Header
Logo
team logo

މޮރޮކޯ

މީގެ ކުރިން ފަސް ވޯލްޑް ކަޕެއްގައި ވާދަކޮށްފައިވާ މޮރޮކޯ އެންމެ ފަހުން 2018 ވަނަ އަހަރުގެ ރަޝިއާ ވޯލްޑް ކަޕްގައި ފެނުނުއިރު، އެއީ 20 އަހަރުގެ މެދުކެނޑުމަކަށް ފަހު މުބާރާތުގައި ފުރަތަމަ ފެނިލުމެވެ. ފްރާންސްގައި 1998ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕަށް ފަހު، ދެން ކުޅުނު ހަތަރު ވޯލްޑް ކަޕަށް ވެސް މޮރޮކޯ ކޮލިފައިވެފައިނުވެ އެެވެ. އެފްރިކާގެ ޗެމްޕިއަންކަން އެއް ފަަހަރު ހޯދާފައިވާ މޮރޮކޯ އަށް ވޯލްޑް ކަޕެއްގެ ގްރޫޕް ސްޓޭޖު ފަހަަނައަޅައި ދެވިފައިވަނީ އެންމެ ފަހަރަކު އެވެ. އެއީ 1986ވަނަ އަހަރު މެކްސިކޯގައި ބޭއްވި މުބާރާތުގަ އެވެ. އެ މުބާާރާތުގައި މޮރޮކޯ ދެއްކީ އާދަޔާހިލާފު ހިތްވަރެކެވެ. އިންގްލެންޑާއި ޕޮލެންޑް އަދި ޕޯޗުގަލް ފަހަތަށް ޖައްސާލައި މޮރޮކޯ ދިޔައީ ގްރޫޕްގެ އެއް ވަނަ އެވެ. އެކަމަކު، ގްރޫޕް ސްޓޭޖުގައި ދެއްކި ކުޅުން ނޮކައުޓް ބުރުގައި ތަކުރާރު ނުކުރެވި، ގަދަ 16 ޓީމުގެ ބުރުގައި ހުޅަނގު ޖަރުމަނު އަތުން ބަލިވެ ކެޓީ އެވެ. ކުޅުންތެރިންގެ ފެންވަރުން މިނެކިރާނަމަ މޮރޮކޯ އަކީ އާދައިގެ ޓީމެއްގެ ގޮތުގައި ނުބެލެވޭނެ އެވެ. ޔޫރަޕްގެ ވަރުގަދަ ލީގުތަކުގެ ކްލަބްތަކުގައި ގަވާއިދުން ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރޭގައި މޮރޮކޯގެ ކުޅުންެތެރިން ހިމެނެ އެވެ. މޮރޮކޯ ޓީމުގައި ހިމެނޭ ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ބަލާއިރު، ޕީއެސްޖީގެ ފުލްބެކް، އަޝްރަފް ހަކީމީ، ސެވިއްޔާގެ ކީޕަރު ޔާސިން ބޯނޯ، ބަޔާން މިއުނިކްގެ ނައޯސިރް މަޒްރައޮއީ، ބެސިކްޓާސްގެ ރަމޯން ސައީސް،ޗެލްސީގެ ހަކީމް ޒިޔެޗް، ގެޓަފޭގެ މުނީރް އަލްހައްދާދީ އަދި ސެވިއްޔާގެ ޔޫސެފް އެން-ނެސޭރީ ހިމެނެ އެވެ. މިދިޔަ އަހަރު މޮރޮކޯ ފުޓްބޯޅަ އަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނާ މެދު ހިތްހަމަނުޖެހޭތީ ބައެއް ކުޅުންެތެރިން ގައުމީ ޓީމަށް ކުޅެން ދާން ބޭނުންނުވުމެވެ. އޭގެ ތެރޭގައި ޒިޔެޗް ފަދަ ކުޅުންތެރިން ހިމެނެ އެވެ. އެކަމަކު، މޮރޮކޯގެ ކޯޗު ވަލީދް ރެގްރާގީގެ އިސްނެގުމާ އެކު، މޮރޮކޯގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ މައްސަލަތައް ހައްލުކުރަން އިސްނަގައި، ކުޅުންތެރިންގެ މެދުގައި ހުރި ނުތަނަވަސްކަން ނައްތާލައިފަ އެވެ މި ފަހަރުގެ ވޯލްޑް ކަޕްގައި މޮރޮކޯ ހިމެނޭ ގްރޫޕްގައި ފޭވަރިޓުންގެ ގޮތުގައި ބެލެވެނީ ތަރިން ގިނަ ޓީމު، ބެލްޖިއަމް އާއި އެންމެ ފަހުގެ ރަނަރަޕް ކްރޮއޭޝިއާ އެވެ. ގަދަ ދެ ޓީމުގެ ތެރެއަށް ވަންނަން ބޭނުންނަމަ މޮރޮކޯ އަށް އޮތް ޗެލެންޖަކީ މި ދެ ޓީމުން ކުރެ އެއް ޓީމު ބަލިކުރުމެވެ. ބެލްޖިއަމާއި ކްރޮއޭޝިއާ އިން މޮރޮކޯ ފަސޭހަކޮށް ނުނަގާނެ ކަމަށް ދާދި ފަހުން މޮރޮކޯގެ ކޯޗު ވަލީދް ދިން އިންޓަވިއުއެއްގައި ވަނީ ބުނެފަ އެވެ.