ކޮންމެ މަގާމެއްގައި ވެސް ހަމްޕު ތަފާތު ދައްކާނެ

މާޒިޔާގެ ފޯވާޑް ހަމްޕު ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- އަދަދު ގްރެފިކްސް: އަހުމަދު އިހުސާން (އަރަކަ)

މާޒިޔާގެ ފޯވާޑް ހަމްޕު ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- އަދަދު ގްރެފިކްސް: އަހުމަދު އިހުސާން (އަރަކަ)

"ހަމްޕު އަކީ ވަރަށް ހުނަރުވެރި ކުޅުންތެރިއެއް. އަހަރެން ދެކޭ ގޮތުގައި ކޮންމެ މަގާމަކަށް ކުޅުވިޔަސް އެ ކުޅެވޭނެ ފެންވަރު އޭނަގެ އެބަހުރި,"

މިއީ މީގެ ހަތް ވަރަކަށް އަހަރު ކުރިން ޒުވާން އުމުރުގައި ފުރަތަމަ ޑިވިޝަނުގައި ފިޔަޖަހަން ފެށި ބ. އޭދަފުށްޓައް އުފަން ހަމްޒާ މުހައްމަދު (ހަމްޕު), އާ ބެހޭގޮތުން މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ދާދި ފަހުން ނޫސްވެރިއަކު ކުރި ސުވާލަކަށް ދިން ޖަވާބެވެ.

ކުރިން ރެއާލް ބެޓިސް ޓީމަށް ކުޅެ ސާބިއާ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި ވިޑަކޮވިޗް މިދިޔަ ޖެނުއަރީ މަހު ކުރީކޮޅުގައި މާޒިޔާއާ ހަވާލުވި ފަހުން ހަމްޕު އަންނަނީ އޭނާ ކުރިން ދައްކަމުން އައި މޮޅު ކުޅުން ތަކުރާރުކުރަމުންނެވެ. ވިޑަކޮވިޗްގެ ގޭމްޕްލޭނުގެ ތެރެއިން އޭނާ ހަމްޕު ބޭނުންކުރަމުން އަންނަނީ ވާތް ފަޅިން ވިންގަށެވެ. ހަމްޕުގެ ކުޅުމުގެ ކެރިއަރުގައި އޭނާ ވަނީ މިޑްފީލްޑަރަކަށް އަދި ފޯވާޑަކަށް ވެސް ކުޅެފަ އެވެ. ގައުމީ ޓީމާއި ކްލަބް ލެވަލްގަ އެވެ.

“މި ވަގުތު މާޒިޔާގައި އަހަންނަށް ހަމްޕު މި ބޭނުންކުރެވެނީ ފަޅިން. އެއީ މިޑްފީލްޑު އޭރިއާގައި ވަރަށް ގިނަ ކުޅުންތެރިން ތިބީމާ. ހަމްޕު ބޭނުން މި ކުރަނީ މި ޓީމަށް އެންމެ ފައިދާކުރާނެ ގޮތަށް. އެކަމަކު ގަބޫލުކުރަންޖެހޭ ކަމަކީ ހަމްޕުގެ ހުނަރު އެބަހުރި ތަފާތު އެކި މަގާމުތަކުގައި ކުޅެވޭނެ," ވިޑަކޮވިޗް ބުންޏެވެ.

އެންމެ ފުރަތަމަ ވެސް ތަފާތު ދައްކަން ފެށި

ހަމްޕު އަށް އެންމެ ފުރަތަމަ ގައުމީ ސްކޮޑުން ފުރުސަތު ލިބެން ފެށިއިރު, އޭނާގެ މަގާމަށް އެހެން ކުޅުންތެރިން ކުޅޭތީ ޓީމުން ބާކީކުރި އެވެ. އެކަމަކު އޭނާގެ އަޒުމަށް ބަދަލެއް ނާދެ އެވެ. ނިއު ރޭޑިއަންޓް ޓީމުން 2014 ވަނަ އަހަރު ޖާގަ ހޯދައި އޭގެ އެއް އަހަރު ފަހުން ގައުމީ ޓީމުން ވެސް ގަވާއިދުން ފުރުސަތު ހޯދަން ފެށި އެވެ.

