ހަމަނުޖެހުން ދިފާއުކުރަން ދެ ޕާޓީގެ ބަހަނާ ވެސް ދޮގު ކޮށްފި

ހަމަނުޖެހުން ދިފާއުކުރަން ދެ ޕާޓީގެ ބަހަނާ ވެސް ދޮގު ކޮށްފި

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ ކަށަވަރުނުވާ 18 ވޯޓު ފޮއްޓެއް އަލުން ގުނަން އުޅުމުން، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އިންތިހާބީ މަރުކަޒުގެ ތެރޭގައި އިދިކޮޅާއި، ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ސަޕޯޓަރުންނާ ދެމެދު ހިނގި ހަމަނުޖެހުންތައް ދިފާއުކުރަން ދެ ޕާޓީން ވެސް ދެއްކި ބަހަނާތައް އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިއަދު ދޮގުކޮށްފި އެވެ.

މިއަދު މެންދުރު 1:30 ގައި 18 ފޮއްޓެއް އަލުން ގުނަން ހަމަޖައްސައި، އެ ފޮށިތަކާ ގުޅުންހުރި ކެންޑިޑޭޓުންނަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ދައުވަތު ދިނެވެ.

އެ ވަގުތާ ދިމާކޮށް އިދިކޮޅާއި އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ އިންތިހާބީ މަރުކަޒަށް އެއްވެފަ އެވެ.

ނަމަވެސް، މައުލޫމާތު ލިބޭ ގޮތުގައި، މަރުކަޒުގެ ތެރޭގައި ހޫނުވީ، އެ ސަރަހައްދަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިގެންނެވި ހިސާބުންނެވެ.

ނަޝީދު ވަޑައިގެންނެވުމާއެކު، އެއްވެ ތިބި އިދިކޮޅު ސަޕޯޓަރުން ވަނީ އެމްޑީޕީން ނަތީޖާ އޮޅުވާލަން މަސައްކަތް ކުރާ ކަމަށް ބުނެ އަޑުގަދަކޮށް، ނަޝީދު އެ މަރުކަޒުން ނެރުމަށް ގޮވާލައިފަ އެވެ.

އެއާއެކު، ފުލުހުން ވެސް އެ ސަރަހައްދަށް ގޮސް، ހަމަނުޖެހުން ކޮންޓްރޯލްކުރަން ޕެޕާ ސްޕްރޭގެ ބޭނުންވެސް ވަނީ ކޮށްފަ އެވެ.

އެ ހަމަނުޖެހުމާ ގުޅިގެން އެމްޑީޕީން ބުނީ، ވޯޓު ގުނުމުގެ މަސައްކަތް ހިނގަމުން ދަނިކޮށް އެތަނަށް ޕީޕީއެމްގެ އިސްވެރިންނާއި ޕީއެންސީގެ ރައީސް ގޮސް އީސީގެ މުވައްޒަފުންގެ މަސައްކަތް ކުރިޔަ ނުދީ ހުރަސްއަޅާފައިވާ ކަމަށެވެ.

އަދި އިދިކޮޅު ސަޕޯޓަރުން ހަމަނުޖެހުން ހިންގައި މާރާމާރީ ހިންގާފައިވާކަމަށް ބުންޏެވެ.

އޭގެ ރައްދުގައި އިދިކޮޅުން ބުނަނީ، ހަމަނުޖެހުން ހިނގަން މެދުވެރިވީ، ވޯޓު ގުނުމަށް ނުފޫޒު ފޯރުވަން ނަޝީދުގެ އިތުރުން އެމްޑީޕީގެ އިސްވެރިން މަސައްކަތް ކުރުމުން ކަމަށެވެ.

ނަމަވެސް، އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވަނީ ކަން ހިނގައިދިޔަ ގޮތް ސާފުކޮށް ދެއްވައިފަ އެވެ.

ޝަރީފް ވިދާޅުވީ އެ ފޮށިތައް ގުނަން މިއަދު އުޅުނީ، އެ ފޮށިތަކުގެ ނަތީޖާ ޝީޓުތަކުގައި ލިޔެފައިވާ ބައެއް އަދަދުތައް ދިމާނުވާތީ ކަމަށެވެ.

