Header
Logo
team logo

އުރުގުއޭ

އެންމެ ފުރަަތަމަ ބޭއްވި ފީފާ ވޯލްޑް ކަޕް، 1930 ވަނަ އަހަރު މުބާރާތުގެ ތަށި އުފުލާލި އުރުގުއޭ އިން ވަނީ ހަތަރު ވަނަ އަށް ބޭއްވި ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އުރުގުއޭ އިން 1930 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕާއި 1950 ވަނަ އަހަރު ބްރެޒިލުން ހޯސްޓްކުރި ވޯލްޑް ކަޕްގެ ތަށި އުފުލާލި ފަހުން، ވޯލްޑް ކަޕްގައި ވާދަކުރި 11 މުބާރާތުގައި ފައިނަލާ ހަމައަށް ވެސް ނުދެވުނެވެ. އެކަމަކު، ދެ ފަހަރެއްގެ މަތިން ހަތަރު ވަނަ ހޯދައިފައިވެ އެވެ. އެކާވީސް ވަނަ ގަރުނުގައި އުރުގުއޭ ވާދަނުކުރަނީ 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ވޯލްޑް ކަޕްގަ އެވެ. އެ މުބާރާތް ނޫން ދެން ކުޅުނު ހަތަރު ވޯލްޑް ކަޕްގައި ވެސް އުރުގުއޭ ވަނީ ކުޅެފަ އެވެ. ފަނަރަ ފަހަރު ދެކުނު އެެމެރިކާގެ ޗެމްޕިއަންކަން ހޯދި އުރުުގުއޭ އިން މި ފަހަރުގެ ވޯލްޑް ކަޕުން ފުރުސަތު ހޯދީ ދެކުނު އެމެރިކާގެ ކޮލިފައިންގައި އެންމެ ފަހު މެޗުތަކުގައި ރަނގަޅު ރެކޯޑެއް ދަމަހައްޓައިގެންނެވެ. އެ ޓީމުން ވަނީ ފަހު މެޗުތަކުަގައި ހޯދި މޮޅުތަކާ އެކު ދެކުނު އެމެރިކާގެ ކޮލިފައިންގެ ތިންވަނަ ހޯދައިފަ އެވެ. އުރުގުއޭ އިން ކޮލިފައިން ނިންމާލީ ޖެހިޖެހިގެން ހަތަރު މޮޅު ހޯދައިގެންނެވެ. އޮލިމްޕިކްގެ ފުޓްބޯޅަ އިވެންޓުން ދެ ރަން މެޑަލް ހޯދާފައިވާ އުރުގުއޭ އަކީ ދުނިޔޭގެ ލެވަލްގެ ފުޓްބޯޅަ މުބާރާތްތަކުގައި ރަނގަޅު ރެކޯޑެއް އޮތް ގައުމެކެވެ. މި ފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލާއިރު، މިއީ ފާއިތުވި 15ވަރަކަށް އަހަރު ތެރޭ ތަފާތު ކޯޗެއްގެ އިރުޝާދުގެ ދަށުން އުރުގުއޭ ނުކުންނާނެ ފުރަތަމަ ފަހަރެވެ. އުރުގުއޭ އަށް މިދިޔަ 15 އަހަރުތެރޭ ބައިނަލްއަގުވާމީ ނުވަ މުބާރާތުގައި ކޯޗުކޮށްދިން ތަޖުރިބާކާރު ކޯޗު އޮސްކާ ޓަބަރޭޒް މިދިޔަ އަހަރު ޑިސެމްބަރު މަހު އުރުގުއޭ ކޯޗުކޮށް ދޫކޮށްލި އެވެ. އެ ހިސާބުން އުރުގުއޭ އިން ޓީމު ހަވާލުކުރީ އުރުގުއޭ ގައުމީ ޓީމަށް ކުރިން ކުޅެފައިވާ ޑިއޭގޯ އަލޮންސޯއާ އެވެ. އުތުރު އެމެރިކާ އާއި ދެކުނު އެމެރިކާގައި ކޯޗިންގެ މަސައްކަތްތައް ކޮށްފައިވާ އަލޮންސޯ ހަވާލުވި ފަހުން، އުރުގުއޭ އޮތީ ރަނގަޅު ފޯމެއްގަ އެވެ. ވޯލްޑް ކަޕް ކޮލިފައިންގެ ފަހު މެޗުތަކުގައި އުރުގުއޭ ޓީމަށް ދިރުމެއް ލިބުނީ، އަލޮންސޯ ހަވާލުވެ ގެނައި ބަދަލުތަކުގެ ސަބަބުންނެވެ. މި ފަހަރުގެ ވޯލްޑް ކަަޕަކީ އުރުގުއޭ ފުޓްބޯޅައިގެ ވަރުގަދަ ޖީލެއްގެ ފަހު މުބާރާތެވެ. އެ ގޮތުން، 2011 ވަނަ އަހަރު އުރުގުއޭ އިން ކޮޮޕަ އެމެރިކާ ކާމިޔާބުކޮށް، 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ހަތަރު ވަނަ ހޯދި ޓީމުގައި ހިމެނުނު ލުއިސް ސުއަރޭޒާއި އެޑިންސަން ކަވާނީ އަދި ޑިއޭގޯ ގޮޑިން ފަދަ ކުޅުންތެރިން މި ފަަހަރުގެ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމުން ރިޓަޔާކުރާނެ އެވެ. ދެން، މިއީ ޑާވިން ނޫނޭޒް އާއި ރޮޑްރީގޯ ބެންޓަންކޫރް އަދި ފެޑެރީކޯ ވަލްވޭޑޭ ފަދަ ކުޅުންެތެރިން ވިދާލަން ބެލިޔަސް ފުރުސަތު އޮތް ވޯލްޑް ކަޕް އެކެވެ.