ހަމްޕު އަށް އެންމެ ފުރަތަމަ ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނީ 2015 ވަނަ އަހަރު ޑިސެމްބަރު މަހު އިންޑިއާގެ ޓްރިވެންޑްރަމްގައި ބޭއްވި ސާފް ސުޒުކީ ކަޕްގަ އެވެ. އެ މުބާރާތުގައި ރާއްޖެ ބޫޓާންއާ ދެކޮޅަށް ކުޅުނު މެޗުން 3-1 އިން މޮޅުވިއިރު, އިންޑިއާގެ ސީނިއާ ނޫސްވެރިން ލޮލުގައި އަޅައިގަތް ކުޅުންތެރިއަކީ އޭރު އުމުރުން 20 އަހަރުގެ ހަމްޕު އެވެ. ރާއްޖޭގެ ނޫސްވެރިން ގާތުގައި ހަމްޕުގެ މައުލޫމާތު އޮޅުންފިލުވައި ހެދީ އޭނާ އަކީ ރާއްޖޭގެ ފުޓްބޯޅައިގެ މުސްތަގުބަލު އޮތް ކުޅުންތެރިއެއް ކަމަށް ބުނެ އެވެ.

އޭގެ ތިން އަހަރު ފަހުން 2018 ވަަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ސުޒުކީ ކަޕްގެ ޗެމްޕިއަންކަން ރާއްޖޭން ހޯދިއިރު, ގައުމީ ޓީމުގެ މެދުތެރޭގައި ހަމްޕު ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ފައިނަލް މެޗުގައި ރާއްޖޭން އިންޑިއާ 2-1 އިން ބަލިކުރިއިރު, ރާއްޖޭގެ ދެ ވަނަ ގޯލު ޖަހަން އަލީ ފާސިރު (ސެންޓޭ) އަށް ހިތްގައިމު ޕާސް ދިނީ ހަމްޕު އެވެ.

ކްލަބް ލެވެލަށް ބަލާއިރު ނިއު ރޭޑިއަންޓުގައި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ހަމްޕުގެ މުހިއްމުކަން ފާހަގަވާން ފެށި އެވެ. އޭނާ 2018 ވަނަ އަހަރާ ހަމައަށް ނިއު އަށް ކުޅުނުއިރު, އެ ޓީމުގައި ހުރެ ރާއްޖޭގެ އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދުމުގެ އިތުރުން ރާއްޖޭގެ ލެވަލްގެ ގިނަ ކާމިޔާބީތަކެއް ހޯދި އެވެ. އެ ކްލަބް ދޫކޮށްލުމުގެ ކުރިން ކެޕްޓަންކަން ވެސް ކުރި އެވެ.

ހަމްޕު އެކި މަގާމަށް ކުޅެން ފެށުން

ނިއު ރޭޑިއަންޓްގެ ކޯޗުކަމާ 2017 ވަނަ އަހަރުގެ ޖޫން މަހު ހަވާލުވި ސްޕެއިންގެ އޮސްކާ ބްރުޒޮން އަށް ހަމްޕުގެ ފަރާތުން ފާހަގަކުރެވުނު އެއް ކަަމަކީ އޭނާ އަތުން ބޯޅަ ހޯދަން އުނދަގޫވުމެވެ. އަދި ރަނގަޅު ވަގުތުގައި ހަމްޕު ޕާސް ޖެހުން ރަނގަޅުވެފައި, އެޓޭކިން ޓްރާސިޝަންތަކުގައި ހަމްޕުގެ ކުޅުން އަވަސްވުމުން އޭގެ ފައިދާނަގަން އޮސްކާ އަވަސްވެގަތެވެ. އެ ގޮތުން ހަމްޕު ލައްވައި މެދުތެރެއަށް ކުޅުވަން އޭނާ ފެށި އެވެ.

ނިއުގެ ނޫ ޖޯޒީގައި ހަމްޕު ކުޅުނު އެންމެ މޮޅު އެއް މެޗަކީ 2018 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި އިންޑިއާގެ ބެންގަލޫރު އަތުން މާލޭގައި 2-0 އިން ނިއު މޮޅުވި މެޗެވެ. އެއީ ރާއްޖޭގެ ކްލަބަކުން ބެންގަލޫރުގެ މައްޗަށް ހޯދި ފުރަތަމަ މޮޅެވެ.