"މިއަދު ބޭއްވި އެކްސައިޒަކީ ބައެއް ނަތީޖާ ޝީޓު ފުރިފައިހުރި ގޮތުން، ސާފު ނުވާ ނަތީޖާތަކެއް ހުރީމަ. ނަތީޖާތައް ސާފުކުރުމަށްޓަކައި ސެކިޔުރިޓީ އުރަ ކަނޑަން އުޅުނީ އެ ފޮއްޓެއްގެ މަސްލަހަތު ހިމެނޭ މީހުންނަށް ދައުވަތުދީގެން،" ޝަރީފް ވިދާޅުވި އެވެ.

އަދި އެކަމަށް އިންތިހާބީ މަރުކަޒަށް ވަޑައިގެންނެވިއިރު، އެތަނުގައި ޕީޕީއެމްގެ ބައެއް އިސްވެރިން ތިއްބެވުމުން، މިއަދު ފޮށިތައް ގުނަން އުޅޭ ސަބަބު ސާފުކޮށް ދެއްވި ކަމަށެވެ.

އިދިކޮޅު ބޭފުޅުން އެތަނުން އެނބުރި ވަޑައިގަންނަވަން އުޅެނިކޮށް، ނަޝީދު އާއެކު އެމްޑީޕީގެ ބައެއް އިސް ބޭފުޅުން މަރުކަޒަށް ވަޑައިގެންނެވުމާއެކު، މައްސަލަ ހޫނުވެގެން ދިޔައީކަމަށް ޝަރީފް ވިދާޅުވި އެވެ.

ޕާޓީތަކުން ތުހުމަތުކުރި ނަމަވެސް، ހަމަނުޖެހުން ހިނގަން މެދުވެރިވީ، ވޯޓު ފޮށި ކަނޑާ ތަނަށް އޭގެ ތެރެއިން އެއްވެސް ބޭފުޅަކު ވަންނަވައިގެން ނޫން ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

"އެއީ ހަމަ ކަނޑައެޅިގެން ދޮގެއް. ދެން ޕާޓީތަކުން ވާހަކަ ދައްކާނީ އެ ޕާޓީއެއްގެ މަސްލަހަތު ހިމާޔަތްވާ ގޮތަށް،" ޝަރީފް ވިދާޅުވި އެވެ.

އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތް

މި އިންތިހާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާކަމަށް ކުރެވޭ ތުހުމަތުތަކަށްވެސް ޝަރީފް މިއަދު ވަނީ ޖަވާބު ދެއްވައިފަ އެވެ.

މިގޮތުން، މި އިންތިހާބާ ގުޅޭ އެއްވެސް ކަމެއްގައި، އިދިކޮޅުގެ އިތުރުން ސަރުކާރުގެ އެއްވެސް ބޭފުޅަކާވެސް ބައްދަލުކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވި އެވެ.

ޝަރީފް
ޝަރީފް

އީސީގެ ރައީސް އަހުމަދު ޝަރީފް މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

"އަޅުގަނޑުމެން އެއްވެސް މީހަކަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތް. އެއީ ސަރުކާރު ވިޔަސް، އިދިކޮޅު ކަމަށް ވިޔަސް، އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވައި ވަކި ގޮތަކަށް ކަމެއް ކުރުވަން ނޫޅެ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، މިއަދާ ހަމައަށް ކައުންސިލް އިންތިހާބާ ގުޅިގެން 89 ޝަކުވާ ލިބިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި އާދަޔާ ހިލާފަށް ބާތިލު ވޯޓު ގިނަވުމާއި، ކައުންޓާ ފޮއިލް ދިމާނުވުމާއި، ވާދަކުރާ ކެންޑިޑޭޓުންގެ ފަރަގު ކުޑަވުންފަދަ ޝަކުވާތައް ހިމެނޭކަމަށް ވިދާޅުވި އެވެ.

