Header
Logo
team logo

އެމެރިކާ

އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި 1930 ވަނަ އަހަރު އެމެރިކާ ކުޅުނުއިރު އެ ޓީމުން ވަނީ ސެމީ ފައިނަލުގައި ކުޅެ، މުބާރާތުގެ ތިން ވަނަ ހޯދައިފަ އެވެ. އެކަމަކު، އޭގެ ފަހުން ކުޅުނު އަށް ވޯލްޑް ކަޕްގައި ވެސް އެމެރިކާ އަށް މާ ބޮޑު ކަމެއް ހާސިލްކުރެވިފައިނުވެ އެވެ. ވޯލްޑް ކަޕްގެ އެންމެ ފަހުން ބޭއްވި އަށް މުބާރާތުގައި އެެމެރިކާ އިން ކުއާާޓާ ފައިނަލުގައި ކުޅުނީ އެންމެ ފަހަރަކު އެވެ. ގަދަ 16 ޓީމުގެ ބުރުގައި ހަތަރު ފަހަރު ކުޅުނުއިރު، ހަތަރު ފަހަރެއްގެ މަތިން ގްރޫޕް ސްޓޭޖުން ވަނީ ކަޓައިފަ އެވެ އެމެރިކާ ވަނީ 1990ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި ހަތް ވޯލްޑް ކަޕްގައި ކުޅެފަ އެވެ. އެކަމަކު، މި ފަހަރުގެ ވޯލްޑް ކަޕާ އެމެރިކާ އިން މި ކުރިމަތިލަނީ މެދުކެނޑުމަކަށް ފަހު އެވެ. އެމެރިކާ، އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕަށް ކޮލިފައިނުވެ އެވެ. މި ފަހަރުގެ ވޯލްޑް ކަޕް އެމެރިކާ އަށް ހާއްސަވާ އެހެން ސަބަބެއް ވެސް އެބައޮތެވެ. އެއީ 2026 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ހޯސްޓްކުރާ ތިން ގައުމުގެ ތެރޭގައި އެމެރިކާ ހިމެނޭތީ އެވެ. އުތުރު އެެމެރިކާގެ ގައުމުތަކުގެ މެދުގައި ކުޅޭ އެންމެ ފޯރިގަދަ ފުޓްބޯޅަ މުބާރާތް ކަމަށްވާ ގޯލްޑް ކަޕްގެ ޗެމްޕިއަންކަން، ހަތް ފަހަރެއްގެ މަތިން ހޯދާފައިވާ އެމެރިކާ އިން މި ފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލާއިރު، އެ ގައުމުގެ ފުޓްބޯޅައިގައި މިހާރު ކަންކަން ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. ޔޫރަޕްގެ މަޝްހޫރު ކުޅުންތެރިން އެމެރިކާގެ މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގައި ކުޅުމާއި ޔޫރަޕްގެ ވަރުގަދަ ލީގުތަކާއި ބޮޑެތި ފުޓްބޯޅަ މުބާރާތްތަކުގައި ޒުވާން އުމުރުގައި އައިސް ކުޅޭ އެމެެރިކާގެ ކުޅުންެތެރިން ގިނަވުމެވެ، ދާދި ފަހުން އުތުރު އެމެރިކާގެ ގައުމުތަކުގެ މެދުގައި ފެށި ނޭޝަންސް ލީގުގެ ފުރަތަމަ ތަށި ހޯދީ އެމެރިކާ އިންނެވެ. އެ ޓީމުގައި ވެސް ތަފާތަކަށް ވީ ޒުވާން ކުޅުންތެރިންނެވެ. އެމެރިކާގެ ކޯޗުގެ ޒިންމާއާ ހަވާލުވެ ހުރި ގްރެގް ބާހޯލްޓާ އަކީ އެ ގައުމުގެ ފުޓްބޯޅަ އާއި ޔޫރަޕްގެ ފުޓްބޯޅައިގެ ކޯޗިން ތަޖުރިބާ ހުރި ފަރާތެކެވެ. ވޯލްޑް ކަޕެއްގައި ފުރަތަމަ ފަހަރަށް އިރުޝާދު ދޭން ތައްޔާރުވަމުން އަންނައިރު، ބާހޯލްޓާ އަށް އޮތް ހިތްހަމަޖެހުމަކީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ޕްރެޝަރު މެޗުތަކުގައި ވެސް ކުޅެފައިވާ ކުޅުންތެރިން އެ ޓީމުގައި ހިމެނުމެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ބަލާނެ އެއް ކުޅުންތެރިއަކީ ޗެލްސީ އަށް މިހާރު ކުޅެމުން އަންނަ ކްރިސްޓިއަން ޕުލިސިޗް އެވެ. އޭގެ އިތުރުން، ޔުވެންޓަސް އަށް ކުޅެމުން އަންނަ މިޑްފީލްޑަރު، ވެސްޓަން މެކްކެނީ އާއި ބާސެލޯނާ ދޫކޮށް އޭސީ މިލާނަށް ބަދަލުވި ސާޖީނިއޯ ޑެސްޓަކީ ވެސް އެމެރިކާގެ ގޭމްޕްލޭނުގައި މުހިންމު ރޯލެއް އަދާކުރާނެ ކުޅުންތެރިންނެވެ. . މި ފަަހަރުގެ ވޯލްޑް ކަޕްގައި އެެމެރިކާ ލައްވާލީ އިންގްލެންޑާއި އީރާން އަދި ވޭލްސްއާ އެއް ގްރޫޕެއްގަ އެވެ. މި ގްރޫޕްގައި އެމެރިކާ އަކީ ފޭވަރިޓެއް ނޫން ކަމުގައި ވިޔަސް، އެމެރިކާ ޓީމުގައި ތިބި ކުޅުންެތެރިންނަށް ބަލާއިރު ތަފާތެއް ގެނެވިދާނެ ކަމުގެ އުންމީދު ބާހޯލްޓާ އަށް އެބައޮތެވެ.