އޭނާ ނިއު ދޫކޮށް މާޒިޔާއާ ގުޅުނީ 2019 ގަ އެވެ. ހަމްޕު އަށް މާޒިޔާގައި ކޯޗުކޮށްދިން މެސެޑޯނިއާގެ ކޯޗު މަރުޖާން ސެކުލޮސްކީ ދެކޭގޮތުގައި ހަމްޕު އަކީ އެޓޭކިން ހާފުގެ ކޮންމެ މަގާމެއްގައި ވެސް ތަފާތު ދެއްކޭނެ ކުޅުންތެރިއެކެވެ. ސެކުލޮސްކީގެ ކޯޗުކަމުގައި ހަމްޕު ވަނީ އެކި މަގާމުތަކުގައި މޮޅަށް ކުޅެފަ އެވެ. މާޒިޔާ ޖޯޒީގައި މިދިޔަ ދެ އަހަރު ހަމްޕު މޮޅަށް ކުޅުނު މެޗުތައް ގިނަ އެވެ. އެކަމަކު ފާހަގަކޮށްލަން ޖެހޭ މެޗަކީ މިދިޔަ އަަހަރުގެ އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި ބެންގަލޫރު އަތުން މާލޭގައި މާޒިޔާ 2-1 އިން މޮޅުވި މެޗެވެ.

ހަމްޕު ހަގީގަތުގައި ކުޅެން އެންމެ ބޭނުންވަނީ މިހާރު އޭނާ ކުޅެމުން އަންނަ މަގާމު ކަމަށްވާ ވިންގް އަށެވެ. އެކަމަކު ޓީމަށް އެހީތެރިވެދޭން ކޮންމެ މަގާމަކަށް ވެސް ކުޅެވޭނެ ކަމަށް ހަމްޕު ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރުތަކުގައި އެއް ލެވަލެއްގައި ގިނަ މެޗުތަކެއްގައި މޮޅު ކުޅުން ދެއްކި މަދު ކުޅުންތެރިންގެ ތެރޭގައި ހަމްޕު ހިމެނެ އެވެ. ގައުމީ ޓީމުގައި މަގާމު ދަމަހައްޓަން ހަމްޕު އަށް ފަސޭހަވާ ސަބަބަކީ ވެސް އެއީ އެވެ.

ސަޕޯޓަރުންނާއި ކުޅުންތެރިންގެ މެދުގައި ވެސް މަގުބޫލް ކުޅުންތެރިއެއް

މި ފަހަރުގެ ސީޒަނަށް އެފްއޭއެމުން އެ އެސޯސިއޭޝަންގެ މީޑިއާ މަސައްކަތްތައް ރަނގަޅުކޮށް ފުޓްބޯޅަ ޕްރޮމޯޓްކުރަން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ވަނީ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކޮންމެ މެޗު ހަފްތާއެއްގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވަން ފަށައިފަ އެވެ. ދިވެހިންގެ މެދުގައި އެންމެ މަގުބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމް ފޭސްބުކްގައި ކުރިއަށްގެންދާ މި ވޯޓްގައި އެންމެ ބޮޑު ތަރުހީބެއް ހޯދައިގެން މިދިޔަ ހަފްތާތަކުގައި ހަމްޕު ވަނީ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. އޭގެއިން ޔަގީންވާ އެއް ކަމަކީ ސަޕޯޓަރުންގެ ލޯބި ހަމްޕު އަށް އޮތް ކަމެވެ.

ފުރަތަމަ ޑިވިޝަންގެ އެކި އެކި ޓީމުތަކުގެ ކުޅުންތެރިންނާ ސުވާލުކޮށްލުމުން ގިނަ ކުޅުންތެރިންނެއް އެއްބަސްވާ އެއްކަމަކީ މި ވަގުތު ރާއްޖޭގައި އެންމެ މޮޅަށް ކުޅޭ ކުޅުންތެރިންގެ ތެރޭގައި ހަމްޕު ހިމެނޭނެ ކަމަށެވެ. އަދި ބައެއް ކުޅުންތެރިން ވަނީ ރާއްޖޭގައި މި ވަގުތު އަލީ އަޝްފާގު (ދަގަނޑޭ) ނެގުމަށް ފަހު ދެން އެ ކުޅުންތެރިއަކު އަތުން އެންމެ އުނދަގުލުން ބޯޅަ ހޯދޭނީ ހަމްޕު އަތުން ކަމަށް ބުނެފަ އެވެ.

ރާއްޖޭގެ ގައުމީ ޓީމާއި ކްލަބް ލެވަލްގައި ނިއު އާއި މާޒިޔާ އަށް ހަމްޕުއާ އެއް ޓީމަށް ކުޅުނު ގިނަ ކުޅުންތެރިންނާއި އެ ޓީމުތަކަށް އިރުޝާދުދިން ކޯޗުން ވަނީ ހަމްޕުގެ ކުޅުމަށް ތައުރީފުކޮށްފަ އެެވެ. ގައުމީ ޓީމަށް 2018 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕް ކާމިޔާބުކޮށްދިން ކޯޗު ކްރޮއޭޝިއާގެ ޕީޓަ ސެގާޓް ވަނީ ހަމްޕު ކަހަލަ ކުޅުންތެރިންނަށް އެންމެ މުހިއްމު ކަމަކީ ބައިނަލްއަގުވާމީ ފެންވަރުގެ މެޗުތައް ވީހާވެސް ގިނައިން ލިބުން ކަމަށާއި ހަމްޕުގެ ކެރިއަރުގެ ދެން އިން ހަރުފަތަށް ދޭން ބޭނުންނަމަ ބޭރުގެ އެހެން ކްލަބަކަށް އޭނާ ކުޅެން ޖެހޭ ކަމަށް ބުނެފަ އެވެ.