އަދި އޭގެ އިތުރުން، ސިޔާސީ ޕާޓީތަކުން މިހާތަނަށް 21 ޝަކުވާއެއް ލިބިފައިވާކަމަށް ޝަރީފް ހާމަކުރެއްވި އެވެ.

ނަމަވެސް، މި މަރުހަލާގައި އޭގެ ތެރެއިން އެއްވެސް ޝަކުވާއެއް ނުބަލާނެ ކަމަށާއި، އަދި ދާއިމީ ނަތީޖާ އިއުލާނުކުރުމުގެ ކުރިން، އެ ޝަކުވާތަކަށް ރިއާއަތްކޮށް، އެއްވެސް ފޮއްޓެއް އަލުން ގުނާނީ ސީދާ ނަތީޖާއަށް ބަދަލު އަންނަ ފަދަ ކަމެއް ފާހަގަވެއްޖެ ނަމަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއޯޔޫތައް އެއްބަސްވުންތަކަށް ބަދަލުކުރަން ބާރުއަޅުއްވައިފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެމްއޯޔޫތައް ރަސްމީ އެއްބަސްވުންތަކަށް ބަދަލުކޮށް، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބާރުއެޅުއްވި. މީގެ އިތުރުން، ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށްޓަކައި ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް ފޮނުއްވުމަށް ނިންމަވާފައިވާކަން ވެސް ޝެހްބާޒް ވިދާޅުވި.

ޑްރަގާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން ދޫކޮށްލައިފި

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި އިތުރު މީހަކު، ތަހުގީގު މަރުހަލާ ނިމުމުން ފުލުހުން ދޫކޮށްލާފައި. މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނޭ ޝާހިލްއަކީ މީގެ ކުރިންވެސް ބޮޑު ޑްރަގް މައްސަލައެއްގައި ދޫކޮށްލާފައި ހުރި މީހެއް.

ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ ޖުމާން ހައްޔަރަށް

ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ވިޔަފާރިތައް ލޫޓުވުމަށް ހިތްވަރުދިން މައްސަލައެއްގައި އަލީ ޖުމާން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައި.

އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނަޝީދުގެ ނުސީދާ އިންޒާރެއް

ނަޝީދު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ. މިކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ބައެއް ބޭފުޅުން ވަނީ ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފަ.

"ކުރައްވަނީ ސެކިއުލާ ވެރިކަމެއް، އެއީ އިސްލާމީ ވެރިއެއް ނޫން"

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލާ ވެރިކަމެއް ކަމަށާއި، އެމަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި. ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުއިއްޒު އުޅުއްވަނީ ރައްޔިތުންގެ ހާލަތު ބެއްލެވުމުގެ ބަދަލުގައި މުއްސަނދި ދިރިއުޅުމެއް ކަމަށް.

ސަރުކާރުގެ ޑިޖިޓަލް ނިޒާމުތަކުގެ ސެކިއުރިޓީ ވަރުގަދަކުރަނީ

ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖްގައި ހުރި ސައިބާ ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން، ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކޮށް ސެކިއުރިޓީ ޕެޗްތައް އެޅުމުގެ މަސައްކަތް އެމްޑީއެސް އާއި އެންސީއެސްއޭ ގުޅިގެން ވަނީ ފަށާފައި. މި މަސައްކަތުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާ ކަމަށް އެމްޑީއެސް ބުނޭ.

ރަސްމާލެއިން އެއްބައި ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް: ދީދީ

ރަސްމާލެއިން ބައެއް އީގަލް ހިލްސްއަށް ދޭން ނިންމީ ބާރުތައް ވަކިވެފައިވާ ނިޒާމާ ޚިލާފަށް، ހަދަންޖެހޭ ގާނޫނުތައް ނަހަދާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނު ހެދުމުގެ ކުރިން އެއްބަސްވުންތައް ހަދައި، ފަހުން ގާނޫނުތަކަށް ރަޖުއީ އަސަރު ފޯރުވުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ކަމެއް.

Newsletter

Get the latest news delivered straight to your inbox