Header
Logo
team logo

ޕޮލެންޑް

މިއީ ޕޮލެންޑް، ފީފާ ވޯލްޑް ކަޕްގައި ކުޅޭ ނުވަ ވަަނަ ފަހަރެވެ. ޕޮލެންޑް އެންމެ ފުރަތަމަ ވޯލްޑް ކަޕެއްގައި ކުޅެފައިވަނީ ފްރާންސްގައި 1938 ވަނަ އަހަރު ބޭއްވި މުބާރާތުގަ އެވެ. އެ މުބާރާތުގައި ޕޮލެންޑް ވަނީ ގަދަ 16 ޓީމު ވާދަކުރާ ބުރުގައި ކުޅެފަ އެވެ. އޭގެ ފަހުން، ޕޮލެންޑް ވޯލްޑް ކަޕެއްގައި ކުޅުނީ 36 އަހަރު ފަހުން ޖަރުމަނުގައި، 1974 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގަ އެވެ. އެއީ ޕޮލެންޑްގެ ފުޓްބޯޅަ ތާރީހުގައި އެންމެ ރަނގަޅު ނަތީޖާ ނެރުނު ދެ ފަހަރުގެ ތެރެއިން އެއް ފަހަރަވެ. އެ ފަހަރުގެ ވޯލްޑް ކަޕްގެ ތިން ވަނަ ޓީމަކީ ޕޮލެންޑް އެވެ. އާޖެންޓީނާގައި 1978 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ޕޮލެންޑް ކެޓި ނަމަވެސް، އޭގެ ޖެހިގެން އައިފަހަރު، ސްޕެއިންގައި 1982 ވަނަ އަހަރު ބޭއްވި މުބާރާތުގެ ވެސް ތިން ވަނަ އަކީ ޕޮލެންޑް އެވެ. އެކަމަކު، މެކްސިކޯގައި 1986 ވަނަ އަހަރު ބޭއްވި މުބާރާތުގެ ގަދަ 16 ބުރުން ޕޮލެންޑް ކެޓި ފަހުން ދެން އެ ގައުމަށް ވޯލްޑް ކަޕަށް އެނބުރި އާދެވުނީ 16 އަހަރުގެ މެދު ކެނޑުމަކަށް ފަހު 2002 ވަނަ އަހަރު ދެކުނު ކޮރެއާ އާއި ޖަޕާނުގައި ބޭއްވި ވޯލްޑް ކަޕްގަ އެވެ ޕޮލެންޑް އެންމެ ފަހުން ވާދަކުރި ތިން ވޯލްޑް ކަޕް (2002، 2006 އަދި 2018) ވަނަ އަހަރު ކެޓީ ގްރޫޕް ސްޓޭޖުންނެވެ. އެހެން ކަމުން މި ފަހަރުގެ ވޯލްޑް ކަޕްގައި ޕޮލެންޑުގެ ފުރަތަމަ އަމާޒަކަށްވާނީ 36 އަހަރަށް ފަހު ވޯލްޑް ކަޕެއްގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމަށެވެ. އެންމެ ފަހުން އަހަރުތަކާ ހިލާފަށް މި ފަހަރު ޕޮލެންޑުން ވޯލްޑް ކަޕަށް ނުކުންނީ އަމިއްލަ ގައުމަށް އުފަން ކޯޗަކާ އެކު އެވެ. ކުރިން ޕޮލެންޑް ގައުމީ ޓީމުގެ ގޯލްކީޕަރަކަށް ކުޅުުނު ޗެސްލާވް މިހްނިއޭވިޗް، ޕޮލެންޑް ޓީމާ ހަވާލުވީ މި އަހަރު ޖެނުއަރީ މަހު އެވެ. މިހްނިއޭވިޗް ހަވާލުވިއިރު، ވޯލްޑް ކަޕްގެ ކޮލިފައިން ޕްލޭއޮފަށް އޮތީ ތިން މަހެއްހާ ދުވަހެވެ. ޕްލޭއޮފްގައި މިހްނިއޭވިޗްގެ އިރުޝާދުގެ ދަށުން ރަނގަޅު ކުޅުމެއް ދައްކައި، ޕޮލެންޑުން ވަނީ ސްވިޑެން ކަޓުވާލައި، ދުނިޔޭގެ އެންމެ މޮޅު 32 ޓީމު ވާދަކުރާ މުބާރާތުން ޖާަަގަ ހޯދައިފަ އެވެ ޕޮލެންޑަކީ ޔޫރަޕްގެ ފުޓްބޯޅައިގައި މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ޓީމެކެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިއަކީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ރޮަބަޓް ލެވަންޑޯސްކީ އެވެ. ދެން ޕޮލެންޑްގެ ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ބަލާއިރު، ޔުވެންޓަސްގެ ގޯލްކީޕަރު ވޮޒްޝިއޭ ޝެޒްނީ، ނަޕޯލީގެ ޕިއޮޓްރޭ ޒިއެލިންސްކީ އަދި ޔުވެންޓަސްގެ ފޯވާޑް، އަކަންޑިއުޒް މިލިކް ހިމެނެ އެވެ. ތިރީސް ހަ އަހަރަށް ފަހު ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިއުމުގެ ޓާގެޓަށް ވާސިލްވާން ޕޮލެންޑަށް އޮތީ އާޖެންޓީނާ އާއި މެކްސިކޯ އަދި ސައުދީ އަރަބިއްޔާއާ ވާދަކޮށް ގްރޫޕްގެ އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމުގައި ހިމެނުމެވެ.