ހަމްޕު ހުރީ މި ފަހަރުގެ އޭއެފްސީ ކަޕަށް ހާއްސަ އަމާޒެއްގައި

އޭއެފްސީ ކަޕްގައި ރާއްޖޭގެ ކްލަބްތައް ވާދަކުރާ ދެކުނު އޭޝިއާ އަށް ހާއްސަ ގްރޫޕްގެ މެޗުތައް އަންނަ މަހު ރާއްޖޭގައި ހޯސްޓްކުރާނެ އެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުން މި ވަގުތު ފުރުސަތު ލިބިފައިވާ ރާއްޖޭގެ ހަމައެކަނި ކްލަބަކީ މާޒިޔާ އެވެ. އީގަލްސް އިން އަންނަނީ ކޮލިފައިންގައި ވާދަކުރަމުންނެވެ.

މި ސީޒަނަށް މާޒިޔާ ތައްޔާރުވިއިރު, އެންމެ ބޮޑު އަމާޒަކަށްވީ އޭއެފްސީ ކަޕްގައި ރަނގަޅު ނަތީޖާތަކެއް ނެރުމެވެ. މާޒިޔާގެ ކޯޗަކަށް ވިޑަކޮވިޗް ހަމަޖެއްސި އެންމެ ބޮޑު އެއް ސަބަބަކީ ވެސް އެއީ އެވެ.

ލީގުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަތުން މާޒިޔާ މޮޅުވި މެޗަށް ފަހު ހަމްޕު ބުނީ ލީގުގައި މިހާރު ކައިރި ކައިރީގައި މެޗުތައް ކުޅެންޖެހޭއިރު, ކުޅުންތެރިން ރިކަވަރީ އަށް އަމިއްލަ އަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އެކަމަކު ބަދަލުކޮޮށްލަން ބަލާއިރު މާޒިޔާގެ ބެންޗުގައި ރަނގަޅު ކުޅުންތެރިން ތިބިކަން ހަމްޕު ފާހަަގަކުރި އެވެ.

"ޓީމުގައި އެބަތިބި ޕްލޭޔަރުން ވެސް. ކޯޗު ހަމަ ރޮޓޭޓްކުރާނެ ކަންނޭނގެ ހަމަ އެ ކައިރިކައިރީގައި މެޗުތައް ކުޅެންޏާ" ހަމްޕު ބުންޏެވެ.

މީގެ ކުރިން ހަމްޕު, ނިއުއާ އެކު 2018 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު ފަހަނައަޅާ ދިއުމާ ގާތަށް ޖެހިލި އެވެ. އެކަމަކު އެކަން ހާސިލްނުވީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އިންޑިއާގެ އައިޒޯލް އަތުން ރަށުން ބޭރުގައި ބަލިވުމުންނެެވެ. ހަމްޕު ހުރީ މި ފަހަރު މާޒިޔާއާ އެކު އޭއެފްސީ ކަޕްގެ އަނެއް ބުރަށް ދިއުމުގެ އުއްމީދުގަ އެވެ

ލީގު މި ހުރިހާ މެޗެއް ވެސް މި ކުޅެނީ އޭއެފްސީ (އޭއެފްސީ ކަޕް) އަށް ވެސް ވިސްނައިގެން. ބޮޑު ޓާގެޓަކީ އޭއެފްސީ ކަޕްގެ ދެ ވަނަ ބުރަށް ދިއުން"

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މާޒިޔާ މި ވަގުތު އޮތީ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސް އާއި އިންޑިއާގެ ޗެމްޕިއަން އޭޓީކޭ މޯހަން ބަގާން އެވެ. ގްރޫޕް ސްޓޭޖުގެ ފަހު ޖާގަ އަށް ވާދަކުރާނެ ކަމަށް ބެލެވެނީ އީގަލްސްގެ އިތުރުން ބަންގްލަދޭޝްގެ ޑާކާ އަބަހާނީ އާއި އިންޑިއާގެ ބެންގަލޫރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox