ޔުނައިޓެޑް ވިކްޓްރީ ބަލިކޮށް ޓީސީ ފަސް ވަނަ އަށް

ލީގުގެ މެޗެއްގެ ތެެރެއިން ޓީސީގެ ކެޕްޓަން އައްޒާމް: އޭނާ ވަނީ މިއަދުގެ މެޗުގައި ދެ ގޯލު ޖަހާފައި.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ލީގުގެ މެޗެއްގެ ތެެރެއިން ޓީސީގެ ކެޕްޓަން އައްޒާމް: އޭނާ ވަނީ މިއަދުގެ މެޗުގައި ދެ ގޯލު ޖަހާފައި.-- ފޮޓޯ: އިބްރާހިމް ފާއިދު/ އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަތުން 2-0 އިން މޮޅުވެ, ޓީސީ ސްޕޯޓްސް ކްލަބް ލީގުގެ ފަސް ވަނަ އަށް ޖެހިލައިފި އެވެ.

ލީގުގައި ޓީސީ އާއި ޔުނައިޓެޑް ވިކްޓްރީ އޮތް މަގާމުގެ ގޮތުން މި މެޗުން ޕޮއިންޓް ހޯދުން ދެ ޓީމަށް ވެސް އޮތީ މުހިއްމުވެފަ އެވެ. މެޗަށް ނުކުތްއިރު ލީގުގެ ހަތް ވަނައިގައި އޮތް ޓީސީ ފަސް ވަނަ އަށް ޖެހިލީ 11 މެޗުން 12 ޕޮއިންޓް ހަމަކޮށްގެންނެވެ. ހަ ވަަނައިގައި އޮތް ކްލަބް އީގަލްސް އަށް ވެސް 10 މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު, ޓީސީ އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. މިރޭ ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާއާ ދެކޮޅަށް ކުޅޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ހަތް ވަނައިގައި އޮތީ 10 މެޗުން 11 ޕޮއިންޓް ހޯދައިގެންނެވެ. މާޒިޔާ އަތުން ބަލިނުވެ ފަރުޖައްސާލައިގެން ސަސް އަށް ހަ ވަނަ އަށް އެރޭނެ އެވެ.

މެޗު ފެށިގެން މާ ގިނައިރެއްނުވެ, ދެ ޓީމުން ވެސް ގޯލު ޖަހަން ފުރުސަތު ތަނަވަސްކުރަން ފެށި އެވެ. އެގޮތުން މެޗު ފެށިގެން 15 ސިކުންތު ތެރޭގައި ޔުނައިޓެޑް ވިކްޓްރީގެ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި ޓީސީގެ ޓްރިންޑާޑް ފޯވާޑް ސެމިއުލް ކޯޑެލް ދިން ބޯޅައަކުން އެ ޓީމުގެ ކެޕްޓަން މުހައްމަދު އައްޒާމް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އޭގެ ދެ މިނިޓް ފަހުން އޭރިއާބޭރުން އައްޒާމް ފޮނުވާލި ޝޮޓެއް ޔުނައިޓެޑް ވިކްޓްރީގެ ކީޕަރު ނާޖިހު އަލީ ވަނީ މަތަކޮށްފަ އެވެ.

ޔުނައިޓެޑް ވިކްޓްރީން ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރަން ފެށީ މެޗުގެ 12 ވަނަ މިނިޓުން ފެށިގެންނެވެ. އެ ގޮތުން މެޗުގެ ޔުނައިޓެޑް ވިކްޓްރީގެ އަހުމަދު ނިޒާމް (ނިޒާމްބެ) ޖެހި ޝޮޓް ޓީސީގެ އަޒަރުބައިޖާން ކީޕަރު އާޒާދު ވަނީ ހުއްޓުވައިފަ އެވެ.

