އިބްރާހިމް ހުސެއިން މަނިކުގެ ކުރުވާހަކަ: ހުސްވީ މަތިވަރު

May 1, 2021, 8:44 AM
ޓައިޕޯގްރަފީ: ހުސެއިން ވަހީދު/ ކުރެހުން: އަހުމަދު އިހުސާން (އަރަކަ)

ޓައިޕޯގްރަފީ: ހުސެއިން ވަހީދު/ ކުރެހުން: އަހުމަދު އިހުސާން (އަރަކަ)

އެޑިޓަރުގެ ނޯޓް: މިއީ ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަޖިލީހުން ނެރެފައިވާ "އިބްރާހިމް ހުސެއިން މަނިކުގެ ކުރުވާހަކަތައް 1" ގައި ޝާއިއުކޮށްފައިވާ ވާހަކަ އެކެވެ. މި ވާހަކަ މި ނޫހުގައި ޖަހާފައިވަނީ، ޝާއިއުކުރި ފަރާތާއި ލިޔުންތެރިޔާގެ ހުއްދައާ އެކު އެވެ. މި ވާހަކަ ކިޔުންތެރިންނަށް މި ހަދިޔާކުރަނީ، މި ނޫހުގެ ލިޔުންތެރިޔާ ނަސްމާ އަބްދުލްމުހުސިން ލިޔެފައިވާ އިބްރާހިމް ހުސެއިން މަނިކުގެ ވާހަކަ އަދަބީ ފަންނުވެރިކަމާ ގުޅޭ އާޓިކަލް "އިބްރާހިމް ޙުސައިން މަނިކުގެ ގަލަމުން ދިވެހި ދިރިއުޅުމުގެ ރިވާޔަތު" އަށް ބާރު ދިނުމުގެ ގޮތުންނެވެ.

.....................................................

އަސުރުވީ ފަހުން ކަތްދަ އެކިއްލާއެއް ކަހަލަ ފަޅު ވީރާނާގޭގެ ދެކުނުފަރާތު ދޮރު މަތީގައިހުރެ މައިމަގުގެ ދެކޮޅު ހޯދާބަލައިލި މީ ދިހަ ވަނަ ފަހަރެވެ. އިރުގެ ދޯދިތައް މަރުވަމުން ދިޔައިރު ވަދުވެރިން އެމީހުން ބޭ މަސްތައް ހިފައިގެން ގޭދޮށަށް ދަނީއެވެ. ރަށްދެބައިމަގުން މައިމަގަށް ލަނބާލި ދެމީހުންކުރެ އެކަކީ ޢަޒީޒެވެ. ކަތްދަ ހިތްހަމަޖެހުމުގެ ނޭވާއެއް ލިއެވެ.

Advertisement

ޢަޒީޒު ހުރީ ވެސްނޫކުލައިގެ ގަންޖުފަރާހެއްލައިގެން ގުރާފެހިކުލައިގެ ސޯޓެއްގަ އެވެ. އޭނާގެ ބުޅިބޯވަނީ ހޭވިފައެވެ. އަތުގައި ރެންޗުފޮށިއޮތެވެ. މީ ކަތްދަގެ ހަގު ދަރިފުޅެވެ. އޮނަވިހި އަހަރުވީ މެދުމިނު އިސްކޮޅެއްގެ، ފަތިހަށި، ބައިމަތިފުޅާ، ރޫފަރަނގަޅު، ކުލައަލި ޒުވާނެކެވެ. އޭނާޔާ އެކުގައި އައީ ދެވަންފުރައިގެ، ބޮލުފައި ފަތްމަދު، ކަޅުފަޓުލޫނަކާއި ގަޔަށްދޫ، ހުދު، އަތްބުރި ގަމީހެއްލައިގެންހުރި ހިތްހެޔޮ ވައްތަރުޖަހާ ބީރައްޓެއްސެކެވެ. ދެމީހުން ހިނިތުންވެތިބެ އޮލަވާހަކައެއް ދައްކަމުން މަޑު ހިނގުމެއްގައި ގޭދޮށަށް އާދެއެވެ.

"ދަރިފުޅު މިއަދު ކޮން ދޯންޏެއްގެ އިންޖީނު ހަދަން އުޅެފާ ތިޔައައީ؟"

"މުދިންބެ ދޯނި. މިއައީ އިންޖީނު ރަނގަޅުކޮށް ހިންގައިދީފާ." ޢަޒީޒު ފަޚްރުވެރިވިއެވެ.

