އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު 1.3 ބިލިއަން ރުފިޔާގެ އާމްދަނީން އެ ކުންފުންޏަށް ރެކޯޑް އަދަދަކަށް ފައިދާ ވެއްޖެ އެވެ.
އެމްޓީސީސީން އިއްޔެ އާއްމުކުރި އެ ކުންފުނީގެ 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި 224.7 މިލިއަން ރުފިޔާ ފައިދާވެފައިވާ ކަމަށް ރިޕޯޓުކުރި އެވެ. އެ ކުންފުނީގެ ފައިދާ އިތުރުވުމާ ގުޅިގެން އެމްޓީސީސީން ވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 3ރ. ގެ މަގުން ބަހަން ފައިދާ ބަހަން ނިންމައިފަ އެވެ.
ޖުމްލަކޮށް ކުންފުނީގެ މާލީ ހާލަތަށް ބަލާއިރު ހުރިހާ ދާއިރާއަކުން ކުރިއެރުން ހޯދާފައި ހުރިކަން ފާހަގަކުރެވެ އެވެ. މިދިޔަ އަހަރަކީ ހުރިހާ ގޮތަކުން ބަލާ ނަމަވެސް އެމްޓީސީސީއިން ކުންފުނީގެ ރެކޯޑްތަކެއް މުގުރާލި އަހަރެކެވެ. އަދި މިދިޔަ އަހަރަކީ އެ ކުންފުނީގެ 40 އަހަރުގެ ތާރީހުގައި އެންމެ ބޮޑެތި މާލީ ކުރިއެރުންތަކެއް ހޯދި އަހަރެވެ.
އެންމެ ބޮޑު އާމްދަނީއެއް ކޮންސްޓްރަކްޝަން ދާއިރާއިން
އެމްޓީސީސީއަށް އާމްދަނީ ލިބޭ ދާއިރާތައް ބެހެނީ ފަސް ބަޔަކަށެވެ. އެއީ ކޮންސްޓްރަކްޝަން، ރިއަލް އެސްޓޭޓް، ޑްރެޖިން، ޓްރޭޑިން އަދި ޓްރާންސްޕޯޓެވެ. މި ދާއިރާތަކުގެ ތެރެއިން 2020 ވަނަ އަހަރު މައިގަނޑު ގޮތެއްގައި އާމްދަނީ ލިބުނީ ކޮންސްޓްރަކްޝަން، ޑްރެޖިން އަދި ޓްރޭޑިން ދާއިރާއިންނެވެ.

އެމްޓީސީސީ ތިލަފުށި ބޯޓުޔާޑު
އެމްޓީސީސީއަށް މިދިޔަ އަހަރު އެންމެ ކާމިޔާބު ދާއިރާއަކީ ކޮންސްޓްރަކްޝަން ދާއިރާ އެވެ. އަހަރު ތެރޭގައި ލިބުނު ޖުމްލަ އާމްދަނީގެ 68 ޕަސެންޓު ހިއްސާކުރަނީ ކޮންސްޓްރަކްޝަން އެވެ. އެއީ 940 މިލިއަން ރުފިޔާ އެވެ. އެމްޓީސީސީއަށް އެހެން ދާއިރާތަކުން ލިބުނު އާމްދަނީއަކީ؛
- ޑްރެޖިން - 175 މިލިއަން ރުފިޔާ
- ޓްރޭޑިން - 180 މިލިއަން ރުފިޔާ
- ޓްރާންސްޕޯޓް - 51 މިލިއަން ރުފިޔާ
- ރިއަލް އެސްޓޭޓް - 17 މިލިއަން ރުފިޔާ
މި ދާއިރާތަކުގެ ތެރެއިން ކޮންސްޓްރަކްޝަން އަދި ރިއަލް އެސްޓޭޓް ދާއިރާ ފިޔަވާ އެހެން ހުރިހާ ދާއިރާއަކުން ލިބުނު އާމްދަނީ 2019 ވަނަ އަހަރަށް ވުރަ ދަށެވެ. ނަމަވެސް ކޮންސްޓްރަކްޝަން އާމްދަމީއަށް އައި 62 ޕަސެންޓުގެ ކުރިއެރުމުގެ ސަބަބުން ޖުމްލަ އާމްދަނީ އިތުރުވީ އެވެ.
އާމްދަނީ ދަށަށް ދިޔަ ނަމަވެސް މި ހުރިހާ ދާއިރާއަކުން އެމްޓީސީސީއަށް ފައިދާވި އެވެ.











