ބަންގްލަދޭޝް ފައިނަލަށް ދާން ރެފްރީ ބޭނުމެއް ނުވި: އޮސްކާ

Oct 13, 2021, 3:12 PM
މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އޮސްކާ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އޮސްކާ.-- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ނޭޕާލާ ދެކޮޅަށް އެއް ކުޅުންތެރިއަކު މަދުކޮށް 1-1 އިން އެއްވަރުވެ، ބަންގްލަދޭޝަށް ފައިނަލުގެ ޖާގައެއް ނުލިބުނީ މެޗުގެ ރެފްރީ އަކްރޯލް ރިސްކުލޭފް އެ ގޮތަށް ބޭނުން ނުވާތީ ކަމަށް ބަންގްލަދޭޝްގެ ކޯޗު އޮސްކާ ބްރުޒޮން ބުނެފި އެވެ.

ފުރަތަމަ ހާފުގައި ސުމަން ރެޒާގެ ގޯލުން ބަންގްލަދޭޝް ލީޑުނަގާފައިވަނިކޮށް މެޗުގެ 79 ވަނަ މިނިޓްގައި އެ ޓީމުގެ ގޯލްކީޕަރު އަނީސުރް ރަހްމާން ޒީކޯ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ. އޭގެ ހަތް ވަރަކަށް މިނިޓް ފަހުން ބަންގްލަދޭޝްގެ ބިޝްވަނާތު ގޯޝްކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އަންޖަން ބިސްޓާ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައި ނޭޕާލް ފައިނަލަށް ގެންގޮސްދިނީ އެވެ.

މެޗުގެ ފަހު ކަށިގަނޑާ އެކު، ބަންގަލަދޭޝްގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ރެފްރީއާ ދިމާލަށް ގޮސްފަ އެވެ. އޮސްކާ ވެސް ވަނީ އެ ވަގުތު ރެފްރީ އާއި ދިމާލަށް ގޮސްފަ އެވެ. އޭނާ އާއި އެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ހުއްޓުވީ ދަނޑު މައްޗަށް ފުލުހުން އަރައިގެނެވެ.

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އޮސްކާ ބުނީ ޔަގީނުން ވެސް ބަންގްލަދޭޝް ފައިނަލުގައި އޮންނަން ޖެހޭ ވަރަށް ކުޅުނު ކަމަށެެވެ. އޭނާ ބުނީ ބަންގްލަދޭޝް އަކީ އެންމެ މޮޅު ޓީމަށް ނުވާނަމަ މި މުބާރާތުގައި ކުޅުނު އެންމެ މޮޅު އެއް ޓީމު ކަމަށެވެ.

އޮސްކާ ވަނީ މިއަދުގެ ރެފްރީގެ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އޭނާ އަކީ "ޕްރޮފެޝަނަލެއް" ކަމަށާއި އެހެންވެ، އަދަބެއް އަންނަ ވަރަށް ރެފްރީ އަށް ފާޑުކިޔަން ބޭނުމެއް ނުވާކަމަށް އޮސްކާ ބުންޏެވެ.

އޮސްކާ ބުނީ އިންޑިއާ މެޗުން އެއްވަރުވި ހިސާބުން ހުރިހާ ކަމެއް ބަދަލުވެ، ބަންގްލަދޭޝްއާ ދެކޮޅަށް ނިންމުންތައް އަންނަން ފަށާފައިވާ ކަމަށެވެ.

"މެޗުގެ ހުރިހާ ހާއްސަ ވަގުތެއްގައި މުހިއްމު ނިންމުމެއް ދިޔައީ އަހަރެމެންނާ ދެކޮޅަށް. ރެފްރީ 30 މީޓަރު ދުރުގައި ހުރެފައި އަހަރެމެން ހީކުރީ ގޯލްކިކަކަށް ބުނާހެން އެކަަމަކު ނޭޕާލް ކުޅުންތެރިއަކު ހެދި މަކަރަކަށް ޕެނަލްޓީ ދިނީ. ވިސްނާ ވެސް ނުލައި ނުވެސް ވިސްނައި ދިނީ ޕެނަލްޓީއެއް. ދެން ޒީކޯ އަށް ދެއްކި ރަތް ކާޑު ވެސް ރަނގަޅެއް ނޫން. އެއީ ފުރަތަަމަ ބޯޅަ ފައިގައި ޖެހިފައި ދެން އަތުގައި ޖެހުނީ،" އޮސްކާ ބުންޏެވެ.