"ދަރިފުޅު ލަސްވެގެން މަންމަ މިހިރީ ކަންބޮޑުވެފާ. ދިޔަތަނެއް ދެނަހުރި މީހަކާވެސް ދިމާވީޔަކީ ނޫނިއްޔަ؟"

ޢަޒީޒު ކަނާތްފަރާތަށް މެހުމާނާ ދިމާޔަށް ބަލައިލިއެވެ. "މަންމާ މިހުންނެވީ ނަސީމު. މީ މާލޭގާ އަމިއްލަ ވޯކުޝޮޕަކާ ޑީސަލް އިންޖިނޭރުކަން ކިޔަވައިދޭ ޚާއްޞަ ކްލާހެއް ހިންގަވާ ބޭކަލެއް. މިރަށަށް ދުރުވެ އެއުޅުއްވަނީ ދަތުރުވަރެއްގާ."

ނަސީމު ކަތްދަޔާ ދިމާޔަށް ނިތްއެއްލާފައި ތުންފަތުން ހީނލިއެވެ. "ދަރިފުޅާ ހިނގާ ނަސީމުވެސް ގޮވައިގެން ސައިބޯން."

"މަންމާ އަހަރެމެން މިއައީ މުދިންބެ ގޯތިން ސައިބޮއިގެން."

"އެކަމަކު ހެޔޮ. މަންމަ ހުންނާނެ ދަރިފުޅަށް މީރު މަސްފަތަފޮޅިވެސް ފިހެދީފާ. ނަސީމުވެސް ހިންގަވާ."

މަންމަ ބުނެފި އެއްޗެއް ކުރުނުކުރާނެކަން އެނގޭތީ ޢަޒީޒު އިތުރު އިއުތިރާޒެއްނެތި ނަސީމާއެކު ގޭގެ އުތުރުފަރާތަށް ބަދިގެޔާ އެއްފަތީގައި، ގުދަންބަރީގެ ހުޅަނގަށްހުރި ކާގެޔާ ދިމާޔަށް މިސްރާބުޖެހިއެވެ.

ދެފިރިހެނުން ސައިފޮދުފޮދުން ބޮމުން ދިޔައިރު ކަތްދަ ދަރިފުޅުގައިން މެހިފައްސަން މޭޒުގެ އަރިމަތީގައި ކޮޅަށްހުއްޓެވެ.

"ކައްދައިތާ. ޢަޒީޒުގެ މަސައްކަތް ފެނިފާ ހައިރާންވެއްޖެ. ރަށްފުށުގާ އުޅެ ބޮޑުވިކުއްޖަކު މިހާ މޮޅުވެދާނެކަމަށް މީހަކު ހީވެސްނުކުރާނެ. ކިހިނެއް މީނާ އިންޖީނުގެ މަސައްކަތް ދަސްކުރީ؟"

"އޭނާ ތިޔަކަން ދަސްކުރީ މަދަރުސާއަކުން މީހަކު ކައިރިޔަކުންނޫން. ފައިއިނދޭ ފުރަޔަށް އެޅިއްސުރެ އޭނާގެ ކަމަކީ އަތުޖެހުނު ކޮންމެ މެސެނެއް ރޫޅާލުން. އެހެންޏާ މިގޭ ފަހާފޮށި ރޫޅާލާނެ. އެހެންޏާ ބޮޑުގަޑި ނޫނީ ލަވަފޮށި ރޫޅާލާނެ." ކަތްދަ ޢަޒީޒުގެ މޮޅުވާހަކަ ފަށަފަށައިގެން ނަސީމަށް ކިޔައިދިނެވެ.

ޢަޒީޒު މޫނުރަތްވެފައި ޖޯޑަށް ކަޅި ހުއްޓާލައިގެން ސައިފޮދުވަރު ދަމާލަދަމާލައިނެވެ. މަންމަގެ ދިގު ވާހަކަ ނިމުމުން އިސްއުފުލައިލާ ކަމެއް ހަނދާންކޮށްދޭ ފާޑަކަށް ނަސީމުގެ މޫނަށް ބަލައިލިއެވެ.

"ކަތްދައިތާ، އިންޖިނޭރުކަން އިތުރަށް ދަސްކުރަން ޢަޒީޒު މާލެފޮނުވަންވީނު. އަހަރެން ފިލާވަޅާ ތަމްރީނުދޭނަން."

ކަތްދަގެ ހިސާބަކަށް ރޫޖެހިފައިވާ މޫނު ވައިޖެހި ހަމެއްހެން ފުފިގެން ދިޔައެވެ. އޭނާ ނަސީމާ ދިމާޔަށް ޝާހާދަތް އިނގިލި މަޅާލިއެވެ.

