Header
Logo
team logo

ނެދަލެންޑްސް

ފާއިތުވި ހަތް ވަރަކަށް އަހަރަށް ބަލާއިރު، ނެދަލެންޑްސްގެ ފުޓްބޯޅަ އަށް ވަނީ ގިނަ ބަދަލުތަކެއް އަތުވެފަ އެވެ. ނެދަލެންޑްސް އަށް 2016 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޖާގައެއް ނުލިބުމާއި 2018 ވަނަ އަހަރު ރަޝިއާގައި ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕްގައި ނެދަލެންޑްސް ނުފެންތީ، މަތީ ފަންތީގެ ފުޓްބޯޅަ އަށް އެ ޓީމު އަނބުރާ ގެނައުމަށް، އަލުން ގިނަގުނަ މަސައްކަތްތަކެއް ކުރި އެވެ. އެ ގޮތުން ފުރަތަމަ ކަމަަކަށް އެ ޓީމުގެ ކޯޗަކަށް ރޮނާލްޑް ކޫމަން ހަމަޖައްސައި، ކުރި މަސައްކަތުން 2019 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގުގެ ފައިނަލަށް ނެދަލެންޑްސް ގެންގޮސްދިނެވެ. އޭގެ ފަހުން، އެއް ފެންވަރެއްގައި ނަތީޖާތަށް ދަމަހައްޓައި، އެންމެ ފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތަށް ނެދަލެންޑްސް ކޮލިފައިވެ، ބޮޑު މުބާރާތްތަކަށް އެނބުރި އައުން ފާހަގަކުރި އެވެ. ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕަކީ ދުނިޔޭގެ މުބާރާތުގައި ނެދަލެންޑްސް ފެންނާނެ 11 ވަނަ ފަހަރެވެ. ނެދަލެންޑްސް އަކީ ވޯލްޑް ކަޕްގެ ތާރީހަށް ބަލާއިރު، ކާމިޔާބީއާ ހަމައަށް ވާސިލްވުމުގައި ބަދުނަސީބު ރެކޯޑެއް އޮތް ގައުމެކެވެ. ޖެހިޖެހިގެން ދެ ވޯލްޑް ކަޕެއްގެ ފައިނަލުން ބަލިވި ހަމައެކަނި ގައުމަކީ ނެދަލެންޑްސް އެވެ. އެއީ 1974 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި ވޯލްޑް ކަޕާއި 1978 ވަނަ އަހަރު އާޖެންޓީނާގައި ބޭއްވި ވޯލްޑް ކަޕްގަ އެވެ. އޭގެ ފަހުން، 2010 ވަނަ އަހަރު ދެކުނު އެފްރިކާގައި ބޭއްވި ވޯލްޑް ކަޕް ފައިނަލުގައި ވެސް ނެދަލެންޑްސް ވަނީ ބަލިވެފަ އެވެ. ނެދަލެންޑްސްގައި މި ވަގުތު ހުރީ އެ ގައުމުގެ ފުޓްބޯޅައިގެ ތާރީޙަށް ފަރިތަ ކޯޗެކެވެ. ކޫމަން އަށް ފަހު ނެދަލެންޑްސް އިން ކޯޗުގެ ޒިންމާ ހަވާލުކުރީ ލުއީ ވެން ހާލްއާ އެވެ. އެންމެ ފަހުން ނެދަލެންޑްސް ވޯލްޑް ކަޕެއްގައި ވާދަކުރިއިރު، 2014 ވަނަ އަހަރު ކޯޗަކަށްހުރީ ވެސް ވެން ހާލް އެވެ. އެ ފަހަރު، ނެދަލެންޑްސް ވަނީ މުބާރާތުގެ ތިން ވަނަ ހޯދައިފަ އެވެ. މި ފަހަރުގެ ވޯލްޑް ކަޕާ ރަނގަޅު ރެކޯޑެއް ހިފައިގެން ކުރިމަތިލާ މަދު ގައުމުތަކުގެ ތެރޭގައި ނެދަލެންޑްސް ހިމެނެ އެވެ. ވެން ހާލް ހަވާލުވި ފަހުން، ނަތީޖާ ނެރުމުގައި ނެދަލެންޑްސްގެ ފަރާތުން ރަނގަޅު ކަންތައްތަކެއް ފެނިފައިވާއިރު، އެންމެ ފަހުން ނެދަލެންޑްސް ކުޅުނު 15 މެޗުން ވެސް ބަލިވެފައިނުވެ އެވެ. ވޯލްޑް ކަޕާ ކުރިމަތިލާއިރު، ބަލިނުވެ، އެންމެ ރަނގަޅު ރެކޯޑެއް އޮތީ 35 މެޗު ބަލިނުވެ ނިންމާލާފައިވާ އާޖެންޓީނާ އަތުގަ އެވެ. ނެދަލެންޑްސް ޓީމު މި ފަހަރު ވޯލްޑް ކަޕްގައި ވާދަކުރަން ބަލާއިރު، އެ ގައުމުގައި އޮތީ މުބާރާތުން ފެންނާނެ އެންމެ ބެލެންސް އެއް ސްކޮޑެވެ. އެކަމަކު، ނެދަލެންޑްސްގެ ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި އެ ގައުމުގެ ފުޓްބޯޅައިގައި މި ވަގުތު އެންމެ ވަރުގަދަކޮށް އޮތީ ޑިފެންސެވެ. އެޓޭކަށް ބަލާއިރު، ބޮޑު މުބާރާތެއްގައި ތަފާތު ގެނެވޭވަރުގެ އެޓޭކަރުން ނޫނީ ފޯވާޑުންތަކެއް އެ ޓީމުގައި ނެތެެވެ. އެ ސުވާލަށް ޖަވާބު ދިނުން އޮތީ ބާސެލޯނާ އަށް ކުޅެމުން އަންނަ، މެމްފިސް ޑިޕާއި އާއި ޕީއެސްވީ އައިންދްހޯވަންގެ ކެޕްޓަނެއްގެ ގޮތުގައި ތަފާތު ދައްކަމުން އަންނަ ޒުވާން ކުޅުންތެރިޔާ، ކޯޑީ ގަކްޕޯ އެވެ.