"ރެފްރީ ބޭނުމެއް ނުވި އަހަރެމެން ފައިނަލުގައި ކުޅޭކަށް. ފައިނަލް އިންސާފުވެރިއެއް ނުވާނެ. މިއަދު ދަނޑުމަތީގައި މޮޅަށް ކުޅުނީ ބަންގްލަދޭޝް އިން. އަހަރެމެން ފައިނަލުގައި ނުކުޅެނީ "ޑާކް ފޯސްތަކެއް" އެބަތިބި އެކަން ވިޔަ ނުދޭން،"

މިދިޔަ އޮގަސްޓް މަހު މާލޭގައި ބޭއްވި އޭއެފްސީ ކަޕްގައި އޮސްކާ ހަވާލުވެ ހުރި ބަންގްލަދޭޝްގެ ލީގު ޗެމްޕިއަން ބަޝުންދަރާ ކިންގްސްގެ ވެސް ކެޓީ ފަހު މެޗުން އެއް ކުޅުންތެރިއަކު މަދުވެ، މޮޅެއް ނުލިބިގެންނެވެ. އެ ދުވަހު ބަޝުންދަރާ ކުޅުނީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާންއާ ދެކޮޅަށެވެ. މިއަދު އޮސްކާ ހުރި ބަންގްލަދޭޝް ޓީމު ވެސް މިދިޔައީ ހަަމަ އެ ގޮތަށެވެ.

އޮސްކާ ބުނީ އޭނާ ސިކުނޑީގައި ހުރި ވާހަކަތައް ދައްކަން ފަށައިފިއްޔާ އޭނާ އަށް އަންނާނީ އަދަބެއް ކަމަށެވެ.

"އަހަރެން ވިސްނާ ގޮތަކަށް އަހަރެން ވާހަކަ ދައްކައިފިއްޔާ އަހަރެން އެއް އަހަރަށް ސަސްޕެންޑް ކޮށްފާނެ. މި ވާހަކަ ދައްކަންވީ ބަންގްލަދޭޝް ނޫސްވެރިންނާއި މީޑިއާ އިން. ބަންގްލަދޭޝާ ދެކޮޅަށް މި ހުރިހާ ކަމެއް މި ހިނގަނީ އިންސާފުންނެއް ނޫން،"

އޮސްކާ ބުނީ އިންސާފުން ބޭރުން ހިނގާ ކަންތައްތައް ހުއްޓުވުމުގެ ބާރު އޮތީ މީޑިއާ އަށް ކަމަށެވެ.

ގައުމީ ޓީމާ އެކު ކުރިއަށްދާނެތޯ ކުރި ސުވާލަށް އޮސްކާގެ ސީދާ ޖަވާބެއް ނެތް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ހާއްސަކޮށް އޮސްކާއާ ބަންގްލަދޭޝްގެ ގައުމީ ޓީމު ހަވާލުކުރީ އެ ޓީމުގެ ކޯޗަކަށް ކުރިން ހުރި އިންގްލެންޑްގެ ކޯޗު ޖޭމީ ޑޭ ދެ މަސް ދުވަހަށް ކޮންޓްރެކްޓުން ވީއްލުމަށް ފަހު އެވެ. އަންނަ މަހު ސްރީލަންކާގައި އޮންނަ އިންވިޓޭޝަނަލް މުބާރާތެއްގައި ވާދަކުރަން ބަންގްލަދޭޝް އިން ވަނީ ނިންމައިފަ އެވެ. އެ މުބާރާތުގައި އޮސްކާ އެ ޓީމާ އެކު ކުރިއަށްދާނެކަން ސާފެއް ނޫނެވެ.