"މާލެއޭ، ތިޔަވާހަކަ ހުއްޓާލާ. މަގޭ ދޮށްޓަށް ތިބި ތިން ފިރިހެންކުދިންނާ ތިންއަންހެންދަރިން ޅަފަތުގައި މާލެއަށްނޫނީ ކަރަޔަށް ކިޔަވަން ފޮނުވިން. އެއިން ކޮންމެ ކުއްޖަކީ ސަރުކާރުގެ އޮފީހެއްގެ ވަކީލެއް. ނޫނީ އިންޖިނޭރެއް. ނޫނީ މަތީ ފާސްނަގައިގެން ހުރި މުދައްރިސެއް. އެކުދިން ކިޔެވިކިޔެވުމުން ފައިދާކުރީ މިރަށަކަށް މިގެޔަކަށްނޫން." ކަތްދަ ރުޅިވެރިއަޑަކުން ވާހަކަ ކުރިޔަށް ގެންދިޔައެވެ.

"މާލެ މަގޭ ހަދަރިން ޖަހައިގެންފި. މާލެޔަށް މަގޭ ހަތްވަނަ ދަރިފުޅުވެސް ދޫކޮށްލަންވީތަ؟ މި ފަސްގަނޑަކީ ޢަޒީޒުގެ ކާބަފައިން އުޅެ ބޮޑުވެ އާރާބާރާއެކު ވެރިކަންކޮށް ނިމިގޮސް ވަޅުލެވިފާވާ ބަރަކާތްތެރި ފަސްގަނޑު. މަގޭ މަރުމަތިބަލާ މަށާ ހާޖީއާ އަދި ދެމަފިރިންގެ މައިން ބަފައިންގެ އަހަރުމަތި ދުވަސްތައް ފާހަގަކޮށް ފާތިހާކިޔަވާ ހެޔޮދުޢާކުރާނެ އެއްދަރި ނަމަވެސް ދުނިޔެއަށް ދޫކޮށްފާދާން ބޭނުން. ޢަޒީޒުގެ ބޭބެމެން ދައްތަމެން އެތިބީ ކިޔެވިކިޔެވީނުން ކާފަރުވެފައި. މަގޭ މިދެލޯފުޅު އެމަގަކުން ނުހިނގާނެ. އޭނާ ހުންނާނީ ތެދުމަގުގައި. އޭނާ އުޅޭނީ މިރަށުގައި."

"ތިކަމާ އަހަރެން ދެކޮޅެއްނޫން. ޢަޒީޒަކީ އުފެއްދެވުމުގާވެސް އިންޖިނޭރެއް. ފޮތެއްނެތި އޭނާއެހެރީ އެދުރުވެފާ. ފޮތެއް ލިބިއްޖެއްޔާ އޭނާވާނެ އެދުރުންގެ އެދުރަކަށް. ކަތްދަގެ އެހެން ކުދިންނަށް ބޭނުންރޮނގަކުން ކިޔަވާ މޮޅުވާނެމަގު ފަހިކޮށްދީފާ މީނަޔަށް އެމަގު ބަންދުކޮށްލުމަކީ ކިހާބޮޑު ބޭއިންސާފެއް؟"

ކަތްދަ ހިމޭންވިއެވެ. ނަސީމު އެފާޅުކުރީ އަބަދުވެސް ކަތްދަ ހިތްދަތިކުރަމުން އައި ޚިޔާލެކެވެ ހާޖީ މަރުވިއިރު ޢަޒީޒަކީ ފަސްއަހަރު ނުފުރޭ ތުއްތުކުއްޖެކެވެ. އެހެން ދަރިންނެކޭ ވެސް އެއްގޮތަށް ޢަޒީޒަށް މޮޅަށް ކިޔަވައިދޭން ހާޖީވެސް ވަނީ ވަސިއްޔަތްކޮށްފައެވެ. އެކަމަށް ގޭގާހުރިއްޔާ ހުރި ނަގުދެއްވެސް ވަނީ ހިބަކޮށްފައެވެ. މިރަށު މަދަރުސާގެ ފަސްކުލާހުން ޢަޒީޒުވަނީ މަތީ ވަނައެއްގައި ފާސްވެފައެވެ. އިތުރަށް ދީން ކިޔެވީ މިރަށުގެ ގާޒީކައިރިންނެވެ. އެކަށީގެންވާ ފެންވަރަކަށް ހިސާބާއި އިނގިރޭސި ބަސް ކިޔެވީ މިރަށަށް އަރުވާލާފައިހުރި ތައުލީމީޔާފަތުގެ ސިޔާސީ ކުށްވެރިއެއްގެ އަރިހުންނެވެ. އެހެނަސް ޢަޒީޒަށް އެންމެ ކުޑަމިނުން ޖީ.ސީ.އީ ފާސްވެސް ލިބިފައެއް ނެތެވެ.

"ޢަޒީޒު މާލެގޮސް ކިޔަވާ މޮޅުވިޔަސް ރަށަށް އައިސް މިރަށު ޔަންމާ ސެންޓަރުގާވެސް މަސައްކަތް ކުރެވިދާނެނުން. އެތަނަށްވެސް ރަނގަޅު އިންޖިނޭރެއް ބޭނުން."

"މާލޭގައި ދުވަސްކޮޅަކު އުޅެލެވުނީމާ އެނބުރި އާދެވިފައެއްނޯވޭ. މިރަށުގެ ކަމުދަނިވެގެންވާ މީހެއްގެ ދަރިޔަކު ދެދަރިން ތިންދަރިން ބައެއްމީހުންގެ ހުރިހާ ދަރިން މާލޭގާ ވަޒަންވެރިވެގެން އުޅޭއިރު ވަގުތީ މަސައްކަތާ ވަޒީފާ ހޯދަން ރަށުގެ ފިރިހެނުން ބައިބަޔަށް އެދަނީ މާލެޔަށް. އެނބުރި އަންނަނީ ރޯދަޔަށް. ބޮޑުޢީދަށް. ބާރަޔަށް. އެނޫން ދުވަސްވަރު ރަށްއޮންނަނީ ފަޅުވެފާ. ގެތައްހުންނަނީ ފަޅުވެފާ. ޒުވާން އަނބިން ތިބެނީ ހުވަފަތްވެފާ. ޅަދަރިންތިބެނީ ޔަތީމުވެފާ."

"މަންމާ." ޢަޒީޒު ކުސްތަޅައިގަތެވެ. "އަހަރެން މާލެފޮނުވާ. ކިޔަވާ ނިމިގެން ރަށަށް އަންނާނަން."

"ކަތްދައިތަ ދަރިފުޅު ދެކެ ލޯބިވަންޏާ އޭނާގެ ބަސްގަބޫލުކުރޭ."

ކަތްދަ ވަރަށް ފޫކަހާފާމެ ޢަޒީޒު މާލެފޮނުވަން އެއްބަސްވެއްޖެއެވެ. ޝަރިތަކީ އަހަރުދުވަސްފަހުން އެނބުރި އައުމެވެ. މާލެއިން މީހަކާ ނުއިނުމެވެ. ރަށަށް އަންނަ ކޮންމެ އުޅަނދަކުން ސިޓީބިޓީ ފޮނުވުމެވެ.

ދެމައިން ވަކިވީ ކަރުނައަޅަމުން ހެޔޮދުޢާތައް ބަދަލުކުރަމުން އަލުން ބައްދަލުވާނެ ދުވަހަކަށް އިންތިޒާރު ކުރަމުންނެވެ.

ކަތްދަގެ ކޮންމެ ދުވަހެއް އަހަރަކަށް ވެއްޖެއެވެ. ޢަޒީޒު ނެތުމުން ގޭގެ ރޫޙުމަރުވެ، ފަޅުކަން އިތުރުވެ، ކަތްދަ އެކަނިވީއެވެ. އޭނާގެ އެއްބަނޑު އެކަކުވެސް މިހާރު ދުނިޔެއަކުނެތެވެ. ތިބީ އެމީސްމީހުންގެ ދަރީންނާ ދަރިންގެ ދަރިންނެވެ. އެއިން ކުއްޖަކު ވެސް މިގެއަށް ވަދެލަނީ ހާލަކުންފަހަރަކުއެވެ.

ކަތްދަވެސް ދަރިންނާ މާމަދަރިން ދެކޭހިތްވެއެވެ. އެކުދިންގެ ބުރިކަށިތަކުގައި ފިރުމާލާހިތްވެއެވެ. މާމަދަރިންގެ ކުޅުމާ ސަކައިގާ ބައެއްފަހަރު ބައިވެރިވެލާހިތްވެއެވެ. އެކަމަކު ކަތްދަ މާލެ ހިނގައެޖެނަމަ މިގެ ހުންނާނީ ފަޅަށެވެ. އެޔަށްވުރެ އޭނާ ހިތްދަތިވާކަމެއް ނެތެވެ. އަމުދުން އޭނާޔަކީ ކަނޑުބޭރުވެއްޖެނަމަ ބޯހިއްލައިނުލާ ހޮނޑުލާމީހެއްކަމުން މިއުމުރުގައި ދަތުރުފަތުރުކޮށް އުޅުންވެފައި އޮންނަނީ ބޮޑުބައްޔަކަށެވެ. ކުރީކޮޅުގައި ކޮންމެ އަހަރަކު ބޮޑުޗުއްޓީގައި ދަރިންނާއި މާމަދަރިން ރަށަށް އައިސް މިގޭގައި މަސްދުވަސް ހޭދަކުރެއެވެ. ނަމަވެސް މިހާރު ހުރިހާ ކުދިން ވެސް ބޭނުންވަނީ އޭނާ ބޮޑު ޗުއްޓީ ނަގައިގެންވެސް އެކުދިން ކައިރީގައި މާލެފައިބާއިނުމެވެ.

ޢަޒީޒު ފުރައިގެން ދިޔަތާ ހަފްތާއެއް ފަހުން އޭނާގެ ސިޓީއެއް ލިބުނެވެ. އޭނާ ފައިބާހުންނަނީ ދޮންބޭބެ ކައިރީގައި ކަމާއި އެއްބަނޑު އެންމެންވެސް އޭނާ މާލެފޭބޭތީ އުފާކުރާކަމަށާއި އޭނަޔަށް ދަތި އެއްވެސްކަމެއް ނުއޮންނަކަމަށާއި ނަސީމުވެސް ވަރަށްހެޔޮ ކަމަށާއި ކިޔެވުން ވަރަށް އެދެވޭ ގޮތެއްގައި ކުރިޔަށް ދާކަމަށް އަންގާފައިވެއެވެ. އޭނާ މާލެފޮނުވަން މަންމަ ގަބޫލުވީތީ ދޮންބޭބެ އަދިވެސް ހުންނެވީ އަންތަރީސްވެފައިކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ދުވަސްތައް ދިގުލަމުން ދިޔަދިޔަހެން ކަތްދަގެ ފޫހިކަންވީ އިތުރެވެ. އޭނާގެ ފަންސާސް ހައަހަރުވީ މޫނު ހުދުވެ، ނުރަ ގިނަވެ، މުޅިމީހާވެސް ހުތްފެލާލެވުނު ލުނބޯ ކިބައެއްހެން ހިނދި ވަޅޯވެއްޖެއެވެ. މިއެކަނިވެރި ކަމުގައި ބައެއް ހިނދުހިނދަށް އަމިއްލަޔަށް ވާހަކަވެސް ދައްކަން ފަށައިފިއެވެ.

ޢަޒީޒު ފުރައިގެން ދިޔަފަހުން އަހަރުވާން އުޅެނީއެވެ. ކަތްދަ އުންމީދާއެކު ބަލަމުން އައީ ދަރިފުޅު އެނބުރި އަންނާނެ ދުވަހަކަށެވެ. އަވަށްޓެރި "ކަށަވަރުގޭ" އަހަންމަދު މާލެ ފުރަންއުޅޭ ވާހަކަ އަހައިގެން ކަތްދަ އޭނާގެ ކިބައިން އެދުނީ ޢަޒީޒާ ބައްދަލުކޮށް މަންމަ ބުންޏޭ އަވަހަށް ރަށަށް އަންނާށޭ ބުނެދިނުމަށެވެ. އަހަންމަދު އެއްބަސްވިއެވެ.

ފަސްދުވަސް ފަހެވެ. ހަނދުވަރު ރީތި ހުޅަނގުން ނަލަރޯޅިއެއްވާ ރެއެކެވެ. ޢިޝާނަމަށްފަހު ކައިގެން ދުންގަނޑެއް އަޅައިގެން ކަތްދަ ގޭގެ އުތުރުފަރާތު ޖޯލީގައި ޖައްސާލިއެވެ. ހަނދުވަރުގައި އޭނާގެ ކަސަބު ހިރުއެޅި ބޯވަޅު ތަރިތަކެއްހެން ވިދާ ބަބުޅަމުން ދެއެވެ. ވަށައިގެންވާ ހަމަހިމޭންކަން ހިނދުހިނދުކޮޅުން ފޫއަޅުވާލަނީ ގުޑުގުޑާގެ އަޑެވެ. ނޫނީ ގޭގެ ފަންގިފިލާ މަތީގައި މީދާތައް ތުއިތުއިލައްވަމުން ދުވާއަޑެވެ.

