Header
Logo
team logo

ޖަޕާން

ޖަޕާނުން އެންމެ ފުރަތަމަ ވޯލްޑް ކަޕެއްގައި ވާދަކުރީ 1998 ވަނަ އަހަރު ފްރާންސްގައި ބޭއްވި މުބާރާތުގަ އެވެ. އޭގެ ފަހުން، ބޭއްވި ފަސް ވޯލްޑް ކަޕްގައި ވެސް ޖަޕާން ވަނީ ކުޅެފަ އެވެ. މިހާތަނަށް ވޯލްޑް ކަޕްގައި ޖަޕާން ވާދަކުރި ހަ ފަހަރުގެ ތެރެއިން ތިން ފަހަރު ކެޓީ ގްރޫޕް ސްޓޭޖުންނެވެ. އަނެއް ތިން ފަހަރު ކެޓީ ގަދަ 16 ޓީމު ވާދަކުރާ ބުރުންނެވެ. އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕަކީ ޖަޕާން އަށް ވޯލްޑް ކަޕެއްގައި އެންމެ ހާއްސަވާނެ އެއް މުބާރާތެވެެ. އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގައި ޖަޕާން ހިމެނުނީ ކޮލަމްބިއާ އާއި ސެނެގާލް އަދި ޕޮލެންޑާ އެކު ގްރޫޕް އެޗްގަ އެވެ. އެ ފަހަރު ޔޫރަޕާއި އެފްރިކާ ފުޓްބޯޅައިގެ ވަރުގަދަ ދެ ޓީމު ކަމަށްވާ ޕޮލެންޑާއި ސެނެގާލް ފަހަތަށް ޖައްސާލައި ޖަޕާން ވަނީ ގްރޫޕްގެ ދެ ވަނަ ހޯދައިފަ އެވެ. ގްރޫޕްގެ އެއް ވަނަ ހޯދި ކޮލަމްބިއާ ބަލިކޮށް ޖަޕާނުން ވަނީ ސެނެގާލާ އެއްވަރުކޮށްފަ އެވެ. ފަހުން މެޗުން ޕޮލެންޑް އަތުން ބަލިވި ނަމަވެސް ޖަޕާނަށް ދެ ވަަނަ ބުރުގެ ފުރުސަތު ލިބުނެވެ. ދެ ވަނަ ބުރުން ޖަޕާން ކެޓީ މުބާރާތުގެ ތިން ވަނަ ހޯދި ބެލްޖިއަމް އަތުންނެވެ ދުނިޔޭގައި އެންމެ ގައުމު ގިނަ ބައްރު، އޭޝިއާގެ ޗެމްޕިއަންކަން ހަތަރު ފަހަރެއްގެ މަތިން ހޯދާފައިވާ ޖަޕާނަކީ މި ބައްރުން ފަހަކަށް އައިސް ވޯލްޑް ކަޕަށް އެންމެ ޔަގީންކަމާ އެކު ކޮލިފައިވާ އެއް ގައުމެވެ. ޖަޕާނުން މި ފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރަނީ އެ ގައުމުގެ ކޯޗެއް ކަމަށްވާ ހަޖީމޭ މޮރިޔާސޫގެ އިރުޝާދުގެ ދަށުންނެވެ. ޖަޕާނުގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް ހުރި ހަޖީމޭ، ސީނިއާ ޓީމުގެ ކޯޗުކަމާ ހަވާލުވީ 2018 ވަނަ އަހަރު އެވެ. ހަޖީމޭ އަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޖަޕާން ޓީމުގެ އެސިސްޓަންޓް ކޯޗެވެ. އެ މުބާރާތަށް ފަހު، އޭރު ޖަޕާންގެ ކޯޗަކަށް ހުރި އަކީރާ ނިޝީނޯ މަގާމު ދޫކޮށްލަން ނިންމުމުން ޖަޕާންގެ ފުޓްބޯޅަ ފެޑެރޭޝަނުން ހެޑް ކޯޗެއްގެ ޒިންމާ ހަވާލުކުރީ ހަޖީމޭއާ އެވެ. ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގެ ކްލަބްތަކަށް ކުޅޭ ކުޅުންތެރިން މި ފަހަރު ވެސް ޖަޕާން ޓީމުގައި ހިމެނެ އެވެ. ޔޫރަޕްގެ ތަޖުރިބާ ހުރި ކުޅުންތެރިން މީގެ ކުރިން ވެސް އެކި ވޯލްޑް ކަޕްތަކުގައި ޖަޕާނަށް މޮޅު ކުޅުމެއް ދައްކާފައިވެ އެވެ. އެ ގޮތުން މި ފަހަރު ލިވަޕޫލް ދޫކޮށް ފްރާންސްގެ މޮނާކޯ އަށް ބަދަލުވި ޓަކޫމީ މިނަމީނޯ އާއި ޕްރިމިއާ ލީގުގެ ބްރައިޓަން އަށް ބަދަލުވެ، މި ފަަހަރު ލީގުގައި މޮޅަށް ކުޅެމުން އަންނަ ކައޯރޫ މިޓޯމާ އަދި ޖަރުމަނުގެ އައިންޓްރަކްޓް ފްރޭންކްފާޓާ އެކު މިދިޔަ ސީޒަނުގައި ޔޫރޮޕާ ލީގު ކާމިޔާބުކުރި ޑައިޗީ ކަމާޑާ އަކީ ވޯލްޑް ކަޕްގައި ޖަޕާން ޓީމަށް އިސް ރޯލެއް ކުޅެދޭނެ ކުޅުންތެރިންނެވެ.