އޭގެ ފަހުން ޔުނައިޓެޑް ވިކްޓްރީ އަށް ލީޑުނަގައިދޭން ނިޒާމްބެ އާއި ޒުވާން ކުޅުންތެރިޔާ އަހުމަދު ބައްސާމް މުހައްމަދު (ބައްކު) އަށް ލިބުނު ރަނުގެ ފުރުސަތުތައް ބޭނުމެއް ނުކުރެވުނެވެ. ޔުނައިޓެޑް ވިކްޓްރީގެ ކިރްގިސްތާން މިޑްފީލްޑަރު އަނަޓޯލީ ވްލަޝީޗޭފް ހިލޭ ޖެހުމަކުން ނަަގައިދިން ބޯޅަ އެ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ބޮލުން ހުސްކޮށްލާފައި ނިޒާމްބެ އަށް ދިން ބޯޅަ އޭނާ ބޮލުން ފޮނުވާލިއިރު, އަމާޒުވީ ހުރަސްދަނޑިއަށެވެ. އަދި ފަހުން ޔުނައިޓެޑް ވިކްޓްރީގެ ކެޕްޓަން ބޭންޑް އަޅައިގެން މި މެޗުގައި ކުޅުނު އިސްމާއިލް އީސާ (މެސީ) ހުސްކޮށްލާފައި ބައްކު އަށް ދިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ފޮނުވާލުމުން ކީޕަރު އާޒާދު ވަނީ މަތަކޮށްފަ އެެވެ.

ޔުނައިޓެޑް ވިކްޓްރީ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުންނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 31 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ޓީސީ ލީޑުނެގުމެވެ. އޭރިއާބޭރުން ޓީސީގެ އަބްދުލްވާހިދު (ވާޑު) ޖެހި ޝޮޓް ކީޕަރު ނާޖިހު އަތުގައި ޖެހިފައި ރީބައުންސްވި ވަގުތު ޓީސީގެ ސެމިއުލް އަށް އެ ބޯޅަ ލިބުމުގެ ކުރިން އޭނާ އަށް ޔުނައިޓެޑް ވިކްޓްރީގެ އަހުމަދު ވިސާމް (ޖެރާޑް) ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އައްޒާމް ވަނީ ކާމިޔާބުކޮށްފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑް ވިކްޓްރީ އަށް ނަތީޖާ ހަަމަހަމަ ކުރަން ވެސް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. ބައްކު ޓީސީގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު އޭރިއާތެރޭގައި ހުރި އީސަ އަށް ޖައްސާލުމުން އޭނާ ފޮނުވާލަން މަސައްކަތްކުރި ބޯޅަ ރަނގަޅަށް ފައިގައި ލައްވާލާގޮތެއްނުވި އެވެ. އޭގެ ފަހުން އެ ޓީމުގެ އަނަޓޯލީ އޭރިއާތެރެއިން ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ހަތަރު ވަނަ މިނިޓްގައި ޓީސީން ވަނީ އައްޒާމްގެ ގޯލުން ލީޑުފުޅާކޮށްފަ އެވެ. ޔުނައިޓެޑް ވިކްޓްރީގެ ފަހަތުން ވިސާމް އަތުން ގެއްލުނު ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ އައްޒާމް ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ދެ މިނިޓް ފަހުން ހެޓްރިކެއް ހަދަން އައްޒާމަށް ލިބުނު ފުރުސަތުގައި އޭނާ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. އަދި ފަހުން ޓީސީގެ ޒުވާން ކުޅުންތެރިޔާ އަހުނަފް މުހައްމަދު ޖެހި ދެ ބޯޅަ ދިޔައީ ގޯލާ ސީދާނުވެ ބޭރުންނެވެ.

ޔުނައިޓެޑް ވިކްޓްރީ އަށް އިތުރު މައްސަލަތައް ކުރިމަތިވީ މެޗުގެ 76 ވަނަ މިނިޓްގައި ދެ ވަނަ ރީނދޫ ކާޑާ އެކު ވިސާމަށް ރަތް ކާޑެއް ދެއްކުމުންނެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ޔުނައިޓެޑް ވިކްޓްރީން ވަނީ ލަނޑުޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ. އަނަޓޯލީ ޖެހި ޝޮޓެއް އަރިމަތިން ބޭރަށްދިޔައިރު, ބަކާ ބޮލުން ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަަމަށް ނިންމައިފަ އެވެ.

މިއީ ޓީސީގެ ކޯޗުކަމާ މުހައްމަދު ނިޒާމް (ނިޒާމްބެ) ދެ ވަނަ ފަަހަރަށް ހަވާލުވި ފަހުން އެ ޓީމު ހޯދި ފުރަތަމަ މޮޅެވެ. ނިޒާމްބެ ހަވާލުވި ފަހުން ޓީސީ ކުޅުނު ފުރަތަމަ ދެ މެޗުން އެ ޓީމު ވަނީ ވެލެންސިއާ އާއި ސަސް އަތުން ބަލިވެފަ އެވެ. ޓީސީން މި މެޗުގައި ކުޅުނީ އަނިޔާގެ ސަބަބުން ލަންކާގެ ޑިފެންޑަރު ޑަކްސަން އާއި ސެއިން ވިންސެންޓްގެ ފޯވާޑް މެލްކަމް ކެސިއަސް ސްޓެވާޓް (ބޮބީ) ނުލަ އެވެ. އަދި އެންމެ ފަހުން ކުޅުނު މެޗުގައި ދެއްކި ރަތް ކާޑުގެ ސަބަބުން ޓީސީގެ އަލީ ޝާމިސް (ތޮއްޕޭ) ހުރީ ސަސްޕެންޝަނުގަ އެވެ.

