުގެ ސަބަބުން ވެސް އޭނާ އަށް އަސަރުތަކެއް ކުރުމެވެ.

ހިމްނާ އިއްޔެ 400 މީޓަރުގެ ރޭސް ދުވަނީ: މިއީ ހިމްނާގެ ހާއްސަ އިވެންޓް.---ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސަތޭކަ މީޓަރު ދުވުމުގެ ގައުމީ ރެކޯޑު ހިމްނާ ހެދީ ކޮމަންވެލްތު ގޭމްސްގަ އެވެ. މިއީ މީގެ 21 އަހަރު ކުރިން ކެނެޑާގައި ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕުގައި ކުރީގެ ދުވުންތެރިޔާ ސަމްހާ އަހުމަދު ހެދި ރެކޯޑެކެވެ. ހިމްނާ އަށް މި ރެކޯޑު ހާއްސަވާ ބައިވަރު ސަބަބުތައް އެބަހުއްޓެވެ. ހިމްނާ ގަބޫލުކުރާ ގޮތުގައި އޭނާގެ އެކްސްޓްރާ އިވެންޓުގެ ގޮތުގައި އޮތް 100 މީޓަރު ދުވުމުގެ ރެކޯޑު ހެދުމަކީ އޭނާގެ ކުރިއެރުމަށް ލިބުނު ބޮޑު ހިތްވަރެއްގެ ގޮތުގަ އެވެ.

"އަސްލު 100 އެއީ އަޅުގަނޑުގެ އެކްސްޓްރާ އިވެންޓު. ހިމްނާގެ ރަސްމީ ދެ އިވެންޓަކީ 400 އާ 200. އެހެންވެ 100 ވެސް ބްރޭކްވީމަ ވަރަށް އުފާވި. އެންމެންނަށްވެސް އިނގޭ 100 ބްރޭކް ކުރުމަކީ އުނދަގޫކަމެއް ކަން،" އޮލިމްޕިކް ކޮމިޓީގެ 2024 އޮލިމްޕިކްސް ސްކޮލަޝިޕް ހޯދާފައިވާ ހިމްނާ ބުންޏެވެ.

ހިމްނާ ބުނީ 400 މީޓަރަކީ ރަސްމީ އިވެންޓަށްވެފައި އޭގެ ތަމްރީންތަކުގެ ސަބަބުން ބާކީ އޮތް ދެ އިވެންޓަށް ވެސް ވަރަށް ބޮޑު ފައިދާ އެއް ކުރިކަމަށެވެ. އެ ގޮތުން، 400 މީޓަރު ދުވުމުގެ ތަމްރީންތަކަކީ ބުރަ އަދި އުނދަގޫ ތަމްރީންތަކަކަށް ވެފައި ކޮންމެ މުބާރާތަކަށް ނުކުންނައިރު ވެސް 100 މީޓަރަށް ތަމްރީން ހަދަނީ ފަހު ދުވަސްތަކުގައިކަން އޭނާ ފާހަގަކުރި އެވެ.

ހިމްނާގެ އިތުރުން ރާއްޖޭގެ ގައުމީ އަންހެން ސްޕްރިންޓް ޓީމްގައި ތިބީ ވަރަށް އުއްމީދީ ދުވުންތެރިންނެވެ. އެތުލެޓިކްސް އެސޯސިއޭޝަނުން އެންމެ ފަހުން ބޭއްވި ގައުމީ ފެންވަރުގެ ތިން މުބާރާތުގައިވެސް ވަރަށް އުއްމީދީ އަންހެން ދުވުންތެރިން ފެނިއްޖެ އެވެ. ހިމްނާ އަށް އެންމެ ފަހުން ލިބުނު ކާމިޔާބީތަކުގައި އޭނާގެ ފަހަތުން ނިންމާލި ކުދިންގެ ކުރިއެރުން ވެސް ވަރަށް ބޮޑަށް ފާހަގަވެ އެވެ.

ހިމްނާ ބުނީ ޒުވާން އެތުލީޓުންގެ ފެންވަރު ރަނގަޅުވެ، ވާދަވެރިކަން ބޮޑުވުމަކީ ކޮންމެ މުބާރާތަކަށް ނުކުންނައިރު ވެސް އިތުރަށް މަސައްކަތް ކުރަން ލިބޭ އިތުރު މޯޓިވޭޝަނެއް ކަމަށެވެ.

"އިނގޭ ކުޑަކޮށް ފަރުވާކުޑަވިޔަސް އެއް ވަނަ ގެއްލޭނެކަން. ހުރިހާ ކުދިންވެސް ވަރަށް ވާދަވެރި. އެހެންވެ ހިމްނާ އަށް އިތުރު ހިތްވަރެއް ވެސް ލިބޭ އިތުރަށް ޓްރެއިނިން ހަދައި އަމިއްލަ ލެވެލް މަތިކުރަން" އެންމެ ފަހުން ބޭއްވި ގައުމީ މުބާރާތުގެ ވެސް މޮޅު އެތުލީޓުގެ މަގާމް ހޯދި ހިމްނާ ބުންޏެވެ.

ހިމްނާ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި އޭނާ އަށް ލިބުނު ރަން މެޑަލްތައް ދައްކާލަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ރާއްޖޭގެ އަންހެން ސްޕްރިންޓަރުން ހޯދަމުން އަންނަ ކުރިއެރުމަށް ބަލައި އަންނަ އަހަރުގެ އައިއޯއައިޖީ އާއި ސާފް ގޭމްސް އިން މެޑަލް ހޯދުމަކީ އެސޯސިއޭޝަންގެ އަމާޒެވެ. އަންހެން ރިލޭ ޓީމުން ވަނީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރިލޭގެ ގައުމީ ރެކޯޑު ހަ ދުވަސް ތެރޭގައި ދެ ފަހަރަށް އާ ކޮށްފަ އެވެ.

ހިމްނާގެ އަމާޒަކީ ވެސް މިހާރު ބައިނަލްއަގްވާމީ މެޑަލް ހޯދުމެވެ. މި އަމާޒަށް ވާސިލްވާން ބަލާއިރު ހުރިހާ އެތުލީޓުން ކުރާ މަސައްކަތްވެސް ހިމްނާ ފާހަގަކުރަނީ އުފަލާއިއެކުގަ އެވެ. ހުރިހާ އެތުލީޓުންނަށް ހިމްނާގެ އޮތީ އެއް މެސެޖެކެވެ.

"ހުރިހާ ކުދިންވެސް ހުއްޓާނުލައި ހިތްވަރާ އެކު ތަމްރީން ހަދާތި، އެންމެ އެކުގައި ހިސްޓްރީ ކްރިއޭޓްކުރަން އަންނަ އަހަރު ފުރުސަތު އެބައޮތް. އަންހެން އެތުލީޓުންނަށް ވެސް މިކަން ވާނެ. ހިމްނާ ވެސް ވަރަށް ޓްރައި ކުރާނަން އިތުރަށް ޓްރެއިންކޮށް ޓައިމިން ރަނގަޅު ކުރަން،"

ހިމްނާ އަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ލިބިފައިވާ ސްކޮލަޝިޕްގެ ތެރެއިން ތަމްރީންތަކަށް އޭނާ ވަރަށް އަވަހަށް ފުރަން ހަމަޖެހިފައިވާ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން މައުލޫމާތު ދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox