ދިވެހިރާއްޖެ އާއި ދުނިޔޭގައި މިހާރު ކުރިއަށްދާ އެޑެކްސެލް އޭ ލެވެލްސް އިމްތިހާނުގެ ކަރުދާސްތައް އިންޓަނެޓުގައި ލީކުކޮށްލާފައިވާ ކަމަށް ބުނެ އަޑުފެތުރެން ފަށައިފި އެވެ.
އިނގިރޭސިވިލާތުގެ އެޑެކްސެލް އޭ ލެވެލްސް އިމްތިހާނު ފަށާފައި ވަނީ މިދިޔަ ހޯމަ ދުވަހެވެ. މިއަދު މެންދުރު ވެސް އޭ ލެވެލްސްގެ ބަޔަލޮޖީ އިމްތިހާނެއް އެބަ އޮތެވެ. އެ އިމްތިހާނު ކަރުދާސް ވެސް ލީކުވެފައިވާ ކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުގައި ބުނެފައިވެ އެވެ.
އޭ ލެވެލްސްގެ އިމްތިހާނު ކަރުދާސްތައް ލީކުވެފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގަނެފައިވާ ކަމަށް އިއްޔެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ޕޭޕަރު ލީކުވެގެން އުޅެނީ ރާއްޖެއިން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ބަޔަލޮޖީ އިމްތިހާނުގެ އިތުރުން ހިސާބާއި ފިޒިކްސް އިމްތިހާނު ވެސް ލީކުވެފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.
ބައިނަލްއަގްވާމީ އިމްތިހާނުތައް ރާއްޖޭގައި ބާއްވަމުންދާ ގޮތް އެނގޭ މީހަކު ބުނީ އޭ ލެވެލްސް އިމްތިހާނު ކަރުދާސްތައް ރާއްޖެ ގެނެސް އެންމެ ފުރަތަމަ ބަހައްޓާނީ އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށުގައި ކަމަށެވެ.
އެއަަށްފަހު ސަލާމަތީ ފިޔަވަޅުތަކާއެކު އިމްތިހާނު ކަރުދާސްތައް ރަށްރަށް ގެންދިއުމަށްފަހު ބަހައްޓާނީ އިމްތިހާނު މަރުކަޒުގެ ހުންނަ ސޭފް ރޫމެއްގައި ކަމަށެވެ.
"އިމްތިހާނު ކަރުދާސްތައް ލީކުވީ ރާއްޖެއިން ނޫން ކަމަށް އެޑިއުކޭޝަނުން ބުނީ އެ ސޭފް ރޫމްތައް ބެލުމަށްފަހު ކަންތައް ޔަގީންކޮށްފައި،" އޭނާ ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން އަންގާފައި ވަނީ އެ ނޫން ގޮތަކަށް އަންގަންދެން އިމްތިހާނުތައް ކުރިއަށް ގެންދިއުމަށް ކަމަށް ވެސް އޭނާ ބުންޏެވެ.
"ލީކުވެގެން އުޅެނީ އަސްލު އިމްތިހާނު ނަމަ މިނިސްޓްރީން ގޮތެއް ނާންގަފާނެ އެޑެކްސެލުން އެކަމުގަ ބަހެއް ބުނުމުގެ ކުރިން،" އޭނާ ކިޔައިދިނެވެ.