މި ހަމަހިމޭން ފަޅުކަން ކަތްދަގެ ހަނދާނަށް ގެނެސްދިނީ މިގޭގެ ރަންޒަމާނެވެ. ހާޖީއާއި ކަތްދަގެ ޒުވާން ދުވަސްވަރެވެ. އޭރު ދޮށީ ތިންފިރިހެންކުދިން ނަކަތް ގެ ލައްވައިފިއެވެ. ކުދިންގެ ހުނުމާއި ރުއިމާއި ސަކަޖެހުމުން ގޭތެރޭގެ މުނިއަވަސް ފިލުން އިތުރުކޮށްދެއެވެ. އޭރު މިގެއަކީ ފަސް މަސްދޯންޏާއި ނާލުބައްތެއްޔެއް ދުއްވާ ކާރޫބާރޫ ބޮޑުގެއެކެވެ. ދޯނި ފަހަރުގެ ފަޅުވުރިންނާއި ދެފަރާތުގެ ތިމާގެ މީހުންނާއި މުހުތާދުވެގެން އަންނަ ރައްޓެހި ބީރައްޓެހިންނާއިގެން ދުވާލުގެ ހަތަރުދަމު ގޭތެރެ އޮންނަނީ ރަކަރަކަ ޖަހާފައެވެ. އިރާކޮޅު ލަވަފޮށިން ރީތިލަވަތައް އިއްވަމުންދާނެއެވެ. ހެނދުނާއި ހަވީރު، މެންދުރާއި އިޝާވަގުތު ކާގޭގެ މެހެމާނުންނަށް ކެއުން ނުވަތަ ސައިގެ ސުފުރާ އަތުރާލެވި ދުފުމާއި ބިޑިސުއްޓާ ސިނގިރެޓްގެ އޮއިވަރު ދެމިގެންދާނެއެވެ. މަސްވެރިކަން ހުރިނަމަ އެއީ ދެން ކަމެކެވެ. ގޭގައި އެތައް ނޯކަރުންނާއި ރައްޓެހިންނާއި ތިމާގެ މީހުން އަތްގާތްކޮށްދޭން އުޅުމާއެކުގައިވެސް މަސްކައްކާ ނިމޭއިރު ބައެއް ރޭރޭ ހުންނާނީ ފަތިސްވެފައެވެ. އޭރު މިދެ އަތޮޅުގެ "ގިބުލަ" އަކީ މިގެއެވެ. ހާޖީއަކީ ސަރުކާރު އިތުބާރުކުރާ ރައްޔިތުން ގަދަރުކުރާ ވެރިއެކެވެ. މިރަށުގައި ޤާނޫނަކީ ހުކުމަކީ އޭނާގެ ބަހެވެ. އޮފީހަކީ މިގޭ ބޮޑުއުނދޯއްޔެވެ. ހާޖީ މަރުވުމާއެކު މަތިވަރު ހުސްވީއެވެ. މަތިމަތިފުށުން ވާރުތަވަމުން އައި ކަތީބުކަންވެސް ޚަތިމުވީއެވެ. އެއޮއްބޮޑު މުދާގަނޑު ހިންގާނެ ފިރިހެނަކު ނެތިގެން ހުލިވެދިޔައީއެވެ. ރިޔަލުގެ ދައުރު ނިމުނުއިރު އިންޖީނު ނޭޅުމުގެ ސަބަބުން ދޯނިފަހަރުވެސް ދުއްވާނެ މީހުންނުވެ ފަޅަށް ގިނަވަމުން ވިއްކަން މަޖުބޫރުވީއެވެ.

މި ވެއްޓުމުގެ އަސްލަކީ ދަރިންތައް ކަރައިގައި ނުވަތަ މާލޭގައި އުޅެ ބޮޑުވިކަމެވެ. އެކުދިން ރަށްފުށުގެ ދިރިއުޅުމަށް ނުހޭނެވުނުކަމެވެ. ބައްޕަ ނެތްދުވަހު ބޮޑެތި ކުދިން މުގުލުގައި ހިފިނަމަ މިގޮތަށް ގެފަޅުވާކަށް ނުޖެހުނީއެވެ. ހާޖީގެ ކަތީބުކަން އޭނާގެ ކާތިބަކަށް ނުލިބުނީހެވެ. މިގޭ ބަނޑޭރިއަކީ މިއަދު ރަށުގައިހުރި އެންމެ ބޮޑު ފައިސާވެރިޔާ އަކަށްވެސް ނުވީހެވެ.

ޢަޒީޒަކީ ކަތްދަގެ ހުރިހާ އުންމީދެވެ. މައިފުށުގެ މަސައްކަތްތެރިކަމާއި ބަފާފުށުގެ ވެރިކަމުގެ ސިފަތައް އެއްވެފައިވާ ފަސްމީރުކުރި ރުކެކެވެ. އޭނާ މިގެއަލުން އާބާދުކުރާނެއެވެ. ގެއްލުނު މަތިވެރިކަން އަނބުރާ ހޯދައިދޭނެއެވެ. ޢާއިލާގެ ރީތިނަން ދިރުވައިދޭނެއެވެ.

ކަތްދަ ސިހިގެންދިޔައީ "ކަށަވަރުގޭ" ތެރޭ ހޭލަމޭއްޔަށް މީހުން ހެލިފެލިވާން ފެށުމުންނެވެ. އަވަސް ފިޔަވަޅުތަކުގެ އަޑާއި ފޯރީގައި ވާހަކަދައްކާ އަޑާއި އެއްޗެތި ތެޅުވޭ މަސްހުނި އަޑުތަކުގެ ތެރެއިން އަހަންމަދުގެ އަޑު އިވުނުހެން ހީވެގެން ކަތްދަ ގުޑުގުޑާ ދޫކޮށްލާފައިގޮސް ދެގެދޭތެރޭގެ ތިރިފާރުބުރި ކައިރީގައި ހުއްޓުނެވެ. އެވަގުތު އަހަންމަދު ގޭތެރެއިން ނިކުތްތަން ފެނުނެވެ. އޭނާހުރީ އަރުވާޖަހާލާފައެވެ. ކަތްދަ ގޮވާލުމުން އަހަންމަދު އައިސް ފާރުކައިރީގައި ހުއްޓުނެވެ.

"ކަތްދައިތާ ހަމަމިއައީ ލަފައިގެން."

"ކޮބާ މަގޭ ޢަޒީޒު."

"އޭނާ ނާދޭ. އޭނަޔާ ބައްދަލުކޮށް ކަތްދައިތަ ބުނި ވާހަކަ ބުނިން."

"ކީކޭ އޭނާބުނީ؟"

"އޭނާ ބުނީ މީހުންނާ މަސައްކަތާ ފައިސާޔާ ކުރިޔަށް ދެވޭނެމަގުތައް ފަހިވެފާ އޮތީ މާލޭގައި ކަމުގާ. ދަރިންނަށް އެކަށީގެންވާ ފެންވަރަކަށް ކަޔަވައިދެވެން، ބަލިވެއްޖެނަމަ ކަމުދާ ބޭސްފަރުވާ ކުރެވެން ހުރީވެސް މާލެއިން ކަމުގައި. މާލެއިން ލިބެންހުރި ބައެއް ފަސޭހަތައްވެސް ރަށުން ލިބޭގޮތް ވެއްޖެނަމަ ފަސްނުޖެހި ރަށަށް އަންނާނޭ ކަމުގައި. އެދުވަހެއް އަންނަންދެން އުޅެވެންއޮތީ މާލޭގައި ކަމުގައި."

ޢަޒީޒު ފުރައިގެން ދިޔަފަހުން ތިން އަހަރުވަނީއެވެ. މިހާރުވެސް ދޯންޏެއް މާލެދާން ފުރައިފިނަމަ، ކަތްދަ އޭނާގެ އެނބުރި ނާންނާނެ ދަރިފުޅުގެ އިންތިޒާރުގައި އާވާރާވެ އަމިއްލަޔަށް ވާހަކަ ދައްކައެވެ. (ނިމުނީ)

ފަހުގެ ޚަބަރު

އޭއައި އިން އުރަމަތީގެ ކެންސަރު ދެނެގަތުމުގެ ބޮޑު ދިރާސާއެއް

އޭއައި ބޭނުންކޮށްގެން އުރަމަތީގެ ކެންސަރު ދެނެގަތުމަށް އިނގިރޭސިވިލާތުގައި ކުރިއަށްގެންދާ ދުނިޔޭގެ އެންމެ ބޮޑު ދިރާސާގައި 700,000 އަންހެނުން ބައިވެރިކުރުމަށް ވަނީ ނިންމާފައެވެ. "އީޑިތު" ގެ ނަމުން ނަންދީފައިވާ މި ދިރާސާގެ މައިގަނޑު މަގްސަދަކީ މެމޯގްރާމްތައް ބެލުމުގައި އޭއައި ބޭނުންކޮށްގެން ބަލި ދެނެގަތުން އަވަސްކުރުމާއި، ސިއްހީ މުވައްޒަފުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމެވެ.

މައިލީ ސައިރަސް އާއި މެކްސް މޮރާންޑޯ ކައިވެނިކޮށްފި

މަޝްހޫރު ލަވަކިޔުންތެރިޔާ މައިލީ ސައިރަސް އާއި ޑްރަމަރު މެކްސް މޮރާންޑޯ، ހަތަރު އަހަރުގެ ލޯބީގެ ގުޅުމަކަށްފަހު ކެލިފޯނިއާގެ ރިސޯޓެއްގައި ކައިވެނިކޮށްފިއެވެ. އާއިލާގެ މެންބަރުންނާއި ގާތް ރައްޓެހިން ބައިވެރިވި މި ހަފުލާގައި މައިލީ ފެނިގެންދިޔައީ ހުދުކުލައިގެ ސިލްކް ހެދުމެއްގައެވެ.

ޖީޓީއޭ 6 ފުރަތަމަ ދުވަހު 3.8 ބިލިއަން ޑޮލަރު

ޖީޓީއޭ 6 ބާޒާރަށް ނެރުނު ފުރަތަމަ ދުވަހު 3.8 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދައި، މުނިފޫހިފިލުވުމުގެ ދާއިރާގެ ހުރިހާ ރެކޯޑުތަކެއް މުގުރާލައިފިއެވެ. މިއީ މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކޮށްގެން އުފެއްދި ގޭމަށްވާއިރު، މި ކާމިޔާބީއާއެކު އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުތަކާއި މި ސިލްސިލާގެ ކުރީގެ ގޭމްތަކުގެ ރެކޯޑުތައް ވެސް ވަނީ ފަހަނައަޅައި ގޮސްފައެވެ.

އިންޑިއާގައި ޕާފޯމްކުރުމަށް ދިވެހި ބޭންޑު "ހީރަޕަންނާ" ފުރަނީ

އިންޑިއާގެ އައިސީސީއާރުގެ ދައުވަތަކަށް އެ ގައުމުގެ އެކި ސިޓީތަކުގައި ޕާފޯމްކުރުމަށް ރާއްޖޭގެ މިއުޒިކް ބޭންޑް "ހީރަޕަންނާ" ފުރަން ތައްޔާރުވެއްޖެއެވެ. މި ދަތުރުގައި ލަކްނޯ، ކަޓަކް، ކަޗް އަދި ނިއުދިއްލީގައި ދިވެހި ސަގާފީ އަދި ޒަމާނީ މިއުޒިކް ހުށަހަޅައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ބައިނަލްއަގުވާމީ މައިދާނެއްގައި ދިވެހި މިއުޒިކް އިޝްތިހާރުކޮށް، އެ ބޭންޑުގެ ފުރަތަމަ އީޕީ ނެރުމާ ދިމާކޮށް ލިބުނު މުހިންމު ފުރުސަތެކެވެ.

ސްރީލަންކާގައި އައިސްކްރީމްގެ ފެންވަރު ބެލުމުގެ އިންސްޕެކްޝަނެއް

ސްރީލަންކާގައި އުފައްދާ އައިސްކްރީމްގެ ފެންވަރު ބެލުމަށާއި، ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭތޯ ކަށަވަރުކުރުމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ޚާއްސަ އިންސްޕެކްޝަންތަކެއް ފަށައިފިއެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ސިއްހީ މިންގަނޑުތަކަށް ނުފެތޭ ތަކެތި ދެނެގަތުމާއި، އައިސްކްރީމްގެ ނަމުގައި އޮޅުވާލައިގެން "ފްރޯޒަން ޑެޒާޓް" ވިއްކުން ހުއްޓުވައި ކުންފުނިތަކުން ގާނޫނަށް އަމަލުކުރާކަން ކަށަވަރުކުރުމެވެ.

ކެތުރިންގެ ކެންސަރުގެ ތަޖުރިބާތަކާއެކު 'ހީލް' ބީބީސީއަށް

ޕްރިންސަސް އޮފް ވޭލްސް ކެތުރިންގެ ކެންސަރު ބަލީގެ ތަޖުރިބާތަކާއި ނަފްސާނީ ގޮތުން އައި ބަދަލުތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ "ހީލް" ޑޮކިއުމެންޓްރީ މި މަހުގެ 29 ގައި ބީބީސީން ދައްކާނެއެވެ. މި ފިލްމުގައި ބަލިން ފަސޭހަވަމުން އައި ދުވަސްވަރުގެ އިހުސާސްތަކާއި، ގޮންޖެހުންތަކާ ކުރިމަތިލުމަށް ކުރެއްވި "ތްރީ ޕީކްސް ޗެލެންޖް" ގެ މަންޒަރުތައް ފުރަތަމަ ފަހަރަށް އާންމުންނަށް ފެނިގެންދާނެއެވެ.

އުމުރުން 70 އަށް ދުޅަހެޔޮކޮށް ދިއުމަށް ސައިންސްވެރިން އިރުޝާދު

އުމުރުން 30 ގެ އަހަރުތަކަކީ ހަށިގަނޑަށް ބަދަލުތައް އަންނަ ދުވަސްވަރަކަށް ވުމުން، މި އުމުރުގައި ކަސްރަތުކުރުމާއި ނިދުމުގެ އާދަތައް ރަނގަޅުކުރުމަކީ އުމުރުން ދުވަސްވާއިރު ދުޅަހެޔޮކަންމަތީ ހުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، އަނގަޔާއި ދަތްތަކުގެ ސިއްހަތަށް ސަމާލުކަން ދިނުމާއި ނުރަނގަޅު އާދަތަކާ ދުރުހެލިވުމަކީ މުސްކުޅިވުމުން ކުރިމަތިވާ ބަލިތަކުން ރައްކާތެރިކޮށްދީ އުމުރު ދިގުކޮށްދޭނެ ކަންކަމެވެ.

Newsletter

Get the latest news delivered straight to your inbox