އޮސްކާ ބުނީ ބަޝުންދަރާއާ އެކު އޭނާގެ ކޮންޓްރެކްޓެއް އެބައޮތް ކަމަށާއި އޭނާ ގައުމީ ޓީމާ އެކު ކުރިއަށްދާނެތޯ އެ ސުވާލަށް ޖަވާބު ދޭނީ ބަޝުންދަރާގެ ރައީސް އިމްރުލް ހަަސަން އާއި ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ކާޒީ ސަލާހުއްދީން މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.

"އެއްވެސް އެއްޗެއް ނުބުނެ ހުންނަން ބޭނުމެއް ނޫން. އަހަރެން މި ހުރީ ކްލަބްގެ ކޮންޓްރެކްޓްގައި. އަަހަރެން މި ހުރީ ޔަގީނުން ވެސް ބަންގްލަދޭޝް ފުޓްބޯޅަ އަށް ހިދުމަތް ކޮށްދޭން. އެކަމަކު، މީގެ މަޝްވަރާ ކުރަން ޖެހޭނީ ކްލަބާއި ފެޑެރޭޝަނުން. އަހަރެން އެ ވަގުތު ޓީމާ ހަވާލުވީ މި މުބާރާތަށް،" އޮސްކާ ބުންޏެވެ.

"ކްލަބް ލެވަލާއި ގައުމީ ޓީމަށް ބެލިޔަސް ބަންގްލަދޭޝް މި ދަނީ ކުރިއަށް އެއީ ޔަގީންކަމެއް،"

އޮސްކާ ބުނީ މި ވަގުތު އޭނާ ބޭނުމީ ޗުއްޓީ އަކަށް ދާން ކަަމަށެެވެ. އެއީ މިދިޔަ 13 މަސް ދުވަހު އޭނާ އަށް އާއިލާއާ އެކު ވަގުތުު ކޮޅެއް ހޭދަކުރުމުގެ ފުރުސަތު ރަނގަޅަށް ނުލިބޭތީ އެވެ.

ސާފް ޗެމްޕިއަންޝިޕް ފެށެން ކުޑަވަގުތު ކޮޅަކަށްވެފައި އޮއްވައި ބަންގްލަދޭޝް ގައުމީ ޓީމާ ހަވާލުވީތީ އެކަމާ ހިތާމައެއް ނުކުރާ ކަމަށް އޮސްކާ ވަނީ ބުނެފަ އެވެ. އޮސްކާ ބުނީ އޭނާ ހިތާމަކުރަނީ ފަސް ޕޮއިންޓް ލިބުނީމަ ކަމަށާއި މުބާރާތުން ކެޓީމަ ކަމަށެވެ.

"ކޮންޓްރޯލް އިން ބޭރުގައި ހުރި ކަންތައްތަކުގެ ވާހަކަ ނުދެއްކޭނެ. މިހާރު އުފާވާ ކަންތައްތަކަކީ މި ކުޅުންތެރިންގެ ވިނިން މެންޓަލިޓީއެއް ފެންނާތީ،" އޮސްކާ ބުންޏެވެ.

ކުރިން ނިއު ރޭޑިއަންޓަށް ކޯޗުކޮށްދިން އޮސްކާ ބުނީ އޭނާ އެދެނީ އިންޑިއާ ބަލިކޮށް ރާއްޖެ ފައިނަލަށް ދިއުމަށް ކަމަށެވެ. އަދި ގައުމީ ޓީމާ ހަވާލުވެ އަލީ ސުޒޭން ކުރަނީ ރަނގަޅު މަސައްކަތްތަކެއް ކަން އިހުތިރާމާ އެކު ގަބޫލުކޮށް އޮސްކާ ވަނީ ރާއްޖެ އަށް ކާމިޔާބަށް އެދޭ ކަމަށް ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox