Header
Logo
team logo

ޕޯޗްގަލް

މިއީ ފީފާ ވޯލްޑް ކަޕްގައި، ޕޯޗުގަލް ކުޅޭ އަށް ވަނަ ފަހަރެވެ. މީގެ ކުރިން ޕޯޗުގަލް އަށް ވޯލްޑް ކަޕްގައި ލިބިފައިވާ އެންމެ ރަނގަޅު ކާމިޔާބީ އަކީ 1966 ވަނަ އަހަރު އިންގްލެންޑްގައި ބޭއްވި މުބާރާތުގެ ތިން ވަނަ ހޯދުމާއި 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި މުބާރާތުގެ ހަތަރު ވަނަ ހޯދުމެވެ. މިދިޔަ ހަތް ވަރަކަށް އަހަރަށް ބަލާއިރު، ޕޯޗުގަލް އަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގެ ރަނގަޅު ރެކޯޑެއް އޮތް ޓީމެކެވެ. ޕޯޗުގަލް އިން ވަނީ 2016 ވަނައަހަރު ފްރާންސްގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން 2019 ވަނަ އަހަރު ބޭއްވި ފުރަތަމަ ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލް މެޗުން މޮޅުވެ، އެ މުބާރާތުގެ ތަށި އުފުލާލި އެންމެ ފުރަތަމަ ޓީމުގެ ޝަރަފް ހޯދައިފަ އެވެ ޕޯޗުގަލް އަކީ ކުޅުންތެރިންނަށް ބަލާއިރު، ހުނަރުން ފުރިގެންވާ ޓީމެކެވެ. އެ ޓީމުން ދެން ދުނިޔޭގެ ފުޓްބޯޅައިގައި ކާމިޔާބު ހޯދަން އެންމެ ބޭނުންވާނީ ވޯލްޑް ކަޕްގަ އެވެ. އެކަަމަކު، އެންމެ ފަހުން ބޭއްވި ތިން ވޯލްޑް ކަޕްގައި ވެސް ކުއާޓާ ފައިނަލާ ހަމައަށް ވެސް ނުގޮސް ޕޯޗުގަލް މުބާރާތުން ކަޓާފައިވުމަކީ، އެ ޓީމަށް އޮތް މާޔޫސްކަމެކެވެ. އެކަން ބަދަލުކުރަން ހުރީ އެ ގައުމުގެ ފުޓްބޯޅަ ރަނގަޅަށް ދަސްވެފައިވާ ކޯޗެއް ކަމަށްވާ ފެނާންޑޯ ސަންޓޯސް އެވެ މި ފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ 32 ގައުމުގެ ތެރެއިން ގައުމީ ޓީމެއްގެ ބެންޗުގައި މި ވަގުތު މެދުކެނޑުމެއްނެތި އެންމެ ގިނަ ދުވަސްވަންދެން ހުރި މަދު ކޯޗުންގެ ތެރޭގައި ސަންޓޯސް ހިމެނެ އެވެ. ސަންޓޯސް އެންމެ ފުރަތަމަ ޕޯޗުގަލް ކޯޗުކަމާ ހަވާލުވީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕަށް ފަހު އޭރު ޕޯޗުގަލްގައި ހުރި ކޯޗު ޕައުލޯ ބެންޓޯ މަގާމުން ވަކިކުރުމުންނެވެ ސަންޓޯސް ޕޯޗުގަލްގެ ކޯޗުކަމާ ހަވާލުވިތާ ދެ އަހަރު ތެރޭ ވަނީ އެ ގައުމުގެ ފުޓްބޯޅައިގެ އެންމެ ބޮޑު ކާމިޔާބީ، ކަމަށްވާ 2016 ވަނަ އަހަރުގެ ޔޫރޯގެ ކާމިޔާބީ ހާސިލްކުރެވިފަ އެވެ. އެ ފިޔަވަޅު މަތީގައި ކާމިޔާބީ އިތުރުކުރަން ޕޯޗުގަލްގެ ޔޫތުން ސީނިއާ ޓީމަށް އަންނަ ކުޅުންތެރިންގެ ނިސްބަތް އިތުރުކުރަން،ޕޯޗުގަލްގެ ޔޫތު ސެޓަޕްގެ މަސައްކަތް ވަރުގަދަ ކުރި އެވެ. އޭގެ ނަތީޖާ އަކީ، ޕޯޗުގަލްގެ ވަރުގަދަ ކްލަބްތަކާއި ފުޓްބޯޅަ ފެޑެރޭޝަން އެކުވެ، ކުރި މަަސައްކަތުން މިހާރު އޮތް ޕޯޗުގަލްގެ ވަރުގަދަ ސްކޮޑު އެކުލަވާލުމެވެ މި ފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލާއިރު، މިއީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަހު ވޯލްޑް ކަޕަށް ވުމުގެ ފުރުސަތު ބޮޑެވެ. އެކަމަކު، އޭނާ ހުރީ އެ ވިސްނުމުގައެއް ނޫނެވެ. މީގެ ހަތަރު އަހަރު ފަހުން ބާއްވާ ވޯލްޑް ކަޕްގައި ވެސް ކުޅުމުގެ އަޒުމުގަ އެވެ. ހުނަރަށް ބަލާއިރު، ޕޯޗުގަލް އަކީ ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ޓީމެކެވެ. އެކަމަކު، މި ފަހަރުގެ ވޯލްޑް ކަޕަށް ޕްލޭއޮފްގެ ޖާގަ އަކުން ކޮލިފައިވުމާއި ދާދި ފަހުން ނޭޝަންސް ލީގުގައި ޕޯޗުގަލްގެ ނަތީޖާތަށް ދަށްވެފައިވާތީ، އެ ޓީމާ މެދު ފުޓްބޯޅަ ސަޕޯޓަރުންގެ ހިތުގައި ވަނީ ސުވާލުތަކެއް އުފެދިފަ އެވެ.