ޕެރިސް (އޭޕްރީލް 28) - ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީން ބޮޑު މުސާރަ ލިބޭ ކޮންޓްރެކްޓެއް ހުށަހަޅާފައިވާ ކަމަށް ބްރެޒިލްގެ ޓީއެންޓީ ސްޕޯޓްސް އިން ރިޕޯޓްކޮށްފި އެވެ.
މެސީ ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާން ދެން ބާކީ އޮތީ ދެ މަހެވެ. ޖޫން 30 ވަނަ ދުވަހު މެސީ ބާސެލޯނާއާ އެކު 2017 ވަނަ އަހަރު ސޮއިކުރި ކޮންޓްރެކްޓް ނިމޭނެ އެވެ. އެ ކޮންޓްރެކްޓް ލީކުކޮށްލި މައްސަލައިގައި މެސީ ވަނީ ބާސެލޯނާއާ މެދު ހިތްހަމަނުޖެހުން ވެސް ފާޅުކޮށްފަ އެވެ. ލީކުވި ކޮންޓްރެކްޓްގައިވާ ގޮތުން ބާސެލޯނާ އިން މެސީ އަށް އަހަރަކަށް ބަލާނަމަ 166 މިލިއަން ޑޮލަރު ލިބެ އެވެ. އެކަަމަކު ރަސްމީ ލިޔެކިޔުންތަކުން ފެންނަ ގޮތުގައި މެސީ އަށް ބާސެލޯނާ އިން ލިބެނީ 72 މިލިއަން ޑޮލަރެވެ.
ޓީއެންޓީ ސްޕޯޓްސް އިން ރިޕޯޓްކުރާގޮތުގައި އުމުރުން 33 އަހަރުގެ މެސީ އަށް ޕީއެސްޖީން ހުށަހަޅާފައިވަނީ އެހެން ކްލަބަކަށް މި ވަގުތު ނުދެވޭނެ ވަރުގެ މުސާރައާކާ އެކު ދެ އަހަރުގެ ކޮންޓްރެކްޓެކެވެ. ބައެއް ރިޕޯޓްތަކުން ބުނާގޮތުގައި ދެ އަހަރަށް ބަލާއިރު އެކި އެކި އިޝްތިހާރު ޑީލްތަކާ އެކު މެސީ އަށް ޕީއެސްޖީން ހުށަހަޅާ ކޮންޓްރެކްޓްގެ އަގު އުޅޭނީ 200 މިލިއަން ޑޮލަރުގަ އެވެ. މީގެ ތެރެއިން 50 މިިލިއަން ޑޮލަރު ކޮންޓްރެކްޓްގައި ސޮއިކުރާއިރު މެސީ ދޭން ވަނީ ހުށަހަޅައިފަ އެވެ.
ޕީއެސްޖީން މެސީ އަށް ބޮޑު ކޮންޓްރެކްޓެއް ހުށަހެޅިިއިރު ވިސްނާފައިވަނީ އެ ކްލަބަށް ކުޅޭ ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ މި ސީޒަނަށް ފަހު އެ ޓީމު ދޫކޮށްލާނެ ކަމަށެވެ. އެމްބާޕޭ ހޯދަން ރެއާލް މެޑްރިޑާއި ލިވަޕޫލުން މަސައްކަތްކުރެ އެވެ.
ބާސެލޯނާ އިން މެސީ އަށް ބޮޑު މުސާރައާ އެއްކޮށް އާ ކޮންޓްރެކްޓެއް ދޭނީ ކްލަބްގެ މާލީ ހާލަތު ފުރިހަމަ އަށް ދިރާސާކޮށް ނިމުމަށް ފަހު ކަމަށް ސްޕެއިނުގެ މީޑިއާތަކުން ވަނީ ވަރަށް ފަހުން ރިޕޯޓްކޮށްފަ އެވެ. އެ ގޮތުން ސްޕެނިޝް ލީގު ނިމުމުގެ ކުރިން މެސީ އަށް ބާސެލޯނާ އިން ކޮންޓްރެކްޓް ހުށަހަޅާނެ އެވެ.
ރިޕޯޓްތައް ބުނާގޮތުން މެސީގެ އާ ކޮންޓްރެކްޓް މަަސައްކަތުގައި އިސްވެ އުޅެނީ ބާސެލޯނާގެ ރައީސް ޔޮއާން ލަޕޯޓާ އެވެ. އޭނާ ވަނީ މެސީ އެ ކްލަބްގައި މަޑުކުރާނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ވިދާޅުވެފަ އެވެ. އަދި ވަރަށް އަަވަހަށް މެސީގެ އޭޖެންޓް އަދި ބައްޕަ ޖޯޖް މެސީއާ ބައްދަލުކުރަން ލަޕޯޓާ ވަނީ ނިންމައިފަ އެވެ.