މެޗާ ބެހޭގޮތުން ނިޒާމްބެ ބުނީ އެންމެ ފަހުން މެޗާ އަޅާކިޔާއިރު މި މެޗުގައި ޓީސީން ވަރަށް ރަނގަޅަށް ކުޅުނު ކަމަށާާއި ހަގީގަތުގައި މީގެ ކްރެޑިޓް ކުޅުންތެރިންގެ އިތުރުން ޓީސީގެ ޓެކްނިކަލް ޓީމަށް ހައްގުވާ ކަމަށެވެ.

"ކުރިން ދުވަހަށް ވުރެން ވަރަށް ބޮޑުތަނުން ގޭމް ރަނގަޅުވެގެންދިޔަތަން ފާހަގަކުރެވުނު. ކުރިން ސްޓާޓިން އިލެވަންގައި އާންމުކޮށް ކުޅޭ ތިން ކުޅުންތެރިން ނުލައި މެޗު ސްޓާޓްކުރިއިރު ބަދަލުގައި އެ ކުޅުނު ޒުވާން ކުޅުންތެރިންގެ ޕާފޯމަންސާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ. ދެ ޓީމުން ވެސް މޮޅުވާން ވަރަށް މަސައްކަތްކުރި ދުވަހެއް މިއީ. އެކަމަކު މިއަދަކީ ޓީސީގެ ދުވަސް," ނިޒާމްބެ ބުންޏެވެ.

ޔުނައިޓެޑް ވިކްޓްރީ ލީގުގެ އެންމެ ފުލުގައި އޮތީ 11 މެޗުން ލިބުނު ތިން ޕޮއިންޓާ އެކު އެވެ. އެ ޓީމަށް މިހާތަނަށް އަދި ލީގުގައި މޮޅެއް ނުލިބެ އެވެ. ޔުނައިޓެޑް ވިކްޓްރީގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނީ ހަގީގަތުގައި މި މެޗަކީ އެ ޓީމަށް މޮޅުވެވޭނެ ވަރަށް ގޯލު ޖެހި އަމިއްލަ އަތުން އިދިކޮޅު ޓީމަށް ދިން ގޯލުތަކެއްގެ ސަބަބުން ގެއްލުނު މެޗެއް ކަމަށެވެ. އަދި މި ނަތީޖާއާ އެކު ދެން އެ ޓީމުން ފޯކަސް ބަހައްޓަންވީ ރެލިގޭޝަން ކުޅެންވާއިރަށް ޓީމުގެ ހާލަތު ރަނގަޅުކުރުމަށް ކަމަށް ސާންތީ ބުންޏެވެ.

"ކުރިއަށް ހުރި މެޗުތަކުގައި ދެން ކޮންމެވެސް ގޮތެއް ހޯދާފައި މީގެ ތެރޭގައި ތިބި ޔޫތު ޕްލޭޔަރުންނަށް ފުރުސަތު ދީފައި. މި އޮތް ދުވަސްތަކުގެ ތެރޭގައި ތަންކޮޅެއް ބޮޑަށް ފޯކަސް ގެންގުޅޭނީ ރެލިގޭޝަނަށް މި ޓީމުގައި ތިބި ކުޅުންތެރިން ޓެސްޓްކުރަން," ސާންތީ ބުންޏެވެ.

އަނިޔާގެ މައްސަލަތަކުގެ ސަބަބުން ޔުނައިޓެޑް ވިކްޓްރީގެ ހާލަތު ގޯސްވާތީ ބައެއް ކުޅުންތެރިން އަސްލު ކުޅުވަން ޖެހޭ މަގާމު ނޫން އެހެން ތަންތަނަށް ބޭނުންކުރަން ޖެހުމަކީ ވެސް ޓީމަށް ދިމާވެފައިވާ އުނދަގޫކަމެއް ކަމަށް ސާންތީ ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox