Header
Logo
team logo

ސްވިޒަލެންޑް

މިއީ ސްވިޒަލެންޑް ވޯލްޑް ކަޕެއްގައި ވާދަކުރާނެ 12 ވަނަ ފަހަރެވެ. ސްވިޒަލެންޑުން އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ކުޅުނު ހަތަރު ފަހަރުގެ ތެރޭގައި ތިން ފަހަރު ވަނީ ކުއާޓާ ފައިނަލުގައި ކުޅެފަ އެވެ. ސްވިޒަލެންޑުން ކުއާޓާގައި ކުޅެފައިވަނީ 1934 ވަނަ އަހަރު މެކްސިކޯގައި ބޭއްވި މުބާރާތާއި 1938 ވަނަ އަހަރު ފްރާންސްގައި ބޭއްވި މުބާރާތާއި 1954 ވަނަ އަހަރު ސްވިޒަލެންޑުން އަމިއްލަ ގައުމުގައި ހޯސްޓް ކުރި މުބާރާތުގަ އެވެ. އެންމެ ފަހުން ސްވިޒަލެންޑް ކުޅުނު ހަތް ވޯލްޑް ކަޕްގެ ތެރެއިން، ހަތަރު ވޯލްޑް ކަޕްގައި ކެޓީ ގަދަ 16 ޓީމު ވާދަކުރާ ބުރުންނެވެ. އަނެއް ތިން ވޯލްޑް ކަޕްގައި ކެޓީ ގްރޫޕް ސްޓޭޖުންނެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި ސްވިޒަލެންޑުން އަމާޒުހިފާނީ ޖެހިޖެހިގެން ތިން ފަހަރަށް ގަދަ 16 ބުރުން ނުކެޓުމަށެވެ. ސްވިޒަލެންޑް ގައުމީ ޓީމަށް 10 އަހަރު ވަންދެން ކުޅުނު މުރަތު ޔަކިން އެ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.ޔަކިންގެ ކޯޗުކަމުގައި ސްވިޒަލެންޑުން ވަނީ ކޮލިފައިންގައި ތަފާތު ދައްކައިފަ އެވެ. ޔޫރަޕްގެ ޗެމްޕިއަން އިޓަލީ ހިމެނޭ ގްރޫޕެއްގެ އެއް ވަނަ ހޯދައި، ވޯލްޑް ކަޕްގެ ސީދާ ޖާގައެއް ހޯދި އެެވެ. އިޓަލީން ލަނޑެއް ޖެހިޔަނުދީ އެއްވަރުކޮށްލައިގެން ސްވިޒަލެންޑުން ޕޮއިންޓެއް ހޯދި މެޗަކީ ޔަކިން އަށް ސްވިޒަލެންޑް ގޮވައިގެން ބޮޑެތި ކަންތައްތަކެއް ހާސިލްކުރެވިދާނެ ކަމުގެ އުންމީދު އާ ވެގެންދިޔަ މެޗެކެވެ. އެންމެ ފަހުން ދެ ފަހަރު ސްވިޒަލެންޑަށް. ގަދަ 16 ބުރުން ފުރުސަތު ލިބިފައިވީ ނަމަވެސް މި ފަހަރު އެކަން ހާސިލްކުރަން ބަލާއިރު ، ގްރޫޕްގައި ވެސް ފެންނަނީ ސްވިޒަލެންޑަށް ޗެލެންޖް ބޮޑުކޮށެވެ. ސްވިޒަލެންޑް ހިމެނޭ ގްރޫޕުން ނޮކައުޓް ބުރުގެ ދެ ޖާގަ އަށް ބްރެޒިލްގެ އިތުރުން ދެން އޮތް ތިން ޓީމު ކަމަށްވާ ސާބިއާ އާއި ސްވިޒަލެންޑް އަދި ކެމަރޫން ވެސް ވާދަކުރާނެ އެވެ. ސްވިޒަލެންޑުން މީގެ ކުރިން ވަނީ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އާދަޔާހިލާފު ނަތީޖާ ނެރެފަ އެވެ. އެ ގޮތުން 2010 ވަަނަ އަހަރުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި ސްޕެއިން މުބާޜާތުގެ ފުރަތަމަ މެޗުގައި ސްވިޒަލެންޑް އަތުން ބަލިވެފައިވެ އެވެ. ޔޫރަޕް ފުޓްބޯޅައިގައި ފެންވަރު ސާބިތުކޮށްދީފައިވާ ގިނަ ކުޅުންތެރިންތަކެއް ސްވިޒަލެންޑް ޓީމުގައި ހިމެނެ އެވެ. އޭގެ ތެރޭގައި ޖަރުމަނުގެ ބޮރޫޝިއާ މުންޗެންގްލަޑްބެކަށް ކުޅޭ ގޯލްކީޕަރު ޔެން ސޮމާ އާއި އެމެރިކާގެ ޝިކާގޯ ފަޔާ އަށް ކުޅޭ ޒެރްޑަން ޝަގީރީ އަކީ ބޮޑެތި މުބާރާތްތަކުގައި ތަފާތު ފޯމެއްގައި ކުޅޭ ކުޅުންތެރިންނެވެ. އޭގެ އިތުރުން ސްވިޒަލެންޑްގެ ކެޕްޓަން، ގްރޭނިޓް ޝަކާ ވެސް މި ވަގުތު އަންނަނީ ކްލަބް ލެވަލްގައި އާސެނަލަށް މޮޅު ކުޅުމެއް ދައްކަމުންނެވެ.