Header
Logo
team logo

ވޭލްސް

މިއީ ފީފާ ވޯލްޑް ކަޕެއްގައި ވޭލްސްގެ ދެ ވަނަ ފެނިލުމެވެ. ވޭލްސް އިން ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ވޯލްޑް ކަޕްގައި މި ކުޅެނީ 64 އަހަރުގެ މެދު ކެނޑުމަކަށް ފަހު އެވެ. މީގެ ކުރިން ވޯލްޑް ކަޕެއްގައި ވޭލްސްގެ ހަމައެކަނި ތަޖުރިބާ އަކީ 1958 ވަނަ އަހަރުގެ މުބާރާތެވެ. އެ ފަހަރުގެ މުބާރާތުގައި ވޭލްސް ވަނީ ކުއާޓާ ފައިނަލުގައި ކުޅެފަ އެވެ. ވޭލްސްގެ ފުޓްބޯޅައިގެ ގިނަ ޖީލުތަކެއް ފުޓްބޯޅަ ކެރިއަރު ނިންމާލީ ވޯލްޑް ކަޕް ނުކުޅެ އެވެ. އޭގެ ތެރޭގައި ވޭލްސްގެ ކޯޗަކަށް އެންމެ ފަހުން ހުރި ރިޔާން ގިގްސް ފަދަ ކާމިޔާބު ކްލަބް ކެރިއަރެއް ހޭދަކުރި ކުޅުންތެރިން ހިމެނެ އެވެ. ބޮޑު މުބާރާތްތަކުގައި ވޭލްސްގެ ފެނިލުންތައް އިތުރުވާން ފެށީ، މީގެ ހަތް އަހަރު ކުރިންނެވެ. އެ ގޮތުން 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ކުޅެ، ވޭލްސް އިން ވަނީ ޔޫރަޕްގެ ފުޓްބޯޅައިގެ މަތީ ފަންތީގައި އެ ގައުމު އޮންނަން ޖެހޭނެކަން ސާބިތުކޮށްދީފަ އެވެ. އެކަމަކު، ޔޫރޯގެ އެ ހިތްވަރު ވޯލްޑް ކަޕް ކޮލިފައިންގައި ވޭލްސް އަށް އެ ފަހަރު ނުދެއްކި، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވެސް އެ ޓީމަށް ފުރުސަތެއް ނުލިބުނެވެ. އެކަމަކު، އާ ހިތްވަރަކާ އެކު މަސައްކަތް ފަށައި، ވޭލްސް އިން ވަނީ ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކޮށްފަ އެވެ. ބޮޑު ދެ މުބާރާތުގެ ތަޖުރިބާގެ އަލީގައި ވޭލްސް އިން މި ފަހަރުގެ ވޯލްޑް ކަޕްެގެ ޖާގަ ހޯދީ ޔޫރަޕްގެ ކޮލިފައިން ޕްލޭއޮފްގެ ތެރެއިން ޔޫކްރެއިން ކަޓުވާލައިފަ އެވެ. ވޭލްސްގެ އަމާޒަކީ މި ފަަހަރުގެ ވޯލްޑް ކަޕަކީ އެ ގައުމުގެ ފުޓްބޯޅަ ސަޕޯޓަރުންނަށް ހާއްސަ މުބާރާތަކަށް ހެދުން ކަމަށް އެ ޓީމުގެ ކޯޗު ރޮބް ޕޭޖް ވަނީ ބުނެފަ އެވެ. ޔޫޜަޕްގެ ގައުމުތަކުގެ މެދުގައި ކުޅޭ ނޭޝަންސް ލީގުގެ ދެ ވަނަ ޑިވިޝަނަށް ވޭލްސް ރެލިގޭޓްވެފައިވާއިރު، އެއީ މާ ބޮޑަށް ވިސްނަން ޖެހޭނެ ކަމެއް ނޫން ކަމަށް ޕޭޖް ދެކެނީ ވޯލްޑް ކަޕަށް ވިސްނުމަށްފަހު އެވެ. މިދިޔަ ހަތް ވަރަކަށް އަހަރު ތެރޭ ވޭލްސް އިން ބޮޑު މުބާރާތްތަކުގައި ހާސިލްކުރި ކަންކަމުގެ ކްރެޑިޓް ގިނަ ބަޔަކު ދެނީ އެ ގައުމުގެ ފުޓްބޯޅަ ތަރި ގަރެތު ބޭލް އަށެެވެ. ވޭލްސް އިން 2016 ވަނަ އަހަރުގެ ޔޫރޯގައި ގިނަ ބަޔަކު ސިއްސުވާލި ފެންވަރުގެ ކުޅުމެއް ދެއްކިއިރު، ތަފާތު މޮޅު ކުޅުމެއް ދެއްކީ ބޭލް އެވެ. ބޭލްގެ އިތުރުން ވޭލްސް ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންތަކަކީ ގަވާއިދުން އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ ކުޅުންތެރިންނެވެ. އިނގިރޭސި ޕްރިމިއާ ލީގަކީ މި ފަހަރުގެ ވޯލްޑް ކަޕަށް އެއް ލީގަކުން އެންމެ ގިނަ ގައުމަށް ކުޅުންތެރިން ދާނެ ކަމަށް ބެލެވޭ ލީގު ކަމަށްވާއިރު، ވޭލްސް ކުޅުންތެރިންނަށް ވޯލްޑް ކަޕް ލެވަލްގެ މެޗުތައް އާ ވިޔަސް، ޓީމުތަކުގައި ތިބޭ ކުޅުންތެރިން އާ ވުމުގެ މައްސަލަ ދިމައެއްނުވާނެ އެވެ އިންްގްލެންޑާއި އެމެރިކާ އަދި އީރާނާ އެއް ގްރޫޕެއްގައި ވޭލްސް އޮތްއިރު، މި ގްރޫޕްގައި ވޭލްސް އަށް އެންމެ ހާއްސަވާނީ އިންގްލެންޑް މެޗެވެ. އެއީ ވޭލްސްގައި ތިބި ބައެއް ކުޅުންތެރިންނަކީ އިންގްލެންޑް ތަމްސީލް ކުރުމުގެ ފުރުސަތު ދޫކޮށްލާފައި ވޭލްސް ޓީމަށް ކުޅެން ނިންމި ކުޅުންތެރިންނަށް ވުމެވެ.